twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުރުވާހަކަ – ނަވީން

Aug 15, 2015

ލިއުނީ: އުލްފާ އަބްދުލްލަތީފް

ދުވަސްވަރަކީ ކުޑަ އީދު ދުވަސްވަރުކަމުން ރަށުގައި ރަށުގައި އެކިއެކި ކުޅިވަރުތައް ކުރިއަށް ދިޔައެވެ. އެންމެ ފޯރިއާއެކު ކޮންމެ އަހަރަކުވެސް ކުޅެމުންދާ ކުޅިވަރަކީ ބައިބަލާ ކަމުން އީދު ފުރަތަމަ ދުވަހުގެ ރޭ ބައިބަލާ މެޗްތައް ފެށުނެވެ. އަހަރެންވެސް ދިއައީ ބައިބަލާ ކުޅޭ ތަނަށެވެ. މި ކުޅިވަރަކީ އަހަރެންނަށް އެހާ ކަމުދާ ކުޅިވަރަކަށް ނުވިނަމަވެސް އަދާ ކުރާ ވަޒީފާގެ ސަބަބުން އަހަރެންނަށް އެތަނަށް ދާންޖެހުނީ އެވެ. އަހަރެން ވަޒީފާ އަދާ ކުރަނީ ރަށުގެ އޮންލައިން ނޫހެއްގެ ފޮޓޯ ގްރާފަރެއްގެ ގޮތުގައެވެ. އެހެންކަމުން އަހަރެން ކުޅިވަރު ކުޅެވޭ މާލަމަށް ދިއައީ ނޫހުގެ ފަރާތުން ފޮޓޯ ނަގާށެވެ.

ބައިބަލާ ހުޅުވުމުގެ ރަސްމިއްޔާތު ނިމުމާއެކު ރަށުގެ ޓީމަކާއި ކައިރި ރަށަކުން މި މުބާރާތުގައި ބައިވެރިވުމަށް އައި ޓީމަކާ ދެމެދު ފުރަތަމަ މެޗް ކުޅެވެން ފެށުނެވެ. ގޮނޑިއެއްގައި އިށީނުމަށްފަހު ފޯނުނަގައި އަހަރެން ވާރ އަށް އެރީމެވެ.

“އަންހެން ކުއްޖަކު ސީއޯސީ ކުޅޭތަން އަލަށް މިދެކުނީ” އަހަރެންނަށް އިސް އުފުލާލެވުނީ މީހަކު އެހެން ބުނިއަޑަށެވެ. އަހަރެން ކައިރީގައި އިނީ ހަނިމާދޫ ޓީމް ކޯޗެވެ.

“ޝޭޒާ! އަހަރެންނަކީ ނަވީން” އަހަރެން ކަރުގައި އަޅުވާފައޮތް ކާޑަށް ބަލާލަމުން އަހަރެންނާ ސަލާމްކުރުމަށްޓަކައި އޭނާއަތް ދިއްކޮށްލިއެެވެ. އަހަރެން ފޯނު ދަބަހަށް ލުމަށްފަހި ނަވީނާ ސަލާމްކޮށްލީމެވެ.

“ހާދަ ފޫހިވެފަ ކީއްވެ މިތާ ތިއިނީ”

“މަށަށް އެހާ ކަމުދާ ކުޅިވަރެއްނޫން މިއީއެއް. އެހެންވެ ހަމައިނީ” ޖަވާބުގައި ތުރުތުރެއް ހުރިނަމަވެސް އަހަރެން ބުނީމެވެ.

