twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހުނަރުވެރިއެއްގެ ތަފާތު ހުނަރުތަކެއް

Mar 1, 2015

މާލޭގައި އޮތް ގައުމީ ފެންވަރުގެ ކުރެހުމުގެ މައުރަޒެކެވެ. މުޅި ތަނުގައި އެތުރިފައިވަނީ އެކި ކަހަލަ ކުރެހުންތަކާއި ތަފާތު އާލާތްތައް ބޭނުންކޮށްގެން ހަދާފައިވާ ތަކެއްޗެވެ. މައުރަޒުގައި އެތުރިފައިވާ ތަކެތި ބަލަމުން އައިސް ކުއްލިއަކަށް ލޯ އަމާޒުވީ ތަފާތު އެއްޗަކަށެވެ. ކުޑަ ފަންސޫރަކަށެވެ. ތަންކޮޅެއް ކައިރިއަށް ޖެހިލާފައި ބަލާލުމުން ފެނުނީ ފަންސޫރުގެ ތުނޑުގައި “ކަނޑާ ނަގާފައި”ވާ ޗޭނު ބޮޅަށެވެ. ކައިރީގައި”އަލީ ހަސަން” އެމަސައްކަތް ކޮށްފައިވާ ކުއްޖާގެ ނަމަކަށް ޖަހާފައި އިނެވެ. ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުންދާ ދަރިވަރެކެވެ. ފަހުން އެނގުނު ގޮތުގައި އެއީ އަލީ އެންމެ ހިތްހަމަ ޖެހުނު އެއް އުފެއްދުމެވެ. އޭނާ އަކީ ކުޅުދުއްފުށީ މާބުޅާގެ ހަސަން މޫސާއަށާއި ފާތުމަތު އާދަމް އަށް ލިބިފައިވާ 7 ކުދިންގެ ތެރެއިން ހަވަނަ ކުއްޖާ އެވެ. އުމުރުން އެންމެ 19 އަހަރުގެ އަލީ އަކީ އަމިއްލައަށް ފަންނުވެރި ތަކެތި ހަދަން ދަސްކުރާ ކުއްޖެކެވެ.

އޭނާއަށް ގްރޭޑް 7 އާ ހަމައަށް އާރޓް މިމާއްދާއިން ‘އޭ’ ފާސް ލިބުނު ނަމަވެސް ގްރޭޑް 8 އައުމާއެކު ކުރެހުމާއި އާރޓުގެ ފަންނާ ދުރަށް ދިޔަ އެވެ. ދެން ސާނަވީ ތައުލީމު ނިންމުމަށްފަހު ހުސްވަގުތުގައި ކޮށްލާ ކަމެއްގެ ގޮތުން އާރޓްގެ ފަންނެއް ކަމަށްވާ ‘އޮރިގަމީ’ ނުވަތަ ކަރުދާސް ބޭނުންކޮށްގެން ތަކެތި ހަދަން ފެށި އެވެ. އެގޮތުން އޭނާ އެންމެ ހަދާ ހިތްވަނީ ‘އައު’ އަދި ‘އުނދަގޫ’ އެއްޗެހި ކަމަށާއި އޭނާއަށް އެންމެ ކަމުދާ އޮރިގަމީ އަކީ މެޖިކް ބޯލް ކަމަށް އަލީ ބުނެ އެވެ.

