twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގެ ސަގާފަތުގެ ތެރެއިން ‘ފަރިއޮޅުލުން’ – ބަލާލަން ރީތި ހިތްގައިމު މަންޒަރެެއް

Aug 15, 2015

އަލިފުޒަވިޔަނި

ބަލާލަން ރީތި ހިތްގައިމު މަންޒަރެކެވެ. ރީތި ސަގާފީ ހަރަކާތެކެވެ. ދިވެހި އަންހެނުންގެ ދިވެހި ވަންތަކަން ދައްކުވައިދޭ ހުށައެޅުމެކެވެ. ފަރިއޮޅުލުން ނުވަތަ ފަރިވަޅުލުމަކީ ހދ.ކުޅުދުއްފުށީގައި ޒަމާނުއްސުރެ ކުރަމުންއައި ކަމެކެވެ. ކޮންމެވެސް ވަރަކަށް ވަޅުޖެހެމުން އައި ނަމަވެސް މިހާރު އަނެއްކާވެސް ސަގާފީ ކަމެއްގެ ގޮތުގައި އާލާވަމުން އަންނަ ފުރިހަމަ ހަރަކާތެކެވެ.

އާ ދޯންޏެއް ނުވަތަ އޮޑިއެއް ބޭލުމުގެ ކާރޫބާރޫގަނޑަކީ ގިނަ ދުވަސްތަކަކަށް ކުރިއަށްދާ ކަންތައްތަކެކެވެ. އޭގެ ތެރެއިންވެސް ފަރިއޮޅުލުމަކީ އޮޑި ބޭލުމާ މާބޮޑު ގުޅުމެއް ނެތްނަމަވެސް ދިވެހިންގެ ދިވެހި ވަންތަކަން ދައްކުވައިދޭ އެތައްކަމެއް ހިމެނޭ ޙަރަކާތެކެވެ. ދިވެހިންގެ ހެދުންއެޅުމުގެ އުސޫލުތަކެވެ. ދިވެހިންގެ މަސައްކަތްތެރިކަމެވެ. ދިވެހިންގެ އުޅުމާއި ގުޅުމެވެ. އަޚުވަންތަކަމާއި އެކުވެރިކަމެވެ. އެއްބައިވަންތަކަމާއިި އެއްބައެއްވަންތަކަމެވެ.

ފުނަ ޝޯގައި ކުރިއަށްގެންދިޔަ ފަރިއޮޅުލުންމުގެ ތެރެއިން–

ފަރިއޮޅުލުމަކީ ގަޑިއެއްހާއިރަށް ދެމިގެންދާ ކުރު ޙަރަކާތެއް ނަމަވެސް މިކަމަށް ތައްޔާރުވުމަށް ގާތްގަނޑަކަށް ދެދުވަސް ނަގާނެއެވެ. މި ޙަރަކާތް ފެށެނީ އޮޑި ބާލާނެ ދުވަހަކާއި ވަގުތަކާއި ސާޢަތެއް ކަނޑައެޅޭ ހިސާބުންނެވެ. އެކަމަށް ޚާއްޞަ ކަންވެރިޔަކު ހުންނާނީ ކުރިއްސުރެ އެކަމަށް އައްޔަން ކޮށްފައެވެ.  މި ސާޢަތް ކަނޑައަޅަނީ އެދުވަސްވަރެއްގައި ދިޔަވަރު އޮންނަ ގޮތަށް ބަލާފައެވެ. ދިޔަވަރު ބޮޑުވާ ގަޑީގައި އޮޑި ބާލަނީ ފަސޭހައަކަށެވެ. ބޯދާ ޤަބޫލުކުރުންތައް މިހާރު ބިދުޢަތަކަކަށް ވެފައި ވިޔަސް ކޮންމެ ކަމެއްގައިވެެސް ހެވެއްވާނޭ ބުނާ ބީދައިން މިގޮތަށް ވަގުތުބަލަނީ ފައިދާތަކެއް ޙާޞިލުކުރުމަށެވެ. ފިރިހެނުން އޮޑި ބޭލުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އޮޑިބޭލުމަށް ތައްޔާރުވަމުން ދާއިރު، ފަރިއޮޅުލުމުގެ ކަންތައްތަކަށް ތައްޔާރުވުމުގައި އަންހެނުން ޙަރަކާތްތެރިވާނެއެވެ. ފަރިއޮޅުލުމަކީ އޮޑިވެރިގެއިން އޮޑިއަށް އެރުވޭ ހަދިޔާގެ ބޮނޑިބަތެކެވެ.

