twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަން: އެއްވެސް ކަމެއް ނުކުރެވި ފަނުފުލުން ދިޔަ ކުންފުންޏެއް

Jun 28, 2016

2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީގައި ހިންގި އެންމެ އަގު ބޮޑު އެއް ޕްރޮޖެކްޓަކީ  28.5 ހެކްޓަރުގެ ބިން ހިއްކައި ބިން ބޮޑުކުރުމުގެ މަސައްކަތެވެ. ތޭރަ ވަރަކަށް ދުވަހުގެ ތެރޭގައި ހިންގި މިމަޝްރޫއަކީ ކުޅުދުއްފުށީގެ ތަރައްގީގެ ބޮޑު މަންޒަރު ކަމުގައި އޭރު ބުނެވުނެވެ. ނަމަވެސް އެ “ބޮޑު މަންޒަރު” މިހާރު ދަނީ މަޑުމަޑުން ކަނޑަށް ” ޣަރަގު” ވަމުންނެވެ.

ފަޅުތެރެއިން ބޮޑު ބައެއް ހިއްކުމަށް ފަހު ސަރުކާރާއި ކުޅުދުއްފުށީ ކައުންސިލް ހިއްސާވާ ގޮތަށް ހިއްކި ބިމާއި އުތުރު ބަނދަރު ސަރަހައްދުގެ ޖުމްލަ 34.5 ހެކްޓަރުގެ ބިން ތަރައްގީކުރުމަށް ކުޅުދުއްފުށީ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ކޭ.ޑީ.ސީ)ގެ ނަމުގައި ކުންފުންޏެއް އުފައްދާ އެ ބިން އެކުންފުންޏާ ހަވާލުކުރި އެވެ.

ސަރުކާރުގެ 51 އިންސައްތަ ހިއްސާ އާއި ކައުންސިލުން 49 އިންސައްތަ ހިއްސާވާ ކޭ.ޑީ.ސީ ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރުގެ ފަރާތުން 4 ބޭފުޅުން ތިއްބަވަ އެވެ. އަދި ކައުންސިލު ފަރާތުން 3 ބޭފުޅުން މި ބޯޑަށް އައްޔަންކޮށް ރައީސުލްޖުމްހޫޔިއްޔާ ފަތްކޮޅުދީފައި އޮވެ އެވެ. ސުވާލަކީ މި ކުންފުނި މިހާރު ކޮބާތޯއެވެ؟ އެތައް ބައިވަރު އުއްމީދުތަކަކާއެކު ކުޅުދުއްފުށީގައި ހިއްކި ބިން، ގިރައިގެންދާއިރު ކުންފުނި އޮތީ ނިދާފަ ހެއްޔެވެ؟ އެތަނުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ކީއްވެ ހެއްޔެވެ؟ މިއީ ރައްޔިތުން މިއަދު ކަންބޮޑުވުމާ އެކީ ކުރާ ސުވާލެކެވެ.

ކުޅުދުއްފުއްޓަށް ވުރެ ފަހުން ހިއްކި ރަށްރަށުގައި ވެލިގަނޑު މޫދަށް ފައިބައިގެން ދިއުން ހުއްޓުމަށް ބޮޑު ހިލަ ޖަހާފައިވާއިރު އަނެއް ބައި ރަށްރަށުގައި މިހާރުވެސް ރިވެޓްމަންޓް ލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެއިން ރަށެއްގެ ވެލިގަނޑު ހިއްކުމަށް ފަހު އެތަން ތަރައްގީކުރާކަށް ސަރުކާރުން ކުންފުންޏެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް އެރަށްތަކުގައި ހިއްކި ބިމުގައި ދަނީ މަސައްކަތްތައް ކުރެވެމުންނެވެ.

“ނިދާފަ” އޮތް ކޭ.ޑީ.ސީ އަކަށް މިތަންތަނެއް ނުފެނެ އެވެ. ނަމުގައި ތަރައްގީގެ ޕްލޭނެއް އޮވެ އެ ޕްލޭނާ އެގޮތަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ދަރަންޏަށް ޒިންމާވާ ގޮތަށް އުފެއްދި މިބޯޑުގެ ޗެއާމަނަކަށް އޭރު ހަމަޖެއްސެވީ ސަރުކާރުން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ވ. ރަންދި މުހައްމަދު ހުނައިފެވެ.

ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަންކުރި އެހެން މެންބަރުނަކީ އިނގުރުމާގޭ ސާލިހު ހުސައިނާއި ތަރި މުހައްމަދު ޒުހައިރާއި އޯޝަންވިލާ ހަސަން ޒިޔާދެވެ.

ކައުންސިލު ފަރާތުން ކޭ.ޑީ.ސީ އަށް އައްޔަނުކޮށްފައިވަނީ ޕެޝާވަރު އަންވަރު އަބޫބަކުރާއި އަސްރަފީގޭ އާދަމް މުހައްމަދާއި އާކާޝް މުހައްމަދު އިބްރާހީމެވެ.

ނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގައި ސާލިހު ފިޔަވާ ސަރުކާރުގެ ފަރާތުން އައްޔަނުކުރި އެހެން ހުރިހާ ބޭފުޅުން ވަކިކޮށް، އެމަގާމުތަކަށް ބޭފުޅުން އައްޔަނުކުރި އެވެ. އެބޭފުޅުނަކީ ޗެއާމަން ކަމަށް ވަގުތު، ޖައުފަރު އަލީ އާއި ފަސްތަރި މުހައްމަދު މޫސާ އަދި ރަތުރަންގެ އާދަމް އިލްހާމެވެ.

ކުންފުނީ އެމްޑީ ސޯލިހް ހުސެއިން ވިދާޅުވީ ކުންފުނި އުވާލިކަމެއް ޔަގީނެއް ނުވާ ކަމަށާއި 2013 ވަނަ އަހަރު ތެރޭގައި ކެބިނެޓުން ކުންފުނި އުވާލުމަށް ނިންމުމާ ގުޅިގެން ފިނޭންސުން ކުންފުނި ހުއްޓާލުމަށް އެންގުމުން ކުންފުނީގެ މަސައްކަތް ކުރިއަށް ނުދާކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ މަސައްކަތް ހުއްޓާލަން އެންގި ހިސާބުން ކުންފުނީގެ ދަށުން ކުރަމުންދިޔަ މަސައްކަތްތައް ކުޅުދުއްފުށީ ކައުންސިލާއި ހައުސިންގ މިނިސްޓްރީއާ ގުޅިގެން ކުރާ ގޮތަށް ހަަމަޖެއްސި ކަމަށް ސޯލިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުލޫމާތު ލިބިފައި އޮތް ގޮތުން ކުންފުނި އުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަމަކު ގާނޫނީ ގޮތުން ކުންފުނި އަދި އުވާނުލާކަން އޭނާ ހާމަކުރިއެވެ.

އެގިފައިވާ ގޮތުގައި ޑިރެކްޓަރުގެ ބޯޑުގެ މެންބަރުންނަށް މުސާރަ އެންމެ ފަހު ދީފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355