twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދޭސީއަކަސް ބިދޭސީއަކަސް ރަނގަޅު ޕްރިންސިޕަލެއް ނަމަ ސްކޫލު ކުރިއަރާނެ!

Jan 8, 2015

ސްކޫލުގެ ޕްރިންސިޕަލަކީ ކޮންމެހެން ދޭސީއަކަށް ވާން ޖެހޭ ހެއްޔެވެ؟ ނުވަތަ ސްކޫލުގެ ޕްރިންސިޕަލަކީ ވަކި ޖިންސެއްގެ ވަކި ރަށެއްގެ މީހަކަށް ވާންޖެހޭ ހެއްޔެވެ؟ ޕްރިންސިޕަލެއްގެ ފަރާތުން ހޯދަން ބޭނުންވާ ކަމަކީ ކޮބައި ހެއްޔެވެ؟ މިއީ މިއަދު ކުރަން ޖެހިފައިވާ ސުވާލެކެވެ.

މިއީ މި ސުވާލުކުރަން އެންމެ މުނާސަބު އެއް ވަގުތެވެ. ހާއްސަކޮށް ހދ. ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންތަކެއް އެ ސްކޫލުގައި ބިދޭސީ ޕްރިންސިޕަލަކު ހުރުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ދިވެހި ޕްރިންސިޕަލަކު ހަމަޖައްސާނެ ކަމުގެ ޔަގީންކަން ލިބެންދެން އިހުތިޖާޖުކުރަން ނިންމާފައިވާ ދަނޑިވަޅެއްގައި މިއީ މުހިއްމު ސުވާލެކެވެ.

މައްސަލައަކީ ޕްރިންސިޕަލަކީ “ހަތަރު ކަށިމަތި” ދިވެއްސަކަށް ނުވުންތޯ އެވެ؟ ދިވެހި މަންމައަކާއި ބައްޕައެއްގެ ދިވެހި “ލޭ” ހިނގާ މީހަކަށް ނުވުންތޯއެވެ؟ ނޫނީ ބިދޭސީއެއްގައި ސްކޫލަށާއި އެ ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންނަށް ލާބަ އާއި މަންފާ ލިބޭނެ ގޮތަކަށް ކަންކަން ނިންމުމުގެ ވިސްނުމާއި ގާބިލިއްޔަތު ނުހުންނާނެތީތޯ އެވެ؟

ޕްރިންސިޕަލެއްގެ މަސައްކަތަކީ ސްކޫލު ހިންގުން ކަމަށްވީއިރު އެކަމަށް ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން އެންމެ އެކަށޭނަ މީހަކީ ބިދޭސީ އަކަށް ވުމީ މައްސަލައެއް ހެއްޔެވެ؟ ގިނަ ފަހަރަށް “ބޭރު” މީހަކަށް ވުމުން ދިވެހިންގެ ތެރޭގައި މަސައްކަތް ކުރުމަށް ވަރަށް ގިނަ އުދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. ބިދޭސީއަކަށް ވުމުން ދިވެހިންގެ އެއްބާރުލުން ނުލިބޭ ކަމުގެ މިސާލެއް މިހާރުވެސް މިއޮތީ ފެންނާށެވެ. ނަމަވެސް ދޭސީއަކަސް ބިދޭސީއަކަސް އެމީހަކު ކުރާ މަސައްކަތް ހިތްމަތާއި މިންނަތާއެކު ކުރާނަމަ އެމީހަކަށް ގަދަރާއި ލޯބި ދޭން ނުޖެހޭ ސަބަބެއް ނެތެވެ. އެމީހެއްގެ ސަބަބުން ސްކޫލުގެ ކުރިއެރުމަކަށް އެއްވެސް .ހުރަހެއް ނާންނާނެ އެވެ

