ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާނެ ދުވަހެއް އައުމަކީ ކުޅުދުއްފުށީގެ މަގުހިނގާ އާއްމު ރައްޔިތުންގެ އިތުރުން ވެހިކަލްތައް ދުއްވާ ފަރާތްތަކުން ވެސް ވަރަށް ކުރިންސުރެ އުއްމީދު ކުރަމުން އައި ދުވަހެކެވެ. މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ފުރަތަމަ ހަދާފައިވަނީ އަމީނީ މަގެވެ. ނަމަވެސް ތާރު އަޅައިގެން ހަދާފައިވާ ކުޅުދުއްފުށީ އަމީނީ މަގުގެ މަސައްކަތް އަދިވެސް އެއްކޮށް ނިމިފައެއް ނުވެއެވެ. އަދި ސަރުކާރުން 2010 ވަނަ އަހަރު ފެއްޓި ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތާ މިހާރު އަހަރަކަށް ވުރެ ގިނަދުވަސް ވަނީ ވެފައެވެ.
އަމީނީ މަގުގެ މަސައްކަތުގެ ތެރެއިން 2014 ވަނަ އަހަރު ޓްރެފިކް ފުލުހުންގެ އެހީތެރިކަމާއެކު އަމީނީ މަގުގައި ދުވެލި މަތައާއި ކަފިހި ހުރަސް ޖަހާނެ ތަންތަން ކަނޑައަޅާފައި ވާއިރު މިހާތަނަށް ވެސް އެމަގުގައި ދުވެލި މަތަ އަދި ކަފިހި ހުރަސް ޖެހިފައެއް ނުވެއެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ކުޅުދުއްފުށީ ރަށު ކައުންސިލުން ބުނެފައިވަނީ އަމީނީ މަގުގައި ކަފިހި ހުރަހާއި، ދުވެލިމަތަ ހަދަން މޯލްޑިވްސް ރޯޑް ޑިވެލްޕޮމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ ހަވާލުކޮށްފައި ވާކަމަށެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ބަންޑާރަ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރާއިރު އަމީނީމަގުގައި ކަފިހި ހުރަހާއި ދުވެލިމަތަ ހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްއާރްޑީސީ ވިދާޅުވެފައިވާ ކަމަށާއި އެހެން ނަމަވެސް މަސައްކަތް ނުފެށިވާ ސަބަބެއް އަންގާފައިނުވާ ކަމަށެވެ. އަދި މަސައްކަތް ފަށާނެ ތާރީހެއްވެސް އެމްއާރުޑީސީން ކައުންސިލަށް އަންގާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ބަނޑާރަމަގު.މިމަގުގައި އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށްގޮސްފައެއް ނޫވޭ–
ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ކުޅުދުއްފުށީ އަމީނީމަގުގައި 13 ދުވެލިމަތަ ހަދާއިރު 11 ކަފި ހުރަސް ހަދަން ވަނީ ހަމަޖެހިފަ އެވެ.
އަމީނީ މަގުގެ އިތުރުން ކުޅުދުއްފުށީ ބަންޑާރަ މަގުގައިވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތާ އަހަރެއް ވެފައިވާއިރު މި ޕްރޮޖެކްޓްތައް ހަވާލު ކުރެވިފައިވާ އެމްއާރްޑީސީން މިކަމާ ބެހޭގޮތުން މިހާރު ކުރަމުންދާ މަސައްކަތުގެ އެއްވެސް މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފައެވެ.
މިދިޔަ އަހަރު ޖުލައި މަހުތެރޭގައި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވެފައި ވަނީ ބަންޑާރަ މަގުގެ މަސައްކަތް ހުއްޓިފައިވަނީ މެޝިނަރީތައް ހަލާކުވެގެން ކަމަށާއި މަރާމާތުކުރުމަށް ބޭނުންވާ އެއްޗެހި ރާއްޖެއިން ލިބެން ނެތުމުން މިތަކެތީގެ ސްޕެއަރ ޕާރޓްސް ބޭރުން ގެނައުމުގެ މަސައްކަތް ކުރެވެމުން ދިޔަ ކަމަށެވެ.
އޭގެ ފަހުން އެ އަހަރު އޮކްޓޯބަރ މަހު ތެރޭގައި ނަޒީމް މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ހަލާކުވެފައިވާ މެޝިނަރީތަކަށް ހައްލެއް ގެނެސްފައިވާނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މަސައްކަތް އަލުން ފެށޭނެ ކަމަށެވެ.
އެހެންނަމަވެސް ބަންޑާރަ މަގުގެ މަސައްކަތް ފެށިފަހުން މިހާތަނަށް މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ.
ބަންޑާރަ މަގުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު މާޗްމަހުގެ 14 ވަނަ ދުވަހު އެވެ.