twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަގު ހެދުމުގެ މަޝްރޫއު ހުއްޓިފައި: ކަންބޮޑުވާ ބަޔަކު ނެތް

Jun 9, 2015

ކުޅުދުއްފުށީގައި ވެހިކަލްތައް ގިނަވުމުގެ ސަބަބުން، ވާރޭ ވެހޭ ކޮންމެ ފަހަރަކުހެން މަގުތަކުގައި ފެންބޮޑުވެ، މަގުތައް އެއްކޮށް ޗަކަކޮށްލަ އެވެ. އޭގެ ސަބަބުން މަގުގެ ބޭނުން ހިފާ ފަރާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. އާދައިގެ ވަރަކަށް ވާރޭ ވެހޭ ދުވަހެއްނަމަ ބައެއް ސަރަހައްދުތަކުގައި ފޫޓަކަށް ވުރެ މައްޗަށް ފެންބޮޑުވެފަ ހުންނައިރު ހިކިފަސް މަގެއް ނޯވެ އެވެ.

ވެރިރަށް މާލެ ފިޔަވައި ދެން އެންމެ ފުރަތަމަ ރަގަޅު ފެންވަރަކަށް މަގުތައް ހެދުމުގެ މަސައްކަތް ކުރަން ފެށީ ކުޅުދުއްފުށީގަ އެވެ. އެއީ 2010 ވަނަ އަހަރު އެވެ. މިހާރު އެ މަޝްރޫއަށް ފުރިހަމަ 4 އަހަރުވެގެން ދިޔައީ އެވެ. ހަދަން ފެށި އަމީނީމަގު ވެސް އެއްކޮށް ނިންމާނުލެވުނު އިރު ދެން އިތުރު މަގެއްގެ މަސައްކަތް ފެށިފައެއް ނުވެއެވެ.

2010 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން އޭރު ހަމަޖައްސާފައިވަނީ ކުޅުދުއްފުށިގެ ހުރިހާ ބޮޑެތި މަގުތަކެއް ހަދާގޮތަށެވެ. އެކަމަކު އެތައް “ސަކަރާތަކަށް” ފަހު އެއްބައި ނަމަވެސް ހެދުނީ އަމީނީމަގެވެ.

މަޖިލިސް އިންތިހާބު ބޯމަތިވެފައިވާ ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ބަންޑާރަމަގު ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އެކަމަކު އެއީ ހަމަ ދައްކާލި ދަޅައެއްކަން މިހާތަނަށް ވެސް އިތުރުކަމެއް ކުރެވިފައި ނެތުމުން އެނގެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ މި މަޝްރޫއު ކުޅުދުއްފުށިގައި ހުއްޓިފައި އޮއްވައި 4 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އެމަސައްކަތް އެރަށްރަށުގައި ބާރަށް ކުރިއަށްވެސް ދެ އެވެ. އެހެން ރަށްރަށުގެ މަގުތައް ހެދުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ކުރިން ފަށާފައިވާ ތަނެއްގައި އެމަސައްކަތް ހުއްޓިފައި އޮތުމަކީ ގަބޫލުކުރަން ދަތިކަމެވެ.އެއީ ސަރުކާރުން ކުޅުދުއްފުށީ ރައްޔިތުންނާ ދޭތެރޭ ގެންގުޅޭ ތަފާތުކުރުމަކަށް ވެސް ވެދާނެ އެވެ.

މަގުތައް ހެދުމުގެ މަޝްރޫއު ހުއްޓިފައި އޮންނަތާ 4 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވީއިރު މިމަޝްރޫއު ކުޅުދުއްފުށީގައި ކުރިއަށްނުގޮސް އޮތް ސަބަބެއް ބުނެދިނުމަށް އެ މަޝްރޫއު ހިންގާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ސީދާ ދެކޮޅު ހަދާފަ އެވެ.

ކުޅުދުއްފުށީގެ މަގުތަކުގެ މަޝްރޫއު ކުރިއަށް ނުގޮސް މިހާގިނަ އަހަރުތަކެއް ވީއިރު މިކަމުގަ މިހާތަނަށް އެއްވެސް ބަޔަކު ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. ކުޅުދުއްފުށީ ކައުންސިލާއި ހދ. އަތޮޅު ކައުންސިލާއި މަޖިލީހުގެ ކުޅުދުއްފުށީ ދެ ދާއިރާގެ މެމްބަރުންނާއި ރައްޔިތަކު ވެސް މިކަމާ ކަންބޮވެ، އަޑު އުފުލިތަނެއް ނުފެނެ އެވެ.

ސަރުކާރަށް ޑިމާންޑްކޮށް ޕްރެޝަރ ނުކުރާނަމަ ބައެއް ފަހަރު މިފަދައިން ފަށާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭތަނެއް ނުފެނެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފެންނަނީ ކޮންމެ ގޮތެއް ވަރިހަމަ ސިޔާސަތެކެވެ. ތަރައްގީއަށް މަސައްކަތްކުރުމުގެ ނަމުގައި އުފައްދާފައިހުރި އަމިއްލަ ޖަމާއަތްތަކާއި ކައުންސިލުންވެސް މިފަދަ ކަންކަމުގައި ގެންގުޅެނީ ހަމަ އެސިޔާސަތެވެ. އެއީ ސަރުކާރަށް އެކަން ނުކުރުމަށް ނުވަތަ އެކަމަށް އިސްކަން ނުދިނުމަށް ލިބޭނެ ހިތްވަރެއްކަން ޔަގީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355