twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކުރުވާހަކަ: ވަކިވިޔަސް

Oct 19, 2015

ލިއުނީ: މަރިޔަމް ހަނާ އިބްރާހިމް

ކުރކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ރިވާއު ހުއްޓެވެ. އެއީ މިހާރު އޭނާގެ އާދައެވެ. އެއްފަހަރު ގޮސް އެނދުމަތީގައި އިށީދެލިއްޔާ ދެން ހުންނާނީ ދެން ކޮޅަށެވެ. އިރުއިރު ކޮޅުން އެނދާ ދިމާލުން ފާރުގައި އަޅާފައި ހުރި ބޮޑު ފޮޓޯގަނޑަށް ބަލާލައެވެ. އެ ފޮޓޯގަނޑުގައި އިނީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ލުއިލުއި ހިނިތުންވުމެއްގައި އިން ސާދާ މޫނެކެވެ. ރިވާއު ހަމަޖެހުން ނަގާފައިވަނީ އެ ޒުވާން އަންހެން ކުއްޖާއެވެ. ރިވާއު ގޮސް އެނދަށް އެރީ އެނާގެ ލޯބި ލޯބި ދަރިފުޅު ޝަބާން ބައްޕައޭ ކިޔާ ގޮވާލުމުންނެވެ. އެ މައުސޫމު މޫނު ފެނުމުން ހިފަހައްޓައިގެން ހުރި ކަރުނަތަށް ރިވާއު ކޯތާފަތް މައްޗަށް އޮހެން ފަށައިފިއެވެ. ޝާބާން ނިއްކުރީގައި ރިވާއު އޭނާގެ ތުންފަތް ޖައްސާލިއެވެ. ޝަބާން ހިނިތުންވެލަމުން ބައްޕަ މޫނަށް ބަލާލިއެވެ. ރިވާއުއަށް އޭނާގެ މާޒީ ހަނދާން ކުރުވުމަށް މަޖްބޫރު ކުރުވަމުންނެވެ.

އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް މިއަދުވެސް ރިވާއު އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ކޮއްކޮ ރިފާ އަދި ކޮއްކޮގެ އެންމެ ގާތް އެކުވެރިޔާ ޝަބާ ނިކުންނާނެ އިރަކަށެވެ. ރިވާއު އަކީ ގުރޭޑު 12 ގައި ކިޔަވަމުންދާ ކުއްޖެކެވެ. ރިފާމެން އުޅެނީ ގުރޭޑް 10 ގައެވެ. ދެކުދިންގެ އުމުރުގެ ތަފާތު ކިތަންމެ ބޮޑުކަމަށްވިޔަސް ރިވާއުގެ ހިތް މިހާރު ވިންދު ޖަހަނީ ޝަބާއަށްޓަކައިއެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޝަބާއަށް އެކަން އެންގުމެވެ. ތެޔޮނާށި ކާޅު ޖަހާގައިނެދާނެކަމުގެ ބިރުއޮތީމައި އެވެ. ރިފާއާއި ޝަބާ ނިކުތުމުން ތިން ކުދިން ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ރިވާއު ޝަބާގެ ކައިރިޔަށް ޖެހިލިޔެވެ. ރިފާއާށް ނޭނގޭނު ގޮތަކަށް ޝަބާ އަތުގައި ހިފާލުމަށްފަހު އެ އަތުގެ ތެރެއަށް ކަރުދާސްކޮޅެއްލިޔެވެ. ހައިރާންވެފައި ޝަބާ ބަލާލިއެވެ. ރިވާއު ހިނިތުންވެލިއެވެ. ގެއަށް ވަދެވުމާއެކު ޝަބާ އަވަސް އަވަހަށް އެ ކަރުދާސް ނިއުޅާ ބަލާލިއެވެ. އޭގައި އޮތީ ހަވީރު ބައްދަލުކޮށްލުމަށް ހުޅަނގު ފަރާތު ތުނޑިއަށް އައިސްދިނުމަށެވެ. ޝަބާ ހިތުގެ ހިނގުން އަވަސްވިއެވެ. އަވަހަށްގޮސް އަލަމާރި ހުޅުވާލީ ލާނެ ހެދުމެއް ހޯދުމަށްޓަކައިއެވެ. އޭނާއަށް ފެނުނު އެންމެ ރީތި ހެދުން ނަގައި އިސްތިރި ކޮށްލިއެވެ. ޝަބާގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއް ނޫނެވެ. ޝަބާގެ އިތުރުން ހަގަށް އަދި އިތުރު ކުއްޖެއް ހުރެއެވެ. ގެއަށާއި ކުދިންގެ ކިއެވުމަށް ހަރަދުކޮށްފައި ރައްކާކުރާނެ ފައިސާއެއް އޮންނަނީ ނުވެފައިއެވެ. ޝަބާގެ މަންމަ ޝިޔާމާ އައިސް ދޮރުހުޅުވާލިއިރު ދަރިފުޅު ޔުނީފޯމްވެސް ބަދަލުނުކޮށް ހުރިތަން ފެނުމުން ކުޑަކޮށް ހައިރާން ވިއެވެ. އެއީ ދުވަހަކުވެސް ޔުނީފޯމް ލައިގެން އެހެން ހުންނަ ކުއްޖަކަށް ނުވާތީއެވެ. ޝިޔާމާ ފެނުމުން ހަވީރު ބޭރަށް ދިޔަސް ހެޔޮތޯ ސުވާލުކުރިޔެވެ. ޝިޔާމާ ކޮޓަރިން ނުކުމެ ދަރިފުޅާ ދޭތެރޭ ވިސްނާލިޔެވެ. ދަރިފުޅުގެ މޫނުމަތިން މިއަދު އާދަޔާހިލާފަށް އުފާވެރިކަން ފެންނަން ހުއްޓެވެ. ޝިޔާމާ ދެއަތަކަށް ބޯ ހޫރާލުމަށްފަހު ބަދިގެތެރެއަށް ވަނެވެ.

ހަވީރުގެ ވަގުތެވެ. ވަރަށް ރީތިވެލައިގެން ޝަބާ ދިޔައީ ރިވާއުއާ ބައްދަލުވުމަށެވެ. ރިވާއު ބުނަން އުޅޭ އެއްޗެއް ނޭނގޭތީ ޝަބާ ހުރީ ފިނިވާގޮތްވެފައިއެވެ. ޝަބާއަށް ތުނޑިއަށް ނުކުމެވުން އިރު އޭނާގެ އިންތިޒާރުގައި ރިވާއު އެތާހުއްޓެވެ. ރިވާއުވެސް ހުރީ ހާސްވާގޮތް ވެފައެވެ. ޝަބާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ޝަބާގޮސް ހުއްޓުމުން ރިވާއު ވާހަކަ ދައްކަންފެށި އެވެ. އަދި މަޑު މަޑުން އޭނާ ކަކޫ މައްޗަށް ތިރިވެލި އެވެ. އަދި ފިޔާތޮށި ފިނިފެންމަލެއް ދިއްކޮށްލި އެވެ. ރިވާއު ބޭނުންވީ ފިލްމީކޮށް ލޯބި ހުށައަޅާށެވެ. މާ ދިއްކޮށްލަމުން “އައިލް ޔޫ ޝަބާ” އޭ ބުނެލި އެވެ.

