twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިއަދުގެ ހަޤީޤަތްތައް

Jul 15, 2010

މުހައްމަދު އިސްމާއިލް

ރާއްޖޭގެ ދިގު ތާރީޚުގައި އެކި ޒަމާން ތަކުގައި ސިޔާސީ ދެކޮޅުވެރިކަމާހެދި ގައުމުގެ އަމަން އަމާންކަމަށް ބުރޫއެރިއެވެ. މަސްލަޙަތު ގެއްލި ފިތުނަ އުފެދިގެން ދިޔައެވެ. މަޝްހޫރު އުތުރު ގަޑުބަޑާ ދެކުނުގެ ބަޣާވާތަކީވެސް ތާރީޚުން ފެންނަން ހުރި ހަޤީޤަތްތަކެވެ. މާލޭގެ ޝާހީ ޢާއިލާތަކުގެ މެދުގައި ވެރިކަމާހެދި ތަޅާފޮޅި ދުވަސްވަރެއްވެސް ދިޔައެވެ.

2008 ވަނަ އަހަރު ފާސްކުރެވުނު އާ ޤާނޫނު އަސާސީ އާއިއެކު ގައުމުގެ މަންޒަރު ބަދަލުވާން ފެށިއެވެ. ދިވެހިން އެތައް ދުވަހެން ވަންދެން އިންތިޒާރުކުރި ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތައް އެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށް ގަބޫލު ކުރެވުނެވެ. މަލްޓިޕާޓީ އިލެކްޝަނެއް ބާއްވާ ގައުމުގެ ވެރިކަމުގެ ތަސްވީރު ބަދަލުވިއެވެ. އެތައް ޒަމާނެއް ވަންދެން ވެރިކަން ކުރަމުން ދިޔަ ބަޔަކު ވެރިކަމުގެ ނާރެހުން ބޭރުކޮށް އާ ބަޔަކު އެ ނާރެހަށް ވެއްދިއެވެ. މިއީ ދިވެހިން އަމިއްލައަށް ބޭނުންވެގެން އެބައިމީހުން ކުޅަ ކަމެކެވެ.

އެއްފަރާތުގައި ތިބީ އެތައް ދުވަހެއް ވަންދެން ވެރިކަން ކުރި ބައެކެވެ. އަނެއް ފަރާތުގައި ގިނައީ ސިޔާސީ ގޮތުން “ތުއްތު” ކުދިންނެވެ. ރިޔާސީ އިންތިހާބެއް ބާއްވާ “ތުއްތު” ކުދިންނަށް ވެރިކަން ލިބުނެވެ. “ހިތްތިރިކޮށްގެން” ކުރިއަށް ދާނެ ކަމަށް ބުނެ މަޖިލީހުގެ އިންތިހާބާ ކުރިމަތިލިއެވެ. އަނެއް ފަރާތުން އެބައިމީހުންނަށް ލިބުނު ޝޮކެއްގެ ސަބަބުން މަޑުމައިތިރިވެ “ހިތްވަރު” ކޮށްގެން ތިބިއެވެ. މަންޒަރު މަޑުމަޑުން ބަދަލުވާން ފެށީ އެހިސާބުންނެވެ.

“އަނެއް ދިވެހިރާއްޖެ”އަށް ގެންގޮސްދިނުމަށް ދަތުރު ފެށި މީހުންނަށް “ހިތާދޫ މީހަކަށް ހުދުފޮށައެއް ލިބުނީމާ ވާހެން” ކޮށްފަ ނުކުރާނެކަމެއް ނޭގުނެއެވެ. އިދިކޮޅުގައިވެސް ބަޔަކު ތިބިކަން ހަނދާން ނައްތާލާ ގައުމުގެ ކަންކަން އެގޮތް މިގޮތަށް ބަދަލުކުރަން ފެށިއެވެ. “ތުއްތު” ކުދިންނަށް ސަރުކާރު އިސް މަގާމުތައް ދީ އެއްވެސް ޤާނޫނެއް ނެތި އަތޮޅުތައް ބައިބަޔަށް ބައިކޮށް ގާނޫނީ ގޮތުން ފަހުން ސުވާލުކުރެވިދާނެ ކަންކަން އެއްވެސް ފިކުރެއް ނެތި ކުރަން ފެށިއެވެ. އެހިސާބަށް ދިއުމުން ދިގު ތިރީސް އަހަރު ވެރިކަމުގެ ކޮއިލުގައި ތިބި މީހުން ނުކުތެވެ. ބައެއް ކަންކަމުގައި މަޖުބޫރުވެގެންނެވެ. އަނެއްބައި ކަންކަމުގައި ވެރިކަމުން ވެއްޓުނީތީ އެކަމުގެ ބަދަލު ހިފުމުގެ ރޫޙުގައެވެ.

ކަންދިމާކުރި ގޮތުން ވެރިކަމަށް އައި ފަރާތުން މަޝްވާރާގެ އުޞޫލާ ކަންކަން ކުރުމުގައި ދޮށީ ބޭފުޅުންގެ ޚިޔާލު ނުހޯދުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މަޖިލީހުގެ އައުލަބިއްޔަތު ގެއްލުމެވެ. ވެރިކަމަށް އެރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވެރިކަމުގައި ތިބި ބަޔަކު އަޑީގައި ތިބެގެން އެމީހުންގެ ކޯލީޝަން ރޫޅާލުމެވެ.