ކުޅެމުން ދިޔަ މެޗް ނިމެންދެން އަހަރެން ދެމީހުން އެގޮތުގައި ވަހަކަ ދައްކަމުން ގެންދިޔައީމެވެ. ޖެހިގެން އައި މެޗްގައި ހަނިމާދޫގެ ޓީމް ކުޅޭތީ އޭނާ ދިޔައީއެވެ. އެރޭ މެޗުތައް ނިމުމާއެކު އަހަރެންވެސް ދިޔައީ ގެޔަށެވެ. ނިދުމުގެ ކުރިން އަދި އެއްފަހަރު ފޭސްބުކަށް ވަދެލާނަމޭ ހިތާ އޮންވެލީމެވެ. ދެތިން ނޮޓިފިކޭޝަންއާއި ފްރެންޑް ރިކްއެސްޓެއް އައިސްފައި އިނެވެ. އެންމެ ފުރަތަމަވެސް ބަލާލީ ފްރެންޑް ރިކްއެސްޓް ފޮނުވާފައި އިނީ ކާކުތޯ އެވެ.

“އަހުމަދު ނަވީން! އޭނަ ކިހިނެތް އެފްބީއިން އަހަރެން ހޯދީ؟” އަހަރެން ހިތާހިތުން ބުނެލެވުނެވެ. އަހަރެން ފްރެންޑް ރިކުއެސްޓް ކޮންޕާމް ކުރީމެވެ. ދެމިނެޓެއްނުވެ އޭނާ ‘ހައި’ ޖަހައިފިއެވެ. އެރޭ އަހަރެމެން ދެމީހުން ވަރަށް ވާހަކަ ދެއްކީމެވެ.

އަނެއްދުވަހެވެ. އަހަރެންގެ ފޯނަށް ނުދަންނަ ނަމްބަރަކުން ގުޅަމުން ދެއެވެ. ދެތިން ހަތަރު ފަހަރު ރިންގު ވުމުން އަހަރެން ފޯނު ނެގީމެވެ.

“ޝޭޒާ! އޭ މިއީ އަހަރެން ނަވީން. ހިނގާ ޑިނާރ އަކަށް ދާން މިރޭ އަހަރެން އެކީ. ދެވޭނެތަ؟” އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ދިނީ ދައުވަތެކެވެ.

“އަހަރެން ވަރަށް ނުދަން ބޭރަށް. މިބުނީ އަދި…”

“އޯކޭ އޯކޭ! އަހަރެން ދިޔަސް އޯކޭތަ ތިގެއަށް. ދާނަން އިނގޭ އިރުކޮޅަކުން. ބައި.”

އަހަރެންނަށް އިތުރަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ނަވީން ފޯން ބޭއްވި އެވެ. ނަވީން ރީއްޗެވެ. ވަރަށް ވެސް ފުރިހަމަ އެވެ. އެކަމަކު އަހަރެން މީ ކާކު ހެއްޔެވެ؟ އޭނާއާ ބަލާ އަހަރެން މިއީ އެކައްޗެއްވެސް ނޫނެވެ. ހިތާހިތުން ބުނެވުނެވެ. އަހަރެންނަށް އޭނާ ކަމުދެއެވެ. ވާހަކަ ދެއްކުންވެސް އެހާ ޗާލެވެ. އޭނާ ކަމުނުދާނީ ކާކަށް ހެއްޔެވެ؟

އަހަރެން ހުރީ ބޭރަށް ނުކުމެއެވެ. ނަވީން އަންނާނަމޭ ބުނީމަ އެވެ. އަހަރެން ބޭރުގައި ހުންނަތާ 10 ވަރަކަށް މިނެޓް ފަހުން އޭނާ އައެވެ.

“ވަރަށް ބޮޑަށް ސޮރީ.” މިހެން ބުނެފަ އަހަރެންގެ އަތަށް ގަނޑުކޮޅެއް ދިނުމަށްފަހު އޭނާ ސައިކަލުގައި އައި ބާރުމިނުގައި ދިޔައެވެ.

އަހަރެން އަވަސްވެގަތީ ގަނޑުކޮޅުގައި އޮތް އެއްވެއް ކިޔޭތޯ އެވެ.

“އަހަރެންނަށް ޝޭޒާ ވަރަށް ކަމުދޭ. ފޭސް ޓު ފޭސްކޮށް ބުނަން ނުކެރޭތީ މައްސަލައަކީ.” އަހަރެން އުފަލުން ފޮޅިއްޖެވެ.

