twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރާއްޖެ އިސްލާމްވިތާ 888 އަހަރު

Jan 23, 2015

ހއ. އިހަވަންދޫ ނުފަރު/ އަޙުމަދު ޢަލީ

އިސްލާމީ ދަންމަރުގެ އަލިކަން ދުނިޔެއަށް ފާޅުވީ މިއުއްމަތުގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ  ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމާ ގުޅިގެންނެވެ. އެއީ ރަބީޢުލް އައްވަލު މަހެއްގެ 12 ވަނަ ދުވަހެވެ. އެއަށްފަހު އިސްލާމްދީން ދުނިޔޭގެ ހަތަރުބިތުގައި ފެތުރި، އެދީނުގެ ނޫރުން މުޅި ދުނިޔެ އަލިވެ އުޖާލާވެގެން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނެއްގައެވެ. އިތުރު އެކަލޭގެފާނަށްފަހު އެތައް ޚަލީފާއިންނެއްވަނީ މިދީނުގެ ވޮށްކޮޅުގެ އަލި ފަނޑުވިޔަނުދީ ހިފެހެއްޓެވުމުގެ ބުރަ މަސްޢޫލިއްޔަތު ކޮނޑުފުޅުގައި އަޅުއްވައި، އެމާތް މަސައްކަތްޕުޅުގައި އެބޭކަލުންގެ ޖާނާއި މާލުން ޤުރުބާންވެވަޑައިގެން މުޅި އިސްލާމީ އުއްމަތަށް އެތަކެއް ނަމޫނާއެއް ދައްކަވައިފައެވެ. އަޅުގަނޑުމެންގެ މި ލޯބިވާ ވަޠަން (ދިވެހިރާއްޖެ) އެދީނަށް މަރުޙަބާކީ މުސްލިމުންގެ ފުރިހަމަ އާރާއި ބާރު މުޅި ދުނިޔޭގައި އެކި ރޮނގުރޮނގުން ފައިހިއްޕައި، އެދީނުގެ ކުރިބޯށި އޭގެ އިންތިހާއަށް ގޮސްފައިވާ ޒަމާނެއްގައެވެ. އެއިރު އިސްލާމީ ޙަޟާރަތުގައި ރަސްކަން ކުރަމުން ދިޔައީ ޢައްބާސީ ޚިލާފަތެވެ. ޚިލާފަތުގެ މުގުލުގައި ހިއްޕަވައިގެން ހުންނެވީ ޚަލީފާ އަލްމުޤުތަފީލި އަމްރިﷲ އެވެ. އެއީ 2 ރަބީޢުލް އާޚިރު 548ހ (1153މ) އެވެ. މީލާދީ ސަނަތުއް 12 ވަނަ ޤަރުނުގައެވެ.

މީލާދީ ސަނަތުން 12 ވަނަ ޤަރުނަކީ އިސްލާމީ ދުނިޔޭގައި އުފެދުނު މާތް ބޭކަލުންތަކެއް ދީން ފެތުރުއްވުމަށްޓަކައި ދުނިޔޭގެ އެތެރެވަރިއަށާއި، އިންޑިޔާ ކަނޑުގެ އައްސޭރީގައިވާ ރަށްތަކަށާއި އަދި ދުރުއިރުމައްޗަށް އެތަކެއް ދަތުރުތަކެއް ކުރައްވައި ގިނަ މަސައްކަތްތަކެއް ކުރެއްވި ދުވަސްވަރެކެވެ. މިބޭކަލުންގެ ތެރޭގައި ފާރިސްކަރައިގެ ބޭކަލުންނާއި، ޢަރަބިކަރައިގެ ބޭކަލުންނާއި އަދި މެދުއިރުމަތީގެ ޤައުމުތަކުގެ ބޭކަލުން ހިމެނުނެވެ. ދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ވިޔަފާރިވެރިންނެއް އިންޑިޔާ ކަނޑުގެ އައްސޭރީގައިވާ ރަށްތަކަށާއި ދުރު އިރުމައްޗަށް ވިޔަފާރިކަމު އައިސް ގޮސް އުޅުނު ދުވަސްވަރަކަށް ވުމާއިއެކު، މިދީން ފެތުރުއްވުމަށް އެއިރު މަސައްކަތް ކުރެއްވި ބޭކަލުންނަށް، ވިޔަފާރިވެރީންގެ ނައުފަހަރުގައި އެކި ރަށްރަށަށް ދަތުރުކުރައްވައި އުޅުއްވުމަކީ ދަތިފުޅުކަމަކަށް ނުވެއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ދަޢުވަތުދެއްވައި އެބައިޢަތު އެބޭކަލެއްގެ އަތްޕުޅުމަތީގައި އަޅުގަނޑުމެން ހިފި މާތް ވަލީވެރިޔާ އެބޭކަލުންގެ ތެރޭގައި ގުނި ހިމެނިގެން ދިއުމީ ދުރުގައިވާ ކަމެއް ނޫންކަމަށް ދިވެހި އިސްލާމީ ތާރީޚް ހެކިދެއެވެ.

ރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދު ދީނެވެ. ދިވެހި ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ ފާރިސްކަރައިގެ ބޭކަލެއް ކަމުގައިވާ “އަބުލްބަރަކާތުލް ބަރުބަރީ (ޔޫސްފުލް ބަރުބަރީ) ނުވަތަ (ތަބުރޭޒިގެފާނު)”އެވެ. އެދުވަސްވަރު ރާއްޖޭގެ ތަޚުތުގައި އިންނެވީ ތީމުގޭ ދަރިކޮޅުން ވަޑައިގެންނެވި ދެވަނަ ރަދުން ކަމުގައިވާ “އައްސުލްޠާން ސިރީ ތްރިބު ވަނަ އާދީއްތަ މަހާރަދުން” ނެވެ. ތަބްރޭޒިގެފާނު އިސްލާމްދީނަށް ގޮވައިލެއްވި ގޮވައިލެއްވުމަށް އެންމެ ފުރަތަމަ އިޖާބަދެއްވީ މިރަދުން ކަމުގައިވުމާއެކު، މިރަދުން ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚު ދުށް ފުރަތަމަ މުސްލިމު ރަދުންކަމުގައެވެ. އަމިއްލަފުޅަށް އިސްލާމީ މިއްލަތަށް ވަދެވަޑައިގެން ފުއްދަވައިލެއްވުމުގެ ބަދަލުގައި، ޢާއިލާގެ ބޭފުޅުންނަށާއި އަރިސް ބޭފުޅުންނަށް ދީނުގެ ދަޢުވަތު ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެ އެންމެ ބޭފުޅުން އެ ދެއްވި މާތް ދަޢުވަތު ޤަބޫލުކުރައްވައި އިސްލާމްދީނުގައި ފައިތިލަ ސާބިތު  ކުރެއްވިއެވެ. އެއަށްފަހު އެނބުރިވަޑައިގަތީ އެބައެއްގެ ބެލެނިވެރިކަން އެބޭފުޅާގެ އިސްތަށިފުޅުގައި އެޅިފައިވާ ދިވެހި ރައްޔިތުންނާއި ދިމާއަށެވެ. އެމާތް އިލްތިމާސް ދިވެހި ރައްޔިތުންނަށް އިއްވެވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ކުރީކޮޅުގެ ދުވަހެއްގައެވެ.

ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށްފަހު އިޚްތިޔާރުކުރެއްވި ނަންފުޅަކީ، “އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲ” އެވެ. “ޝިހާބުއްދީން ފިލާ” ގައި މިނަންފުޅު ލިޔުއްވާފައިވަނީ “އައްސުލްޠާން ދަރްމަސް މުޙައްމަދު ބުނު ޢަބްދިﷲ” މިފަދައިންނެވެ. މި ނަންފުޅުގައި ހިމެނިފައިމިވާ “ދަރްމަސް” އަކީ ސާންސްކިރިތުގެ “ދަރުމިޝްތަ” އެވެ. މި ލަފްޒުގެ މާނައަކީ “ދީންވެރި، އިންސާފުވެރި، ދަރުމަވަންތަ” އެވެ. އެ ރަސްގެފާނުގެ މި މާތް ސިފަފުޅުތަކުގެ ސަބަބުން، ދިވެހީންގެ މެދުގައި އެ ރަސްގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ “ދަރުމަވަންތަ ރަސްގެފާނު” ގެ ނަންފުޅުންނެވެ.

