ލިޔުނީ: ފާތުމަތު ރިފްއާ
ކާއިންގެ ހަޔާތުގައި ބޮޑުބައެއް ފުރިހަމަވީ ކަމުގައި އިހްސާސް އޭނާއަށް މިއަދު ކުރެވެމުން ދެއެވެ. ކާރޫބާރުބޮޑު އިންޑިޔާގެ އެއާރޕޯޓުގައި މާލެދެވޭނެކަމުގެ އިންތިޒާރުގައި ކާއިންހުރީ ވަރަށް ފޮނި އުންމީދާއެކު އެވެ.
ހ.ޕްލެމިންގޯގެ އެންމެހާ މެމްބަރުންގެ މޫނުމަތިން ވެސް އުފާވެރިކަން ފެންނަމުން ދިޔައެވެ. ކުދިބޮޑު އެންމެން އެއްވެސް ވަރުބަލިކަމެއްނެތި ގޭތެރެ ޒީނަތްތެރި ކުރަމުން ދިޔަ އެވެ.
ގަޑީގެ ކަށި އޭގެ ވާޖިބު ބަރާބަރަށް އަދާކުރަމުން ދެއެވެ. ގަޑިން 7 ޖެހިއިރު ކާއިނަށް ހުރެވުނީ މާލެ އެއާޕޯޓް ތެރޭގަ އެވެ. ކާއިން ގެނައި ލަގެޖްތައް ހިފައިގެން އެހެން ފަސިންޖަރުންނާ ދުރަށް ޖެހިލުމަށްފަހު ލައިގެންހުރި ކަޅު ސްކިނީ ޖީންސް ތެރެއިން އޭނާ މޯބައިލް ފޯނު ނަގައި އޭނާގެ ބައްޕައަށް ޑައިލް ކޮށްލިއެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދިނުމުން ކާއިން ކުޑަކޮށް މާޔޫސްވި އެވެ. ވާނީ ވެސް އެހެންތާއެވެ. ފަސް އަހަރު ވަންދެން މައިންބަފައިންނާ ވަކިން އުޅުމަށްފަހު ރާއްޖެއައިރު އާއިލާގެ އެއްވެސް މީހަކު އޭނާ ރިސީވްކުރަން އައިސްފައި ނެތުމުން ދެރަނުވާނީ ކާކު ހެއްޔެވެ؟. މީގެ އިތުރުން ކާއިންގެ ހިތް ތެޅިލީ ބައްޕަ ފޯނަށް ޖަވާބު ނުދިނުމުންނެވެ. މީގެ ކުރިން ދުވަހަކުވެސް ބައްޕަގެ ފަރާުތުން ނުވާކަމެއް މިއަދު ވެގެން ދިއުމުންނެވެ.
ކާއިން އަވަސް އަވަހަށް ޓެކްސީއެއް ހޯދުމަށް ފަހު ގެނައި ލަގެޖްތައް ޓެކްސީއަށް ލައިގެން ޓެކްސީގައި އިށީދެ ހ.ފްލެމެންގޯއަށް ދިއުމަށް ޑްރައިވަރުގާތު އެދުނެވެ. މާލަސްތަކެއްނުވެ ކާއިންގެ ގޭދޮރުމައްޗަށް ޓެކްސީ މަޑުކޮށްލުމުން އަވަސްއަރުވާލައިފައި ނިކުމެ ކާރުގެ ޑިކީތެރޭގައި ހުރި އޭނާގެ ލަގެޖްތައް ނަގައިގެން ކުރިއަށް ކުރިއަށް އަޅަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ ގޭދޮރުމަތީ އެއްވެސްމީހެއްގެ ފައިވާނެއް ނެތުމާއެކު ސިޓިންރޫމް މިރޭގަނޑުގެ ވަގުތުގުގައިވެސް އަނދިރިކޮށް ހުރިކަމުގެ އިހްސާސް ކުރެވުމުނެވެ. އެހެންކަމުން ޖެހިލުންވި ނަމަވެސް ދެވަނަ ސިކުންތުގައި ގޮސް ސިޓިންރޫމުގެ ދޮރު މަޑުމަޑުން ހުޅުވައިލައި އެތެރޭގައި ހުރި ސްވިޗް އޮން ކޮށްލި އެވެ.
