ރައީސް ނަޝީދުގެ ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށް ބޮޑު އިންގިލާބެއް ގެނައުމުގެ ނިޔަތުގައި ކުޅުދުއްފުށީގެ ބިން ހިއްކައި އެ ބިން ތަރައްގީކުރުމަށް ރޭވި މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ފަށާފައިވަނީ 60 ހައުންސިން ޔުނިޓް އެ ބިމުގައި ގާއިމުކުރުމެވެ.
ހިއްކި ބިމުގައި ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންޓްސްއާ ހަވާލުކޮށްގެން ފުރަތަމަ އަޅާ 60 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހު އެވެ. މި ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓް ސްޓައިލްއަށް އެޅޭ ހައުސިންގ ޔުނިޓްތަކެކެވެ.
ހައުންސިން ޔުނިޓްތަކުގެ މަސައްކަތް ފަށައިގަނެ ވަރަށް ބާރަށް ކުރިއަށްގޮސް، އެ ހަނަފަސް ބިމުގައި ގެތަކެއް ބިނާކުރެވިގެންދިޔަ އެވެ. ނަމަވެސް އެ އިމާރަތްތައް ކޮޅަންޖެހުމުން މަސައްކަތް ނިމުނީބާވައޭ މިހާރު ސުވާލުކޮށްލެވެ އެވެ. ސަބަބަކީ އޭގެ ފަހުން އެ އިމާރަތްތަކުގެ އެއްވެސް މަސައްކަތެއް ކުރެވެމުންދާތަން ނުފެންނާތީ އެވެ.
ވަރަށް ބާރަށް ކުރިއަށްދިޔަ ތަރައްގީގެ ބޮޑު މި މަޝްރޫއު ހުއްޓިގެންދިޔައީ ނަޝީދުގެ ސަރުކާރު ބަދަލުވުމާ ހިސާބުންނެވެ. ހިއްކި ބިން ތަރައްގީކުރުމަށް ސަރުކާރުން އުފެއްދެވި ކުންފުނި ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ) މިހާރު ވަނީ ކޮންތާކު ކަމެއް އެނގޭ މީހަކުވެސް ނެތެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވާ ނޫމަޑި ކުންފުނިން މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ބުނިނަމަވެސް އެ މަންޒަރުން ރައްޔިތުންގެ ލޮލަކަށް ފެނިގެނެއް ނުދެ އެވެ. އެ ހައުންސިން ޔުނިޓްތަކުން މިހާރު ފެނިގެންދަނީ ބިދޭސީ ބަޔަކު ވަޒަންވެރިވެގެން އުޅޭ މަންޒަރެވެ. އެ ހައުންސިން ޔުނިޓްތައް ނިންމައި އެތަނުގައި ބޯހިޔާކޮށްލާނެ ފުރުސަތުލިބޭނީ ކޮން ދުވަހަކުންކަން އަދި ބުނަން ޔަގީނެއް ނުވެ އެވެ.
ހައުންސިން ޔުނިޓް އެޅުމުގެ މަސައްކަތަކީ ހަމައެކަނި ކުޅުދުއްފުށީގައި ހިންގާ މަޝްރޫއެއް ނޫނެވެ. ކުޅުދުއްފުށީގައި ފެށި މި މަޝްރޫއާ އެކުއެކީ ހަނިމާދޫގަ އާއި ދިއްދޫގައިވެސް މި މަސައްކަތް ފެށި އެވެ. ތަފާތަކީ އެ ހައުންސިން ޔުނިޓްތައް އަޅާ ނިންމާފައިވާ ކަމެވެ.
އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަނީ ކުޅުދުއްފުށީ ތަރައްގީއަށް ހިންގާ މަޝްރޫއުތައް ލަސްވެ ދިގުދެމިގެންދާ ތަނެވެ. މިކަމުގެ ޒިންމާ ނަގަންޖެހޭނީ ރައްޔިތުން ކަމެއް ރައްޔިތުން އިންތިހާބުކުރާ ފަރާތްތައް ކަމެއް ނޭގެއެވެ.
ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާނަގައި، ޒިންމާކުރުވަން ތިބޭ ފަރާތްތަކުން އެ ޒިންމާ ފުރިހަމައަށް އުފުލާނަމަ މަންޒަރު ތަފާތުވީސްކަން ޔަގީނެވެ. ކުޅުދުއްފުށީގައި ކޮންމެ ކަަމެއް ކެންޕޭނު ސްޓަންޓަކަށް ނުހެދުމަށްޓަކައި ރައްޔިތުން ހޭލުންތެރިވާންޖެހެ އެވެ. އަދި ކައުންސިލުތަކުންވެސް މިކަމަށް ސަމާލުވެ ސަރުކާރު ޒިންމާދާރުކުރެވެންޖެހޭނެ އެވެ.