twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބަންޑާރަމަގު ހަދާތާ އަހަރެއް ވަނީ، އެކަމަކު ކުރިއެރުމެއް ނުފެނޭ

Feb 12, 2015

ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ބޮޑު މަޝްރޫއެއް 2010 ވަނަ އަހަރު ފެއްޓި އެވެ. އެގޮތުން ފުރަތަމަ ތާރު އަޅައިގެން ހެދީ ކުޅުދުއްފުށީ އަމީނީމަގެވެ. އަމީނީމަގު ތާރުއެޅުމުގެ މަސައްކަތް ނިންމައި އެމަގު ހުޅުވީ ރައީސް ވަހީދުގެ ހަލަބޮލި ވެރިކަމުގެ ތެރޭގަ އެވެ.

2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އަމީނީމަގު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ “މާދަމާ ކުޅުދުއްފުށީ ބަންޑާރަމުގެ ތާރު އެޅުމުގެ މަސައްކަތް ފެށޭނެ” ކަމަށެވެ. އެހެންނަމަވެސް އެ “މާދާމާ” އިބިލީހުގެ ކައިވެޏަށްވަމުން ގޮސް، އެމަނިކުފާނުގެ ވެރިކަން ނިމުނުއިރުވެސް މަގުގެ އެއްވެސް މަސައްކަތެއް ނުފެށުނެވެ.

2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު “ކުޅުދުއްފުށި އޮންލައިނުން” ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަގު ހެދުމުގެ މަސައްކަތް ކުރާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމް.އާރު.ޑީ.ސީ) ގެ ކުޅުދުއްފުށީ ސައިޓް މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވީ ފައިސާގެ ކަންކަން ހަމަނުޖެހޭ ކަމަށާއި އެހެންނަމަވެސް ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީގައި މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ. އެ އަހަރު ނިމިގެންދިޔައީ ބަނޑާރަމަގުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރެވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ކުޑަތަންވެފައިވަނިކޮށް ބަންޑާރަމުގެ އަމަލީ މަސައްކަތް ކުއްލި ގޮތަކަށް ފެއްޓިއެވެ. އެ މަސައްކަތް ފައްޓަވައި ދެއްވީ އެމްއާރުޑީސީގެ ޗެއަރމަން ޙާލިދު އަބްދުﷲ އަލީ އާއި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު އެވެ. އެހެންނަމަވެސް މަގުގެ މަސައްކަތް ފެށުމަށް ދުވާރުގައި އެތުރި ގައުތައް އޭގެ އަނެއް ދުވަހު ވަނީ ނަގާފަ އެވެ. މިކަމުގެ ފަހަތުގައި އޮތީ ސިޔާސީ މަގުޞަދެއްކަމަށް ބެލެވެން ފެށީ އެ ދުވަހަށްފަހު އިތުރު އެއްވެސް މަސައްކަތެއް އެ މަގުގައި ކޮށްފައި ނެތުމެވެ.

އޭގެ ފަހުން ވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނަމުން ދަނީ ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް މަގުގެ އެއްވެސް ކަމެއް ކުރެވިފައެއް ނުވެ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އެންމެފަހުން ވިދާޅުވެފައި ވަނީ މަސައްކަތް ހުއްޓިފައިވަނީ މެޝިނަރީ އާއި ސާމާނުތައް ހަލާކުވެގެން ކަމަށެވެ. އަދި އެފަދަ ތަކެތި މަރާމާތުކުރުމަށް ބޭނުންވާ އެއްޗެހި ރާއްޖެއިން ލިބެން ނެތުމުން މިތަކެތީގެ ސްޕެއަރ ޕާރޓްސް ބޭރުން ގެނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ނަޒީމް ވިދާޅުވި އެވެ.

ހަފުތާއެއްގެ ތެރޭގައި އެ ތަކެތި ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެ ތަކެތި ލިބުނުހާ އަވަހަކަށް މަސައްކަތް އަލުން ފަށާނެ ކަމަށް ވެސް ނަޒީމް ވިދާޅުވި އެވެ. އެ ވިދާޅުވި ހަފުތާ ނިމިގެންގޮސް އޭގެ ފަހުން ތިން މަސް ފާއިތުވެގެންދިޔަ ފަހުން މަގު މަސައްކަތް އަލުން ފެށި މަންޒަރު ފެނިގެންދިޔަ އެވެ. ނަމަވެސް މިހާރު އަނެއްކާވެސް ވަނީ މަގު ހެދުން ހުއްޓުމަކަށް އައިސްފަ އެވެ.

720 މީޓަރުގެ ބަނޑާރަމަގުގެ އަމަލީ މަސައްކަތް ފެށި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެމަގުގެ 10 އިންސައްތަ މަސައްކަތް ވެސް ވަނީ ނުކުރެވި އެވެ.

ސަރުކާރުން ފަށާފައިވާ މިފަދަ ބޮޑެތި މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައިވާއިރު، މި މަޝްރޫއުތަކާ ބެހޭ މާގިނަ މައުލޫމާތެއް ކުޅުދުއްފުށީ ކައުންސިލަކަށް ލިބިފައެއް ނުވެއެވެ. ނުވަތަ މިފަދަ މަޝްރޫއުތަށް ހިންގާއިރު ކައުންސިލުގެ ދައުރެއް އެކަމުގެ ތެރޭގައި އޮންނަނީ ވަރަށް ކުޑަކޮށެވެ. އަނެއްކޮޅުން ސަރުކާރުން މިފަދަ ކަމަކާ ބެހޭ މައުލޫމާތެއް ހޯދުމަކީ ދަތިކަމެކެވެ. ނަތީޖާއަކީ ރައްޔިތުންނަށް އެނގެންޖެހޭ މިފަދަ މައުލޫމާތުތައް އެ ފަރާތްތަކަށް ލިބޭނެ ދޮރުތައް ބަންދުވެ، ކޮށްދޭނެ އިރަކަށް ބަލަބަލާ ތިބުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355