ފެނުނު މަންޒަރާއެކު ކާއިންގެ ހިތަށް ވައްދަމުންދިޔަ ބިރުވެރިކަމުގެ އިހްސާސްތައް އެއްކޮށް ފިލައިގެން ދިޔަ ކަހަލައެވެ. ކާއިންގެ އާއިލާގެ ކުދިބޮޑު އެންމެން އޭނާއަށް މަރުހަބާ ކިއުމަށްޓަކައި ގޭތެރެ ޒީނަތްތެރިކޮށްފައި އޮތީ ވަރަށްވެސް ފުރިހަމައަށެވެ. ކާއިން ގޭތެރެއަށް ވަދެ ފަހަރަކު މީހެއްގެ މޫނަށް ވަރަށް ފުންކޮށް ނަޒަރު ހިންގާލިއެވެ. ވެފައިހުރި އުފަލަކައި ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑު ކަމުން ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލި އެވެ. މަންމައާއި ބައްޕަ އަދި އާއިލާ އެހެން މެމްބަރުން އެތައް ޒަމާނަކަށްފަހު ފެނުމުންނެވެ.
އާއިލާގެ އެންމެން ކާއިނަށް މަރުހަބާކިޔައި ތައުރީފުގެ ބަސްތައް ރައްދުކުރަމުން ގެންދިޔަވަގުތު ފާއިޒާ އާއި އޭނާގެ ފިރިމީހާ ފައިޒާންވެސް އައިސް ކާއިންއަށް މަރުހަބާކިޔެވެ. އުފާވެރިކަމާއި ހިތްހަމަޖެހިގެންވާ ހާލު ކާއިން ގައިގައި ބައްދާލަމުނެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅާއި ކައިވެނިކުރަން ހަމަޖައްސައިފައިވާ މީހާއަށް އެހާބޮޑު އުފަލެއްލިބުމުން އެކަމުގައި ބައިވެރިނުވާންވީ ސަބަބެއް ނެތެވެ!
ކާއިން ހަމައެވަގުތު އެހެން މޫނެއް ހޯދުމަށް މަސައްކަތްކޮށްލި އެވެ. ނަމަވެސް އެމޫނަކަށް އޭނާގެ ހިތްއެދި ގޮވާ އިންސާނާއެއް ޖަމާވެފައިތިބި މީހުންތަކުގެ ތެރެއަކު ނެތެވެ.
ކާއިން މަންމަމެންގާތު ފާހާނާއަކަށް ގޮސްފައި އެބައަންނަމޭ ބުނެ ބަހަނާ ދައްކާލުމަށްފަހު އޭނާއަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ދިޔައީ އޭނާ އެމޫނެއް ހޯދުމަށް އެދިއެދިވާ މީހާގެ މޫނު ނުފެނުނުނަމަވެސް ފޯނުން ގުޅައިގެން ވާހަކަ ދައްކާލުމުގެ ނިޔަތުގަ އެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަންނަން ނެގިފިޔަވަޅު ހުއްޓުނީ ކުރިމަތިން ފެނުނު މަންޒަރުންނެވެ. ކޮޓަރީގެ ކުޑަދޮރުކައިރީ ހުއްޓިލައިގެން އެހުރީ ކާއިންގެ ފުރާނަފަދައިން އޭނާ ލޯބިވާ ޝިޔާއެވެ. ކާއިންއަށް ފުރަގަސްދީގެން ހުރިނަމަވެސް އެއީ ޝިޔާކަމާމެދު އޭނާ އެއްވެސް ޝައްކެއް ނެތެވެ.
