މިއީ ވަރަށް އާއްމުކޮށް ފެންނަ ކަމެކެވެ. ކަސްރަތު ކުރާ މަޝްހޫރު މީހުންގެ ޕޭޖުތަކަށް ލައިކް ކުރެއެވެ. އެމީހުންގެ ޕޯސްޓްތައް ޝެއަރ ވެސް ކުރެއެވެ. ކަސްރަތުގެ މައުލޫމާތު ލިބޭ އެޕްލިކޭޝަންތައް ފޯނަށް ވެސް އަޅައެވެ. ނަމަވެސް ސުވާލަކީ އެހިސާބު ކަސްރަތުކޮށް ނިމުނީ ހެއްޔެވެ؟ ދައްކަން މިއުޅެނީ ހަމައެކަނި ކަސްރަތުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ޓެކްލޮނޮޖީއާއެކު އަހަރެމެންނަށް އެތައް މައުލޫމާތަކާއި ފަސޭހަތަކެއް ލިބިފައި ވާއިރު، އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފޭ ވާހަކައެވެ.
ދުނިޔެ ތަރައްގީވާ ވަރަކަށް މީހުންގެ ވިސްނުމާއި ފިކުރާ ހިޔާލްތައް ބަދަލުވަމުންދާއިރު ދިރިއުޅުމުގެ ވައްޓަފާޅިވެސް މިއަންނަނީ ބަދަލުވަމުން ނެވެ. ޓެކްނޮލޮޖީގެ އަލިން މުޅި ދުނިޔެ އަލިވެ މީގެ ވިއްސަކަށް އަހަރުކުރިން މީހުންގެ ސިކުނޑިއަށް ވިސްނައިވެސް ނުގަނެވޭނެ އެތައްކަމެއް މިވަނީ މިހާރު ތައާރަފް ވެފައެވެ.
ފޭސްބުކް، ވައިބާރ، އިންސްޓަގްރަމް މިއީ މިހާރު ދިރިއުޅުމުގެ އެއްބައިކަމުގައި ވަނީވެފައެވެ. ވައިފައި ނުލިބޭ ތަނެއް މިވަނީ ފޫހިތަނަކަށްވެފަ އެވެ. ރެސްޓޯރެންޓަކަށް ކާން ދިޔަސް ނުވަތަ ކޮފީ އަކަށް ދިޔަސް އެންމެ “ވައިފައި ރަގަޅު” ތަނަކަށް ނޫނީ ނުދެވެ އެވެ.
ޓެކްނޮލޮޖީތެރޭގައި ފިޔަޖަހަމުން ދާއިރު އަހަރެމެންނަށް ފަރުވާ ކުޑަކުރެވޭ ކަންތައްތަކާއި މެދު ވިސްނާލެވެނީ މަދު މީހަކަށެވެ. އަދި އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައިވެސް ހިފެނީ މަދު ބަޔަކަށޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.
ކުޑަކުދިން ވެލި ކުޅުނު ޒަމާން ހިގައްޖެވެ. ރުއްގަނޑުތެރޭ ފިއްލަ ފިއްލާ ކުޅުނު ދުވަސްވެސް ފާއިތުވެއްޖެ އެެވެ. މިހާރު ކުދިންނަށް ކުޅިވަރަކީ ޕްލޭ ސްޓޭޝަނާއި އިންޓަނެޓް ގޭމްތަކެވެ. މިއީ ކުއްޖާ ވާހަކަ ދައްކަން ދަސްވާ އުމުރުން ފެށިގެން މިހާރު އެންމެ ދޯޅަ އެއްޗެސައް މިވަނީ ވެފައެވެ. އަބަދު ކޮމްޕިއުޓަރ ކައިރީގައި އިނުން އާދައަކަށް ހެދުން މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ސަބަބުން ކުދިންގެ ސިއްހަތައްވެސް ބޮޑެތި އަސަރުތަކެއް ކުރާކަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.
