ހދ އަތޮޅުގެ ނޮޅިވަރަމާއި ހަނިމާދޫގެ މެދުގައި އޮންނަ ހދ އަތޮޅުން ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ނޮޅިވަރަންފަރަކީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ އަދި ތާރިހީ އެތައް ހާދިސާތަކެއް ހިނގާފައިވާ ރަށެކެވެ. ހދ އަތޮޅުގެ ވެރިކަން ފުރަތަމަ ކޮށްފައިވަނީވެސް ނޮޅިވަރަންފަރުގައެވެ. ތާރީހީ ލިޔުންތައް ބުނާގޮތުން 400 އަހަރަށްވުރެ ގިނަ ދުވަހު މި ރަށުގައި އަތޮޅު ވެރިކަން ކޮށްފައިވެއެވެ.
ނޮޅިވަރަންފަރުގެ މަގެއް
ބޮޑުފަޅަކާއި ރީތިސާފު ދޮންވެލިގޮނޑުދޮށެއް ލިބިފައިވާ ނޮޅިވަރަންފަރަކީ ސާފުތާހިރު ކަމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރީތި ރަށެކެވެ. ރަށުގެ މަލަ މައްޗާއި ރަށުތެރެވެސް ސާފުކޮށް ކުނިކަހާފައި އޮންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރަށް ރަށުގެ ފިނިމައިޒާންތައްވެސް ފާހަގަކޮށްލެވެއެވެ. އެ ހިތް ފަސޭހަ މައިދާންތަކުގައި ރަށުގެ ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ތިބެއެވެ.
ނޮޅިވަރަންފަރުން އެންމެ ފާހަގަކޮށްލެވުނު ތަނަކީ އާސާރީ ގަބުރުސްތާނެވެ. އަދި އެ ގަބުރުސްތާނުގައި ހުރި ބޮޑު ޒިޔާރަތެވެ. މި ގަބުރުސްތާނާއި ޒިޔާރަތް ފެނުމުން މި ތަނާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް އުފެދުނު ޝައުގުވެރިކަމާއެކު ރަށުގެ ދުވަސްވީ މީހުންނާ ވާހަކަ ދައްކާލެވުނެވެ. އެމީހުން ބުނާގޮތުން އެ ޒިޔާރަތަކީ އެ ރަށު އެދުރު ކަލޭ ފާނުގެ ޒިޔާރަތެކެވެ.
އާސާރީ ގަބުރުސްތާނުގައި ހުރި މަހަނާއެއް
ތާރިހީ ލިޔުންތަކަށް އަލި އަޅުވާލުމުން އެނގެނީ އެދުރު ކަލޭފަނަކީ ނޮޅިވަރަންފަރުގެ ބަތަލެއް ކަމެވެ. އަދި އެ ރަށު މީހުން ފަހުރުވެރިވާ ޝަހުސިއްޔަތެއް ކަމެވެ. އެ ރަށު ދުވަސްވީ މީހުން ބުނާގޮތުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަށްކުރުމަށް އުތީމު މުހައްމަދު ތަކުރުފާނު ބެންނެވި ކަޅުއޮށްފުންމި ބަނުމަށް އިރުވަރު ބެއްލެވި ފަރާތަކީ އެދުރު ކަލޭފާނެވެ. އަދި މުހައްމަދު ތަކުރުފާނަށް ހެވި ކަމާއި ނެވިކަންފަދަ ތަފާތު ތައުލީމުތައް އުނގަންނަވައިދެއްވީވެސް ނޮޅިވަރަންފަރު އެދުރު ކަލޭފާނު ކަމަށްވެއެވެ. ރަށުގެ ބައެއް ދުވަސްވީ މީހުން ބުނާގޮތުން އެދުރު ކަލޭފާނަކީ މުހައްމަދު ތަކުރުފާނުގެ ބޮޑުބޭބޭފުޅެވެ.
ގަބުރުސްތާނުގައި ހުރި ކުޑަ މިސްކިތެއް
އެދުރު ކަލޭފާނަކީ ބޮޑުތިލަދުންމަތީގެ ވެރިކަންކޮށްފައިވާ އަތޮޅު ވެރިއެއްވެސްމެއެވެ. އެދުރު ކަލޭފާނަށް އަތޮޅުވެރިކަން ދެއްވާފައިވަނީ މުހައްމަދު ތަކުރުފާނުގެ ވެރިކަމުގައެވެ. ހިތާމައަކީ ތާރީހީ ލިޔުންތަކުންވެސް އެދުރު ކަލޭފާނާ ބެހޭ މާބޮޑު މައުލޫމާތެއް ފެންނާން ނެތުމެވެ. ހަމައެފަދައިން ނޮޅިވަރަންފަރުގައި ހުރި އެދުރު ކަލޭފާނުގެ ޒިޔާރަތް ވަނީ ވީރާނާވެ ނެތިދާން ފަށާފައެވެ. ސަރުކާރުން އެތަން ހިމާޔަތްކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ތަނެއް ފެންނާކަށްނެތެވެ. ޒިޔާރަތް ހިޔާކުރުމަށްޓަކައި އަޅާފައިވާ ގެގަނޑުވެސް ވަނީ ވީރާނާވެފައެވެ. މިފަދަ ތަންތަނަކީ ދިވެހި ތާރީހަށްޓަކައި ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭން މަޖުބޫރު ތަންތަނެވެ.