ދަރުމަވަންތަ ރަސްގެފާނު ބުޑިސްޓް ދީން މަތީގައި ހުންނަވައި 12 އަހަރު ރަސްކަން ކުރެއްވުމަށްފަހު، އިސްލާމްވެވަޑައިގަތުމަށްފަހު 13 އަހަރުގެ މުއްދަތަށް ރަސްކަން ކުރެއްވިކަމަށް ތާރީޚުގެ ފަތްފުއްތަކުގައި ލިޔެވިފައި ވެއެވެ. ނަމަވެސް ރާއްޖެ އިސްލާމްވުމުގެ 41 އަހަރު ފަހުން ލިޔެވިފައިވާ “އިސްދޫ ލޯމާފާނު”ގައި ވާގޮތުން އެރަދުން ރަސްކަން ކުރެއްވީ 53 އަހަރުގެ މުއްދަތަކަށެވެ. މިރަދުންގެ ރަސްކަން ނިމުމަކަށް އައިސްފައިވަނީ މީލާދީން 1166 އަދި ހިޖުރައިން 561 ވަނަ އަހަރެވެ. ކޮންމެއަކަސް ފަތްފުއްތަށް ސިފަކުރާ ގޮތުގައި އެއީ ހިތްހެޔޮ އޯގާތެރި މިތުރެކެވެ. ދުވަހަކުވެސް ދިވެހި ތާރީޚުން ފުހެވިގެން ނުދާނޭ އަގުމާތް ދިވެހި ބަޠަލެކެވެ. ދިވެހި ރައްޔިތުންގެ ރައްޔިތެކެވެ.

ދިވެހި ތާރީޚަށް ނަޒަރު ހިންގާލާއިރު ރާއްޖެ އިސްލާމްވުމަށްފަހު ރާއްޖޭގެ ސިޔާސީ މަޞްރަޙަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު އިސްލާމްދިނަށްވެސް ކޮށްފައިވާކަން ވެރިކަމުގެ ދަހިވެތިކަމުގައި ބައެއް ރަސްރަސްކަލުން ދީން ބަދަލުކޮށްފައި ވުމުން ދޭހަވެއެވެ. 9 ވަނަ ޙަސަން ރަސްގެފާނު (ކާފަރުވި ޙަސަން ރަސްގެފާނު) އެއީ މީގެ ފުރިހަމަ މިސާލެކެވެ. މިއާ ޚިލާފަށް އުފަލާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ އުތީމު މުޙައްމަދު ތަކުރުފާނު “ބޮޑުތަކުރުފާނު” ފަދަ ދީނާއި ޤައުމަށް ދިމާވާ ބޮޑެތި މުޞީބާތްތަކާއި ކެރިގެން ނިކުމެ ކުރިމަތިލައި ޖާނާއި މާލުން ޤުރުބާންވެވަޑައިގެންފައިވާ އެތައް ދަރީންނެއް މިޤައުމުގެ ތާރީޚު ދެކެފައިވާކަމެވެ.

މިރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރީއްސުރެ މި ރާއްޖޭގައި އޮތީ ސުންނަތް ޖަމާއަތުގެ ހަތަރު މަޛްހަބުގެ ތެރެއިން މާލިކީ މަޛްހަބެވެ. އެއީ މީގެ 888 އަހަރު ކުރިންނެވެ. އޭގެ 433 އަހަރު ފަހުން، ހިޖްރައިން 981 ވަނަ އަހަރު ޔަމަންގެ ޙަޟްރަމައުތުން ކިޔަވާވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވި ވާދޫ ދަންނަކަލޭފާނު ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުއްވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ މަޛްހަބަކީ ޝާފިޢީ މަޛްހަބު ކަމުގައި ވެގެންދިޔައެވެ. އެކަން އެހެންވީކަމަށް ބުރަވެވޭ ގޮތަކީ، ވާދޫ ދަންނަކަލޭގެފާނު އެ ތަނަކުން ދަރިވަރުވި ޔަމަންގެ ޙަޟްރަމައުތަކީ ޝާފިޢީ ތަޢުލީމުގެ ރަށަކަށްވުމެވެ.