ޝިޔާ ފަހަތަށް އެނބުރިލި އިރު ކާއިން ހުރީ އޭނާއާ ވަރަށް ކައިރީގަ އެވެ. ޝިޔާ ލަދުރަކި ގޮތަކަށްހުރެ ކާއިންއާއި ހަތަރުކަޅި ހަމަކޮށްލި އެވެ. ކޮޓަރީގައި ދިއްލާފައި ހުރި ނިދާބޮކީގެ އަލީން ޝިޔާގެ ދޮންޖަންބެއް ފަދަ މޫނާއި ބޮޑު ދެލޮލުގައިވާ ކަޅުކަންގަދަ ކަޅި ފެނުމުން ކާއިންގެ ހިތުގައިވި ލޯބި އުތުރިއަރައިގަތް ކަހަލަ އެވެ. ބޭއިހްތިޔާރުގައި ޝިޔާގެ ގައިގައި ބައްދާލެވުނީ ފަސް އަހަރުދުވަސް ވަންދެން އެކަކު އަނެކަކު ނުފެނި މަދުވަގުތުކޮޅަކު ވާހަކަދެއްކިގެން ދެމީހުން އުޅުނުނަމަވެސް ދެމީހުންގެ ހިތުގައި އެކަކު އަނެއްކަކަށް ދެވިފައިވާ މަގާމަށް އެއްވެސް ބަދަލެއް ނާންނަކަމުގެ އިހްސާސް ކުރެވުމުންނެވެ.
ދެމީހުންވެސް ދެކެމުންއައި ހުވަފެންތައް ހަގީގަތަކަށްވެ އޭގައި ކުލަ ޖެހެމުން އަންނަނީ އެވެ. ކާއިންގެ ޑަކްޓަރީކަމުގެ ކޯސް ނިމުނީ އެވެ. ޝިޔާ އިންތިޒާރުކުރަމުން ދިޔައީ ކާއިން ޑޮކްޓަރަަކަށް ވެގެން އައިސް އޭނާގެ އަތްބަކަށް ޝިޔާ ހަދާނެ ދުވަހަކަށެވެ. މިހާރު އެދުވަސް ދާދި ކައިރިވެއްޖެ ކަމުގެ އިހްސާސް ޝިޔާއަށް ކުރެވެން ފެށިއެވެ.
ދެފަރާތުގެ އާއިލާގެ ރުހުމާއި ފުރިހަމަ އެއްބާރުލުމާއެކު ޝިޔާމެންގެ ކައިވެނި ވަރަށް ފުރިހަމައަށް ކުރެވުނެވެ. ޝިޔާ އެންމެ ދެކެން ބޭނުންވާގޮތަށް މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގަ އެވެ. އެކިރަށްރަށުގައި ތިބި ދުރުތާ ތިމާގެ މީހުންވެސް ދައުވަތުދީގެންނެވެ.
ކާއިންއާއި ޝިޔާގެ ކައިވެންޏަށް ފަހު އެމީހުން އިންޑިޔާއަށް ބަދަލުވީ މާލޭގައި 3 މަސްދުވަހު ހޭދަކުރުމަށްފަހު އެވެ. އާއިލާއާއި ދުރުގައި ގިނަދުވަސްތަކެއް ވޭތުކުރުމަށްފަހު އައިސް މަންމަމެން ގާތު މަޑުނުކޮށް ދުވަސްކޮޅަކަށްފަހު އިންޑިޔާއަށް ދާން ޖެހޭނެކަމަށް ބުނުމުން މަންމަމެންގެ ހިތް ރޯލި އެވެ. ނަމަވެސް ދަރިފުޅުގެ ކުރިއެރުމަށާއި އެއްވެސް އުފަލަކަށް އާއިލާއިން ހުރަސް ނާޅާނެކަމުގެ ޔަގީންކަން މަންމަދިނީ ވަރަށް އިތުބާރާ އެކުއެވެ.
މަންމަމެންނާއެކު ޝިޔާމެން ހޭދަކުރި މަސްތައް ނިމުމެއް އައިސް އެނބުރި އަންނަން ކުޑަ ވަގުތުކޮޅެއް ނެގިހެން ޝިޔާއާއި އޭނާގެ ހަޔާތުގެ ސަފްހާތައްވެސް އުކެމުން ދިޔައީ ވަރަށް އަވަހަށެވެ. ކާއިންގެ ދުވަސްތައް އިންޑިޔާގެ އެންމެ ބޮޑު އެއް ހޮސްޕިޓާ ކަމުގައިވާ ހެލްތުކެއާރ ހޮސްޕިޓަލްގައި ހޭދަކުރަމުންދާއިރު ޝިޔާ މަސައްކަތްކުރަނީ ޕްރީ ސްކޫލެއްގަ އެވެ.
