twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފާތުން މިސް: ދަރިވަރުންގެ ލޯބި ހޯދާފައިވާ އޯގާތެރި މިސްއެއް

Feb 11, 2015

ކުޅުދުއްފުށީ ކަރަމް، ފާތުމަތު އަލީ ނުވަތަ ގިނަ ދަރިވަރުންނާއި ބެލެނިވެރިން ދަންނަ ނަމުންނަމަ “ފާތުން މިސް” އަކީ މި ވަގުތު ކުޅުދުއްފުށީ ޕްރައިމަރީ ސްކޫލްތަކުގައި ކިޔަވައިދޭ ޓިޗަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކާއި ބެލެނިވެރިންގެ ލޯބި ހޯދަފައިވާ ފަރާތެކެވެ.

ދަރިވަރުންނާއި ބެލެނިވެރިންގެ ލޯތްބަކީ ޓީޗަރަކަށް އެންމެ މުހިއްމު އެއް ކަންތައްކަމަށް ދެކޭ ފާތުންގެ 12 އަހަރުގެ ކިޔަވައި ދިނުމުގެ ހަޔާތުގައި އެކަންވަނީ ވަރަށް ރަގަޅަށް ސާބިތުވެސް ކޮށްދީފަ އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” ދެއްވި ބަސްދީގަތުމެއްގައި ފާތުން މިސް ވިދާޅުވީ ކުދިންގެ ލޯބި ނުލިބި ކިޔަވައިދިނުމަކީ ވަރަށް ބޮޑެތި އުދަނގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަބަދު ރުޅި މޫނުދައްކައި އެއްޗެހި ކިޔާނަމަ ދަރިވަރުންވެސް އެޓީޗަރަކަށް އިހުތިރާމު ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި ބޮޑަށް މަސައްކަތް ކުރާނީ އެ ޓީޗަރަކު ރުޅި އަންނަ ކަހަލަކަމެއް ކުރުމަށް ކަމަށެވެ.

ފާތުން މިސް ދަރިވަރުން ތަކަކަށް ކިޔަވައިދެނީ–ފޮޓޯ:ނާޒިމް

ޕްރައިމަރީ އަށް ކިޔަވައިދޭއިރު ކުދިން ހިތްހަމަޖެހޭ ގޮތަކަށް ކިޔަވައިދިނުމަށްޓަކައި އެ ދަރިވަރުންގެ މިޒާޖު ދެނެގަނެ އެކުދިން ގަޔާވާކަހަލަ ގޮތަކަށް ފިލާވަޅުތައް ކުރިއަށް ގެންދިއުމަކީ އެދަރިވަރުން ކިޔެވުމަށް ހިތްޖެއްސުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރާކަމެއް ކަމަށް ފާތުން ދެކެ އެވެ.

“މިހާރު އެއް އަހަރުން އަނެއް އަހަރަށް ކުދިންގެ މިޒާޖު ވަރަށް ތަފާތު. މިހާރު އުޅޭ ކުދިން ކުދިން އާންމުކޮށް ގަޔާވަނީ ލަވަ ކިޔާފަ މަޖާ ކުޅިވަރުގެ ތެރެއިން ކިޔެވުމަށް” އެކުވެރި މިޒާޖެއްގެ ފާތުން ބުންޏެވެ.

ކިޔަވައިދިނުމުގެ ހަޔާތުގައި މިހާތަނަށް ފާތުން މިސް އެންމެ އުފާވީ 2009 ވަނަ އަހަރު ކުދިންގެ މެދުގައި ނެގުނު ވޯޓަކުން އެންމެ މަގުބޫލް ޓީޗަރެއްގެ މަގާމު ލިބުނު ދުވަހެވެ. ޓީޗާރސް ޑޭ ގައި ސަޕްރައިޒެއް ގޮތުގައި ލިބުނު އެ ކާމިޔާބީ އަކީ ހަނދާނުން ފިލުވާލަން އުނދަގޫ ދުވަހެއްކަމުގައި ވެސް ފާތުން ބުންޏެވެ. މީގެ އިތުރުން ކުރިން ކިޔަވައިދީފައި ތިބި ދަރިވަރުން މިހާރު ވަޒީފާގެ މައިދާނުން ފެނުމުން ވަަރަށް ހިތްހަމަޖެހޭ ކަމަށާއި މިހާރުވެސް އެއިން ކުއްޖަކު “މިސް” އޭ ކިޔާފައި ގޮވާލުމުން އެކުދިން ކުރާ އިހްތިރާމް މިހާރުވެސް އިހްސާސް ކުރެވޭކަމަށް ވެސް ފާތުން ބުންޏެވެ.

