އޭޕްރިލް މަހުގެ ފުރަތަމަ ދުވަހާއެކު ރަސްމީގޮތުން އެފެށުނީ އެވެ. ނަމަވެސް މިމަސް ނިމުމާއެކު އެހިސާބުން ވައްސަލާމް ކިޔާ އަނެއް އަހަރަށް ތައްޔާރުވާންވީއެއް ނޫނެވެ. މިއީ ހަމައެކަނި ފާހަގަކުރާ ދުވަސްތަކެއް އެކަންޏެއް ނޫނެވެ. މިއީ މުޖުތަމައުގެ ހުރިހާ އެންމެންނާ ގުޅި ލާމެހިފައިވާ ކަމެކެވެ. އެކުދިންނަކީ މިމުޖުތަމައުގެ އަންނަން އޮތް ޖީލު ހިއްސާ ކުރާ ކުދިންނެވެ. އާދޭހެވެ. އޭޕްރިލް އަކީ އޯޓިޒަމްއާ މެދު ހޭލުންތެރިކުރުމުގެ މަހެވެ. އަދި މިމަހުގެ ދެވަނަ ދުވަހަކީ ދުނިޔޭގެ އޯޓިޒަމް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މިފާއިތުވި އަހަރުގެ ތެރޭ ކުޅުދުއްފުށީގައި އޯޓިޒަމް ހޭލުންތެރިކުރުމުގެ މަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވާކަން އުފަލާއެކު ފާހަގަ ކުރަމެވެ. ހާއްސަ ގޮތެއްގައި ‘ލައިޓް އިޓް އަޕް ބްލޫ’ ނުވަތަ ނޫކުލައިން ދިއްލާލުމުގެ ހަރަކާތަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ކަމެކެވެ. މިއަހަރު ކުޅުދުއްފުށީގައި ނޫނަސް އޯޓިޒަމް އެސޯސިއޭޝަނުން އޯޓިޒަމް ދުވަހާ ގުޅިގެން ހަރަކާތްތަކެއް ރާވާ ހިންގާނެކަން ޔަގީނެވެ. އެހެން ނަމަވެސް މިމަސް ނިމުމާއެކު މީހުންގެ ހިތްތަކުން އޯޓިޒަމް ކުދިންނަށް އޮންނަ ޖާގަ ފުހެވިގެންދާކަމީ ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ.
މިއީ ދިވެހިން ދިރިއުޅުން މިފަހަކަށް އައިސް ބައްޓަންވެފައިވާ ގޮތެވެ. ކޮންމެ ކަމަކަށް ވަކި ދުވަހެއް، ދުވަސްވަރެއް ނުވަތަ މޫސުމެއް އޮވެ އެވެ. އެދުވަސްތައް ފަހަނަޅައި ދިޔުމުން އޭކަމުގެ މަތިން ހަނދުމަ ނުހުންނަތާ ދަސްވި އެއްޗެއް ހާސިލްވި އިބުރަތެއް ނޯވެ އެވެ. މިސާލަކަށް ބުނާނަމަ ތުއްތު އިބްތިހާލުގެ މަރެވެ. ދިވެހިރާއްޖޭގައި ވެސް އެއީ ކޮންކުއްޖެއްކަން ނޭނގޭ މީހަކު އުޅޭނެހެނެއް ހިޔެއް ނުވެ އެވެ. އެހެންނަމަވެސް މިހާރު އިބްތިހާލް ފަދަ އެތައް ކުދިންނެއް އަދިވެސް އުޅޭނެކަމަށް ވިސްނަނީ ކިތައް މީހުން ބާ އެވެ. ހަމައެފަދައިން އޯޓިޒަމް ދުވަހު ބޮލުގައި އަޅާ ޝޯލްއިން ފެށިގެން ފަޔަށް ލައްވާ އިސްޓާކީނު ނޫކުލަކޮށް ޖަރީވެގެން ނުކުންނަ މީހާ އޭގެ މަހެއްހާ ދުވަސް ފަހުން އޯޓިސްޓިކް ކުއްޖާއާ ދިމާއަށް ‘މޮޔަ’ ކުއްޖެކޭ ބުނެދާނެ އެވެ.