ޝަބާގެ ދެލޯ ބޮޑުވިއެވެ. އެއީ އޭނަ އަޑު އަހަން ބޭނުންވެފައި ހުރި ބަސްތަކަށް ވިއަސް އެއިވުން ބަސްތައް އޭނާއަށް ތެދުކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ޝަބާ އެއްޗެއް ނުބުނުމުން ރިވާއު ތަކުރާރުކޮށްލި އެވެ. އަދި ޖަވާބެއް ބޭނުން ކަމުގައި ބުންޏެވެ. ޝަބާ އެފިނިފެންމަލުގައި ހިފާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ރިވާއު އަށް ހީވީ ދުނިޔެ ރަންވި ހެންނެވެ. އުފަލުގެ ކޮޅެއްނެތެވެ. ދެކުދިންގެ ލޯބީގެ އައު ބާބެއް ފެށުނީއެވެ. އެކަމަކު އެއްވެސް ކުއްޖަކު ކިޔެވުމަށް ބުރު އެރިޔަކަ ނުދެއެވެ. ރިވާއު މިހާރު ހުރީ ސްކޫލް ނިމިފަ އެވެ. ނަމަވެސް ޝާބާ ކިޔަވަމުން ގެންދާތީ އަދި އެއްވެސް މީހަކަށް ދެކުދިންގެ ގުޅުމުގެ ވާހަކައެއް ނާންގަ އެވެ. ރިވާ ފިޔަވައެވެ. ރިފާހުރީ ޝަބާ އޭނާގެ ފަހަރިއަކަށް ވާންއުޅޭތީ ވަރަށް އުފަލުންނެވެ. ބައެއް ފަހަރު ޝަބާ ރުޅި އަރުވަލުމަށް ވަރަސް ދިމާވެސް ކުރެއެވެ.

ޝަބާގެ ކިޔެވުން ނިމުމާއެކު ރިވާއު ބޭނުންވީ މަންމަމެން ގާތު ދެކުދިންގެ ގުޅުމުގެ ވާހަކަ ބުނާށެވެ. އެކަމަކު ޝަބާ އެކަން މަނާކުރީ ރިވާއުއަށް ކޯހެއް ލިބިފައި އޮތީމަ އެވެ.

ޝަބާ ބޭނުން ވީ ރިވާއު ކޯހުން އެނބުރި އައިސް އެވާހަކަ ބުނުމަށެވެ. ރިވާއުއަކީ ޝަބާގެ އެދުމަށް ދެކޮޅު ހަދާ ކުއްޖެއް ނޫނެވެ. އެހެންކަމުން ޝަބާގެ މިއެދުމަށްވެސް ރިވާއު އެއްބަސް ވިއެވެ. ކިތަންމެ ސިއްރުކުރިއަސް ޝަބާގެ މަންމަ ޝިޔާމާއަށް ދަރިފުޅުގެ ހިތުގައި ކޮންމެވެސް ފިރިހެން ކުއްޖެއް ހިޔާލުތައް ވާހަކަމަށް ޝައްކު ކުރެވެ އެވެ. އޭނާ ނޫންގޮތަކަށް ދެފަހަރެއްގެ މަތިން ރިފާއާވެސް ސުވާލު ކުރިއެވެ. އެކަމަކު ރިފާގެ ފަރާތުންވެސް އެކައްޗެއްވެސް ނޭނގުނެވެ.

