twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބަކަރި ގެންގުޅުމަކީ ރަނގަޅު ނަފާ އެއް ހޯދިދާނެ މަސައްކަތެއް- އިދުރީސް ދަނީ އެކަން ސާބިތުކޮށްދެމުން

Feb 7, 2015

ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަކީ ހުސްބިން ބޮޑު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ރަށްތަކެކެވެ. ދަނޑުވެރިކަމާއި ބަކަރިއާއި ކުކުޅު ގެންގުޅުންފަދަ ދުރު މުސްތަގުބަލަށް ފައިދާވާ އެ މަސައްކަތަކުން ރަނގަޅު ނަފާއެއް ހޯދިދާނެ މަސައްކަތްތައް މިފަދަ ރަށްރަށުގައި ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ.

އެގޮތުން ހދ. ވައިކަރަދޫ ކެނެރީގެ އަލީ އިދުރީސްއަކީ މިފަދަ މަސައްކަތްތައްކޮށް ނަފާ ހޯދަމުން އަންނަ ހިވާގި މީހެކެވެ. އޭނާއަކީ ވައިކަރަދޫގައި ފުޅާ ދާއިރާއެއްގައި ބަކަރި ގެންގުޅެމުންދާ މީހެކެވެ. އިދުރީސް ބުނިގޮތުގައި އަންހެން 30 ބަކަރި އޮވެގެން އެ މަސައްކަތް ފަށައިފިނަމަ ބަކަރި ގެންގުޅުމަކީ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކަމަށެވެ.

މިހާރު 58 ބަކަރި ގެންގުޅޭ އިދްރީސް ބުނީ 20 ކިލޯގެ ބަކައްޓެއް މިހާރު ވިއްކަނީ 5800ރ. އާއި 5900ރ. އާ ދެމެދު އަގުތަކެއްގަ ކަމަށެވެ. އަދި އެ މަސައްކަތަށް މާކެޓް އެބައޮތް ކަމަށާއި މިހާރުވެސް ހަނިމާދޫއިން އޯޑަރުތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިދްރީސް ބުނަނީ މި މަސައްކަތް އާމްދަނީ ލިބޭ ކަމަކަށް ވާނީ މަސައްކަތް ފަށާއިރުވެސް އެކަށީގެންވާ އަދަދެއްގެ ބަކައްޓާއެކު މަސައްކަތް ފަށައިގަނެގެން ކަމަށެވެ.

“ވަރަށް އާމްދަނީ ރަނގަޅު ކަމެއް. އަދަދެއް އޮވެގެން ފަށަންޏާ ހެޔޮވަރު އާމްދަނީއެއް ލިބޭނެ. ރަނގަޅު އަދަދަކަށް ބަކަރި ހުރެގެން ވާނީ. މަހެއްގެ ތެރޭގައިވެސް ރަނގަޅު އެއްޗެއް ލިބޭނެ. (މަސައްކަތް) ކުރެވިއްޖެއްޔާ.” އިދްރީސް ކިޔައިދިނެވެ.

އިދުރީސް ކުޅުދުއްފުށި އޮންލައިނަށް އިންޓަވިއުދެނީ–ފޮޓޯ: ވާހިދު

އިދްރީސް ބުނީ މަސައްކަތް ފަށައިގަންނައިރު މައްސަލަތަކާ ކުރިމަތި ލާން ޖެހޭނެ ކަމަށާއި ބަކަރިތަކަށް ބަލިޖެހުމަކީ ވަރަށް އާންމު ކަމެއް ކަމަށެވެ. ހުދު އިދްރީސް ވަނީ މިކަން ތަޖުރިބާކޮށްފަ އެވެ. 2005 ވަނަ އަހަރު ބަކަރި ގެންގުޅެން ފެށި ފަހުން 2012 ވަނަ އަހަރާ ހަމައަށް ބަކަރިތަކަށް ބަލިޖެހުމުގެ ސަބަބުން އިދުރީސަށް ވަނީ އެތަކެއް ގެއްލުންތަކެއްވެފަ އެވެ.