އާސާރީ ގަބުރުސްތާނުގައި ހުރި މަހާނައެއް
ރަށުގެ ދުވަސްވީ މީހުން ބުނާގޮތުން އެ ޒިޔާރަތަށް މިހާރުވެސް ނަދުރު ބުނާ ކަމަށްވެއެވެ. މިފަދަ ޝިރުކަށް މަގުފަހިވާ ބޯދާ ކަންކަމުން ދުރުހެލިވެ މިފަދަ ތަންތަން ހިމާޔަތްކޮށް އެދުރު ކަލޭފާނުމެންފަދަ ގައުމަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ޒިކުރާއާކުރުން މާ އެދެވިގެންވެއެވެ.
އެދުރު ކަލޭފާނުގެ ޒިޔާރަތް ނޫން އިތުރު ޒިޔާރަތްވެސް އެ ގަބުރުސްތާނުގައި ހުއްޓެވެ. އެއީ ބިލެއްހަދާ އާމިނަގެ މަހާނަ ކަމަށް ބައެއް ދުވަސްވީ މީހުން ބުނި ނަމަވެސް އެ އާމިނާއާ ބެހޭ އިތުރު މައުލޫމާތެއް ދަންނަ ފަރާތަކާ ދިމާލެއްނުވި އެވެ. މީގެއިތުރުންވެސް އެތައް މުހިންމު ފަރާތަކެއްގެ މަހާނަ އެ ގަބުރުސްތާނުގައި ހުއްޓެވެ. އަދި ކުޑަކުޑަ ހުކުރު މިސްކިތެއްވެސް އެތާނގައި ހުއްޓެވެ. އެ މިސްކިތްވެސް ވަނީ ވީރާނާވާން ފަށާފައެވެ.
ބިލެއް ތަޅާ އާމިނަގެ މަހާނަކަމަށް ދުވަސްވީ މީހުން ބުނި މަހާނަ
މީގެއިތުރުން ނޮޅިވަރަންފަރުގެ “އެދުރު ހިޔާ” އަކީވެސް ފާހަގަކޮށްލެވޭ ތަނެކެވެ. އެތަނަކީ އެދުރު ކަލޭފާނު ދިރިއުޅުއްވި ގެ ކަމަށްވެއެވެ. އަދި އަތޮޅުވެރިކަން ކުރި ގެ ވެސް ހުރީ އެތާ ކަމަށްވެ އެވެ. ނަމަވެސް މިހާރު އެ ގެ ވީރާނާވެގެން ގޮސްފައިވާއިރު މިހާރު ހުރި އިމާރާތަކީ އޭގެ މައްޗަށް ބިނާކޮށްފައިވާ އިމާރާތެކެވެ.
ސާރުކާރުން ހިމާޔަތްކޮށްފައިވާ ލާމި ގަހެއްވެސް އެ ރަށުގައި ހުރެއެވެ. އެ ގަހަކީ މިހާރު ގަރުނަކަށް ވުރެވެސް ގިނަ ދުވަސްވީ ގަހެއް ކަމަށްވެއެވެ.
ނޮޅިވަރަންފަރުގެ ދަނޑުވެރިއެއް
މިހާރު ނޮޅިވަރަންފަރުގައި އިތުރު ތިން ރަށެއްގެ ރައްޔިތުންވެސް ދަނީ ދިރިއުޅެމުންނެވެ. އެއީ ހދ.ކުނބުރުދޫ، މާވައިދޫ އަދި ފަރިދޫ މީހުންނެވެ. ނޮޅިވަރަންފަރަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން މިހާރު ކުރަމުން އަންނަ ރަށެކެވެ.
ތާރީޚީ ހާދިސާތަކާ ގުޅިފައިވާ ގައުމުގެ މުހިއްމު “ބަޠަލުން”ގެ ޒިކުރާ އާކުރަން ޖެހެއެވެ. ތާރީހަށްޓަކައި އެ ބޭކަލުން ދިރިއުޅުއްވި ތަންތަނާއި ދިރިއުޅުއްވި ގޮތް ރައްކާތެރިކޮށް އަންނަ އޮތް ޖީލުތަކާ ހަމައަށް ގެންގޮސް ދިނުމަކީ މިއަދުގެ މީހުންގެ މައްޗަށް އޮތް ވާޖިބެއްކަން ކަށަވަރެވެ. ކައުންސިލާއި އަމިއްލަ ޖަމިއްޔާތަކުން ސަރުކާރާ ގުޅިގެން މިފަދަ ކަންކަން އިސްލާހުކުރުމަށް އަވަސްވެގަންނަން ޖެހެއެވެ.