twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ކުޅިއަށް ގިނަ އަދަދެއްގެ މޫސުމީ ދޫނި ޒިޔާރަތްކުރަނީ

Jan 27, 2015

ގުދުރަތީ އެތަކެއް ރީތި ކަމެއް ލިބިފައިވާ ކުޅުދުއްފުށީ މަށި ކުޅިއަށް ގިނަ އަދަދެއްގެ މޫސުމީ ދޫނި ޒިޔާރަތްކުރަމުން އެބަދެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނަނީ ފަތިހުގެ ހިތްގައިމު ވަގުތުގައި ދޫނިތަކުގެ ގޮވުމުގެ އަޑުން ސަރަހައްދު ގުގުމާލާ ކަމަށެވެ. އަދި މެންދުރު އާއި ހަވީރުވެސް ގިނަ އަދަދެއްގެ ދޫނި ކުޅިން ފެންނަ ކަމަށްވެސް އެ ފަރާތްތަކުން ބުނެ އެވެ.

ކުޅުދުއްފުށީ ކުޅީގައި އިން ޅަގަޅާއެއް–ފޮޓޯ:ނާޒިމް

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނާގޮތުން ދޫނިތައް މި ދުވަސްކޮޅު ގިނައިން ކުޅިއަށް ޒިޔާރަތްކުރާތީ ފަތިހުގެ ވަގުތުގައި މީހުން ދޫނި ހިފަން އަންނަ ކަމަށެވެ.

ކުޅީގަ ހުރި ގަހެއްގައި ދޫނިތަކެއް–ފޮޓޯ:ނާޒިމް

މި ނޫހަށް ވާހަކަ ހިއްސާކުރި ފަރާތަކުން ބުނީ ކުޅީގައި ދޫނި ހިފުމަށް ގިނަ އަދަދަކަށް “ވާން” ޖަހާފައިހުންނަ ކަމަށާއި ފަތިހު އައިސް އެ “ވާން”ތަކުގައި ޖެހިފައި ހުންނަ ދޫނި މީހުން ގެންދާ ކަމަށެވެ. އޭނާ ބުނީ “ވާން”ގައި ދޫނި ޖެހިފައި ހުއްޓާ އޭނާވެސް ދެކޭ ކަމަށެވެ.

ކުޅި ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނަނީ މި ދުވަސްކޮޅަކީ ކޮންމެ އަހަރަކުވެސް ކުޅިއަށް ދޫނި ޒިޔާރަތްކުރާ ދުވަސްކޮޅެއް ކަމަށެވެ.

ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފައިނަމަ 501 ރުފިޔާ އާއި 50000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެ އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ މީގެ ކުރިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހިޖުރަކުރާ ދޫނިތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެއް ކަމަށެވެ. އަދި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު އަދި ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355