twitterviber whatsapp telegramfacebookyoutube instagram
18th April 2024

“ޕްރޮފައިލް ޕިކް” ބަދަލުކުރުމުން އެ ނިމުނީ ބާ؟

Feb 4, 2015

ވ. ރަކީދޫގައި ސީރިއަސް އަނިޔާތަކަކާއެކު މަރާލާފައި އޮތް މުހައްމަދު އިބްތިހާލަށް ހެޔޮ ދުއާކޮށް ފޭސްބުކް ސްޓޭޓަސްތަކުގައި ލިޔެ ޕްރޮފައިލް ފޮޓޯއަށް އެ ތުއްތު ކުއްޖާގެ މައުސޫމް ފޮޓޯލައި އިބްތިހާލްގެ ހައްގުގައި އެތައް ދިވެހިންނެއް މިހާރު އަޑު އުފުލަމުންދާއިރު މިއީ ކިހާ ދުވަހެއްގެ އަޑު އުފުލުމެއްތޯ ސުވާލު އުފެދެ އެވެ.

މި ސުވާލު އުފެދެން ދިމާވީ ސަބަބެއް ނެތިއެއް ނޫނެވެ. އެހެނީ މީގެކުރިންވެސް މިފަދަ ކަންކަން މި ގޮތަށް ވެފައި ހުރީމަ އެވެ. ގިނަ ފަހަރަށް މި ފަދަ ކަންކަމުގައި އަޑު އުފުލަނީ ނުވަތަ އެ ވާހަކަ ދައްކަނީ އެ ހާދިސާއެއް ހިނގާތާ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ވަންދެން ނެވެ. އޭގެ ފަހުން އެކަން ހަނދާންހުރި މީހަކު ފެންނާކަށް ނުހުރެއެވެ.

މީގެ މަސްތަކެއް ކުރި އެވެ. “މޮޔަ ނާސިރާ” ގެ ނަމުން މަޝްހޫރުވެފައިވާ ނާސިރާ މަރުވުމުން ނާސިރާ ދިވެހި ބަތަލާއަކަށް ނުހަދާ އެކަކުވެސް މި ރާއްޖެއަކު ނެތެވެ. އޭނާ ދިރިހުރިއިރު ފުރައްސާރަކޮށް މަލާމަތްކުރި ފަރާތްތައް އޭނާއަށް ހެޔޮއެދޭ މިތުރުންނަށްވި އެވެ. ނާސިރާ “މަރުވެއްޖެ” ކަމަށް ބައެއް މީޑިޔާތަކުގައި ޖެހުމުން އެ މީޑިޔާތަކުގެ ބޮލަށް ނާރާ ދިވެއްސަކު އެބަ ހުރިބާވަ އެވެ. ނަމަވެސް މިހާރު ނާސިރާ މަތިން ހަނދާން ހުރީ ކިތައް ބޭފުޅުންބާވަ އެވެ. އެފަދަ ނިކަމެތި މުސްކުޅިން އަދިވެސް އެ ނިކަމެތި ކަމުގައި ދިރިއުޅެމުންދަނީ އެވެ. ނާސިރާގެ ވާހަކައިން އިބުރަތް ލިބި ގަނެ އެއިން މީހަކަށް އެހީތެރިވީ ކާކު ހެއްޔެވެ.

ނާސިރާއެކޭ އެއްފަދައިން މިހާރު އިބްތިހާލްގެ ހައްގުގައި ކޮންމެ މީހަކުވެސް އެ މީހެއްގެ “ސްޓޭޓަސް” އަޕްޑޭޓްކުރަނީ ފުން ހިތާމައާ ހިތްދަތި ކަމުގެ ޝުއޫރާއެކުގަ އެވެ. މިފަދަ ޝޫއުރުތައް ފާޅުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތިމާގެ މައްޗަށް އޮންނަ ޒިންމާ ނިމޭ ހިސާބަކީ ފޭސްބުކްގެ ސްޓޭޓަސް ބަދަލުކޮށްލާ ހިސާބުން ކަމަށް ނުހައްދަވާށެވެ.

ބައެއް މީހުންނަށް މިކަން ކުރެވެނީ ދެއްކުމަށް ނުވަތަ އެހެން މީހުން ކުރާތީ ކުރާ ކަމެއްގެ ގޮތުގަ އެވެ. މިހާރު މި ރާއްޖޭގައި އިބްތިހާލަށް އަޅާނުލާނެ އެކަކުވެސް ނެތެވެ. އިބްތިހާލް އަމީރެއް ފަދައިން ނުބާލާނެ ދެމަފިރިއަކުވެސް ނެތެވެ. ނަމަވެސް އެ ކޮއެ އަނިޔާތަކުގައި މަރުވެދިޔައިރު އެ އާދޭސްތައް އަހާނެ އިންސާނަކު މި ދުނިޔެ މައްޗަކު ނެތެވެ.