އިދްރީސް ގަބޫލުކުރާގޮތުން ކަމެއް ކުރުމަށް ނުވަތަ ކަމެއް ކާމިޔާބުކަމާއެކު ކުރިއެރުވުމަށް އެކަމާ ބެހޭ ރަނގަޅު މައުލޫމާތާއި ތަޖުރިބާ އެ މީހެއްގެ ގައިގާ ހުންނަޖެހޭނެ ކަމަށެވެ. އެހެންކަމުން ބަކަރިތަކަށްޖެހޭ ބަލިތަކާ އެ ބަލިތަކުން އެވެރިން ސަލާމަތްކުރުމަށް ކުރަންޖެހޭ ކަންތައްތައް އުނގެނުމަށްޓަކައި އިދްރީސް ވަނީ ކޯހެއް ހަދާފަ އެވެ.

2012 ވަނަ އަހަރުން ފެށިގެން ބަކަރިތަކަށް ވެކްސިން ދެމުން އަންނަ ކަމަށާއި މިނިސްޓްރީގެ އެހީތެރިކަމާއެކު ލަންކާގެ ޑްކޮޓަރެއް ވައިކަރަދޫއަށް ގެނެސް ބަކަރިތަކަށްޖެހޭ ބަލިތަކާ ބެހޭގޮތުން މައުލޫމާތު ހޯދާފައިވާ ކަމަށް އިދްރީސް ކިޔައިދިނެވެ.

“މިހާރު އިރާދަކުރެއްވިއްޔާ 2012 އިން ފެށިގެން ބަލިނުޖެހޭ. އެކަމުން ސަލާމަތްވެއްޖެ. އޭގެ ކުރިން ހަމަ ސަލާމަތްނުވެވޭ. އޭރު މައުލޫމާތުވެސް ނޭނގޭ. އަސްލު މައުލޫމާތުވެސް ލިބިގެން މިކަން ކުރެވޭނީ. ހަމަ ހުރެފައެއް ނުވާނެ. އަހަރެންނަށްވެސް އެހެންވެ އެހާ ބޮޑު ގެއްލުމެއް ވީ. މައުލޫމާތު ނެތި ފެށީމަ ފަހުން މި މައުލޫމާތު ލިބުނީމާ އެނގިއްޖެ ކާންދެވޭނީ ކޮން ވައްތަރެއްގެ އެއްޗެއްކަންވެސް ބޭސް ފަރުވާވެސް. 2012 އިން ފެށިގެން ބަރާބަރަށް ވެކްސިންވެސް ޖަހައިގެން މިއުޅެނީ. ”

އިދުރީސްގެ ބަކަރިކޮށި.މިކޮށިގައި 58 ބަކަރި އޮވޭ–ވާހިދު

2012 ވަނަ އަހަރުން ފެށިގެން ބަކަރިތައް ގެންގުޅޭ ގޮތަށް ގެނެވުނު ހެޔޮ ބަދަލާ ގުޅިގެން ބަކަރި އާލާވެ ހުސްވި އަހަރުގެ ނިޔަލަށް 25 ބަކަރި ވިއްކާފައިވާނެ ކަމަށް އިދުރީސް ބުންޏެވެ. އިދްރީސް ބަކަރި ވިއްކި ކަމުގައިވިއަސް އޭނާ ބަކަރި ގެންގުޅެނީ އާމްދަނީ ހޯދުމުގެ ނިޔަތެއްގައެއް ނޫނެވެ. އޭނާ ބުނާގޮތުން ބަކަރި ގެންގުޅުމަކީ އޭނާ ވަރަށް ލޯބިކުރާ ކަމެއް ކަމަށާއި ގިނަ ދިވެހިން ދޫނި ގެންގުޅޭ ހިތްވާ އުސޫލުން އޭނާ ގެންގުޅޭ ހިތްވަނީ ބަކަރި ކަމަށް އޭނާ ކިޔައިދިނެވެ.

“އާމްގޮތެއްގައި ދެވުނުހާ ފަތެއް ކުރީގައި ދިނީ. ވަކި ވައްތަރެއްނޫން. މިހާރި މި އެނގެނީ އަސްލު ކާންދޭން މި ޖެހޭ ފަތް، ގަސްގަހާ. ވެޔޮ މި ދޭންޖެހެނީ 30% ގްރާސް ކާންދޭ ކަމަށްވަންޏާ 100% ދިނަސް ރަނގަޅު ވާނެ. ފަތް ދޭކަމަށް ވަންޏާ 30%. އެހެންނޫންނަމަ ބަލިތައްޖެހޭ ބޭރަށް ހިންގުމާ. ކުރިމަތިލާންޖެހޭ” ބަކަރިއަށް ކާންދޭންޖެހޭ ގޮތާއި ކާންދޭންޖެހޭ ތަކެއްޗާމެދު އޭނާ ލިބިފައިވާ އިލްމް “ކުޅުދުއްފުށި އޮންލައިނާ” ހިއްސާކުރަމުން އިދުރީސް ކިޔައިދިނެވެ.