ރިވާއު ފުރާ ދުވަސް ކައިރިވި ވަރަކަށް ޝަބާގެ ހިތަށް ނުތަނަވަސްވެރިކަން ވެރިވަމުން ދިޔައެވެ. ރިވާއު އުޅުނީ އެކޯސް ދޫކޮށްލާށެވެ. ޝާބާގެ ކައިރީގައި ހުންނަން ބޭނުންވާތީ އެވެ. އެކަމަކު ޝާބާ އެކަމަށް އިންކާރު ކުރިއެވެ. މުސްތަގުބަލަށް ވިސްނާފައެވެ. ރިވާއު އަކީ ކިޔަވައިގެން ހުރި މޮޅު މީހަކަށްވުމަށް ޝަބާ ބޭނުންވެއެވެ. އޭނާ އާއި ދުރުގައު އުޅެންޖެހުނު ކަމަށްވިއަސް ހެވެއެވެ. ފުރާދުވަސް ކައިރިވި ވަރަކަށް ދެކުދިންގެ ބައްދަލުވުންތައް ދިއައީ ގިނަވަމުންނެވެ. ވައުދުތަކާއި އަހުލުތައް ވާލެއް ދިޔައީ ގިނަވަމުންނެވެ. އެކަކު އަނެއްކަކަށް ވަފާތެރި ވުމަށާއި، ދެގޮތެއްނުވެ ހުންނާނެ ކަމަށް ވައުދު ވަމުންދިޔަ އެވެ. ޝަބާ އެކޭ އެއްގޮތަށް ރިވާއުވެސް ހުރީ ނުތަނަވަސްވެފަ އެވެ. ކިތަންމެ ފަހަރަކު ދަތުރު ކެންސަލްކޮށްލަންވެސް އޭނާ ހިތަށް އެރިއެވެ. އެކަމަކު މިއީ އޭނާގެ މައިންބަފައިގެ އުންމީދެވެ. ޝަބާގެ ހުވަފެނެވެ. ރިވާއުއަށް މިކަން ހުއްޓާއެއް ނުލެވޭނެ އެވެ. އޭނާގެ މައިންބަފައިންނާއި ލޯބިވެރިޔާގެ ހައްގުގައެވެ.

ޝަބާއަށް ހެނދުނު ހޭލެވުމާއެކު މާޔޫސީ ގޮތަކަށް ގަޑި ބަލާލިއެވެ. ގަނޑިން ހެނދުނު 10 ޖެހީއެވެ. ރިވާއުއާއި ވަކިވުމަށް ގަނޑިއިރަށް ވީއެވެ. ރިވާއު ފުރުމަށް ހަމަޖެހިފައިއޮތީ 11 ޖަހާއިރި އެވެ. ޝަބާ ސައި ތައްޔަރުކޮށްލުމަށް ފަހު ރީތި ވެލައިގެން ނުކުތީ ރިވާއު ގެއަށް ދިއުމަށެވެ. ޝަބާގޮސް އެގެއަށް ވަދެވުނު އިރު ރިވާއުގެ ސާމާނުތައް ތައްޔަރުކުރުމަށް ހޭބޯނާރަ އޭނާގެ މަންމަ މަސައްކަތް ކުރަމުން ދިޔައެވެ. ރިފާވެސް އެހީތެރިވަމުން ދިޔައެވެ. ޝަބާ ފެނުމުން ރިވާއުގެ މަންމަ ޖާވިދާ ވަރަށް ލޯބިން ގޮވާލިއެވެ. އަދި އެހީވުމަށް އައިސް ދޭށޭ ބުންޏެވެ. ޝަބާގޮސް ޖަވިދާމެން ކައިރީގައި ހުއްޓިލެވުނީ ރިވާއު މަންމައަށް ގޮވަމުން ކޮޓަރިން ނުކުތް ވަގުތަށެވެ. ރިވާއު ފެނުމުން ޝަބާ ފެންކަޅިވި އެވެ. ރިފާއަށް އެކަން ފާހަގަ ވުމުން ކޮންމެވެސް ބަހަނާއެއް ދައްކައި ޝަބާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އޭނާގެ ލޯބިވާ އެކުވެރިޔާއަށް ނަސޭހަތް ދިނެވެ. ކުޑައިރުކޮޅެއްފަހުން ރިވާއުއަށްވެސް އެކޮޓަރިއަށް ވަދެއްޖެ އެވެ.

ޝަބާ ރޮނީކަން އެނގުމުން ރިވާއު ވަރަށް ދެރަވެއްޖެ އެވެ. އެދެކުދިންނަށް ވަގުތު ކޮޅެއް ދިނުމަށްޓަކައި ރިފާ ބޭރަށް ނުކުތެވެ. ރިވާއު ޝަބާގެ ދެކޮނޑުގައި ހިފަހައްޓާލި އެވެ. އަދި ނުރޮއެ ހުއްޓާލުމަށް ބުންޏެވެ.