ދުވަސްތައް ފާއިތުވަމުންގޮސް މިއަދަކީ އެދެމީހުންގެ ކައިވެންޏަށް 2 އަހަރު ފުރުނު ދުވަސްކަމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ދެމީހުން މެންދުރު ކެއުމަށް އިންޑިޔާގެ މަޝްހޫރު ރެސްޓޯރެންޓެއްކަމަށްވާ “ފުޑްއީޓް” ރެސްޓޯރެންޓަށް ދިޔަ އެވެ. ކެއުމަށް އިންސާފު ކުރުމަށްފަހު ޝޮޕިން އަކަށް ދިޔުމަށް ނިންމާފައިވާތީ ޝިޔާގެ ސަމާލުކަން ބޮޑަށް ދެވުނީ ކެއުމަށްވުރެ ޝޮޕިނަށް ދިއުމަށެވެ. އެހެންކަމުން ކާއިން ކައިނިމުމާއެކުހެން އޭނާ އަތުގައި ހިފައިގެން ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ.
ދެމީހުން އެކުގައި ހިނގާލާފައި ގޮސް ކާރަށް އަރަން އުޅުވަގުތު ޝިޔާ ބޮލުގައި އަތްއަޅާފައި ވޭނީ ގޮތަކަށް އެއްޗެއް ބުނެލަން އުޅުމުން ކާއިން އަށް ޝިޔާގައިގައި ބާރަށް ހިފަހައްޓައިލެވުނީ އޭނާގެ ހަށިގަނޑުން ވެއްޓެން އުޅުނުހެން ހީވުމުންވެ.
ކާއިން ޝޮޕިން ކެންސަލް ކޮށްލުމަށްފަހު ހޮސްޕިޓަލަށް ދިޔައީ ޝިޔާ ޑޮކްޓަރަށް ދެއްކުމަށްޓަކަ އެވެ. ޑަކްޓަރުގެ ލަފާގެ މަތިން ޓެސްޓުތަކެއް ހެދުމަށްފަހު ދެމަފިރިން ހޮސްޕިޓަލުގައި މަޑުކޮށްލީ ނަތީޖާ މާލަހެއްނުވެ ލިބޭނެކަމަށް ބުނުމުންނެވެ. ނަތީޖާ ލިބުނީ އެދެމީހުންގެ ހަޔާތް އުޖާލާވެގެންދިޔަ ހަބަރަކާއެކު އެވެ. ބްލަޑް ޓެސްޓުގެ ރިޒަލްޓް ލިބުމުން އެނގުނުގޮތުގައި ޝިޔާ ބަނޑުބޮޑެވެ. ކާއިން ބައްޕައަކަށް ވަނީ އެވެ. ކާއިންނަށް އުފަކަލަށް ފަހު އުފަލެއް ލިބެމުން ދާތީ ހިތާހިތުން ﷲގެ ހަޞްރަތައް ޘަނާ ކިއުނެވެ.
ދުވަސްތައް މަސްތަކަށް ބަދަލު ވަމުންދިޔަ އެވެ. ޝިޔާއަށް ކޮންމެދުވަހަކުވެސް ތަކުލީފުތަކެއް ދެމުންނެވެ. ފަތިސްވަގުތު ނަމާދަށް ވެސް އެރެނީ ވަރަށް މަސައްކަތުންނެވެ. މީގެ އިތުރުން މޭ އެންދުމާއި ބޮލުގަ ރިއްސުންފަދަ ކަންތައް ކޮންމެ ދުވަަހަކު ދިމާވެއެވެ. ކާއިންވެސް ވީހާ ގިނައިނަ ވަގުތެއް ޝިޔާއާއެކު ހޭދަކުރެވޭތޯ ބަލައެވެ. ޝިޔާއަށް އުފުލަންޖެހޭ ދަތިތައް ލުއިކޮށް ދިނުމުގައި އެކޮގޮތްގޮތުން އެހީވެދީގެންނެވެ. ޝިޔާ ބުނިނަމަ ކޮންމެ އެއްޗެއް ހޯދައި ދީގެންނެވެ.
