twitterviber whatsapp telegramfacebookyoutube instagram
18th April 2024

މެންބަރު ނަޝީދު ވައުދުވި 500 ގެވަޅުގެ މަޝްރޫއަށް ވީ ކިހިނެތް ބާ؟

May 31, 2015

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، މިދިޔަ އަހަރު އޮތް މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ކުޅުދުއްފުށީގައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން “ގެވަޅު” ވާހަކަ ހަނދާނުގައި މިހާރު ކުރީ ކިތައް ބޭފުޅުން ބާވައެވެ.

ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާ ނުނިމި ނުވަތަ ފައިސާގެ ދަތިކަމާ ހުރެ ގެވަޅު ނުހެދިހުރި ފަރާތްތަކުގެ ތެރެއިން  500 ގެވަޅު ސަރުކާރުގެ ހަރަދުގައި ހަދައިދީ ނިންމާ، އެތަންތަނުގެ ތަޅުދަނޑި ލިބުމުން، ރޯ ހައުސްތަކަށް ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުން އެކަން ކުރައްވަން ރައީސް ޔާމީންގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށާއި އަދި އެ ކަމަށް ސަރުކާރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް މެންބަރު ނަޝީދު މިދިޔަ އަހަރުގެ މާރޗް މަހުގެ 14 ވަނަ ދުވަހުގެ ރޭ ވިދާޅުވި އެވެ.

އެހެން ވިދާޅުވި ފަހުން މިއަދަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އެކަމުގެ އެއްވެސް ހަބަރެއް ދަބަރެއް ވެފައިވާނުވާއިރު އެކަމާ މެދު ސަރުކާރުންވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

އެރޭ ނަޝީދު ދެއްކެވި ވާހަކަފުޅުގައި އެ މަޝްރޫއު ހައުސިން މިނިސްޓްރީ އިން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ސީދާ އެބޭފުޅާގެ މަސައްކަތުން ސަރުކާރުގެ ތެރެއިން ކުރެއްވި ކަމެއް ކަމަށް ނަޝީދު ވަނީ އެރޭގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.

“އަޅުގަނޑަށް ކުޅުދުއްފުށީން ލިބުނު ހިޔާލަކާ ގުޅިގެން ސަރުކާރުގައި ދަންނަވައިގެން ސަރުކާރުގެ ހަރަދުގައި ކުޅުދުއްފުށީ ދެ ދާއިރާއަށް ނިސްބަތްވާގޮތަށް ގެވަޅު ލިބި އިމާރާތް ނުކުރެވިހުރި 500 ގެވަޅުގައި އިމަރާތްކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން ވަނީ ހަމަޖެހިފައި” ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިދިޔަ އަހަރުގެ 56 ނަމްބަރު ސިޓީން މިކަމުގެ ހުއްދަދެއްވާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ކޮންމެއަކަސް، އެ މަޝްރޫއަކީ ކުޅުދުއްފުށި ކަހަލަ ރަށަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް މަޝްރޫއެކެވެ. ކެމްޕެއިނުގައި އެގޮތަށް އެ ވިދާޅުވީވެސް އެކަމުގެ މުހިއްމުކަން ބޮޑުވުމުންކަމަށް ވެދާނެއެވެ. ނަޝީދު ވިދާޅުވި ގޮތަށް ސަރުކާރުގެ ރުހުން ލިބިފައި އޮތް މަޝްރޫއެއް އިއުލާނުކުރަން، ނުވަތަ އެ މަޝްރޫއުގެ އަމަލީ ސިފަ ފެންނަން މިހާ ދިގު މުއްދަތެއް ހޭދަވަނީ ކީއްވެކަމެއް ސާފުވާގޮތެއް ނުވިއެވެ.

” ކުޅުދުއްފުށީގެ ތަރައްގީއާއި ކުރިއެރުމަށް ކުރަންޖެހުނު ކޮންމެކަމެއް ސަރުކާރުގެ ތެރެއިން ކުރައްވާނެ ކަމަށާއި ނިމިދިޔަ ފަސް އަހަރު އަމިއްލަ މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަންޖެހުމުން އެކަށީގެންވާގޮތަށް މަސައްކަތް ކުރެވިފައި ނުވާކަން މިހާރުވެސް އިހްސާސް ކުރެވޭކަމަށް” ނަޝީދު އޭރު ވިދާޅުވި އެވެ.

މިކަމާއި ބެހޭގޮތުން މެންބަރު ނަޝީދުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެ މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އޭގެ އިތުރުން ނަޝީދުގެ ހަރަދުގައި ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް މިވީހާތަނަށްވެސް ފެށިފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355