twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހދ. ފުނަ: ޝައުގުވެރި ހަރަކާތްތައް މަދު- އިންތިޒާމް ކަމަކު ނުދޭ

Aug 17, 2015

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތަކުގައި ބާއްވާ ސަގާފީ އެންމެ ބޮޑު ކުޅިވަރު “ފުނަ” ގައި ކުޅުދުއްފުށީގެ އިތުރުން 4 ރަށަކުން 16 އައިޓަމު ހުށަހެޅި އެވެ. ފުނާގެ ހަރަކާތްތައް ފެށިގެންދިޔައީ ފަރިއޮޅުލުމާއި ވެދުމާ ދިއުމުގެ ހަރަކާތްތަކާ އެކު އެވެ. ސަގާފަތާ އިހުގެ ކުލަ ދައްކާލުމުންނެވެ.

މި ހަރަކާތްތައް ހުރިހާ އަތޮޅަކުން ވެސް ދިޔައީ ވަރަށް ކުރިޔާލާ ތައްޔާރުވަމުންނެވެ. އެގޮތުން ހދ އަތޮޅު ކައުންސިލުން ވެސް ގައުމީ މިހަރަކާތްތައް ވަރަށް ބޮޑަށް ތައްޔާރުވިކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ހދ އަތޮޅުގެ ސަގާފަތާއި އިހުގެ އާދަކާދައިގެ ކުޅިވަރުތަކުގެ “ކުލަ” މަޑުވުމާއި އިންތިޒާމު ކުރުމުގެ ކަންތައް ހުރިގޮތުން އެކަމަށް އަތޮޅު ކައުންސިލުން އެންމެ ރަގަޅަށް ތައްޔާރު ނުވާކަން އެގެ އެވެ.

ކުޅިވަރަކަށްވާ ކަހަލަ މަދު ކުޅިވަރުތަކެއް ފެނުނު ހދ.ގެ ފުނަ ޝޯ ހަވީރާއި ރޭގަނޑަށް ކުޅިވަރުތައް ބަހާލައިގެން ކުރިއަށް ގެންދިޔައިރު ހަވީރު ވަނީ ބޮޑުބެރުގެ އިތުރުން 6 ކުޅިވަރެއް ދައްކާލާފަ އެވެ. އެގޮތުން އެންމެ ފޯރިހިފި ކުޅިވަރަކަށް ވީ ހަނިމާދޫ ކެތިއަރާ ޖަމިއްޔާއިން ގެނެސްދިން ބޮޑުމަސް ބޭނުމެވެ. ގިނަ ކުޑަކުދިންގެ ޝައުގުވެރިކަން އަތުލި ބޮޑުމަސް ބޭނުން ޔަގީނުންވެސް ވާނީ މުޅި ފުނަ ޝޯގައިވެސް ކުރިއަށް ދިޔަ އެންމެ ޝައުގުވެރި ހަރަކާތަށެވެ. އޭގެ އިތުރުން އަންހެނުންގެ ކުރުފަލި އަދި ދަފިނެގުންވެސް ފާހަގަކޮށްލެވެ އެވެ.

ރަށްރަށުގައި ޒަމާނުއްސުރެ ކުޅެވެމުން އަންނަ ޝަގާފީ ކުޅިވަރުތަކަށް ހާއްސަ ކޮށްގެން ބާއްވަމުން އަންނަ ފުނަ ޝޯގައި ހދ އަތޮޅުގެ ރަށްތަކުން މާބޮޑު ޝައުގުވެރިކަމެއް ފެނިފައެއް ނުވެއެވެ. މިފަދަ ބޮޑު އަތޮޅަކާއި އަޅާބަލާއިރު ގެނެސްދެވުނު އައިޓަމްތައް މަދު އިރު އެންމެ އެދެވޭގޮތުގައި ހުށައެޅުންތައް ހުށައަޅާދެވިފައެއްވެސް ނުވެއެވެ. ސަބަބުތައް ވެސް އެބަހުއްޓެވެ.