މިހާރަކަށް އައިސް ކުނި އުކާލުމުން ފެށިގެން އެއްޗެހި ދޮވުމާއި އިސްތިރި ކުރުން އަދި ދަރިން ބެލުމަކީ ވެސް ބިދޭސީ މީހާ ކުރާ މަސައްކަތްތަކެވެ. ސްކޫލުގެ ޓީޗަރުންނާއި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އިތުރުން ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ސީއީއޯއިންނަކީ ވެސް ގިނަ ފަހަރަށް ބިދޭސީން ކަމަށް ވީއިރު

ސްކޫލެއްގެ ޕްރިންސިޕަލަކީ ބިދޭސީއަކަށް ވުމުން އެމީހާ ބޭރު ކުރަން ޖެހެނީ ކީއްވެތޯއެވެ؟

ކޮންމެ ގައުމެއްގައިވެސް އެގައުމުން ބޭރު މީހުން ވަޒީފާ އަދާ ކުރާނެ އެވެ. އެއީ ގައުމުގައި އެ ފަންނަކުން ތައުލީމު ހާސިލްކޮށްގެން ތިބި މީހުންގެ ނިސްބަތުންނެވެ. ދިވެހިރާއްޖެ އަކީ ކުޑަ، ތަރައްގީ ވަމުން އަންނަ ގައުމަކަށް ވުމުން ބޭރު ގައުމުތަކުގެ މީހުންގެ އެހީ ދިވެހިންނަށް ނިހާޔަތަށް ބޭނުންވެ އެވެ. އެކަމާ ދެކޮޅު ހެދުމުގެ ބަދަލުގައި އެންމެން އެއްބާރުލައި ބިދޭސީން މަސައްކަތް ކުރާ ދާއިރާތަކަށް ދިވެހިން ތަމްރީނުކޮށް އެމީހުންނަށް ވުރެ ދިވެހިންގެ ފެންވަރު ރަނގަޅުކުރެވޭތޯ ބެލުމުން އަހަރެމެންނަށް ފައިދާ ބޮޑުވާނެކަން ޔަގީނެވެ.

ދިރާސީ އައު އަހަރު ފެށެން ދެ ދުވަހަށް ވެފައިވާއިރު ބެލެނިވެރިންތަކެއް މުޒާހަރާއަށް ނިކުމެ ބިދޭސީ ޕްރިންސިޕަލު ކަނޑާލުމަށް ގޮވާލަމުން އަންނައިރު އެކަމުން ދިވެހިންގެ މޫނުމަތި ހަޑިވާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެ ބޭރު މީހާ އަދި އެފަދަ އެތައް ބައެއްގެ ކުރިމަތީގައި ދިވެހިންގެ އަގު ވެއްޓޭނެ ކަމެކެވެ.

ސަރުކާރުގެ ޕޮލިސީ ލެވެލްގައި ވަކި ވަޒީފާއަކަށް ބިދޭސީން ގެނައުން މަދުކުރުމުގެ ވިސްނުމެއް ގެންގުޅުމާއި ސްކޫލެއްގެ ޕްރިންސިޕަލަކަށް ގާބިލު ތައުލީމީ ބިދޭސީއަކު ހަމަޖެއްސުމުން އެކަމާ ދެކޮޅު ހެދުމާ ވަރަށް ވެސް ތަފާތެވެ.

ދޭސީންނާއި ބިދޭސީންނާ މެދު ތަފާތު ކުރުންތަކަކީ ނައްތާލަން ޖެހިފައިވާ ކަމެކެވެ. މިފަދަ ދުނިޔެއަށް ލޯހުޅުވިފައިވާ ޒަމާނެއްގައި އެފަދަ ތަފާތުކުރުންތަކަށް ތަންދިނުމަކީ ވަރަށް ނާތަހުޒީބީ އަމަލެކެވެ. އެކަމުގެ ސަބަބުން ތަނުގެ ކުރިއެރުމާއި ތަރައްގީއަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ އިތުރުން ތަނުގެ އަގު ވެއްޓޭނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355