އަހަރެމެން ދެމީހުން އެކުގައި 5 ވަރަކަށް މަސް އުޅެފައި ކައިވެންޏާ ހަމައަށް ދިޔައެވެ. ދެން ދިމާވީ އެންމެ ބޮޑު މައްސަލައެވެ. އަހަރެންގެ އާއިލާ މީހުން ރަށުން ބޭރު މީހަކާ ކައިވެނި ކުރާކަށް އެއްބަހެއް ނޫނެވެ. އެކަމަށް އަހަރެންމާ ބޮޑު ސަމާލުކަމެއް ނުދެމެވެ. އެންމެ ފަހުން އާއިލާގެ ރުހުމާ ނުލާ އަހަރެން ނަވީންއާ ކައިވެނިކުރީމެވެ. ކައިވެނީގެ ކުރިން ނަވީން އެދުނީ އެންމެ ކަމެކެވެ. އޭނާއަކީ ތެލެސީމިޔާ ކެރިއަރަކަށް ވުމުގެ ސަބަބުން އޭނާ ބޭނުންވީ އަހަރެން ތެލަސީމިޔާ ޓެސްޓް ހަދާށެވެ. ކަންދިމާވީ ދެމީހުންވެސް ބޭނުންވި ގޮތަށެވެ.

އަހަރެމެންގެ ކައިވެންޏަށް 2 އަހަރު ވެގެންދިޔައިރު ދެމީހުންގެ ކިބައިގައިވާ ހުރިހާ ކަމެއް ދެމީހުންނަށް ވަރަށް ރަނގަޅަށް ދަސްވެއްޖެ އެވެ. ނަވީން އަހަރެންނަށް ވަރަށް ރަނގަޅެވެ. އަހަރެންދެކެ ލޯބިވެއެވެ. ހުރިހާ ކަމެއްގައި ވެސް އަހަރެންނަށް އެހީތެރިވެ ދެއެވެ. އަހަރެންގެ ހުރި ހަމައެކަނި ފަރާތަކީ ނަވީނެވެ.

މާ ގިނަ ދުވަސްތަކެއް ނުވެ އަހަރެމެންނަށް ލޯބި ލޯބި އަންހެން ކުއްޖަކު ލިބުނެވެ.

“ކިހިނެތް ވާނީ ނަޒާ އަހުމަދު ނަވީން؟” ނަވީން އަހަރެމެންގެ ދަރުފުޅަށް ކިޔާނެ ނަން ހޯދުމުގައި އަވަދިނެތި އުޅުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނަވީން އޮފީހުން ގެއަށް އައުމާއެކު ދުވަހުގެ ބާކީބައި ހޭދަކުރަނީ ނަޒާ އާއެކު އެވެ. ނަޒާ ދެކެ ނަވީން ވާ ލޯބި ބުނެދޭންވެސް ނޭނގޭހާ ލޯތްބެވެ. އޮފީހުގައި އިނދެގެންވެސް އަބަދު ގުޅާފަ އަހާނީ ނަޒާގެ ވާހަކައެވެ. އަހަރެމެންގެ ކުޑަ އާއިލާ ވަރަށް އުފާވެރި އެވެ. މިއީ ލޯބިން ފުރިފައިވާ ކުޑަކުޑަ ބަގީޗާއެކެވެ.

ދުވަސްތައް މިހެން ފާއިތުވަމުން ދެއެވެ.

“ހަލޯ ނަޒާގެ ބެލެނިވެރިޔާތޯ؟ ވަރަށް އަވަހަށް ސްކޫލަށް ހާޒިރުވުމަށް އެދެން” އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ.

ނަވީނަށް ގުޅުމަށް ފަހު ދެމީހުން އެކީ ދިޔައީ ނަޒާގެ ސްކޫލަށެވެ. އޭރު އެމްބިއުލާންސް ސްކޫލް ތެރޭގައި އޮތެވެ. އަހަރެމެންނަށް ސްކޫލް ތެރެއަށް ވަދެވުނު އިރު އަހަރެމެންގެ ލޮލުގެ ފިނި ކަމުގައިވާ ނަޒާ އެންބިއުލާންސަށް އަރުވަނީ އެވެ. ދުވެފައިގޮސް އަހަރެމެން ދެމީހުން އެރީ އެންބިއުލާންސަށެވެ.