އޭގެ ދެތިންމަސްފަހެވެ. އެއްދުވަހެއްގެ މެންދުރުވަގުތެވެ. ކާއިންއަށް ޝިޔާ ގުޅާލުމަށްފަހު ވަރަށް ބޮޑަށް ހުން އައިސްގެން އުޅޭވާހަކަ ބުންޏެވެ. ނަމަވެސް ކާއިން އެެދުވަހު ވަރަށް ބިޒީއެވެ. އޭނާގެ އެތައް ޕޭޝަންޓުންނެއް ކިއުގައި މަޑުކޮށްގެން އޭނާގެ އިންތިޒާރުގައި ތިއްބެވެ. އެހެންކަމުން ކާއިންގެ އެދުމުގެ މަތިން ޝިޔާ ޑަކްޓަރަށް ދެއްކުމަށް ރައްޓެއްސަކާއެކު ހޮސްޕިޓަލަށް ދިޔައީ އެދުވަސްވަރަކީ ވަރަށް އާންމުކޮށް ޑެންގޫހުން ފެތުރުނު ދުވަސްވަރަކަށްވެސް ވީތީ އެވެ. ޑަކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށްފަހު ރިޒަލްޓު ލިބޭނީ މިރޭކަމަށް ޑަކްޓަރ ބުނުމުން ޝިޔާ ގެއަށްދިޔައީ ވަރުބަލި ވެފައި ހުރުމުންނެވެ. ކާއިން މިރޭ އަންނަމުން ރިޕޯޓް ގެންގޮސްދޭނެ ކަމަށް ބުނުމުން ޝިޔާ ހިތްހަމަޖެހުނެވެ.
އެރޭ 9 ޖަހާކަން ހާއިރެވެ. ކާއިންގެ މަސައްކަތްތައް ނިންމާލުމަށްފަހު ޝިޔާގެ ރިޕޯޓްތައް ނަގައިގެން ވަކިވަކިން ކިޔާލިއެވެ. ހަތަރު ވަނަ ގަނޑުގައި އޮތް އެއްޗެއް ކިޔާލުމުން ކާއިންގެ ފައިދަށުން ބިންގަނޑު ދަމަގަތްހެން ހިވާކަހަލަ އިހްސާސެއް ކުރެވުނެވެ. “ޝިޔާ! އެޗްއައިވީ ޕޮޒިޓިވް” ކާއިންއަށް ތަކުރާރުކޮށް ކިޔާލެވުނީ އެކަން ގަބޫލްނުކުރެވޭ ހާލު އެވެ. ރިޕޯޓް ކަރުދާސްތަކަށް ނަޒަރު ހުއްޓާލައިގެން ކާއިން ހުރީ ގަބުއަރާފަ އެވެ.
އިރުކޮޅެއް ކުރިން އެހެން ދުނިޔެކާއި ގުޅިފައިވި ކާއިން ދުވެފައިކަހަލަ ގޮތަކަށް ގޮސްއެވަނީ ޑޮކްޓަރ ފިރާޝްގެ ކޮޓަރި އަށެވެ. އެއީ ޝިޔާ ދެއްކި ޑަކްޓަރެވެ. ޝިޔާއަށް ވީގޮތް ބަލަން ބޭނުންވެފައިހުރި ކާއިން ޑަކްޓަރު ފިރާޝްއާ ސުވާލު ކުރަން ފެށިއެވެ. ސިކުނޑިތެރޭ އުތުރެމުންދާ ހުރިހައި ސުވާލެއް އެއްކޮށްކަހަލަ ގޮތަކަށެވެ.
ފިރާޝްގެ ޖަވާބުތަކުން އެނގުނުގޮތުގައި ޝިޔާއަށް އެޗްއައިވީ ޖެހިފައިވަނީ އެބަލި ހުރި މީހަކާއި ގުޅުން ހިންގުމުންގެ ސަބަބުންނެވެ. އަނެއްކާވެސް ކާއިންގެ ސިކުނޑިއަށް އިތުރު ސުވާލުތަކެއް ޖަމާވި އެވެ.