އަލީއަށް އެންމެ ކަމުދާ އޮރިގަމީ މެޖިކް ބޯލް އަދި އޮރިގަމީ ބީޓަލް

ކަރުދާހުގެ އިތުރުން ފަންސޫރު ތުނޑު އަދި ބިހުގެ ތޮށި ފަދަ ތަކެތިން ކަނޑާ ނެގުމަކީ ވެސް އޭނާގެ ޝައުގުވެރިކަން ހުންނަ ކަމަކެވެ. ވަކިން ހާއްސަކޮށް ފަންސޫރު ތުނޑުގައި ހަދާ ތަކެތި ހެދުމަށް ‘އިންޓްރެސްޓް’ ހުރެ އެވެ. އެއީ ތުނޑަކީ ނާޒުކު އެއްޗަކަށް ވެފައި އެތައް ފަހަރަކު މަސައްކަތްކޮށްގެން މެނުވީ ހަދަން ބޭނުންވާ އެތި ނުހެދޭތީ އެވެ. އެހާ އުނދަގުލުން އެއްޗެއް ހަދާ ނިމުމުން ވަރަށް ހިތްހަމަޖެހޭކަމަށް އޭނާ ބުނެ އެވެ. އެންމެ ބޮޑު ދަތިކަމަކަށް ކުރިމަތިވަނީ އެމަސައްކަތް ކުރަން ބޭނުންކުރާ އާލާތްތައް ހޯދުން ކަމަށް އަލީ ބުންޏެވެ. އަދި މީގެ އިތުރުން މިހާރު ކަނޑައި ނެގުމަށް ބޭނުންކުރަނީ ކަޓަރު ތިލަ އާއި ޕިން ފަދަ ތޫނު އެއްޗެހި ކަމަށާއި ބޭނުންވާ ފެންވަރުގެ ފަންސޫރު ލިބުމުގައި ދަތިވާ ކަމަށް އޭނާ ބުނެ އެވެ.

ބިހު ތޮށީގައި އަލީ ހަދާފައިވާ އެއްޗެއް

އާރޓަށް ލޯބި ކުރާ ގިނަ ފަރާތްތަކާ އެއްގޮތަށް އަލީ ވެސް ކުރެހުމަށް ލޯބި ކުރެ އެވެ. ނަމަވެސް އޭނާގެ ކުރެހުމުގެ ދާއިރާ ގުޅިފައިވަނީ ފަންސޫރު ކުރެހުމަށެވެ. އަދި އޭނާ ބޮޑަށް ޝައުގުވެރިވަނީ ‘އިލޫޝަންސް’ އާއި 3ޑީ އެއްޗެހި ކުރެހުމަށެވެ.

އަލީ ކުރަހާފައިވާ 3ޑީ އަދި އިލޫޝަނަލް ކުރެހުންތައް

“އަހަރެންނަށް ވުރެ ޓެލެންޓެޑް ކުދިން އުޅޭ. އެކަމަކު އެކުދިންނަށް މިދާއިރާއިން ކުރިއަށް ދާނެ ގޮތް ނޭނގެނީ” މިދާއިރާއާ މެދު އަލީ ދެކޭގޮތް ހާމަކުރި އެވެ. “ރާއްޖޭގައި އާރޓް ކަލެކްޓަރުން އުޅޭނަމަ މިދާއިރާއިން ކުރިއަށްދާ ކުދިންގެ އަދަދު ގިނަ ވާނެ” އެވެ.

އަމިއްލައަށް ހުނަރުތައް ދަސްކުރާ އަލީ އަކީ ކުރެހުމަށާއި އާރޓް އަދި މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ނަމޫނާ ކުއްޖެކެވެ. އޭނާއަށް އިތުރު ހުނަރުތައް ތައާރަފްކޮށްދެނީ ވެސް އޭނާ ފަދައިން ކުރެހުމަށާއި ފަންނުވެރިަމަށް ލޯބިކުރާ ރަހުމަތްތެރިންތަކެކެވެ. އެކުދިން ފޭސްބުކްގައި އަމިއްލަ ގުރޫޕެއް ހަދާ ގުރޫޕު މެދުވެރިކޮށް އެކަކު އަނެއްކަކުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން ހިޔާލު ބަދަލުކޮށް ހަދަަ އެވެ. ތިމާ ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށްދާން ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވިދާނެކަން މިކުދިން ވަނީ ސާބިތުކޮށްދީފަ އެވެ. ‘ގޫގުލް’ ނުވަތަ ‘ޔޫޓިއުބް’ މެދުވެރިކޮށް ބޭނުންވާ މައުލޫމާތެއް ފަސޭހަކަމާއެކު ހޯދައި، އަމިއްލައަށް ކަންތައްތައް ދަސްކުރެވޭނެ ކަމުގެ ޔަގީންކަން އެންމެންނަށް ހޯދައިދީފަ އެވެ.

އަލީ ހަސަން ފަންސޫރެއްގެ ތުންޑެއްގައި ކަނޑާ ނަގާފައި ހުރި ޗޭނު ބޮޅެއް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355