މިހެން ބުނާ މީހާއަށް ވުރެ މޮޔަ މީހަކު ނެތެވެ. އެއީ ދުނިޔެއަށް އުފަން އެންމެ މޮޅެތި މީހުންނަކީ އޯޓިސްޓިކް މީހުން ކަމަށްވާތީ އެވެ. މިގޮތުން އަލްބާރޓް އައިންސްޓައިން، އިއްސާކް ނިއުޓަން، ޗާރލްސް ޑާވިން، މޮޒާރޓް އަދި މައިކަލް އެންޖެލޯ ފަދަ ބޭފުޅުންގެ އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެ އެވެ. އެހެން ނަމަވެސް އަހަރެމެންނަށް ނޭނގޭ ކަމަކީ އައިންސްޓައިންއަށް މީހުންނާ މުއާސަލާތު ކުރުމުގައި އުނދަގޫވާ ކަމެވެ. ސްކޫލުގައި ކިޔެވުމަށް ދަތިވެ އެއްއުމުރެއްގެ ކުދިންނަށްވުރެ ދަށު ދަރަޖައެއްގައި ހުރި ކަމެވެ. ކަންމިހެން ހުރުމާއެކުވެސް އޭނާއަކީ ދުނިޔެދުށް އެންމެ ވިސްނުންތޫނު މީހާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ނުކުޅެދުންތެރިކަން ލިބިފައިވާ ކުދިންނަށް އެއުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އެންމެ ދުވަހަކު ނުވަތަ އެންމެ މަހަކު ނޫނެވެ. އަހަރުގެ ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއިރަކު އެކަމާ ކުރިމަތިލާން ޖެހެ އެވެ. މިކަން އިހުސާސްކުރެވޭނީ އޯޓިސްޓިކް ކުއްޖެއްގެ މައިންބަފައިންނަށް ނުވަތަ އާއިލާގެ މީހުންނަށެވެ. ތިމާއަށް ކުރިމަތިލާން ނުޖެހޭ ކަމެއް ހިޔާލަށް ގެންނަން ވެސް ގިނަ މީހުން ބޭނުމެއް ނުވާނެ އެވެ. އެއީ އެމީހުންގެ ‘މައްސަލައަކަށް’ ނުވާތީ އެވެ.
އެހެން ނަމަވެސް ވިސްނާލާށެވެ. ތިމާގެ އިހުސާސްތައް އެހެން މީހުންނަށް ކިޔައިނުދެވޭ ނަމަ ދެން ތަހައްމަލު ކުރަން ޖެހޭނީ ކޮންފަދަ އެކަނިވެރި ކަމެއް ހެއްޔެވެ؟ ތިމާއާ އެއްއުމުރެއްގެ މީހުންނާ ތަފާތުވެ، އެމީހުން ފަދައިން ކަންތައްތައް ކުރުމަށް ނުކުޅެދޭނަމަ ދެން އިހުސާސްކުރަން ޖެހޭނީ ކޮންފަދަ ނިކަމެތިކަމެއް ހެއްޔެވެ؟ އޯޓިސްޓިކް ކުދިންނަށް ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހޭނީ މިފަދަ ކަންތައްތަކާ އެވެ. ތަފާތު ކުދިންނަށް އެކި އުނދަގޫތަކެވެ. އޭގެ ތެރޭގައި ބައެއް ކުދިންނަށް ބަސް މޮށެ، ވާހަކަ ދައްކާ ހެދުމުގައި ވަރަށް ބޮޑަށް ދަތިވެ އެވެ. ބުނަން ބޭނުންވާ ކަމެއް ދޭހަކޮށްދޭން އުނދަގޫވެ އެވެ.
ނަމަވެސް މިއީ ބައްޔެއް ނޫނެވެ. މިއީ ނުކުޅެދުންތެރި ކަމެކެވެ. މިނުކުޅެދުންތެރިކަން އެކި ކުދިންނަށް ހުންނަނީ އެކި މިންވަރަށެވެ. އެހެނެއްކަމަކު މިއީ މުޅިން ރަނގަޅު ކުރެވިދާނެ ކަމެކެވެ. އެކުދިންނަށް ބޭނުންވަނީ އެންމެންގެ ލޯތްބާއި އަޅާލުމެވެ. އެހީތެރިކަމާއި އެއްބާރުލުމެވެ.
ވީމާ އޭޕްރިލް ‘ފޫލު’ންގެ ދުވަހުން ފަށާ އޯޓިޒަމްއާ މެދު މުޖުތަމައު ހޭލުންތެރިކުރުމުގެ މަސް ޖޯކަކަށް ހަދާ ނިންމާނުލާށެވެ. ހޭލުންތެރިވެ ހޭލުންތެރި ކުރާށެވެ.