twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހަނިމާދޫ އެދުރުބެ – ނުކުޅެދުންތެރިކަމާ އެކު ވެސް ތައުލީމީ ދާއިރާގެ ހިދުމަތުގައި 32 އަހަރު

Jan 25, 2015

މުޅި އުމުރު ހޭދަކޮށްފައިވަނީ ތައުލީމީ ދާއިރާގަ އެވެ. އުނގެނުމާއި އުނގަންނައިދިނުމުގަ އެވެ. ނުކުޅެދުންތެރިކަމާ އެކު އެތައް ދަތި އުނދަގޫތަކާއެކު ވެސް މެއެވެ. ދިރިއުޅުމުގެ މައިދާނުގައި ރިހޭ ފައިމައްޗަށް ފޮއިވެއްޓުމާއެކުވެސް ތެދުވެ އަލުން ހިތްވަރާ އެކު ކެރިގެން މަސައްކަތް ކުރާ ފަރާތެކެވެ. ހަނިމާދޫ އެންމެން ދަންނަ ނަމުން ނަމަ “އެދުރުބެ” އެވެ.

‘އެދުރުބެ’އޭ ބުނުމުން ގިނަފަހަރަށް ނަންވެފައި އޮންނަނީ ގުރުއާން އުނގަންނައިދޭ ފަރާތެއްގެ ގޮތުގައި އެވެ. ނަމަވެސް ހދ. ހަނިމާދޫ ކުދިވިނަގެއަށް އުފަން މުހައްމަދު އުމަރަކީ ހަމައެކަނި ޤުރުއާން ކިޔަވައިދޭ އެދުރެއް ނޫނެވެ. ޤުރުއާނުގެ އިތުރުން ދިވެހި، އިސްލާމް އަދި ހިސާބުގެ އިތުރުން އާއްމު މައުލޫމާތު ނުވަތަ މިހާރުގެ ގޮތަށް ނަމަ އީއެސް ކިޔަވައިދިނުމުގައި ވެސް އެދުރުބެ އަކީ ފަންނީ މާހިރެކެވެ.

އެދުރުބެ ކުޅުދުއްފުށީ އޮންލައިނަށް އިންޓަވިއު ދެނީ–ފޮޓޯ: ހަދީޖަ

އުމުރުން އެންމެ 14 އަހަރުގައި އެދުރުބެއަށް ޕޯލިއޯ ޖެހި ނުކުޅެދޭ މީހަކަށްވި އެވެ. އެހެންނަމަވެސް ހިތްވަރު އެލުވާނުލާ އެދުރުބެ މަސައްކަތްކުރީ ރަނގަޅު ތައުލީމެއް ހާސިލްކުރެވޭތޯ އެވެ. މާލޭގެ އީޕީއޭ ހާއްސަ ކުލާހުން ތައުލީމު ހާސިލު ކުރުމަށްފަހު ހިތްވަރުގަދަ އެދުރުބެ އެނބުރި ރަށަށް އައީ ފޮނި އުންމީދުތަކާ އެކީ އެވެ.

1977 ވަނަ އަހަރު ހދ. ނެއްލައިދޫ މަދަރުސާއިން ލިބުނު ފުރުސަތަކާ އެކު އެދުރުބެގެ ތައުލީމީ ކެރިއަރު ފެށިގެން ދިޔަ އެވެ. އެ ރަށުގައި ދޮޅު އަހަރު ވޭތު ކުރުމަށްފަހު އެދުރުބެ ބަދަލުވީ އަތޮޅުން ބޭރު ރަށަކަށެވެ. ހއ. ބާރަށު މަދަރުސާގައި ދޮޅު އަހަރު ވަޒީފާ އަދާކުރުމަށްފަހު އެއަތޮޅު މުރައިދޫގައި ވެސް އެދުރުބެ މަސައްކަތް ކުރި އެވެ. އެއަށްފަހު ހަނިމާދޫ ސްކޫލުގެ ވަގުތީ މުދައްރިސެއްގެ މަގާމުގައި މެދުކެނޑުމެއްނެތި 14 އަހަރާ 7 މަސް އެ ސްކޫލަށް ހިދުމަތް ކުރި އެވެ.

އެދުރުބެ އަށް ތައުލީމީ ދާއިރާއިން ލިބިފައިހުރި ބައެއް ސެޓްފިކެޓްތައް–ފޮޓޯ:ރަޝީދާ

އަމިއްލަ ރަށާއި އާއިލާއާ ދުރުގައި އެހާލުގައި އަހަރުތަކެއް އުޅުމަށް ފަހު ހަނިމާދޫ ސްކޫލުގެ ވަގުތީ މުދައްރިސްކަމަށް އެދުރުބެ އައީ 1984 ވަނަ އަހަރު އެވެ. އޭރު ދިވެހި މީޑިއަމަށް ހުރިހާ މާއްދާތަކެއް އެދުރުބެ ކިޔަވައިދެމުން ދިޔަ އެވެ.

ސްކޫލުން ވަކި ވުމަށް ފަހުވެސް އެދުރުބެ ކުދިންނަށް ތައުލީމު ދިނުމުގެ ވާޖިބު ހުއްޓައެއް ނުލަ އެވެ. 25 ދަރިވަރުންނާއެކު ގޭގައި ޓިއުޝަން ކުލާހެއް އުފެއްދި އެވެ. މި ކުލާހުގައި މިދިޔަ އަހަރު 80 ދަރިވަރުންނާއެކު ތިން ސެޝަނަކަށް ބަހާލައިގެން ގެންދިޔަ މި ކްލާސްތަކުގައި އެދުރުބޭގެ އިތުރުން ކިޔަވައިދޭން އެހީތެރިވާނެ އިތުރު ކުއްޖަކު ގެންގުޅެ އެވެ. ދިވެއްސާއި އިސްލާމް އަދި ޤުރުއާނާއި އީއެސްގެ އިތުރުން ހިސާބު މި ކުލާހުގައި ކިޔަވައިދެ އެވެ. އަދި ހިސާބުވެސް އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން އެނގޭ ކަމަށް އެދުރުބެ ބުނެ އެވެ.

އެދުރުބެ އަށް ލިބިފައިހުރި ބައެއް ސެޓްފިކެޓްތަކާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން–ފޮޓޯ:ރަޝީދާ

އުމުރުން 62 އަހަރުގައި އުމުރުގެ ދެބައިކުޅަ އެއްބައި ވޭތު ކޮށްފައިވަނީ ކިޔަވައިދިނުމުގަ އެވެ. ތައުލީމީ ގޮތުން ރާއްޖެ އެހާ ކަނު އަނދިރީގައި އޮތް ޒަމާނެއްގައި އަތޮޅުން ބޭރު ރަށްރަށުގައި ގިނަ ދުވަސް ތަކެއް ވޭތުކޮށް ވަޒީފާއިން ވަކި ވުމަށްފަހު ވެސް ތައުލީމީ ދާއިރާއާ ދުރަށް ނުގޮސް މިއަދާ ހަމައަށް އަދި އެންމެ ފަހުނޭވާއަށް ވެސް މަސައްކަތް ކުރާނެ ކަމަށް އެދުރުބެ ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355