ކުޅުދުއްފުށީގެ ތަރައްގީއަށް އަދި ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން ރަށުގައި ހިއްކި ބިމަށް އަޅާލާނެ ފަރާތެއް ނެތި އެ ބިން މިހާރު ދަނީ ކުޅުދުއްފުށީ ތަރައްގީއަށް ރައްޔިތުން ކުރި އުއްމީދެކޭ އެއްފަދައިން ނެތެމުންނެވެ.
2010 ވަނަ އަހަރު ކުޅުދުއްފުށީ ހުޅަނގު ފަރާތު ފަޅު ހިއްކައިގެން ރަށަށް އިތުރުވި ބިން ރައްކާތެރިކުރުމަށްވެސް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ހިއްކި ސަރަހައްދު ގިރައިގެން ގޮސް ސަރަހައްދީ ބަނދަރުގެ ތެރެއަށް އެ ވެލިތައް ޖަމާވުމުގެ އިތުރުން މިހާރު އެ ބިމުގެ ބޮޑު ސަރަހައްދެއް ވަނީ ނެތިގެން ގޮސްފައެވެ.
ހިއްކާފައިވާ ސަރަހައްދުގައި ބަޔަކު މޫދަށް އެރެނީ، މިސަރަހައްދުގެ ބޮޑު ބައެއް ވަނީ ގިރާލާފައި
މިހާރު ވެރިކަން ކުރާ ރައީސް ޔާމީންގެ ސަރުކާރަކީ ކުޅުދުއްފުށީގެ އެތައް ރައްޔިތުންނެއްގެ ވޯޓާއެކު ވެރިކަމަށް އައިސްފައިވާ ސަރުކާރެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރައީސް ޔާމީން އެއް ރަށަކަށް އެންމެ ބޮޑެތި ވައުދުވެފައިވަނީ ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީ އެއާޕޯޓް ވާހަކަ ދައްކާކަށް ނެތީމެވެ. ނަމަވެސް މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ޕީޕީއެމްގެ އިގްތިސާދީ މެނިފެސްޓޯ ހުށަހަޅައިދިން ފުރިހަމަކަމާއެކު އެ މެނިފެސްޓޯއިން ކުޅުދުއްފުށީ ހިއްކި ބިން ފެނިގެންދިޔައީ ފެންވަރު ރަނގަޅު “ސިޓީއެއް”ގެ ސިފައިގައެވެ.
އޭރު އަދީބު ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ހިއްކި ބިމުގައި ކޮންވެންޝަން ސެންޓަރުތަކާއި ފޮރިން އިންވެސްޓްމެންޓްތައް ގާއިމުކުރެވޭނެ ކަމަށާއި އެ ބިން ހާއްސަ އިގްތިސާދީ ޒޯންގެ ދަށުން ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. ހިއްކި ބިން ތަރައްގީ ކުރެވޭއިރު ކުޅުދުއްފުށީ ރައްޔިތުންނާ ހިއްސާވާ ބޭރުގެ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދެވިގެންދާނެ ކަމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަދީބު ވިދާޅުވެފައިވެއެވެ.
“ފަސް އަހަރު ނިމޭއިރު ކުޅުދުއްފުށީ އިރާދަކުރެވިއްޔާ ތިޔަ ބޭފުޅުންނަށް ފެނިގެންދާނީ ތިޔަ ފެނިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުމެންގެ ތަސައްވުރަކީ މިއީ” އަދީބު ވިދާޅުވި އެވެ.
އެ “ސިޓީ”ގެ އިންތިޒާރުގައި ކުޅުދުއްފުށީ ރައްޔިތުން ތިބިއިރު އެ މެނިފެސްޓޯ ތައްޔާރުކުރި ފަރާތްތަކަށް ވެރިކަން ލިބުމުން އެ ވާހަކަ ދައްކާތަނެއްވެސް ނުފެނެއެވެ. ނުވިތާކަށް އެއީ ރައްޔިތުންނަށްވެފައިވާ ވައުދެއްކަން ހަނދާންހުރި ކަމެއްވެސް ނޭނގޭއެވެ.
ހިއްކި ބިމުގައި މި ސަރުކާރުން “ސިޓީއެއް” ގާއިމުކުރަން ވައުދުވެފައިވާއިރު “ސިޓީ” އެއްފަރާތުގައި ބާއްވާ އެ ބިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތްކުރާ ތަނެއްވެސް ނުފެނެއެވެ. އަބަދުވެސް އިވެނީ ކުޅުދުއްފުށީ ހިއްކި ބިން ރައްކާތެރިކޮށް އެ މަސައްކަތްކުރުމަށް މަޝްވަރާކުރެވެމުން އަންނަ ވާހަކަ އެވެ. ނުވަތަ އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ވާހަކަ އެވެ. އެއީ ކުޅުދުއްފުއްޓަށް ވަމުންދާ ގޮތް ކަމަށްވެސް ވެދާނެއެވެ.
ކުޅުދުއްފުށީ ހިއްކި ސަރަހައްދު ގިރަައިގެންދާކަން ސަމާލުކަމަށް ގެނެސްފައި–ފޮޓޯ: ޖައުފަރު އަލީ
ކުޅުދުއްފުއްޓަށް ސަރުކާރުތަކުން ބޮޑެތި ވައުދުތައްވެ ތަރައްގީކޮށްދޭނެ ކަމަށް ބުނެ ހުވަފެންދައްކައި ބިޔަ މަޝްރޫތައް ފަށައި، އެ މަޝްރޫއުތައް ހުއްޓި ކުރިއަށް ނުގޮސް މިވަނީ ކޮން ސަބަބަކާހުރެތޯ ރައްޔިތުން ވިސްނާލަންޖެހެ އެވެ. އަދި، މިފަދަ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންނާއި ޖަމިއްޔާތަކުގެ ދައުރު ފުޅާކުރަން ޖެހެއެވެ. “ނު ރޯ ދަރިއަކަށް ކިރެއް ނުލިބޭނޭ” ބުނާ ފަދައިން ސަރުކާރަށް މިފަދަ ކަންކަމުގައި މިހާރަށް ވުރެ ބޮޑަށް ޕްރެޝަރކޮށް އެ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ބާރު އަޅަން ޖެހެއެވެ.
ކުޅުދުއްފުށީ ހިއްކި ސަރަހައްދުގެ ވެލިގަނޑުގެ ބޮޑު ބައެއް ގިރާލާފަ–ފޮޓޯ:ވާހިދު