އެގޮތުން ކުޑަކުދިންނަށް ލޮލުގެ މައްސަަލަތަކާއި ބަރުދަން އިތުރުވުން މިއީ އާންމު މައްސަލަތަކެވެ. އަދި ކުދިން ހެލިފެލިވެ އުޅެންވީ ދުވަސްވަރު މިފަދަ މައްސަލަތަށް ދިމާވުން އެއީ ކުއްޖާ ބޮޑުވަމުން އަންނަވަރަކަށް އިތުރު މައްސަލަތަކަށް މަގުފަހިވެދާނެ ކަމަކަމެވެ. އަދި އިންޓަނެޓްގެ ސަބަބުން ދިވެހި ބަހަށްވުރެ އިގިރޭސި ބަހަށް މިހާރުގެ ކުޑަކުދިން ފަރިތަވުން މިއީވެސް މި މުޖުތަމައުއަށް ވެސް ދިމާވާނެ ދެރައެކެވެ.
މިއީ ހަމައެކަނީ ކުޑަކުދިންގެ ވާހަކައެއް ނޫނެވެ. މިއީ އެކުދިންނަށް މަގުދައްކަން ތިބި ބޮޑެތި މިހުންގެވެސް ވާހަކަ އެކެވެ.
ކުޑަކުދިންނަށް ނަމޫނާ ދައްކައިގެންދޭން ތިބި ބޮޑެތި މީހުންވެސް ކަންކަމުގައި ފަރުވާ ކުޑަކޮށް ފޭސްބުކުގައި ތިބޭތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިއީ އިންޓަނެޓްގެ ޒަރިއްޔާއިން ނަމާދު ވަގުތުތައް ފަސޭހައިން އެގެން ހުންނަ ޒަމާނަކަށްވާއިރު ދަރިފުޅު ގޮވައިދެން ނަމާދަށް ދަނީ މަދުމީހެކޭ ބުމުނުން ދޮގަކަށްނުވާނެ އެވެ. ނަމާދު ވަގުތު ބުނެދޭ އެޕަކީ ހަމައެކަނި ދެއްކުން ތެރިކަމަށް އަޅާފާ ހުންނަ އެޕަކަށް ނުހަދާށެވެ.
ޓެކްނޮލޮޖީގެ ސަބަބުން ބޮޑެތި މީހުންގެ ސިއްހަތައް ވެސް ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފައެވެ. ހަތަރު ދަމު ޓީވީ ސީރީޒްތައް ބެލުމާއި ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތުތައް ގިނައެވެ. މިކަމުގެ ސަބަބުން މީހުން ކަންނެތްވެ ސިއްހީ މައްސަލަތައް ދިމާވާން ފަށެވެ. ސިއްހަތާ ޓެކްނޮލޮޖީގެ ވާހަކަ ދައްކާނަމަ، ކަސްރަތު ކުރުމާބެހޭ ތަފާތު އެޕްތައް މިހާރު ހުރިކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް ގިނަ ފަހަރު މި އެޕްތަކަކީ ރީއްޗަކަށް އިސްޓޯލްކޮށްލާ އެއްޗަކަށް އޮންނަނީ ވެފައެވެ. ނުވަތަ އެނެއްބައި މީހުންގެ ކަމަކީ ކަސްރަތު ކުރާ މީހުންގެ ފޭސްބުކް ޕޭޖްތަކަށް ލައިކްވެ އެމީހުންގެ “އިންސްޕިރޭޝަނަލް ޕޯސްޓް”ތައް ޝެއަރ ކުރުމެވެ. ނަމަވެސް ކަސްރަތެއް ކޮށްލަން ކެރޭ މީހަކު މަދެވެ.
ޓެކްނޮލޮޖީގެ ސަބަބުން އެތައްފަސޭހަތަކެއް ވީނަމަވެސް އަހަރެމެން އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް މިވަނީ ފަރުވާ ކުޑަކުރެވިފައެވެ. ޓެކްނޮލޮޖީގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ. ކަސްރަތަކީ ހަމައެކަނި ކަސްރަތު ކުރާ މީހުންގެ ފޭސްބުކް ޕޭޖް ތަކަށް ލައިކް ކުރަން ކަމުގައި ނުހަދާށެވެ. އިޖްތިމާއީ ގުޅުމަކީ ހަމައެކަނި ފޮޓޯއަކަށް ކޮށްލައި ކޮމެންޓަކަށް ނުހަދާށެވެ. ނަމަދު ގަޑި ބުނެދޭ އެޕަކީ ދެއްކުންތެރި ކަމަށް އަޅާފައި އޮންނަ އެއްޗަކަށް ނުހަދާށެވެ.