“ޝިޔާ އަނެއްކާ ކާއިންއަށް އޮޅިވާލީބާ އެވެ؟ ފަރުދާގެ އަނެއްފަރާތުގައި ކާއިނަށް ނޭނގޭ ކަންތައްތަކެއް ފޮރުވިފައިވަނީބާ އެވެ. ޝިޔާ އަހަންނަކަށް ބޭވަފާތެރިއެއް ނުވާނެއެވެ.”
ސިކުނޑީގައި ޖަމާވަމުންދާ ސުވާލުތަކަށް ޖަވާބެއްލިބޭނެ އެއްވެސްގޮތެއް ކާއިންއަކަށް ނުވިސްނުނެވެ. ގެޔަށް ދިޔުމަށްޓަކައި ނުކުތް ކާއިންގެ މިސްރާބު އަނެއްކާވެސް ބަދަލުކޮށްލީ ހޮސްޕިޓަލް އެތެރެއަށެވެ. އޭނާ ކެބިންނަށެވެ.
ކެބިންގެ ދޮރު ހުޅިވާލުމަށްފަހު އެތެރެއަށް ވަދެ އޭނާގެ ހުރިހާ ވާހަކައެއް ހިއްސާކުރާ އެންމެގާތް ރަހުމަތްތެރިޔާ ކަމުގައިވާ އޭނާގެ ޑައިރީ ނަގައި ހުޅުވާލި އެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިހާދުވަހަށް އޭނާގެ ޑައިރީގައި ލިޔެވިފައިވަނީ ހުސްއުފާވެރި ބަސްތަކެވެ. އުފާވެރި ވަގުތުތަކުގެ ވާހަކަ އެވެ. ނަމަވެސް މިއަދު އޭނާ ބިނާކުރަމުން އައި ގަނޑުވަރު ކުދިކުދިވެ ބިމާއި ހަމަވީއެވެ. ޑައިރީގެ ގަނޑުތައް އުކާލިތަނާހެން އޭނާގެ ލޮލުގައި އަޅާގަތީ ރަތްކުލައިގެ އެއްޗެއް ޖެހިފައި ހުރި ގަނޑުތަކެވެ. އެއީ މީހެ 10 މަސް ކުރި އެވެ. ކާއިން މަސައްކަތުގައި ވަރަށް އަވަދިނެތި އުޅުނު ދުވަހެކެވެ. ކުއްލިއަކަށް ލެބޯޓަރީ ތެރެއަށް މީހެއްގެ އަތް ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން ބޭސްއެޅުމަށް ވަނެވެ. ކާއިން އެމީހާއަށް ބޭސްއަޅައިދޭން އުޅުމުގެ ތެރޭގައި ކާއިންގެއަތްވެސް ކަފައިގެން ދިޔައީ ތޫނުއެއްޗެއްގައި ޖެހުމުގެ ސަބަބުންނެވެ. އެދުވަހު އެމީހާގެ ލޭ ކާއިން ހަލާކުވި އަތުގައި އުނގުޅުނުކަން އެގުނު ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެސަފްހާގައި އެވަނީ ކާއިން އަތުގައި ހުރި ލޭގެ ނިޝާނެވެ. އެރޭ ޑައިރީ ލިޔަން އުޅުމުގެ ތެރޭގައި ކާއިންއަށް ނޭނގި އެސަފްހާގައި ކޮންމެވެސް ގޮތަކުން އުނގުޅިފަ އެވެ.
ކަންތައް ވީގޮތް ވިސްނުނީ ދެނެވެ. ކާއިންގެ ހުރިހައި ސުވާލެއްގެ ޖަވާބު އޭނާއަށް އެނގި ކަށަވަރުވީ އޭނާގެ ބްލަޓް ޓެސްޓެއް ހެދުމުންނެވެ. އޭނާއަކީ އެޗްއައިވީ ގެ ޝިކާރައަަށް ވެފައި ހުރި މީހެކެވެ. ޝިޔާ އެކަންޖެހުނީ އޭނާގެ ސަބަބުންނެވެ.