ކުޑަ މިސާލަކަށް ބަލާލަމާ ހިނގާށެވެ. އެންމެ ކުރިންސުރެއް ކުޅުދުއްފުށީގައި ކުޅެމުންއަންނަ “ދަމު ހިނގުން” ވެސް ޝޯއިން ނުފެނުނެވެ. މިކަހަލަ އެތައް ބައިވަރު ކުޅިވަރުތަކެއް ދައްކާލުމަށް ލިބުނު ފުރުސަތުގައި ހދ އަތޮޅު މިފަހަރު މިވީ ފެއިލެވެ. މިކަން ދިމާމިވީ ރަށްރަށުގެ ކައުންސިލު ތަކާއި ހދ އަތޮޅު ކައުންސިލް ގުޅުން ކުޑަވުން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ އެއްހެއްކަކީ މީހުން ދިރިއުޅޭ 13 ރަށް އޮންނައިރު މިޝޯގައި ބައިވެރިވެސް މިވީ އެންމެ 5 ރަށުން ކަމެވެ.

ޝޯ އިންތިޒާމް ވެސް ކަމަކު ނުދެ އެވެ. ހަވީރު ޝޯ ބެލެމަށް ގިނަ ބަޔަކު ސްޓޭޑިއަމަށް ދިޔައިރު ޖާގަ ކުޑަވެގެން ގިނަ ހަރަކާތްތައް ނުފެންނަ މީހުން ގިނަ އެވެ. ސައުންޑް އަދި ލައިޓިންވެސް މިފަދަ ބޮޑު ޝޯ އަކަށް ބަލާއިރު ހަމަ ސުމެކެވެ. ހަވީރު ކުރިއަށް ގެންދިޔަ އައިޓަމްތަކަށް ވެސް ސައުންޑް ގެ މައްސަލަތައް ޖެހި ވަރަށް ބޮޑު އުނިކަމެއް އައިކަން ފާހަގަ ކުރެވެއެވެ.

މައްސަލަތައް ބޮޑަށް ފެނުނީ ރޭގަނޑު ޝޯ ފެށުމާ އެކީގަ އެވެ. އައިޓަމްތަކުގެ އަޑު ކެނޑުމުގެ އިތުރުން ފަހުން އިތުރު ލައިޓް ހަރުކުރި ނަމަވެސް ޝޯ ފެށުނު އިރު އެ ސަރަހައްދައް ބޭނުންވާ ވަރަށް އަލިކަމެއް ނެތެވެ.

އޭގެއިތުން ސްޓޭޖްވެސް އަޅާފަވަނީ އެންމެ އެކަށީގެންވާ ތަނުގައި ނޫންކަން ފާހަގަކޮށްލެ ވެއެވެ. ގިނަ ބަޔަކަށް އިށީދެވޭނެ ގޮތެއްވެސް އިންތިޒާމް ކުރެވިފައި ނުވާއިރު ހަވީރު ޝޯ ފެށުނުއިރުވެސް ގިނަ ބަޔަކު ތިބީ އިށީދެވޭނެ ގޮތެއްނެތި އެކި ހިސާބުތަކުގައި ބޮޑި ވެފައެވެ. ހާއްސަކޮށް ސިޑި ބަރިއާ މާ ދުރުގައި ސްޓޭޖް އަޅާފައިވާތީ އާއެކު ސިޑި ބަރީގައި ތިބި މީހުންނަށް ވެސް ޝޯފެންނަ ގޮތެއްނުވިއެވެ. ސްޓޭޖް ކުރިމަތީގައި ގޮނޑި އަތުރާފައިތިބީ ހަމައެކަނީ އެތަނަށް ވަޑައިގެންނެވި މެހެމާނުންނަށް އެކަންޏެވެ. ނަތީޖާ އަކަށްވީ ނަލަ ހެދިގެން ދިޔަ ކުޑަކުދިންނަށް ޝޯ ފެންނަ ގޮތްނުވެ ޝޯ ދޫކޮށް ދިޔަ މީހުންގެ އަދަދު ގިނަވުމެވެ.

މިފަދަ ބޮޑު ޝޯއެއް ރަށުގައި ބާއްވާއިރު، އިންތިޒާމް މިއަށްވުރެ ރަނގަޅު ކުރެވޭނެ ކަމަށް ފެނެއެވެ. މީގެ ފަހުން މިފަދަ އައިޓަމް އެއް ބާއްވާއިރު މިފަދަ ކަންކަމަށް ވިސްނާލުން މުހިއްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355