ހޮސްޕިޓަލަށް ދެވުނުތާ 30 މިނެޓްފަހުން ޑޮކްޓަރ އެމަޖެންސީރޫމް އިން ނުކުތެވެ.

“.ކުއްޖާގެ ހާލު އަންނަނީ ރަނގަޅު ވަމުން. އެހެންނަމަވެސް އޭނާގެ ގައިގައި ލޭމަދު. ކުއްޖާ ދައްކާލުމަށް މާލެ ދިއުން ބުއްދިވެރި”

އަހަރެންނާއި ނަވީން މަޝްވަރާ ކުރުމަށް ފަހު މާލެ ބަދަލުވީމެވެ. ނަޒާ ޑޮކްޓަރަށް ދެއްކުމަށް ފަހު ޑޮކްޓަރު ދިން ޖަވާބުގެ ސަބަބުންނެވެ. ޑޮކްޓަރ އިރުޝާދު ދެއްވީ ކޮންމެ ހަފްތާއަކު ދެއްކުމަށް ހޮސްޕިޓަލަށް އައުމަށެވެ. އެހެން ކަމުން ނަޒާ މާލޭ ސްކޫލަކަށް ލީމެވެ. އަދި ގަވައިދުން ޑޮކްޓަރަށް ދައްކަމުން ގެންދިޔައީމެވެ.

ކަންތައް މިހެންވަމުންދާތާ ދުވަސްކޮޅެއްވެއްޖެ އެވެ. ނަޒާ ގަޔަށް ކޮންމެ މަހަކުވެސް ވަކިވަރަކަށް ލޭ އަޅަންޖެހެއެވެ. އެކަމަކު އޭނާއަކީ ތެެލެސީމިޔާ ކުއްޖަކަށް ވުމުގެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

ނަވީން ގެ އެދުމުގެ މަތިން އަހަރެމެން ދެމީހުން އަލުން ތެލެސީމިޔާ ޓެސްޓް ކުރީމެވެ. ދެދުވަސް ފަހުން ނަތީޖާ ނެގުމަށް އައީ އަހަރެންނާއި ނަވީން އެކުގަ އެވެ.”

ނަޒާ އަހުމަދު ނަވީނަކީ ތެލެސީމިއާ ކުއްޖެއް. ތެލެސީމިއާ ސެންޓަރުގައި ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުތޯ؟” އަހަރެންނާއި ނަވީނަށް ލިބުނީ ޝޮކެކެވެ. ހިވީ ބިންގަނޑު ފައިދަށުން ދެމިގަތް ހެންނެވެ.

“އެހެން ވެގެން ނުވާނެ. އަހަރެންނަކީ ކެރިއަރެއް ނަމަވެސް ޝޭޒާ އަކީ ކެރިއަރެއް ނޫން.”

“ޝޭޒާ މުހައްމަދު! މިއޮތީ ތިބޭފުޅާގެ ކާޑު. ކުރިންވެސް ކާޑު ހެއްދިން ދެއްތޮ. އޭރު އަޅުގަނޑުމެނަށް ކާޑު އޮޅުނީ. އަދި ހުދު ކާޑެއް ތިބޭފުޅާއަށް ދެވުނީ. ވަރަށް ބޮޑަށް މާފަށް އެދެން” އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގި އިނދެ ފެށުނީ ރޯށެވެ. ނަވީން އަހަރެންގެ އަތުގައި ހިފައިގެން ގެންދިޔައީ ގެޔަށެވެ. އެއިރުވެސް އަހަރެންނަށް ރޮވެނީއެވެ.