ފާތުން މިސް އަކީ ކުދިންނާ ގުޅޭ މަޖާ މިޒާޖެއްގެ އެކުވެރި މިސްއެއް–ފޮޓޯ:ނާޒިމް

ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭހިތްވާ ފާތުން މިސް ބުނީ ދަރިވަރުންނާއި ބެލެނިވެރިންގެ ލޯބި ލިބުމުގެ ސިއްރެއްގެ ގޮތުގައި ދެކެނީ ދަރިވަރުންނާއި ދޭތެރޭ ބަހައްޓާގާތް ކަމާއި ވާހަކަ ދައްކާގޮތް ކަމަށެވެ.

“ދުވަހަކުވެސް އެވަނި ކުއްޖެ ގާތްކޮށްގެން ކުދިން ތަފާތެއް ނުކުރަން. ހަމަހުރިހާ ކުދިންނަށް ހަމަހަމަކޮށް ކަންތައްކުރަނީ. ކިޔަވައިދޭ އިރުވެސް ހުރިހާ ކުދިންނަށް ސާފުވާގޮތައް ކިޔައިދެވޭތޯ ބަލަން ހަމަ” ފާތުން މިސް ބުންޏެވެ.

ކިޔަވައި ދިނުމުގެ އިތުރުން އަމިއްލައަށް ކިޔެވުމާ ދޭތެރޭގައިވެސް ވިސްނާ ކަމަށާއި އެހެންނަމަވެސް އަދި އާއިލާއަށް ވަގުތު ދިނުން މުހިއްމު ކަމަކަށް ވާތީ އެކަން އެދެވޭގޮތުގައި ނުފެށޭކަމަށް ފާތުން މިސް ބުންޏެވެ. މީގެ ކުރިން ޑިގްރީއަށް ކިޔަވަން ފެށުނަމަވެސް ހާލަތު ނިޔާކުރިގޮތުން އެ ފަހަރު ޖެހުނީ ކިޔެވުން މެދުކަނޑާލާށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އަދި ޑިގްރީއަށް ކިޔަވާނެ ކަމަށްވެސް ފާތުން މިސް ބުންޏެވެ.

ދަރިވަރުންގެ މެދުގައި “އެންމެ މަގުބޫލު މިސް”ގެ ފިލާ 2009 އަހަރު ފާތުން މިސްއަށް ލިބިފައިވޭ–ފޮޓޯ:ނާޒިމް

ކިޔަވައި ދިނުމަކީ ބުރަ ދާއިރާއަކަށް ވާއިރު އެންމެ އެހީތެރިކަން ލިބެނީ ކޮންބައެއްގެ ފަަރާތުންތޯ ސުވާލު ކުުރުމުން ފާތުން މިސް ބުނީ މަންމަ އާއި ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށާއި ހާއްސަކޮށް މަންމަ ފާހަގަކޮށްލަން ބޭނުން ކަމަަށެވެ.

“މަންމަ އާއި ފިރިމީހާގެ ފަރާތުން ލިބޭ އެހީތައް ހަމަ އަދަދު ނުކުރެވޭނެ އޭގެތެރެއިންވެސް ހަމަ ބޮޑަށް މަންމަ ފާހަގަ ކުރަން” ފާތުން މިސް ބުންޏެވެ.

ޓީޗަރެއްގެ ހައިސިއްޔަތުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކިޔަވައިދޭ ދަރިވަރުން ހާއްސަ ވަނަ އެއްހޯދާ ދުވަސް ކަމަށާއި އެ މަންޒަރު ފެނުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ފާތުން މިސް ބުންޏެވެ.

ކިޔަވައި ދިނުމަކީ ބޮޑު ޒިންމާއެއް ބޮލުގައި އަޅައިގެން ކުރާ ކަމަކަށް ވާއިރު ގިނަ ދަރިވަރުންގެ ޝަކުވާ އަކީ ކިޔަވައިދޭން ދާން ޓީޗަރުންގެ އަމަލުތައް ބަހައްޓާގޮތް ކަމުނުދާ ވާހަކަ އެވެ. ރަގަނޅަށް ކިޔަވާއިނުދޭ ވާހަކަ އެވެ. ބައެއް ޓީޗަރުންގެ އަމަލުތައް ހުންނަ ގޮތުން ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

ދަރިވަރުންނާ ދޭތެރޭ ބަހައްޓަންޖެހޭ ގާތްކަން ނުބެހެެއްޓުމުން ދަރިވަރުން ޓީޗަރަށް ނަފްރަތު ކުރަނީވެސް މަދެއްކޮށެއްނޫނެވެ. ފާތުމަތު އަލީއަކީ ޓީޗަރުންގެ ތެރެއިން ހޮވާލެވޭ، އެހެން ޓީޗަރުން ނަމޫނާއަކަށް ބަލަންޖެހޭނެ ޓީޗަރެކެވެ. ފާތުން މިސްގެ ދަރިވަރެއްގެ ހައިސިއްޔަތުން އަޅުގަނޑަކީވެސް އެކަން ތަޖުރިބާކޮށްފައިވާ ފަރާތެކެވެ.

[yass cats=161]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355