twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހދ އަތޮޅު ޤުރުއާން މުބާރާތް: އިންތިޒާމް ރަނގަޅު މުބާރާތެއް

Apr 11, 2015

މިދިޔަ ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ހދ އަތޮޅުގެ 11 ރަށަކުން ބައިވެރިވި އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅު ފެންވަރުގައި ބޭއްވުނު އެންމެ އިންތިޒާމް ރަނގަޅު މުބާރާތެވެ.

2011 އިން ފެށިގެން ހދ އަތޮޅުގައި މި މުބާރާތް ބާއްވަމުން އަންނައިރު މި މުބާރާތަކީ އަތޮޅު ކައުންސިލުން އެންމެ ބޮޑު ހޭދައެއްކޮށް އެންމެ ކުލަގަދަކޮށް ބާއްވާ މުބާރާތްކަން ފާހަގަކޮށްލެވެއެވެ. މިއަހަރު މި މުބާރާތް ނޮޅިވަރަންފަރުގައި ބޭއްވުނުއިރު ރަށް ވަނީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ރަށުގެ ކުދިބޮޑު އެންމެން ރަށަށް ޒިޔާރަތްކުރި އަވަށްޓެރި ރަށްތަކުގެ މެހެމާނުންގެ ހިދުމަތުގައި ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންދިޔައީ ލާމަސީލް މިސާލެއް ފަދައިންނެވެ.

އަތޮޅު ކައުންސިލުން މި މުބާރާތް އިންތިޒާމްކޮށްފައިވާއިރު މުބާރާތަށް އަތޮޅު ކައުންސިލުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އެހެން އަތޮޅުތަކުގައި ބާއްވާ އަތޮޅު ޤުރުއާން މުބާރާތަށްވުރެ ހދ އަތޮޅު ޤުރުއާން މުބާރާތް ފުރިހަމަ ވަނީ އެހެންވެއެވެ.

އެހެން އަތޮޅު މުބާރާތްތަކުގައި އަތޮޅު ކައުންސިލުން ވަކި ވަރަކަށް ރުފިޔާ ދިނުމުން ކެއުމާއި ތިބުމުގެ ކަންތައްތައް ކުރަންޖެހެނީ އެބަޔަކު އަމިއްލައަށެވެ. ނަމަވެސް ހދ އަތޮޅު ކައުންސިލުން މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ކެއުމާއި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދެއެވެ.

ހަތަރު ގަޑީގެ ކެއުމަށް ނަން ހުސްކޮށް ކާތަކެތި ލިބެން ހުންނައިރު މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި ބެލެނިވެރިން އަތޮޅު ކައުންސިލުން މުބާރާތް އިންތިޒާމްކޮށްފައިވާ ގޮތާއިމެދު ވަރަށް ހިތްހަމަޖެހެއެވެ.

“ވަރަށް ހިތްހަމަޖެހޭ އަސްލު. ކާންވެސް ބޭނުން އެއްޗެއް ލިބެން އެބަހުރި. ތިބޭނެ ގެ އަބަހުރި. އަތޮޅު ކައުންސިލުން މިހާ ބޮޑު ހޭދަކުރާއިރު އުއްމީދަކީ މުބާރާތުގައި ބައިވެރިވާ ކުދިން އަތޮޅަށް ހިދުމަތްކޮށްދިނުން އޭރުން މިކޮށްދޭ ހިދުމަތުގެ އަގު ވަޒަންވީ. މިކަމުގައި އަތޮޅު ކައުންސިލް ވަރަށް ރަނގަޅު.” މުބާރާތުގެ ބައިވެރިއެއްގެ ބެލެނިވެރިއަކު ބުންޏެވެ.

ހިތްފަސޭހަ ބޮޑު ތަނެއް ކެއުމަށް ހަމަޖައްސާފައިވާއިރު ކޮންމެ ރަށަކަށް ވަކިން ތިބުމަށް ގެތައްވެސް ހަމަޖައްސާފައިވަނީ އަތޮޅު ކައުންސިލުންނެވެ. މީގެއިތުރުން ދަތުރުފަތުރާއި މީޑިޔާ އަދި ފޮޓޯގްރާފަރުން ތިބުމުގެ އިންތިޒާމްވެސް އަތޮޅު ކައުންސިލުން ހަމަޖައްސައިދީފަވެއެވެ.

މީގެއިތުރުންވެސް އެހެން ގިނަ ގޮތްގޮތުން ބެލިނަމަވެސް މި މުބާރާތަކީ އަތޮޅު ފެންވަރުގައި ބޭއްވޭ އެންމެ އިންތިޒާމް ރަނގަޅު އަދި އެންމެ ކުލަގަދަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ މި މުބާރާތުގެ ނަތީޖަ ފާލުކުރުމުގެ ހަފުލާ ލައިވް ސްޓީމްކޮށް ބެލުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަކަށް ލިބިގެންދިޔައިރު މުބާރާތުގެ ސީޑީވެސް ވަނީ ނެރެފައެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުން އަތޮޅުތަކުގެ ބައިން އެއްވަނަ ހދ އަތޮޅަށް ލިބިފައިވާއިރު އަތޮޅު މުބާރާތުގެ އިންތިޒާމް ރަނގަޅުވެ މުބާރާތުގެ ކުލަގަދަވުމަކީ މުބާރާތުގައި ބައިވެރިންނަށް އިތުރު ހިތްވަރެއްލިބި އައު ކާމިޔާބީތައް އަތޮޅަށް ގެނެސްދިނުމަށް ހޯދައިދެވީ ފުރުސަތެއްކަން ގަބޫލުކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355