twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބޮޑެތި ބޯޓުފަހަރުގެ ސަބަބުން، ބަނދަރުގެ ރައްކާތެރިކަން ގެއްލިފައި

Jan 13, 2015

ކުޅުދުއްފުއްޓަކީ އުތުރުގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގާއިމްކޮށްފައިވާ މައި ރަށެވެ. އެހެން ކަމުން ދުވާލަކު އެތައް ބަޔަކު ކުޅުދުއްފުއްޓަށް އަންނަން ޖެހެ އެވެ. ކަނޑު ހުރަސްކޮށް ކުޅުދުއްފުއްޓަށް ލަފާއިރު، ކުޅުދުއްފުށީގައި ބަނދަރެއް އޮތްކަމުގައި ވިޔަސް އެބަނދަރަށް ފޭބުމަކީ ގިނަ ފަހަރަށް ވަރަށް ދަތިކަމަކަށް އޮންނަނީ ވެފައެވެ. ސަބަބަކީ ބަނދަރަށް އަރާ ފޭބުމަށް ހުންނަ ސިޑިތައް ކައިރީގައި ބޮޑެތި އުޅަނދުފަހަރު އަޅާފައި އޮންނާތީ އެވެ.

ބޮޑެތި ބޯޓިުފަހަރުން މީހުން ފޭބުމަށްފަހުވެސް ބަނދަރުގެ ސިޑިބަރީގެ ކައިރިން ބޯޓުތައް ދުރުނުކޮށް ބޭއްވުމަކީ ވަރަށް އާއްމުވެފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން ކުދި އުޅަނދު ފަހަރު އައިސް ބަނދަރާ ކައިރިކޮށް ދަތުރުވެރިން ބޭލުމުގައި ދަތިތަކާ ދިމާވެއެވެ. އަދި މިކަމަކީ ހިތާމަވެރި ހާދިސާއެއް ހިންގުންވެސް ގާތްކަމެވެ.

“ފަޅުތެރެ ގަދަ ދުވަސް ވަރެއްގައި ނޫނީ ދިޔަވަރު ހިކި ގަޑިއެއްނަމަ ސިޑި ބަރިއާ ދިމާނުވެއްޖެނަމަ ވަރަށް އުނދަގޫވޭ ޕަސެންޖަރުން ބޭލުމަށް. އެކި ވަރުވަރުގެ މީހުން މިތިބެނީ. މިކަމަކީ ހައްލުކުރަންޖެހިފަ އޮތް ބޮޑު މުސީބާތެއް.” ކުޅުދުއްފުއްޓާއި ހަނިމާދޫ އާ ދެމެދު ލޯންޗު ދަތުރު ކުރާ ފަރާތެއް ބުންޏެވެ.

ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަށް ހިދުމަތް ހޯދުމަށް އަންނަ ބަލި މީހުންނަށް ވެސް “ބަނދަރުގެ ތުރާލާ” ކުރިމަތިލާން ޖެހެނީ މަދު ފަހަރަކަށް ނޫނެވެ.

ބަނދަރުން އަރާ ފޭބުމަށް ހުންނަ ސިޑި ބަރިން ޖާގަ ގެއްލޭގޮތަށް އޮޑި ބިތްކޮށްފައި ބޭއްވުމުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންނަ ބަލިމީހުން ބޭލުމަށް ބޮޑެތި އުދަގޫތަކާ ކުރިމަތިވެ، އޭގެ ސަބަބުން ބަލިމީހާ ހޮސްޕިޓަލާ ހަމައަށް ގެންދެވޭއިރު އޭނާގެ ބަލިހާލަތު އިތުރަށް ގޯސްވެފައި ވެސް އެބަހުއްޓެވެ.

“އެމަޖެންސީގައި ގެންނަ ބަލިމީހުން ބޭލުމަށް ސިޑި ބަރިއަކާ ދިމާނުވެއްޖެނަމަ ގިނަ ފަހަރު އެފަދަ މީހުން ބާލަން ޖެހެނީ ވަރަށް ހާލުގަ. އެއްދޯނިން އަނެއް ދޯނިން ބަލިމީހާ ސްޓެރެޗާގައި ބާލަން ޖެހުމުން ވަރަށް ބިރުގަނޭ. އަރިއަޅާލާ ތަނުން ނުވަތަ ކަހާލިޔަސް ބަލިމީހާ ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑު. ބައެއް ފަހަރު އެބަތިބެންޖެހޭ އެފަދަ ބަލިމީހުން ނުބޭލިގެން ބައިގަޑިއިރު ވެސް. ދެން ވިސްނާލާ ރޭގަނޑު ގެންނަ ބަލި މީހުން ބާލަން އުޅެންޖެހޭނެ ހާލު.” ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެމްބިއުލާންސްގައި މަސައްކަތް ކުރާ މުވައްޒަފެއް ބުންޏެވެ.

މިކަމުގެ ސަބަބުން އުނގޫތަކާ ކުރިމަތިލާ ޖެހިފައިވަނީ ހަމައެކަނި ފަސިންޖަރުންނަކަށް ވެސް ނޫނެވެ. އެހެން އުނޅަދު ފަހަރު ގެންގުޅޭ ފަރާތްތަކަށް ވެސް މިކަމުގެ އުނދަގޫ ފޯރަ އެވެ.

ބޮޑެތި ބޯޓްތައް ހާއްސަކޮށް މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބޯޓުތައް ޕަސެންޖަރުން ބޭލުމަށް ފަހު މުދާ ބާލާ އަނެއް ދަތުރަށް ފުރަން ތައްޔާރުވަންދެން ބަނދަރުގައި ބިތްކޮށްފަ ބޭއްވުމުގެ ސަބަބުން ބަނދަރުގައި އަޅާ އެހެން އޮޑިދޯނި ފަހަރު އަޅަން ޖާގަ ނުލިބޭ ފަހަރު އޮންނަނީ މިހާރަކަށް އައިސް އާއްމުކަމަކަށް ވެފަ އެވެ.

ކުޅުދުއްފުށީ ބަނދަރު ބެލެހެއްޓުމާ ބެހޭ ގޮތުން ކުޅުދުއްފުށީ ކައުންސިލުން އެކުލަވާލާފައިވާ ގަވައިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރަސްމީ ޖެޓީ ނުވަތަ ރަސްމީ ފާލަމުގެ ބޭނުން ހިފުމަށް ދަތިވާގޮތަށް، ފާލަން ނުވަތަ ޖެޓީ ކައިރީގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވައިގެން ނުވާނެ ކަމަށެވެ.

އަދި އެގަވާއިދާ ހިލާފްވާ ފަރާތްތަކަށް ނަސޭހަތްދީ އިސްލާހު ނުވެއްޖެ ނަމަ 500 ރުފިޔާ އާއި 5000 ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވާއިރު މިކަންތައް ރަގަޅުކޮށް ގަވައިދު ތަންފީޒު ކުރުމަށް ކައުންސިލް މަސައްކަތްކުރަމުންދާ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

މިއީ މިހާރުން މިހާރަށް ވެސް ހައްލުކުރަން ޖެހިފައިވާ މައްސަލައެކެވެ. މިކަން ހައްލު ކުރެވިއްޖެނަމަ ކުޅުދުއްފުށީގެ ރައްޔިތުންނާއި ކުޅުދުއްފުއްޓަށް ލަފާ ފުރާ ސަރަހައްދުގެ އެހެން ރަށްރަށުގެ މީހުންނަށް ވަރަށް ފަސޭހަ ވާނެއެވެ. އަދި ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން އެކަމުން ސަލާމަތް ވެވިދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355