twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޖަލާލުއްދީން ސްކޫލުގެ ނަތީޖާ ރަނގަޅުވިއިރު 50 އިންސައްތަ ދަރިވަރުން ފާހެއް ނުވޭ!

Jan 31, 2015

މިދިޔަ އަހަރު ހެދި އޯލެވެލް އިމްތިހާނުގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން ހޯދި ކާމިޔާބަކީ އެ ސްކޫލުގެ 16 އަހަރު ވީ ތާރީހުގައި ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ. ސްކޫލުގެ ނަތީޖާ ރަނގަޅުވިއިރު އެ ސްކޫލުގައި ފާސްވި ދަރިވަރުންގެ އަދަދު އެހެން އަހަރުތަކަށް ވުރެ ރަނގަޅެވެ. 16 އަހަރުގެ ދިގު ތާރީހުގައި އެ ސްކޫލަށް ލިބުނު އެންމެ ކާމިޔާބު ނަތީޖާ މިދިޔަ އަހަރު ހާސިލުކުރިއިރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން 50 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްނުވާކަން އެއީ ލިބުނު ކާމިޔާބެއްތޯ ސުވާލު ކުރަންޖެހޭ ކަމެކެވެ.

ޖަލާލުއްދީން ސްކޫލުގައި 2012 ވަނަ އަހަރު ފަސް މާއްދާއިން ފާސްވީ 25.93 އިންސައްތަ ދަރިވަރުންނެވެ. ޖެހިގެން އައި 2013 ވަނަ އަހަރު 35.96 އިންސައްތަ ކުދިން ފަސް މާއްދާއިން ފާސްވިއިރު އެންމެ ރަގަޅު ނަތީޖާ ހޯދި 2014 ވަނަ އަހަރު، އާދެ މި އަހަރު 11 އިންސައްތައިގެ ކުރިއެރުމަކާ އެކު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތަ 47.25 އެރި އެވެ. މީގެ މާނާއަކީ ކޮބާ ހެއްޔެވެ؟ ބާކީ ތިބި 52.75 އިންސައްތަ ދަރިވަރުން ކޮބައި ހެއްޔެވެ؟

ވަކިވަކި މާއްދާތަކަށް ބަލާއިރު ބައޮލޮޖީ ފިޔަވާ އެހެން ހުރިހާ މާއްދަތަކުން ވެސް ޖަލާލުއްދީން ސްކޫލު ވަނީ ކުރިއަށްޖެހިލާފަ އެވެ. އެހެންނަމަވެސް ނަތީޖާ އެންމެ ރަނގަޅު އަހަރު، އޯލެވެލްގައި އިށީން ކުދިންގެ ތެރެއިން ފާސްވި ދަރިވަރުންނަން ވުރެ ފާސްނުވާ ދަރިވަރުން ގިނަ އެވެ. ކުރިއެރުމެއް މި އަހަރު ލިބުނު ނަމަވެސް ދެބައިކޮށްފަ އެއްބަޔަށް ވުރެ ގިނަ ދަރިވަރުން ފާހެއް ނުވެ އެވެ.

އަތޮޅުތެރޭގެ އެހެން ސާނަވީ އަދި މަތީ ސާނަވީ ސްކޫލުތަކާ އަޅާބަލާއިރު ޖަލާލުއްދީން ސްކޫލަކީ ވަސީލަތްތައް ގިނަ ޓީޗަރުން ލިބުމުގެ ދަތިކަން ތަހައްމަލުކުރުން މަދު ސްކޫލެކޭ ބުނެވިދާނެ އެވެ. އެހެން ކަމަށްވާއިރު މިހާގިނަ އަހަރުތަކެއް ވީއިރު އެ ސްކޫލަށް އެކަށީގެންވާ ނަތީޖާއެއް ނުހޯދި އެއޮތީ ކީއްވެބާ އެވެ. މިއީ އެ ސްކޫލަށް ވަންނަ ދަރިވަރުންނަށް އޭގެ ކުރީގެ މަރުހަލާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލައެއްތޯ ބަލަންޖެހެ އެވެ. އެ ސްކޫލަށް އެންމެ ގިނަ ދަރިވަރުން ވަންނަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރުމަށް ފަހުއެވެ.

ޖަލާލުއްދީން ސްކޫލުން އަހަރަކަށްވުރެ އަހަރެއް ނަތީޖާ ރަނގަޅުކުރަމުން އަންނައިރު، މިއީ އަދި އެ ސްކޫލަށް އެންމެ ހައްގު ނަތީޖާކަމަށް ގަބޫލެއް ނުކުރެވެ އެވެ. ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖްމަންޓުން އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުން ވެސް މިފަދަ ކަންކަމާމެދު ފުންކޮށް ވިސްނަންޖެހެ އެވެ.

ޖަލާލުއްދީން ސްކޫލުގެ އިތުރުން ކުޅުދުއްފުށީގައި އޯލެވެލް ހެދި އަފީފުއްދީން ސްކޫލުގެ ނަތީޖާތައް މީޑިޔާއާ ހިއްސާކުރާކަށް އެސްކޫލުން އަދި ބޭނުންމެއް ނުވެ އެވެ. އަފީފުއްދީން ސްކޫލުގައި އޯލެވެލް އަށް ކިޔަވައިދޭން ފެށި ފަހުން އެ އިމްތިހާނު ހެދި މިއީ ދެވަނަ އަހަރެވެ. ފުރަތަމަ އަހަރުގެ ނަތީޖާ ދައްކާގޮތުން އެ އަހަރު އެ ސްކޫލަށް މާ ބޮޑެތި ކާމިޔާބެއް ހާސިލުވެފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355