ހުކުރުދުވަހަކީ ރާއްޖެ އިސްލާމްދީން ޤަބޫލުކުރިތާ ހިޖްރީގޮތުން 888 އަހަރު ފުރުނު ދުވަހެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގައި ސާބިތުވެ ހުރުމުން ކަމުގައިވިޔަސް، އަދުގެ ދުނިޔޭގައި އެންމެ ގިނަ ފުރައްސާރައާއި، ޖެއްސުމާއި އަދި މަލާމާތް ރައްދުވަނީވެސް މުސްލިމުންނަށެވެ. އެހެނީ އިސްލާމްދީން ފައުޅުކުރެއްވި ހިނދުން ފެށިގެން، އެދީނުގެ ޢަދުއްވުންވަނީ އެދީނާމެދު ޙަސަދަވެރިވެފައެވެ. އެދީނުގެ އަހުލުވެރިން އެމީހުންނަށްވުރެ ކުރިއަރައި ދިޔަނުދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އެމީހުން ވަނީ އަތުކުރި އޮޅާލައިފައެވެ. މީސްތަކުންގެ ހިތްތަކުން އިސްލާމް ދީން ހޯދި ޖާގައިގެ ސަބަބުން މިދީނުގެ ނަން ކިލަނބުކުރެވޭތޯ އެތައް ގޮތަކުން އެމީހުން ދަނީ މަސައްކަތްކުރަމުންނެވެ. މާއްދީ ގޮތުއްނާއި ފިކުރީ ގޮތުންނެވެ.

އަދުގެ އިސްލާމީ ދުނިޔެއަށް ބަލާލާއިރު ފެނިގެންދަނީ މިދީނުގެ ޢަދުއްވުންގެ މަޤްޞަދު މަޑުމަޑުން ޙާޞިލުވެގެން އަންނަތަނެވެ. މިއަދު މުސްލިމުން މިވަނީ އެމީހުންގެ ދަޅަތަކުގައި ޖެހި ބައިބައިވެފައެވެ. ފިކުރީގޮތުން އެމީހުން ކުޅެމުންއެދާ ޢަލްމާނީ ފިކުރުގެ ކޮޅިގަނޑުގައި ޖެހި އަޅުގަނޑުމެންގެ ދިރިއުޅުމާއި ދައުލަތުން ދީން މިދަނީ މަޑުމަޑުން ވަކިކުރަމުންނެވެ. މިއަދު އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށްވުރެ އަޅުގަނޑުމެންނާއި މިތުރީ އެމީހުންނެވެ. އިސްލާމީ ޙަޟާރަތުގެ ކުލަ މިއަދު މިވަނީ ހީވެސް ނުކުރާހާ ފަނޑުވެފައެވެ. އެޙަޟާރަތުގައި ވިދާ ބަބުޅަމުންދިޔަ އިސްލާމީ ޢިލްމާއި ފަންނު އަދި އުފެއްދުންތެރިކަން މިއަދު މިވަނީ ހުއްޓިފައެވެ. މުސްލިމުންގެ މެދުގައި އޮތީ ހުއްޓުމެއްނެތް ލޭ އޮހޮރުމާއި ބަދަލުހިފުމެވެ. ބޮޑު މަންޒަރު ބަލަން އެމީހުން އެތިބީ ހެވިފައެވެ.

އެހެންކަމުން މިފަދަ ތާރީޚީ ދުވަހެއްގައި މިއަދުގެ މުސްލިމުންގެ ޙާލަތު މިކުޑަކުޑަ ޤައުމާއި މުޅި ދުނިޔެއިން ދެނެގަނެ، މިދީނުގެ ނިޢުމަތް އަޅުގަނޑުމެންގެ އަތުން ގެއްލި ނެތި ދިއުމުގެ ކުރިން، ޙައްލަކާ ހަމައަށް ދިއުމަށްޓަކައި މަސައްކަތް ފެށުމީ ވަރަށް މުހިއްމު ކަމެކެވެ. މިކަން ކުރުމަށްޓަކައި ޒަމާނީ ހަތިޔާރެއް ބޭނުމެއް ނުވެއެވެ. އެންމެ ފުރަތަމަވެސް ބޭނުމީ ފުރިހަމަ އީމާންތެރިކަމެވެ. އެއަށްފަހު އިސްލާމްދީން ގެނެސްދެއްވިފަދަ އުޚުއްވަތްތެރިކަމެވެ. އެއަށްފަހު ޒިންމާ ނެގުމާއި އަދާކުރުމެވެ. އަޅުގަނޑުގެ ދުޢާއަކީ މި ދިވެހި ދީބު އިސްލާމްދީނުގެ ހިޔަލުގެ ދަށުގައި އަބަދަށް ލައްވައި، މުޅި އިސްލާމީ އުންމަތް އެދީނުގެ ތަރަޙައިގެ ތެރެއަށް ވަދެ މުޅި ދުނިޔެއަށް އެދީނުގެ ނޫރު ފެތުރިގެން ދިއުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355