twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގެ މަންމަން ދެ މެމްބަރުން: ޒިންމާދާރުކުރަން ރައްޔިތުން ނުކުންނާކަށް ނުވޭ ތަ؟

Jul 12, 2015

މިއީ ކުޅުދުއްފުށީ ތަމްސީލުކުރައްވަން ރައްޔިތުން މަޖިލީހުގައި ތިއްބަވާ ދެ މެމްބަރުންނެވެ. ހަގީގަތަށް ދަންނަވާނަމަ މަޖިލީހުގައި ތިއްބަވާ “މަންމަން” ދެ ބޭފުޅުންނެވެ. ރަށުގެ ތަރައްގީ ނޫނީ އަތޮޅުގެ ތަރައްގީއަށް ވިޔަސް މަޖިލީހުގައި ބަސްވިދާޅުވާން ކެރިވަޑައިނުގަންނަވާ ތިއްބަވާ ހަމައެކަނި ދެ މެންބަރުން ކަމަށް ދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ.

މި ބޭފުޅުން މަޖިލީހުގެ ގޮނޑި ކާމިޔާބުކުރަން ވެގެން ކުޅުދުއްފުށީގެ ރައްޔިތުންނަށް އެތަކެއް ހުވަފެނެއް ދެއްކި އެވެ. ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހަދާނެ ވާހަކަ އާއި މަގުތަކުގެ މަސައްކަތާއި ނުހެދިހުރި ގެވަޅުތައް ހެދުމަށް އެހީތެރިވެދޭނެ ވާހަކަ އެވެ. އަދި މި ނޫން ވެސް އެތަކެއް ހުވަފެނެއް ދެއްކި އެވެ. މި ހުވަފެންތަކުގައި ކުލަޖެހޭނެ ދުވަހެއް ނޭގޭއިރު އެ ދުވަހެއް ލޮލުގެ ހިމަކޮޅަށް ފެންނާކަށް ވެސް އޮތީއެއް ނޫނެވެ.

މި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުވެ ތިއްބެވި ގިނަ މެމްބަރުންނަކީ އެބޭފުޅުންގެ ދާއިރާއަށް ވަޑައިގެން ރައްޔިތުންގެ ހާލު ގާތުން ބައްލަވައި އެފަރާތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބުރަ މަސައްކަތަކެއް ކުރައްވާ ބޭފުޅުންތަކެކެވެ. ސަރުކާރާ ވާހަކަދައްކައިގެން މައްސަލައެއް ހައްލުނުވުމުން މަޖިލީހުގެ ތެރެއިންނާ ބޭރުން އެކަންކަމަށް ހައްލެއް ލިބޭތޯ އެބޭފުޅުން ބައްލަވަ އެވެ.

އެކަމަކު މި ދެ މެންބަރުން މި ގޮތަށް އުޅުންވާ ތަނެއް މަޖިލީހަކުން ނުފެނެ އެވެ. ހީވަނީ އަނގައިގަ އޮތް ރަންގަނޑެއް ވެއްޓިދާނެތީ އަނގަހުޅުވަން ނުކެރިގެން އުޅެނީ ހެންނެވެ. ކުޅުދުއްފުށީގައި ސަރުކާރުން ކުރަން ފަށާފައިވާ ބޮޑެތި މަޝްރޫއުތަކެއް ހުއްޓިގެން ކުރިއަށް ނުދާކަމެއް މި ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަކަށް ނަހައްދަވަ އެވެ. ރައްޔިތުން އެތަށް އުއްމީދެއް ކުރި، ކުޅުދުއްފުށީގައި އަޅަން ވައުދުވި އެއާޕޯޓުގެ ހަބަރެއް ނުވާއިރު ހިއްކި ވެލިގަނޑު ގިރައިގެން ދަނީ އެވެ. ހަދަން ފެށި މަގުތަކުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. މި ބޭފުޅުންނަށް ކަހާތަން ހިރުވާވެސް ނުލަ އެވެ. ކުޅުދުއްފުއްޓޭ ކިޔާފަ މަޖިލީހުގައި އަނގަވެސް ހުޅުވާލަން ކެރޭ ބަޔަކަށް ކުޅުދުއްފުއްޓަށް އައިސް 1 ދުވަހު ނުވަތަ 2 ދުވަހު ހުރެލާފަ ދިއުމަކީ ކުޅުދުއްފުށީ ރައްޔިތުންނަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ ތޯ އެވެ.

ބޮޑުތިލަދުންމައްޗޭ އުތުރުގެ ހިތޭ ކިޔައިގެން ތިއްބަކަސް ތަރައްގީއެއް ދުވަމަކުން ނާންނާނެ އެވެ. ނޫނީ ދެ ދުވަހުން އެއް ދުވަހު “ބާރެއް” ނެތް ކައުންސިލަރުން ބޮލަށް އެރިޔަކަސް ތަރައްގީއެއް ނުހޯދޭނެ އެވެ.

ތަރައްގީ ބޭނުންނަމަ ފުރަތަމަ ޖެހޭނީ ރައްޔިތުން އެކައްޗެއް ކިޔާ މަޖިލިސް މެމްބަރުން “ސައިޒް” ކުރަން ށެވެ. މެމްބަރުން އުޅޭތަނެއް ހޯދައިގެން އެމީހުންނާ ބައްދަލުކޮށް އެމީހުން ޒިންމާދާރުކުރުވަން ޖެހެ އެވެ. ރަށުގެ ތަރައްގީއަށް މަސައްކަތް ނުކުރެވެންޏާ މެމްބަރުން ޒިންމާދާރު ކުރުވުމުގެ ގޮތުން އިތުރު ކަންތައްތަކެއް ކުރަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެ މެމްބަރެއް ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތް ކުރާނެ އެއް ބައެކެވެ. ސަރުކާރާ މަޝްވަރާކޮށްގެން ކުރަން ޖެހޭ ކަންކަމާއި ގާނޫނަށް ގެންނަ ބަދަލުތަކުން ގެނެވޭ ބަދަލު ތަކާއި ޕޮލިސީ ލެވެލްގައި ކުރަންޖެހޭ ތަފާތު އެކި ކަންކަމުން ދާއިރާގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރަންޖެހޭ ރައްޔިތުންގެ ވަކީލުންނެވެ. އެހެންނަމަވެސް، މި ދައުރުގައި އެ ދެ މެމްބަރުންގެ ފަރާތުން ވެސް އެފަދަ އެއްވެސް ކަމެއް ފެނިގެން ނުދެއެވެ.

ރައްޔިތުންވެސް ހަމައެކަނި ބޯޅައެއް ހިފައިގެން ދަނޑުމަތީގައި ތިއްބަކަސް ރަށެއް ކުރިއަރާ ތަރައްގީއެއް ނުވާނެ އެވެ. ނޫނީ ތިއީ އަހަރެމެންނާ ބޭހޭ ކަމެއް ނޫނޭ ކިޔާފައި ދުރުގައި ހުރުމަކީ ހައްލެއް ނޫނެވެ. މިކަންކަމާ މެދު ރައްޔިތުން، ވަކީން ހާއްސަކޮށް ޒުވާނުން ވިސްނަން ޖެހެ އެވެ. ހައްލު ހޯދަން ޖެހެ އެވެ. މިކަމާ މިއަދު ނޫޅެވިއްޖެނަމަ ތިބުނާ އުތުރުގެ “ހިތް” އެހެން ރަށަކަށް ބަދަލުވެދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355