ދިވެހިރާއްޖޭގައި މިހާރަކަށް އައިސް ޕޮޓޯގްރަފީގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިފައި ވާ ޒުވާނުން ގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ދާއިރާގައި މަސަކަތް ކުރަމުން އަންނަ މީހުންގެ އަދަދުވެސް މަދެއް ނޫންކަން މި އޮތީ ފާހަގަ ކޮށްލަން ޖެހިފައެވެ.
ނަމަވެސް ރާއްޖޭގައި މި ދާއިރާގެ ކުރިއެރުމަށް ހުރި ކިތަންމެ ގޮންޖެހުންތަކެއް އެބަވެއެވެ. އޭގެ ތެރެއިން އެއްކަމަކަށް ވެފައި އޮންނަނީ ރާއްޖޭގައި ބިދޭސީ ޕޮޓޯގްރާފަރުން ހަރަކާތްތެރިވާލެއް ގިނަވުމުގެ ސަބަބުން ދިވެހި ޕޮޓޯގްރާފަރުންނަށް ދެވިފައިވާ އެހަންމިއްޔަތު ކުޑަވުމެވެ. މީގެ ސަބަބުން ދިވެހި ޕޮޓޯގްރާފަރުންނަށް ލިބޭ ފުރުސަތުތައް ވަނީ ހަނިވެފަ އެވެ.
ދާދިމިދާކަށްދުވަހު ރާއްޖޭގައި އުޅޭ ދިވެހި ފޮޓޯގްރާފަރުންނަށް ވަނީ އުފާވެރި ހަބަރެއް ލިބިފައެވެ. ޑިޕާޓްމަންޓް އޮފް އިމިގުރޭޝަން އެންޑު އެމިގްރޭޝަނުން ނެރެފައިވާ އިއުލާނެއްގައި ވާގޮތުން ރާއްޖޭގައި އުޅޭ ބިދޭސީ ފޮޓޯ ގުރާފަރުން ފޮނުވާލުމަށް އެ މީހުން ރާއްޖެ ގެނެސްފައިވާ ފަރާތްތަކަށް މިހާރު ވަނީ އަންގާފައެވެ. އަދި މީގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީ ކޭޝިއަރުން ފޮނުވާލުމަށް ވެސް ވަނީ އެއިއުލާންގައި އަންގާފަ އެވެ.
މިއީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ދިވެހި ޒުވާނުން ވަޒީފާ އަށް ނެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެން ދިޔަ ކަމެއްކަމަށް އެއިއުލާނުން ހާމަވެއެވެ.
އިމިގްރޭޝަނުން ގެޒެޓުގައި ކޮށްފައިވާ މިއިއުލާނުގައި ބުނެފައި ވަނީ ފޮޓޯގްރަފީގެ މަސައްކަތަށާއި ކޭޝިއަރުންގެ މަގާމަށް ގެނެސްފައިވާ ބިދޭސީން، 7 ޖޫން 2015ގެ ކުރިން ރާއްޖެ އިން ފުރުވާލުމަށް ފަހު، އެ ބިދޭސީންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލް ކުރުމަށް އެދޭ ކަމަށެވެ. އަދި “ފޮޓޯގްރަފީ”ގެ މަސައްކަތަށާއި ކޭޝިއަރުންގެ މަގާމަށް ކޯޓާ ދޫނުކުރުމަށާއި ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރުމަށް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުގެ އިއުލާނުގައި ބުނެފައި ވެއެވެ.
އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު އެ ޑިޕާޓުމަންޓުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވެފައި ވަނީ ދިވެހި ފޮޓޯގުރާފަރުންގެ ކަންބޮޑުވުމަށް ހައްލެއް ގެނެސްދޭނެ ކަމަށާއި މީގެ ފަހުން ބޭރުގެ ފަރާތްތަކަށް ފޮޓޯގުރާފީގެ މަސައްކަތް ކުރުމަށް ހުއްދަ ދޫނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފޮޓޯގްރަފީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރޭގައި ހިމަނާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.