twitterviber whatsapp telegramfacebookyoutube instagram
18th April 2024

ލޯބިވެރިންގެ ދުވަސް ފާހަގަކުރުމަކީ ކޮންކަހަލަ ކަމެއް؟

Feb 14, 2015

“ވިލް ޔޫ ބީ މައި ވެލެންޓައިން؟” ނޫންނަމަ އަހަރެންގެ ‘ވެލެންޓައިން’ އަށް ވެދާނަން؟ މިއީ މިހާރަކަށް އައިސް ޒުވާން ފިރިހެން ކުދިން ޒުވާން އަންހެން ކުދިން ގާތުގައި ވަރަށް އާންމުކޮށް އަހާ ސުވާލެކެވެ. މިއަދަކީ، އާދެ، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހަކީ “ވެލެންޓައިންސް ޑޭ”އަށް ވީ ހިނދު ރޭގެ 12 ޖެހިއިރު ލޯބިވެރިންގެ ދުވަހުގެ ހެޔޮ އެދުންތައް ލޯބިވެރިޔާއަށް ފޮނުވާނުލާ ކުއްޖަކު މަދުވާނެ އެވެ. އަދި ދުވަހަށް އެކަށިގެންވާ ކާޑާއި މާ އަދި ޗޮކުލެޓު ފަދަ ހަދިޔާތަކަށް މިއަދު ކޮންމެ ލޯބިވެރިޔަކު ވެސް އިންތިޒާރު ކުރެ އެވެ. އެހެން ނަމަވެސް މިއީ ކިހިނެތް އުފެދިގެން އައި ކޮން ދުވަހެއް ކަމާމެދު އެކަކުވެސް ވިސްނައެއް ނުލަ އެވެ. މިއީ އިސްލާމަކަށްވެ ހުރެ ފާހަގަކުރުން ހެޔޮވާވަރުގެ ދުވަހެއްބާއޭ ސުވާލުކޮށެއް ނުލަ އެވެ.

އެހެންކަމުން ފުރަތަމަ މިދުވަހަކީ ކިހިނެތް ފެށިގެން އައި ކޮންދުވަހެއްތޯ ބަލާލަމާ ހިނގާށެވެ. މިދުވަސް ނިސްބަތްވާ ‘ވެލެންޓައިން’ އަކީ ކާކުކަމާމެދުވެސް ތުންތުންމަތިން ތަފާތު ގޮތްގޮތަށް ވާހަކަތައް ކިޔެމުންދެ އެވެ. އޭގެ ތެރެއިން ކޮންމެ ވާހަކައެއްގައިވެސް ވެލެންޓައިން ނުވަތަ ވެލެންޓައިނަސް އަކީ ކްރިސްޓިއަނުންގެ ބަތަލެކެވެ.

އެއް ވާހަކައިގައި ވެލެންޓައިން އަކީ 3 ވަނަ ގަރުނުގައި އުޅުނު ފާދިރީ އެކެވެ. އޭރު ވެރިކަން ކުރަންހުރި ކްލޯޑިއަސް ދެވަނަ ދެކޭ ގޮތުގައި މީހުންނާ އިނދެގެން އުޅޭ ފިރިހެނުން ރަނގަޅު ހަނގުރާމަވެރިންނަކަށް ނުވެ އެވެ. އެހެންކަމުން ޒުވާން ފިރިހެންކުދިން ކައިވެނިކުރުން އޭނާ މަނާކުރި އެވެ. ލޯބިވެރިންގެ ހީރޯއަކަށްވެ ވެލެންޓައިން އެދުވަސްވަރު އުޅުނު ލޯބިވެރިން ސިއްރުން ކައިވެނި ކޮށްދިނެވެ. ރަސްގެފާނަށް އެކަން އެގުމުން ވަގުތުން އޭނާ މަރާލުމަށް ނިޔާ އިއްވި އެވެ.

އެހެން ވާހަކައެއްގައި ވާގޮތުން ވެލެންޓައިން އަކީ ކްރިސްޓިއަނުން ރޯމަނުގައިވާ ޖަލުތަކުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދިން ބަތަލެކެވެ. ޖަލުގައި ގައިދުވެފައިވާ ވެލެންޓައިން އެއްފަހަރަކު އޭނާގެ ލޯބިވެރިޔާއަށް ސިޓީއެއް ފޮނުވި އެވެ. އޭނާގެ ލޯބިވެރިޔަކީ ޖަލުގައި އޭނާއަށް ޒިޔާރަތްކުރާ އެތަނުގެ ވެރިޔާގެ އަންހެން ދަރިފުޅެވެ. އެސިޓީގައި ނިންމާލާފައިވަނީ މިއަދާ ހަމައަށްވެސް ލޯބިވެރިންގެ ދުވަހުގެ ކާޑުތަކުގައި ބޭނުންކުރެވޭ ‘ފްރޮމް ޔުއަރ ވެލެންޓައިން’ (ތިބާގެ ވެލެންޓައިންގެ ފަރާތުން) މިފަދައިންނެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިދުވަހަކީ ވެލެންޓައިން ނިޔާވެ ފަސްދާނުލެވުނު ދުވަހެވެ. މިދުވަސް ފެބުރުއަރީ މަހުގެ މެދު ތެރޭގައި ފާހަގަކުރަނީ އެދުވަސް ‘ކްރިސްޓިއަން’ ކުރުމުގެ ގޮތުންނެވެ. ކްރިސްޓިއަނުންގެ ފެސްޓިވަލެއް ކަމަށްވާ ‘ލުޕަރކަލިއާ’ ފާހަގަކުރުމުގެ ގޮތުންނެވެ. ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ މި އީދު ނިސްބަތްވަނީ ރޯމަނުންގެ ދަނޑުވެރިކަމުގެ ކަލާންގެ ފައުނުސް އާއި ރޯމަނުން އުފެއްދެވި ރޮމުލުސް އަދި ރެމުސް އަށެވެ.

ލޯބިވެރިންގެ ދުވަހާމެދު މިނޫނަސް އެތައް ވާހަކަތަކެއް ހުރެ އެވެ. ދުވަހުގެ އަސްލު ޔަގީން ނުވިކަމުގައިވިޔަސް މިއީ އިސްލާމު ދީނުގެ ތެރެއިން ފާހަގަކުރާ ދުވަހެއް ނޫނެވެ. ކަނޑައެޅިގެން ދީނުގައި ހަރާމް ކުރައްވާފައިވާ އެތައްކަމެއް މިދުވަހާ ގުޅިފައިވީއިރު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ފިހާރަތަކަށް މިދުވަހާ ގުޅުވައިން ކާޑު ގެނެސްގެން ވިއްކުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި އެފަދަ ތަކެތި ގަންނަ ފަރާތްތަށް ދުވަހެއް ދުވަހަކަށް އިތުރުވާ ކަމީވެސް އަޅުގަނޑުމެން އެކަމާ މެދު ވިސްނާލަންޖެހޭ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355