ފަރިއޮޅުލުމަށްޓަކައި ފުރަތަމަ ކަމަކަށް އޮންނާނީ ފަރިއޮޅުލުމުގައި ބައިވެރިވާނޭ އަންހެނުން ނުވަތަ އަންހެންކުދިން ހޯދުމެވެ. މިކަންކުރަނީ އޮޑިވެރިގޭގެ އަންހެެނުންނެވެ. ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އަނެކުންނަށް އެހީތެރިވުމުގެ ރޫޙް ފެނިގެންދަނީ މިކަމަށް ހުށައެޅޭ ކޮންމެ މީހެއްގެ ފަރާތުންވެސް ފަރިއޮޅުލުމުގައި ބައިވެރިވާނެކަމަށް “އާނ ބަސް” ބުނާތީއެވެ. މިއީ ގާތްގަނޑަކަށް 50 އާއި 100 އާ ދެމެދުގެ ޢަދަދަކަށް އަންހެނުން ބައިވެރިވާ ޙަރަކާތެއްކަމުން އެ ޢަދަދަށް މީހުން ހަމަވުމުން ދެން އޮންނާނީ ބޮނޑިބަތް ކެއްކުމެވެ.

ބޮނޑިބަތް ކައްކާނީ އޮޑިވެރިގޭގައި އެގޭގެ އަންހެނުންނެވެ. މިކަމުގައި އަވައްޓެރިންނާއި ރައްޓެހިންނާއި ތިމާގެ މީހުންގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެއެވެ. ބޮނޑިބަތް ކައްކާނީ އޮޑިބޭލުމަށް ހަމަޖެހިފައިވާ ދުވަހުގެ ކުރީރޭގެ ވަގުތެއްގައެވެ. ބޮނޑިބަތް ކެއްކުމަށްފަހު ފަތާތަށިތަކަށް އަޅައި ކޮންމެ ތައްޓެއް ވަކިން ރުމާލަކުން ބަނދެ ގޭގެ ބޮޑުއަށިމަތީގައި އަތުރާފައި ބަހައްޓާނެއެވެ. އަދި ކޮންމެ ތައްޓެއްގެ މަތީގައި ފަނުންވިޔެފައި ބުރަފައްޗެއް ބޭއްވުމުން ބޮނޑިބަތް ތައްޔާރުކުރުމުގެ ބައި ނިމުނީއެވެ.

އިއްޔެ ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ފުނަ ހަރަކާތުގެ ތެރެއިން “ފަރިއޮޅުލުން”–

މި ޙަރަކާތުގައި ބައިވެރިވާ އަންހެނުންވެސް މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެއެވެ. ފަރިއޮޅުލުމަށް ލާ ހެދުމަކީ ދިވެހި ލިބާސް ނުވަތަ ފާސްކުރިހެދުން ކަމަށްވާތީ އެފަދަ ހެދުމެއް ހޯދައި ހެދުމާއެކު އަޅާ ގަހަނާ ހޯދުމަކީ އެމީހުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރާ ކަމެކެވެ. އަތުގައި އެފަދަ ގަހަނާއެއް ނުވަތަ ހެދުމެއް ނެތްނަމަ އެހެން މީހެއްގެ އަތުން ހެޔޮވަރު ހެދުމެއް ހޯދާހޯދުމަކީ މިފަދަ ކަންތައްތަކަށް އެމީހުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން ހާމަވާކަމެކެވެ. އަދި މީގެ އިތުރުން ކޮންމެ މީހަކުވެސް ތިމާގެ އަތުގައި އޮންނަ އެންމެ ރީތި ހެދުން އަނެކާ ލުމަށް އެ ދޭ ދިނުމަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ފުރިހަމަ ނަމޫނާ ދައްކުވައިދޭ ކަމެކެވެ. މިކަމަށް ޢާންމުކޮށް ބޭނުންކުރާ ރަތްކުލައިގެ ލިބާސް ނުވަތަ ހެދުމަކީ އެޒަމާނުގައި ކޮންމެ ކޮންމެ މީހެއްގެ އަތުގައި އޮންނަ އެއްޗަކަށް ނުވިޔަސް ދިވެހިންގެ ގާތްތިމާގެ ގުޅުމުގެ ސަބަބުން މިފަދަ ތަކެތި ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވެއެވެ.