އިބްތިހާލް މިހާރު އެވަނީ މި ފާނާވަނިވި ދުނިޔެ ދޫކޮށް ދާއިމީ ގޮވައްޗަށް ދަތުރުކޮށްފައެވެ. މިއީ ހަމައެކަނި އިބްތިހާލްގެ ވާހަކަ އެއް ނޫނެވެ. މިފަދަ އެތައް ދަރީންނެއް މި ފަސްގަނޑުގައި ދިރިއުޅޭނެކަން މި ރާއްޖޭގައި މިފަދަ މައްސަލަތައް ފެންމަތިވާ ރޭޓުންވެސް އެނގި ޔަގީންވެ އެވެ. މި ކުޑަކުޑަ މުޖުތަމައުގައި ކުޑަކުދިންނަށް ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާކުރާ ހާދިސާތަކަކީ އާންމުކަމެކޭ ބުނުމުން އެއީ ދޮގެކޭ ބުނާނެ މީހަކު އުޅޭނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ.

ތިމާ ދިރިއުޅޭ ރަށުގައި، އަވަށްޓެރި ގޭގޭގައި މިފަދަ ކުދިން ނޫޅޭތޯ ސުވާލުކޮށްލާށެވެ. މައިން ބަފައިންގެ ކިބައިން ޖިސްމާނީ އަނިޔާ ނުލިބުނަސް މައިން ބަފައިން އިހުމާލުވާ ދަރިން މި މުޖުތަމައުގައި މަދެއް ނޫނެވެ. އަދި ޖިންސީ އަނިޔާ ލިބޭ ކުދިންވެސް މަދެއް ނޫނެވެ. މިފަދަ ކުއްޖެއްގެ އިހުސާސް ދަނެގަނެ އެފަދަ ކުއްޖަކާ އަޅާލައި ހިތްހެޔޮ ކަމާއެކު އަނގައިން ބުނާނެ މީހަކުވޭބާވަ އެވެ. އެފަދަ ކަމެއް ކުރުމަށް އަޅުގަނޑުމެންނަށް ވަގުތު ވޭބާވަ އެވެ. “ސްޓޭޓަސް އަޕްޑޭޓް” ކުރަން ނޫނީ އަޅުގަނޑުމެންނަށް މި ޒަމާނުގައި ވަގުތެއް ވޭބާވައެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އެނގެނީ ކިތައް މީހުންނަށްބާވަ އެވެ. ބިކަ ކޮށްލާފައި ތިބި ކިތައް ދިވެހި ދަރީން ނުވަތަ ކިތައް “އިބްތިހާލް” އެތާ އުޅޭކަން އެނގޭ މީހަކު އެބަ އުޅޭބާވަ އެވެ. އަހަރަކު އެއްފަހަރުވެސް އެތަނަށް ކުޑަ މިންވަރަކަށްވެސް އެހީވާ ފަރާތެއް އުޅޭނީ އިނގިލިން ގުނާލެވޭހާވެސް މަދުންނެވެ. އެހީ އެއް ފަރާތުގައި ބާއްވާފައި އެ ދަރީންނަށް ހެޔޮ ހިތުން ބަހެއް ބުނެލާނެ ފަރުދެއް މި މުޖުތަމައުގައި އެބަ އުޅޭތޯ އެވެ.

މިކަންކަމަކީ މި ދަނޑިވަޅުގައި ވިސްނާލަން ރަނގަޅު ކަންކަމެވެ. ދެވަނަ އިބްތިހާލް މި ދުނިޔެ ދޫކޮށްދިއުމުގެ ކުރިން މިއީ ވިސްނާލަން ރަނގަޅު ކަންކަމެވެ. މިއީ އަނެކުންގެ ބޮލުގައި އިންޒާމް އަޅުވައި އިނގިލި ދިމާކުރަންވީ ވަގުތެއް ނޫނެވެ. މިކަން ސިޔާސީ ނުކޮށް މި ކަންކަމަށް އަޑުއުފުލަން ޖެހެ އެވެ.

ސަރުކާރާ އަމިއްލަ މުއައްސަސާތަކުންވެސް ބަޔާންނެރެ ކުށްވެރިކޮށް ވާހަކަ ދައްކަނީ ކަމެއް ހިނގީމަ އެވެ. ރައްޔިތުން އެ ވާހަކަ ހަނދާންނެތުމުން މުއައްސަސާތައް ހިންދަމާލާ އެއީ ވީ ކަމަކަށްވެސް ނުހަދަނީ އެވެ. މިއީ މިކަންކަން ހިނގަންވީ މަގު ބާވައެވެ.

އަޑު އުފުލަންޖެހެ އެވެ. އަޑު އުފުލާށެވެ. ނަމަވެސް އެ އުފުލާ އަޑާ އެއްގޮތަށް އަމަލުތައްވެސް ބަހައްޓާށެވެ. އެއީ ހަފުތާއެއްގެ ކަމަކަށް ނުހަދަމާތޯ އެވެ. ޕްރޮފައިލް ޕިކް ބަދަލުކުރުމުން އެ ނިމުނީ ކަމަށް ނުދެކޭށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355