“ކިތަންމެ ދުރުގައި ހުއްޓަސް އަހަރެންގެ ހިތުގައި ޝަބާ ނަން ނޫން އެހެން ނަމެއް ނުލިއެވޭނެ ޝަބާ ތީ އަހަރެންގެ އެއްޗަކީ” ރިވާއުގެ މި ޖުމްލަ އަޑު އިވިފައި ޝަބާއަށް އަދި މާ އަސަރުކޮށްފި އެވެ. ރިވާއު ޝަބާ އޭނާ އާއި ކައިރިކޮށްލި އެވެ.

ރިވާއު ފުރުވުމަށްފަހު އެނބުރި އައިއިރު ޝަބާ ހީވަނީ އޭނާގެ އުފާވެސް ރިވާއުއާއެކީ ފުރުވާލާފައި އައި ހެންނެވެ. އޭނާ އެއްކަމެއްވެސް ކުރާހިތެއް ނުވެ އެވެ. މިފަހަރު ދަރިފުޅަށް ބަދަލެއް އައިސްފިކަން ޝިޔާމާގެ ތޫނު ސިކުނޑިއަށް ވިސްނައިގަނެވުނެވެ. އޭނާ ޝަބާ ބުނަނީ ކަމެއް ނުވާކަމުގަ އެވެ. ކޮންމެ ހަފްތާއަކުވެސް މަދުވެގެން އެއްފަހަރަ ރިވާއު ޝަބާއަށް ފޯނުކުރެއެވެ. ރިވާއު ގުޅަނީ ޝާބާގެ ނަންބަރަށެވެ. އެހާ ދުރުން ފޯނުކުރުމަކީ ފަސޭހަކަމަށް ނުވާތީ ރިވާއުއަށް ގިނައިން ނުގުޅެނީ އެވެ. ގުޅާ ކޮންމެ ފަހަރަކު ޝަބާއަށް ހިތްވަރު ދެއެވެ. ކޮންމެ ފޯނު ކޯލެއް ނިންމާލަމުންވެސް ވަފާތެރިވުމަށާއި ލޯބިވާވަރު ހާމަކޮށްދެ އެވެ. މިހާރު ރިވާއު މެލޭޝިޔާއަށް ދިޔަފަހުން 1 އަހަރާއި 5 މަސް ވެއްޖެއެވެ. އެކަމަކު ޝަބާގެ ހިތާމަތަކަށް ކުޑަވެސް ލުޔެއް ނުލިބެއެވެ.

ޝިޔާމާ ބަދިގެ ތެރޭހުރެފައި ބޭރަށް ނުކުތީ މީހަކު ސަލާމް ގޮވާ އަޑަށެވެ. އެއިރު ދޮރުމަތީގައި ހުރީ ޝަބާގެ ބައްޕަ އާރިފް އާއެކު އެއް އޮޑިއެއްގައި މަހަށްދާ މުހައްމަދު ފުޅެވެ. މުހައްމަދުފުޅު ހުރީ ވަރަށް ހާސްވެފަ އެވެ. މުހައްމަދުފުޅު ފެނުމާއެކު ޝިޔާމާވެސް ވީ ކިހިނެތްތޯ ސުވާލު ކުރިއެވެ. މުހައްމަދުފުޅަށް ވާހަކަ ދެއްކެނީވެސް ވަރަށް އުދަނގުލުންނެވެ.

“ޝިޔަމާ! އާރިފެއްވާ ނެތް.” މުހައްމަދުފުޅު ބާރު އަޑަކުން ބުންޏެވެ.

