twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދިރާސީ އަހަރު ފެށުނުއިރު އުތުރުގެ ބޮޑެތި ސްކޫލުތަކުގައި ޓީޗަރުން ހަމަނުވާއިރު ޓެކްސްޓް ފޮތްތައް ނުލިބޭ!

Jan 11, 2015

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ހއ. ހދ އަދި ށ އަތޮޅުގެ ބައެއް ސްކޫލްތަކުގައި ޓީޗަރުން ހަމަނުވާއިރު ބައެއް ގްރޭޑްތަކަށް ބޭނުންވާ ޓެކްސް ފޮތްތައް ވެސް ހަމަނުވާކަމަށް އުތުރުގެ ސްކޫލުތަކުން ބުނެފި އެވެ.

ކުޅުދުއްފުށީގައި ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދޭ އަދި މި އަހަރު އަލަށްް ބީޓެކް ޕްރޮގްރާމް ފަށާ ޖަލާލުއްދީން ސްކޫލްގައި ޓީޗަރުން ހަމަނުވުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށް އެސްކޫލްގެ އިންފޮމޭޝަން އޮފިސަރ އައިމިނަތު މުހައްމަދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ ކިޔެވުން ފެށިގެންދާއިރު އަދިވެސް ދަރިވަރުންނަށް ބައެއް ފޮތްތައް ހަމައަށް ނުލިބޭ ކަމަށާއި ޓީޗަރުންވެސް މަދު ކަމަށެވެ. އެހެންނަމަވެސް ފެށޭ ހަފްތާގެ ތެރޭގައި މައްސަލަ ހައްލުވެގެން ދާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާރު އެންމެ ބާރަށް ކުރިއަށްދާ މަސައްކަތަކީ ޓީޗަރުން އައު ކަރިކިއުލަމަށް ތައްޔާރު ވުމަށް ކުރެވޭ މަސައްކަތްތައް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން އަހުމަދު އަބްދުﷲ ވިދާޅުވީ 3 ކްލާސް ރޫމެއްގެ ފުރާޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެންމެ ބޮޑަށް މައްސަލަ ދިމާވާނީ ވިއްސާރަ މޫސުމާ ދިމާކޮށް ކަމަށެވެ. އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އެދިފައިވީ ނަމަވެސް އަދިވެސް މަރާމާތު ކުރުމަށް ބަޖެޓް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“ވިއްސާރަ ވެއްޖެނަމަ މިހާރުވެސް ކްލާސް ރޫމަށް ފެންފައިބާނެ. އެހާތަނަށް އެކަމަށް ބަޖެޓް ހަމަނުޖެހިއްޖެ ނަމަ ވަރަށް ދަތިކޮށް އުޅެންޖެހޭނީ” އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

ގްރޭޑް އެކަކުން 10 އަކަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައިވެސް ސައިންސް ޓީޗަރާކާއި އެކައުންޓް ޓީޗަރެއް ބޭނުންވާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވި އެވެ. އަދި ގްރޭޑް 6، 7 ގެ ދަރިވަރުންގެ ބައެއް ފޮަތްތައް ހަމަނުވާ ކަމަށާއި އިތުރު އެހެން މައްސަލައެއް ނެތްކަމަށް އާދަމް މޫސާ ވިދާޅުވި އެވެ.

އާދަމް މޫސާ އިތުރަށް ވިދާޅުވީ މި އަހަރު ހުރިހާ ގްރޭޑް ސެޝަންތައް ދިގު ކުރެވިފައިވާނެ ކަމަށެވެ.

ކުޅުދުއްފުށީގައި ހުރި އެންމެ ދުވަސްވީ ސްކޫލުކަމަށްވާ އަމީރު އަމީން ޕްރީ ސްކޫލްގައި އެއްވެސް ދަތިކަމެއް ނެތްކަމަށް އެ ސްކޫލާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ސާދުނާ މުހައްމަދު ވިދާޅުވި އެވެ.

އަދި އެންމެ ފަހުން ކުޅުދުއްފުށީގައި ހުޅުވި އިރުމަތި އަވަށު ޕްރީ ސްކޫލުގައިވެސް ކިޔެވުން މާދަމާ ފެށޭއިރު ހުރިހާ ކަމެއް ހުރީ ތައްޔާރަށް ކަމަށާއި ކިޔަވައިދިނުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް އެ ސްކޫލްގެ ހިންގުމާ ހަވާލުވެ ހުންނެވި ސަމީމާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ސްކޫލްތަކުގެ އިތުރުން އުތުރުގެ ބޮޑެތި ސްކޫލްތަކަށް ވެސް ވަނީ ޓީޗަރުންގެ ދަތިކަމާއި ފޮތްތައް ނުލިބިމުގެ މައްސަލަ ކުރިމަތި ވެފައެވެ.

އެގޮތުން ހދ މަކުނުދޫ ސްކޫލްގައި ވެސް ގްރޭޑް 1،2،3 ގެ ދަރިވަރުންގެ ބައެއް ފޮތްތައް ހަމަ ނުވާ ކަމަށާއި އެހެން ގްރޭޑްތަކުގެ ވެސް ބައެއް ފޮތްތައް އަދި ހަމަނުވާކަމަށް އެ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ހއ އަތޮޅު މަދަރުސާގައިވެސް ގްރޭޑް 2 އަދި 3 ގެ ބައެއް ފޮތްތައް ހަމަނުވާކަމަށް އެ ސްކޫލުން ހާމަކުރެ އެވެ. ހޯރަފުށީ ސްކޫލް ގެ ޑެޕިއުޓީ ޕްރިންސިޕަލް ހުސައިން ނައީމް ވިދާޅުވީ އެ ސްކޫލުގައި ވެސް ގްރޭޑް 1،2،3 ގެ ދަރިވަރުންގެ ފޮތްތައް ހަމަނުވާ ކަމަށެވެ. އެހެންނަމަވެސް އެހެން އަހަރުތަކާ ބަލާއިރު މި އަހަރު ދިރާސީ އައު އަހަރު ފެށިގެން ދިޔައިރު މައްސަލަތައް މަދު ކަމަށް ހުސައިން ނައީމް ވިދާޅުވި އެވެ.

އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ އެ ސްކޫލްގައި މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނުއިރު ދިމާވެފައިވާ ދައްޗަކީ ބައެއް ގްރޭޑް ތަކުގެ ޓެކްސްޓް ފޮތްތައް ހަމަނުވުން ކަމަށެވެ. އޭގެތެރޭގައި ގްރޭޑް 7 ގެ ސައިންސް ވޯކް ބުކް އަދި 1،2،3 ގެ ދަރިވަރުންގެ ބައެއްފޮތްތައް ހިމެނޭ ކަމަށާއި އޭގެ އިތުރުން އެހެން ދައްޗެއް ދިމާވެފައިނުވާ ކަމަށް އަހުމަދު ރަޝީީދު ވިދާޅުވި އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު ތައުލީމީ ދާއިރާގެ ހުރިހާ ކަމެއްވެސް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ މިއަދު ވަނީ ވިދާޅުވެފަ އެވެ. އައު މަންހަޖަށް ބަދަލުވާއިރު ކިޔަވަން ބޭނުންކުރާ ބައެއް ފޮތްތައް ޕްރިންޓްކޮށް ނުނިމުނު ކަމުގައި ވީނަމަވެސް އެ ފޮތްތައް އޮންލައިންކޮށް އަދި ޕްރިންޓްކޮށްގެންވެސް މިހާރު ސްކޫލުތަކަށް ދޫކުރަމުން އަންނަކަމަށް އެ މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355