ސާނަވީ މަރުހަލާގައި ތައުލީމު ހާސިލްކުރަމުންދާ ފުރާވަރުގެ ދަރިވަރުންނަށް އަމާޒުކޮށް އަފީފުއްދީން ސްކޫލުގައި ފުލުހުން ކުރިއަށް ގެންދިޔަ ރެޑީ ކޭމްޕް ނިންމައި، ދަރިވަރުންނަށް ސެޓްފިކެޓް ދީފި އެވެ.
ޖުމްލަ 85 ދަރިވަރުންނާއެކު މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ކޭމްޕް 3 ދުވަހު މުއްދަތަށް ކުރިއަށް ގެންގޮސްފައި ވެއެވެ.
އޭސީޕީ މަންނާނު ވަޑައިގަތުމުން ޕްރިންސިޕަލް އާދަމް މަރުހަބާ ވިދާޅުވަނީ–
ހޭންޑު އިން ހޭންޑް ޖަމިއްޔާ އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި ކޭމްޕްގެ މަގްސަދަކީ ސްކޫލު ނިންމައިގެން ދަރިވަރުން މުޖުތަމައު އަށް ނިކުންނައިރު ހަރުދަނާ ދަރިވަރުންތަކަކަށް ހެދުމެވެ.
މިއަދު ހަވީރު އަފީފުއްދީން ސްކޫލުގެ ހޯލްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބުދުލް މަންނާނު ޔޫސުފެވެ.
އޭސީޕީ މަންނާނު ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ–
ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ އޭސީޕީ އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް މި ކޭމްޕުގައި ދަސްވި އެއްޗެހީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ޖެހޭނެ ކަމަށާއި ކޮންމެ ކުއްޖަކީ ވެސް ދިރިއުޅުމުގައި އެކި އެކި ކަންކަން ދިމާވާނެ ކުއްޖެއް ކަމަށެވެ.
އަދި ކުރިއަށް ދެވޭނީ ކަންކަމާ ކުރިމަތިލައި ހިތްވަރާއެކު ކުރިއަށް ގޮސްގެން ކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮންމެ ކުއްޖަކީ ވެސް މުޖުތަމައަށް ބޭނުން ކުއްޖެއް ކަމަށާއި ދަސްވާ އެއްޗެހީގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް އެސީޕީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އޭސީޕީ ވާހަކަފުޅު ދައްކަވަނީ–
މި ކޭމްޕްގައި ދީނީ ހޭލުންތެރިކަން ދަރިވަރުންގެ މެދުގައި އިތުރުުކޮށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީ، ޖިނާއީ ކުށްތައް ކުރުމުން ޢަމަލުކުރެވިގެންދާ ގޮތުގެ މައުލޫމާތު ދަރިވަރުންނަށް ހިއްސާކޮށްފައިވެ އެވެ.
އަފީފުއްދީން ސްކޫލުގެ ފަރާތުން ހަނދާނީ ފިލައެއް ފުލުހުންނަށް އަރުވަނީ–
މީގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާއި ހަނގާ ކުރުމުން ލިބޭ ގެއްލުމާއި އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކާއި އާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުންވެސް މައުލޫމާތު ދީފައިވެ އެވެ.