މަޝްވަރާގެ އުޞޫލާ ގައުމުގެ މުހިއްމުކަންކަން ނިންމުމުގައި ތަޖުރިބާކާރުންގެ ބަސްނުހޯދުމާ އިދިކޮޅު ފަރާތްތަކާ ވާހަކަ ނުދެއްކުމުގެ ނަތީޖާ އަކަށްވީ ސަރުކާރުން ކުރަމުން އައި ކަންތައްތަކަށް ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން ހުރަސްއެޅުމެވެ. ގާނޫނަކަށް ނުބަލައި އިދިކޮޅު ފަރާތްތަކުގެ ބަސް ނުހޯދައި ކުރަންފެށި ކަންކަން ހުއްޓާލަން ޖެހުމެވެ. “އާ ކުކުޅަށް ގާބިހެއް އެޅިގެން އުޅޭހެން އުޅުމުން އެކަމުގެ ހިތިރަހަ ކަރުބުޑުގައި ލާންފެށިއެވެ.

އެހިސާބުން ސަރުކާރަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ވިއެވެ. އަލަށް ރުކަށް އެރިމީހަކުހެން ކާއްޓާ ގަބުޅިއާ ގޮބޮޅިވެސް އަޅަންފެށުނެވެ. ސަރުކާރު ވެރިކަމަށް އެރިފަހުން މިނިވަން މުއައްސަސާތަކާއި މަޖިލީހާ ފަނޑިޔާރުގެއަށް ކުރިމަތި ކުރުވި ތުރާތަށް އިތުރުކުރިއެވެ. އިދިކޮޅު ފަރާތްތަށް ކޮންމެ ގޮތެއް ހަދައިގެންވެސް ހައްޔަރު ކުރަން ބޭނުންވިއެވެ. ސަރުކާރު ތަޖްރިބާ ނެތަތީވެ މިދުވަސް އަންނާނެކަން އޭރަކު ނުވިސްނެއެވެ.

ދެން ފެންނަން ފެށީ މުޅިންވެސް ޅަ އެއްޗެތި އަޅާތަނެއެވެ. ވަޒީރުން އިސްތިއުފާދީ، ސަބްސިޑީ ނުދެވިގެން ދައުލަތުގެ މީޑިޔާ ރަހީނުކުރިތަނެވެ. ސިޔާސީ ޕޯޑިއަމް ތަކުގައި ދައްކާ ވާހަކައަށް ކޯޓުން ހުކުމް ނުކުރާ މައްސަލައެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ފަނޑިޔާރުގެއަށް ހުށަހަޅަނީ ހަރުގެ ތެރޭގައި ތިބޭ މީހުންދައްކާކަހަލަ ވާހަކަތަކެވެ. ކަންކަން އަނެއްކާވެސް ޕްލޭން ނުކޮށް “ތެޅިގަތީމާ” އަމިއްލަ ގަޔަށް ކަށިހެރެން ފެށިއެވެ. ވަޒީރުން އަލުން ގާނޫނަކަށް ބެލުމެއް ނެތި ހުވާ ކުރިއެވެ. ސަރުކާރުން އަމިއްލަ އަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން އެގެން އޮންނަކަންކަމުގައި ވެސް ދެކޮޅު ހަދަން ފެށިއެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް އިދިކޮޅު މީހުން ކުޑަކަކޫ ޖައްސަން ބޭނުންވިއެވެ. ހައްޔަރު ނުކުރެވުނީމާ ހިމާޔަތް ދޭންކަމަށްބުނެ ހައްޔަރު ކުރަން ފެށިއެވެ. ސަބްސިޑީ ނުދެވިގެން އިސްތިއުފާ ދިން ވަޒީރުން މީޑިޔާގައި ރޯމަހެއް މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. އެކުވެރި ގައުމުތަކުގެ ރައީސުންނާއި ސަފީރުން ގެނެސްގެންވެސް އެމީހުން މައިތިރި ކުރެވޭތޯ ބެލިއެވެ. ރަށްރަށުން މީހުން މާލެ ގެނެސް ފާޅުގައި ފަނޑިޔާރުންނަށް ބިރުދައްކަން ފެށިއެވެ. ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ސިޔާސީގޮތުން އިދިކޮޅު ފަރާތްތަށް ކަތިލުމުގެ މަސައްކަތް ފެށިއެވެ. ފުލުހުންނާ ސިފައިންގެ އަގު ވައްޓާލައި އެބައިމީހުންނަށް ގާނޫނާ ހިލާފަށް އަމަލު ކުރުމަށް މަޖުބޫރު ކުރުވަން ފެށިއެވެ. މިއީ މިއަދުގެ ހަގީގަތްތަކެވެ. މިނިވަން ސިކުނޑިއަކުން ވިސްނައިފި ނަމަ ފެންނަން ހުރި ހަގީގަތްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355