ޝިޔާމާގެ ދެލޯ ބޮޑުވިއެވެ. އަދި އަވަސް އަވަހަށް އާރިފަށް ވީ ކިހިނެތްތޯ ސުވާލު ކުރިއެވެ. މުހައްމަދު ފުޅު ހިންދިރުވަލުމަށް ފަހު އާރިފް ނަގިލި މައްޗަށް ވެއްޓުނީ ކަމަށް ބުންޏެވެ. އަދި ކިރިޔާ ދުނިޔޭގައި އޮތް ކަމޭ އަވަހަށް ހޮސްޕިޓަލަށް އަންނާށޭ ބުންޏެވެ. ޝިޔާމާއަށް އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. އަދި އަވަސް އަވަހަށް ދެކުދިން ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އާރިފް އޮތީ އައިސީޔޫގަ އެވެ. ޑޮކްޓަރުންގެ ފައުޖެއް އައިސީޔޫ ތެރޭގައި މަސައްކަތް ކުރަމުން ދިޔައެވެ. ޝިޔާމާގެ އާއިލާއަށް ހަތަރު އުދަރެސް ފެނުޖެހުނީއެވެ. އެމީހުން ދިރިއުޅެމުން އައީ އާރިފް ކުރާ މަސައްކަތުންނެވެ. މިހާރު އެއޮތީ ސަލާމަތް ވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ.

އެއްމަސްދުވަސްފަހުން އާރިފަށް ކުޑަލުޔެއް ލިބުނެވެ. ނަމަވެސް ހިނގާ ބިގާވެއެއް ނޫޅެވެއެވެ. މި އެއްމަސް ދުވަސް ތެރޭގައި ރިވާއުގެ ފޯނެއްވެސް ނާދެއެވެ. ބައްޕައަށް ލިބުނު އަނިޔާއާއި ރިވާއުގެ ފޯނެއް ނާންނާތީ ޝަބާ ހުރީ އިންތިހާއަށް ދެރަވެ ހާސްވެފަ އެވެ. ރިފާވެސް ރިވާއުގެ ފޯނެއް ނާންނަ ކަމަށް ބުންޏެވެ. އާރިފް ރަނގަޅު ވުމަށްޓަކައި ބޮޑު އޮފްރޭޝަނެއް ކުރަން ޖެހެއެވެ. އެކަމަކު އެއީ އެ ނިކަމެތި އާއިލާއަށް ކުރެވޭވަރަށް ވުރެ ބޮޑު ހަރަދެކެވެ. ޝިޔާމާ އެތައްބައެއް ކައިރީގައި އާދޭސްކޮށްފި އެވެ. އެއްވެސް މީހަކު އެހާ ބޮޑު ހަރަދެއް ދޭކަށް އެއްބަހެއް ނުވެއެވެ. އެއާއިލާ ކައިބޮއެ ހަދަނީ ޝިޔާމާ ރޯނުވަށައިގެން ލިބޭ ރުފިޔާއިންނާއި ރިވާއުގެ މަންމަ ޖަވިދާދޭ އެހީތެރިކަމުންނެވެ. ކިތަންމެ ހާލުގައި އުޅުނަސް ޝާބަ ލައްވާ މަސައްކަތެއް ކުރާކަށް ޝާބާ ބޭނުމެއް ނުވެއެވެ.