” އަހަރެންމީ ހާދަ ބަދުނަސީބު މީހެކެވެ. ހަޔާތުގައި ދެކެންބޭނުންވާ އެންމެ އުފާވެރި ދުވަސްތައް އަވާމެންދުރެއްހެން އެނބުރިލާފައި މި ވެއްޓުނީ ކޮންފަދަ އަނދަވަޅާކަށް ހެއްޔެވެ؟”
ނަމަވެސް މިއަދު ކުރެވޭނެ ކަމެއްނެތެވެ.
ކާއިން މާޔޫސްކަން ފޮރުވާލުމަށްފަހު ގެޔަށްގޮސް ވަތްވަގުތު ފެނުނީ އަނެއްކާވެސް އޭނާގެ ހިތް ކުދިކުދި ކޮށްލި މަންޒަރެކެވެ. ޝިޔާ ވަރަށް އަވަދި ނެތި ތުއްތު ކުދިންތަކެއްގެ ފޮޓޯތަކެއް ކޮޓަރި ފާރުގައި ތަތްކުރަމުން ދާ މަންޒަރެވެ. ޝިޔާ މަންމައަކަށް ވާންއުޅޭކަން އެނގުނުފަހުން އަބަދުވެސް ހުންނަނީ އެކަހަލަ މަސައްކަތެއްގަ އެވެ. ކުއްޖެއްގެ ފޮޓޯއެއް ބަލާނެވެ. ނުވަތަ ވީޑިޔޯއެއް ބަލައި އޭނާ ކަންތައްކުރާނެގޮތް ހިޔާލުގައި ކުރަހަމުން ގެންދެއެވެ.
ޝިޔާއަށް ކާއިން ފެނުމާ އެކުހެންގޮސް ވަރަށް ބާރަށް ބައްދާލި އެވެ. ނަމަވެސް އޭނާގެ މޫނުމަތިން ދައްކަނީ ރަނގަޅުނޫން ކުލަތަކެއްކަމުން ޝިޔާ ކަންބޮޑުވެ ސުވާލުކުރަންފެށި އެވެ. ކާއިންއަށް އެކައްޗެއްވެސް ނުބުނެވިހުރެ ކުޑަކުއްޖެއްހެން ރޯން ފެށުނެވެ. ޝިޔާގެ ހާސްކަން ވީ އިތުރެވެ. ނަމަވެސް އެހިސާބުގައި އެމީހުންނަށް އަޅައިލާ އެހީއެއް ފޯރުކޮށްދޭނެ އެހެންމީހެއް ނެތުމުން ޝިޔާ ކެއްކޮށްފައި ކާއިން ހަމައަކަށް އެޅުވި އެވެ. އަދި ސުވާލުތަކުރާރުކޮށްލި އެވެ.
ކާއިން ވަރަށް ހިތްވަރުކޮށްފައި ހުރިހާ ވާހަކައެއް ޝިޔާއަށް ކިޔައިދިނެވެ. ހުއްޓާ ހުއްޓާފަ އެވެ. ކާއިންގެ ވާހަކަ ނިމުންއިރު ޝިޔާވެސް ގިސްލަ ގިސްލާފައި ރޮނީ އެވެ. ދެކެމުން އައި ހުވަފެންތައް ވެއްޔާ މޮޑެވިގެންދިޔައީއެވެ. އެކަމާމެދު ކުރެވޭނެ އެއްވެސް ނެތުމުންނެވެ. ދުނިޔެއަކީ މިފަދަތަނެކެވެ. ކާއިންއަށް ކޮށްފައިވާ ފުންހިތާމަ ފޮރުވާލުމަށްފަހު ޝިޔާގައިގައި ވަރަށް ބާރަށް ބައްދާލަމުން ދުވަހަކުވެސް ވަކިނުވާނެކަމަށް ވައުދުވި އެވެ. އަދި އުފާވެރި ދުވަސްތައް އެކުގައި ހޭދަކުރިފަދައިން ހިތާމަވެރި ދުވަސްތައްވެސް އެކުގައި ހޭދަކުރުމަށް ބުންޏެވެ.
ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބާއްވާ 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ބީ ގެ ފާތުމަތު ރިފްއާ އެވެ.