ނަވީންގެ އުޅުމާށް އަންނަން ފެށި ބަދަލުތައް އެންމެ ރަނގަޅަށް ފާހަގަވި މީހަކީ އަހަރެންނެވެ. ގެއަށް އަންނަނީ ނިދަން ވުމުން އެކަންޏެވެ. ކުރިން ނަޒާ އެކު ވަގުތު ހޭދަކުރި ވަރަށް ވަގުތު ހޭދައެއް ނުކުރެއެވެ. މިކަންކަމުގައި ސުވާލު އަހަރެން އެކި ފަހަރުމަތިން ނަވީނާއި ކުރަމުން ގެންދިޔައީ މެވެ. އެހެންނަމަވެސް އޭނަ މިކަމަށް ދެނީ ބީރު ކަންފަތެކެވެ.

އަހަރެންގެ ލޯބިވާ ދަރިފުޅުގެ އެދުމުގެ މަތިން އަހަރެން ނަޒާ އާއި އެކު ދިޔައީ ސްކޫޕަށް އައިސްކްރީމް ބޯށެވެ. އެތަނުން ދުވެފައި ނަޒާ ނުކުތީ މަގަށެވެ. އަހަރެން ކައުންޓަރ ކައިރިން ދުރުވެ މަގަށް ބަލާލިއިރު މީހުންތައްވަނީ ތޮއްޖެހިފައެވެ. އަހަރެން ދުވެފައި ދިޔައިރި ނަޒާ އޮތީ ވެއްޓިފަ އެވެ. އެމްބިއުލާންސަށް އަރުވައިގެން ނަޒާ ހޮސްޕިޓަލަށް ގެންދެވުނެވެ.

އަހަރެންނަށް ރޮވެނީއެވެ. ނަވީން ދުވެފައި ހޮސްޕިޓަލަށް ވަނެވެ.

“ކިހިނެތް ވީ؟ ނަޒާއަށް ކިހިނެތް ވީ؟” ނަވީން އަހަރެންނާ  ސުވާލު ކުރަމުން ގެންދެއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އައިސީޔޫއިން ޑޮކްޓަރ ނުކުމެ އިސްޖަހާލި އެވެ. ނަވީން ހުރީ ގަނޑުވެފައެވެ. އަހަރެންނަށް ފެށުނީ އަޑުން އަޑުނަގާ ރޯށެވެ.

2 މަސް ފަހެވެ. ނަވީންއާއި އަހަރެން އެނބުރި ނަވީންގެ ރަށަށް ބަދަލުވީމެވެ. ދެމީހުން އެކީ މުސްތަގުބަލެއް ފެންނާކަށް ނެތޭބުނެ ނަވީން އަހަރެން ވަރިކޮށްފައި އެހެންމީހަކާ ކައިވެނި ކުރިއެވެ. ގަބޫލް ކުރަމެވެ. ކޮންމެ މީހަކުވެސް ދަރިއަކު ބޭނުންވާނެއެވެ. ފޮނި މުސްތަގްބަލެއް ބޭނުންވާނެ އެވެ.

އަހަރެނަކީ މިހާރު ޞާލިހުގެ އަންބެވެ. 2 ކުދިން ތިބެއެވެ. ޞާލިހުގެ އުމުރު އަހަރެންގެ އުމުރަށްވުރެ ކިތަންމެ ދޮށީ ނަމަވެސް އަހަރެންގެ މުސްތަގުބަލް މިވަނީ ޞާލިހުއާއި އަހަރެންގެ ދެދަރިންނާ ގުޅިފައެވެ.

އަދިވެސް އަހަރެން ނަވީންދެކެ ލޯބިވަމެވެ. އެކުގައި ވާން އެދެމެވެ. ނަމަވެސް ތަގްދީރުގައި ލިޔެވިފައިވަނީ އެހެންނަކުން ނޫނެވެ. އަހަރެންނަށް ދެން ނަވީނެއް ނުލިބޭނެެ އެވެ. އެހެންނަމަވެސް އަދިވެސް ހިތް ގަބޫލް ކުރަނީ އެއީ އަހަރެންގެ މީހެއް ކަމުގައެވެ. އަހަރެންގެ ނަވީނެވެ.

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ސީ ގެ އުލްފާ އަބްދުއްލަތީފް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355