ދެން އޮންނާނީ ފަރިއޮޅުލުމުގެ ޙަރަކާތަށް ފެށުމެވެ. އެއީ އަންހެނުން ރަތްކުލައިގެ ދިވެހިލިބާސް ނުވަތަ ފާސްކުރިހެދުން ލައިގެން ، ގަހަނާ އަޅައި ބޮލުގައި ރުމާފަޅި ނުވަތަ ބޮލުފޮތިކޮޅު އަޅައިގެން އޮޑިބޭލުމަށް ހަމަޖެހިފައިވާ ގަޑިއަށް، އޮޑިވެރިގެއަށް ޖަމާވާ ހިސާބުންނެވެ. އޭރު ފިރިހެނުން އަތިރިމަތީގައި އޮޑިބޭލުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެއެވެ. އަންހެނުން، ކޮންމެ މީހެއްގެ ބޮލަށް ބޮނޑިބަތް ތައްޓެއް ލައިގެން ކަނާތުން ތަށީގައި ހިފަހައްޓައިގެން ވާތް ހޫރަމުން ފަރި ހިނގުމެއްގައި ސަފަކަށް އެތުރިގެން އޮޑި ބާލާ ދިމާއަށް މިސްރާބުޖަހާ މަންޒަރަކީ ފަރިއޮޅުލުމުގެ އެންމެ ފުރިހަމަ އެންމެ ހިތްގައިމު އަދި އެންމެ ބަލާހިތްވާ މަންޒަރެވެ. މިގޮތަށް ހަދާ ސަފުގެ އެންމެ ކުރީގައި ބަހައްޓާނީ އާމިނަތު ކިޔާ ކުއްޖެއް ނުވަތަ މީހެކެވެ. ސަބަބަކީ އާ އޮޑިއެއް ބޭލޭތީ “އާ” ކިޔާފައި ފެށޭ ނަމެއް ކިޔާ ކުއްޖެއް އެންމެ ފުރަތަމަ އޮޑިޔަށް އެރުވުމަށެވެ. މި ސަފުގައި ހިނގަނީވެސް ވަކި ހަމަތަކެއްގެ މަތިން ވަކި އުސޫލަކުން ނެވެ. މާ ބަރަކަށް އަދި މާ މަޑަކުންވެސް ނޫނެވެ. އަތްހޫރުވަނީވެސް ރީތި ވަރަކަށެވެ. ޒަމާނީ ފެޝަން ޝޯވ ތަކުން މި ފެންނަ “ކެޓް ވޯކް” ނޫން ނަމަވެސް އެފަދަ ޝޯވ އެއް ބަލާލުމުން ލިބޭ އުފާވެރި އިޙްސާސް މި ޙަރަކާތް ބަލާލުމުންވެސް ލިބޭނެކަން ގައިމެވެ.

ފުނާގައި ކުރިއަށްގެންދިޔަ ފަރިއޮޅުލުމުގެ ތެރެއިން–

އަންހެނުން މިގޮތަށް ސަފަކަށް ހިނގާފައި ގޮސް އޮޑިޔަށް އަރާނީ، އޮޑި ބާލައި ކަނޑިންމައިން ބޭރުކުރުމަށްފަހު ފާލަމަށް ނުވަތަ ގޮނޑުދޮށަށް ގާތްކުރާ ހިސާބުންނެވެ. ފަހަރަކު މީހަކު އޮޑިޔަށް އަރައި އޮޑިތެރޭގައި ހުންނަ ކޮންމެވެސް މީހަކަށް ބޮނޑިބަތްތަށި ދިއްކޮށްލުމާއެކު އެމީހަކު ދެ ކުރުނބާ ދިއްކޮށްލާނެއެވެ. ހަދިޔާއެއްގެ ގޮތުން މި ލިބުނު ދެ ކުރުނބާ ހިފައިގެން އޮޑިން ފައިބައި އެ ސަރަހައްދުގައި މަޑުކުރާނެއެވެ. އެއީ އެންމެން އޮޑިއަށް އަރައި ފައިބައި ނިމެންދެންނެވެ. ފަރިއޮޅުލުމުގެ ޙަަރަކާތް ނިންމައި ޙަރަކާތުގެ ބައިވެރިން ގެއަށް އަންނާނީ ހިނިތުންވެ ތިބެއެވެ. “މިއަދު ބޭލީ ކޮން އޮޑިއެއްތޯ؟” އަހައި ސުވާލުކުރާ މީހުންނަށް ހިނިތުންވުމާއެކު ޖަވާބުދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355