މިއަދު ޝިޔާމާ އެހީއަކަށް އެދި ދިޔައީ ރަށުގެ އެންމެ މުއްސަނދި ނިޒާރު ގާތަށެވެ. ނިޒާރަކީ ދަހިކަމަށް އަރައި ހުރި މީހެކެވެ. އެހެންނަމަވެސް އެހެންގޮތެއް ނެތުމުން ނިޒާރުގެ އެހީއަށް އެދެން ޖެހުނީއެވެ. ނިޒާރު އެހީދޭން އެއްބަސް ވިއެވެ. އެކަމަކު ޝަރުތަކާއެކު އެވެ. ވަރަށް ބޮޑު ޝަރުތެކެވެ. ޝިޔާމާއަށް ބޭއިހްތިޔާރުގައި އަނގަމަތީ އަތް އަޅާލެވުނީ ނިޒާރުގެ ޝަރުތު އަޑުއިވުމުނެވެ. އެހެންނަމަވެސް ޝިޔާމާއަށް އެއްބަސް ވެވުނީ އަރިފް ރަނގަޅު ވާނެ ހިތަށް އަރާފަ އެވެ. އޭނާގެ ދެކުދިންގެ ބައްޕައަށް ހިނގާ ބިނގާވެ އުޅެވެނެ ހިތަށް އަރަފަ އެވެ. ނިޒާރު ހަރުކަށި ރާގަކަށް މާދަމާ ރަންކިޔަން ފޮނުވާނަމޭ ބުންޏެވެ. އަދި އޮޕަޝޭނަށާއި ދަތުރަށް ބޭނުންވާ ފައިސާ ދިނެވެ. ޝިޔާމާ ފައިސާތައް ހިފައިގެންގޮސް ޝަބާއަށް ގޮވިއެވެ. އަދި ދަރިފުޅު ބޮލުގައި ފިރުމާލަމުން ބައްޕައަށް އެހީ ލިބުނު ވާހަކަ ބުންޏެވެ. ވަގުތަކީ ރިފާވެސް އެގޭގައި އުޅުން ވަގުތެކެވެ. ޝަބާ ކައިރީގައި ރިފާވެސް ހުއްޓެވެ. ދެންވެސް ވާހަކަ ދެއްކީ ޝިޔާމާ އެވެ.

“ދަރިފުޅާ، އެކަމަކު މިފައިސާ އަކީ ދަރިފުޅު ގުރުބާންވެގެން ލިބުނު ފައިސާ، ދަރިފުޅާ ކައިވެނި ކުރަން ރަންކިޔަން މާދަމާ ނިޒާރު މީހުން ފޮނުވާނެ. ބައްޕައަށްޓަކައި ދަރިފުޅު މިކަން ކޮށްދޭން ވާނެ” ޝިޔާމާ ވާހަކަ ނިންމާލުމަށް ފަހު ނިޒާރު ކައިރިއަށް ދިއައެވެ.

ޝަބާ އަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ. އަދި ރިވާއުގެ ނަން ކިޔަމުން ދިޔައެވެ. ރިފާ ޝާބާގެ ގައިގައި ހިފަހައްޓާލައިގެން ހުއްޓެވެ. ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެދުވަހު ރިފާއައި ޝަބާ ރިވާއުއަށް އެތައް ފަހަރަކު ގުޅި އެވެ. ނަމަވެސް ރިވާއު ފޯނެއް ނުނަގަ އެވެ. ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ޝަބާގެ ނުގަބޫލުގައި ޝަބާއަށް އޭނާގެ ރިވާއު ނޫން މީހަކާ ކައިވެނި ކުރަން ޖެހުނީ އެވެ. ކޮލެޖު ޓްރިޕެއްގައި މެލޭޝިޔާއިން ނޭޕާލަށް ގޮސް ރިވާއުމެން އެނބުރި މެލޭޝިޔާއަށް އައެވެ. އަދި އަވަސް އަވަހަށް ރިވާއު ޝަބާހެ ނަންބަރަށް ގުޅާލި އެވެ. ނޭޕާލަށް ގޮސް އެ ނަންބަރު ބޭނުން ނުކުރެވޭތީ ރިވާއުއަށް ޝަބާގެ ހަބަރެއްނުވާތާ ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ އެވެ. ޝަބާގެ ނަންބަރަށް ގުޅާލުމުން ބުނަނީ ފޯން ނިއްވާލާފަ ކަމަށެވެ. ރިވާއު ވަރަށް ހައިރާން ވި އެވެ. ރިފާއަށް ގުޅޭފަހަރަކުވެސް ޝަބާގެ ވާހަކައެއް އޭނާ ނުދައްކަ އެވެ. މިހާރު ޝަބާއަށް ނުގުޅޭތާ ފަސްމަހަށް ވުރެ ގިނަ ވީ އެވެ.

