ބިގް ބޮސް ސީޒަން 8 ގޯތަމް ގުލާތީ ކާމިޔާބު ކޮށްފި އެވެ.
ކަލާސްގެ ރިއަލިޓީ ޝޯވ ބިގް ބޮސްގެ ފައިނަލްގައި ކަރިޝްމާ ތަންނާ އާއި ޕްރީތަމް ސިންހާ ވާދަކޮށް ބެލުންތެރިންގެ އެންމެ ގިނަ ވޯޓް ހާސިލުކޮށްގެން ގޯތަމް ވަނީ ޓްރޮފީ އުފުލާލައިފި އެވެ.
އިނާމެއްގެ ގޮތުގައި ގޯތަމްއަށް ވަނީ 5 މިލިއަން ރުޕީސް ހަވާލުކޮށްފަ އެވެ. ގޯތަމް އަކީ މި ސީޒަނުގައި ބެލުންތެރިންގެ އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ފަރާތެވެ. އޭނާގެ މަގުބޫލުކަން ބެލުންތެރިންގެ މެދުގައި އެހާ ބޮޑުވެގެން ދިޔައީ އޭނާގެ މިޒާޖާއި ބެލުންތެރިންގެ މުނިފޫހިފިލުވުމަށް އޭނާދޭ ސަމާލުކަމުންނެވެ.
4 މަސް ވަންދެން ކުރިއަށްދިޔަ ބިގް ބޮސްގެ މި ސީޒަނަކީ މިހާތަނަށް އެންމެ ކާމިޔާބު ސީޒަނެވެ. މި ސީޒަނުގެ ކާމިޔާބީއަށް ބަލާފައި ތިން މަސްދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ޝޯވ ވަނީ 4 މަހަށް ދިގުކޮށްފަ އެވެ.
ސަލްމާން ހާން ހުށަހަޅައި ދެމުންދިޔަ މި ޝޯވއަށް އިތުރުކުރި މަސް ދުވަހުގެ އެޕިސޯޑްތައް ހުށަހަޅާދީފައިވަނީ ސަލްމާންގެ ބަދަލުގައި މަޝްހޫރު ޑައިރެކްޓަރ ފަރާ ހާން އެވެ.
ޖެހިޖެހިގެން 5 ވަނަ ފަހަރަށް ސަލްމާން މި ޝޯވ ހޯސްޓް ކޮށްފައިވާއިރު މި ޝޯވއަކީ އިންޑިޔާގެ އެންމެ މަގުބޫލް ޝޯވ ކަންވެސް ފާހަގަކޮށްލެވެ އެވެ.
130 ދުވަސް ވަންދެން ޝޯވގެ ބައިވެރިން ގެއެއްގެ ތެރޭގައި ބަންދުވެފައި ތިބިއިރު މި ދުވަސްތަކުގައި ޝައުގުވެރިވާފަދަ އެތައް ހާދިސާއެއް އެ ގޭ ތެރޭގައި ވަނީ ހިނގާފަ އެވެ.
ޖުމްލަ 24 ބައިވެރިން ބައިވެރިވި މި ޝޯވގެ ރަނަރަޕްކަން ހޯދީ ކަރިޝްމާ ތަންނާ އެވެ.
މި ސީޒަން ފެށީ 15 ބައިވެރިންނާއެކު އެވެ. އަދި ސީޒަންގެ މެދުތެރެއިން އިތުރު 9 ބައިވެރިން ޝޯވގައި ބައިވެރިވެފައިވެ އެވެ.