މިގޮތަށް ކާންދޭން ފެށިފަހުން ބަކަރި ކިރު ލިބޭ ކަމަށް އިދްރީސް ބުންޏެވެ. އޭނާ ބުނީ މިހާރު ކިރު ވިއްކާ ވަރަށްވެސް ލިބޭ ކަމަށާއި އެހެންކަމުން މިހާރު ވައިކަރަދޫގެ ދެ މީހަކަށް ކޮންމެ ދުވަހަކު ބައި ލީޓަރު ކިރު ވިއްކާ ކަމަށެވެ. ކުރިން ދަރިއަށްވާ ވަރަށްވެސް ކިރު ނުހުންނަ ކަމަށާއި މި ބަދަލުތައް ފެނުނީ ކާންދިނުމަށް ގެނާ ބަދަލާއެކު ކަމަށް އިދްރީސް ކިޔައިދިނެވެ.

އިދުރީސް އަކީ ގިނަ ތަފާތު މަސައްކަތް ކުރާ ފަރާތެއް. އިދުރީސް ސައިކަލެއް މަރާމާތުކުރަނީ–ފޮޓޯ:ވާހިދު

ކެރިގެން ކުރިމަތިލައިފިނަމަ މި މަސައްކަތަކީ ޒުވާނުން ކުރުމަށް ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް އިދްރީސް ގަބޫލުކުރެ އެވެ. ނަމަވެސް އިދްރީސް ބުނީ މި މަސައްކަތަކީ ކެއްތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށާއި “ރާސްލައިފާ” ފައިދާ ލިބެން ބޭނުންވެއްޖެނަމަ މި މަސައްކަތް ކުރަން އުނދަގޫވާނެ ކަމަށެވެ. މިކަމަށް އޭނާ ދެއްކި މިސާލަކީ އެ ރަށުގައި ބަކަރި ގެންގުޅެން ފެށި 7 މީހުންގެ މިސާލެވެ. އޭނާ ބުނީ އެމީހުން އެ މަސައްކަތް ފެށީ ރުފިޔާ ހޯދުމަށް ކަމަށާއި އެކަމަށް އެއްވެސް ޝައުގެއް ލޯތްބެއް އޮވެގެން ނޫން ކަމަށެވެ. މީގެ ނަތީޖާއަކަށް ވެގެން ދިއައީ މަސައްކަތް ހުއްޓާލަން ޖެހުން ކަމަށް އޭނާ ކިޔައިދިނެވެ. އެހެންނަމަވެސް އޭނާގެ ބަކަރި ކޮއްޓާ ޖެހިގެން އޮންނަ އިތުރު ބަކަރި ކޮއްޓެއް ގެންގުޅޭ ޒުވާނަކަށް ސާބަސް ދެމުން އިދްރީސް ބުނީ އޭނާ އެ މަސައްކަތުގައި ދެމި އެ ހުންނަނީ ވަރަށް ހިތްވަރާ އެކުގަ ކަމަށާއި އޭނާ ބަކަރި ގެންގުޅެން ފެށިއިރު 19 ބަކަރި އޮތް ކަމަށެވެ. ނަމަވެސް ބަލިޖެހި ބަކަރިތައް މަރުވެ އެ ބަކަރި ކޮށީގައި އެންމެ ބަކައްޓެއް އޮތް ދުވަސްވަރެއް ދިޔަ ކަމަށް އިދްރީސް ކިޔައިދިނެވެ. ނަމަވެސް މިހާރު އެ އެއް ބަކަރިން 10 ބަކައްޓައްވެފައިވާ ކަމަށް އިދްރީސް ބުންޏެވެ. ކެއްތެރިކަމާއެކު ކުރިއަށްދެވޭނެ ކަމަކީ އިދްރީސް ގަބޫލުކުރާ ހަގީގަތެކެވެ.

އިދްރީސް ބުނީ ބަކައްޓަކީ ސާފުތާހިރުކަމަށް ވަރަށް ލޯބިކުރާ އެއްޗެއް ކަމަށާއި ބިންމައްޗަށް ވެއްޓިފައިވާ ބަތް ފުއްވެސް ބަކަރި ނުކާ ކަމަށެވެ. އެހެންކަމުން ބަކަރި ކޮށްޓަކީ ވަރަށް ސާފުތާހިރުކޮށް ބަލަހައްޓަންޖެހޭ ތަނެއް ކަމަށާއި ބަކަރި ކޮށި އެއީ ވަކި ގޮތަކަށް ފަރުމާ ކުރަންޖެހޭ ތަނެއް ކަމަށްވެސް އޭނާ ބުންޏެވެ. ބަކައްޓަކީ ހަމަ ބިމަށްވުރެ މަތީގައި ތިބެން ލޯބިކުރާ އެއްޗެއް ކަމަށްވެސް އިދްރީސް ކިޔައިދިނެވެ.

“މިހާރު މި މަސައްކަތް ކުރަނީ ގިނަކުރުމަށް. 50 އަންހެން އެއްޗަށްވާންދެން ނުވިއްކާ މިހުރީ. ފިރިހެން އެތި ވިއްކިޔަސް ވިއްކާނީ.” އިދްރީސް ބުންޏެވެ.

އިދްރީސް ކިޔައިދިން ގޮތުގައި ތިންވަރަކަށް ބަކަރި ވިއްކާލައިގެން ވެސް 16 ނުވަތަ 17 ހާސް ރުފިޔާ ލިބޭނެ ކަމަށާއި މި މަސައްކަތް ކުރުމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. ބަކަރި ގެންގުޅުމާބެހޭ ގޮތުންނާއި ބަކަރިތަކަށް ޖެހޭ މައްސަލަތަކާބެހޭ ގޮތުން އިދުރީސް ކައިރިން މީހުން ދަނީ މައުލޫމާތު ހޯދަމުންނެވެ. ދުރު ރަށްރަށުގެ މީހުންވެސް އިދުރީސްގެ ލަފާ ހޯދަން ގުޅާ ކަމަށް އޭނާ ބުންޏެވެ. އަދި މި މަސައްކަތުގައި ދެމިހުރުމަށް އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް އޭނާ ބުންޏެވެ.

އިދުރީސްގެ 5 ދަރިން ތިބިއިރު އޭނާގެ މިހާރުގެ އުއްމީދަކީ ބަކަރީގެ އިތުރުން ގެރިވެސް ގެންގުޅުމެވެ. ބަކަރިއަށްވުރެ ގެރި ގެންގުޅެން އުނދަގޫވާނެ ކަމަށާއި ނަމަވެސް ގެރިއަކީ ވެސް ގެންގުޅެން ބޭނުންވާ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ބަޔަކު އޭނާއަށް ގެރިއެއް ގެނެސްދޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އިދްރީސްގެ މަސައްކަތް ފާހަގަކޮށް ސަރުކާރުން އޭނާއަށް ފެހިފަތް ދީފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.

އިދުރީސް ހަދާފައި ހުރި އެލްމެނިއަމް ދޮރުތަކެއް. އޭނާ ދަނީ އެލްމެނިއަމް ދޮރު ޖެހުމުގެ މަސައްކަތް ވެސް ކުރަމުން–ފޮޓޯ:ނާޒިމް

ކުރިން ރިސޯޓްތަކުގައި ލަކުޑީގެ މަސައްކަތާއި ވަޑާމުގެ މަސައްކަތް ކުރި އިދްރީސް އެ މަސައްކަތް ހުއްޓާލީ އާއިލާއާ ދުރުގައި އުޅެންޖެހޭތީ އެވެ. މިހާރު ބަކަރި ގެންގުޅުމުގެ އިތުރުން ވައިކަރަދޫގައި ފިހާރައެއްވެސް ހިންގާ އިދްރީސް އަކީ އެލްމެނިއަމްގެ މަސައްކަތް ވައިކަރަދޫގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ފަރާތެކެވެ. އެލްމިނިއަމް ދޮރުފަދަ ތަކެތި އޭނާ ދަނީ ހެޔޮ އަގުގައި ހަދއިދެމުންނެވެ.

އިދުރީސް އަކީ ކޮންމެ ކަމެއްގައިވެސް ހާސިލުކުރަން ބޭނުންވާ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ ފިހާރައެއް ހިންގަމުން ބަކަރި ކޮށި ބަލަހައްޓަމުން އެލްމިނިއަމް މަސައްކަތްތައް ކުރަމުން އަންނަ ހީވާގި ހުނަރުވެރި މަސައްކަތްތެރި އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355