ރިވާއު އެނބުރި ރަށަށް އައީ ކޯސް ނިމުމުންނެވެ. ރިވާއު ފެނުމުން ޖާވިދާ ވަރަށް އުފާވި އެވެ. އެހެންނަމަވެސް ރިފާ ހުރީ މާޔޫސް ވެފަ އެވެ. ރިވާއު ވަރަށް އުންމީދާ އެކު ރިފާ ކައިރީގައި ޝަބާ ކޮބައިތޯ ސުވާލު ކުރި އެވެ. ރިފާއަށް ރޮވިއްޖެ އެވެ. އަދި ޝަބާ މިހާކާ އިންވާހަކަ ބުންޏެވެ. ރިވާއު ބޯ ގޮވައިފި އެވެ. އޭނާ ދުނިޔެ މަތިން ފޫހި ވެއްޖެ އެވެ. ހިތް ހަމަޖައްސާލުމަށްޓަކައި ހުޅަނގު ފަރާތު ތުނޑިއަށް ނުކުތް އިރު މޫދު ކައިރީގައި ހުރި އަންހެން ކުއްޖާ ރިވާއުއަށް ފެނުނެވެ. ވަގުތުން އެއީ ޝަބާ ކަން އެނގުނެވެ. ނަމަވެސް އެހަށިގަނޑު ވަރަށް ހިތްކެވެ. ރިވާއު ކައިރިއަށް ހުއްޓިލުމަށްފަހު ކައިވެންޏަށް ވަރަށް މަރުހަބާ އޭ ބުނެލި އެވެ. ސިއްސައިގެން ގޮސް ޝަބާ އެނބުރިލި އެވެ. ރިވާއު އަށް ދެލޯ ބޮޑުކޮށްލެވުނީ ޝާބާގެ ފަސްމަހަށްދާ ބަނޑު ފެނުމުނެވެ. ޝަބާގެ މޫނު ވަނީ މިލާފައެވެ. ދެލޯވަނީ ވަޅުވަދެފަ އެވެ. ހީވަނީ ބޮޑު ބައްޔެގައި އުޅެމުން އަންނަ މީހެއް ހެންނެވެ. ރިވާއު ލޮލުގައި އަޅާގަތީ ޝަބާގެ ހަށިގަނޑުގައި ހުރި ރަތްވެގައި ހުރި ނިޝާން ތަކެވެ. ރިވައު އެއްޗެކޭ ބުނުމުގެ ކުރިން ޝަބާ ރިވާއު ކައިރިން މާފަށް އެދުނެވެ. ނަމަވެސް ރިވާއު ބާރަށް ހިނގާފައި ދިޔައީ ރިފާ ކައިރިން އެތައް ކަމެއް އޮޅުން ފިލުވާށެވެ. ރިފާ ރިވާއުއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އަދި ނިޒާރު ޝަބާއަށް ވަރަށް އަނިޔާ ކުރާ ކަމަށްވެސް ބުންޏެވެ. ރިވާއު ބޭނުންވި ޝަބާ ނިޒާރުގެ ކައިރިން ވަރިކުރާށެވެ.

ރިވާއު ނިޒާރުއާ ބައްދަލު ކުރި އެވެ. އަދި ޝަބާއަށް އެދުނެވެ. ބަދަލުގައި ނިޒާރު އެދުނީ އެއްލައްކަ ރުފިޔާ އަށެވެ. ނިޒާރުގެ ހުރި ނުބައި ނުލަފާކަމުން ވަރަށް ރުޅިއައެވެ. ނަމަވެސް އެއްޗެއް ނުބުނެ އިނީ ޝަބާއަށް އަނިޔާކޮށްފާނެ ތީ އެވެ. ރިވާއު މަސައްކަތް ފެށިއެވެ. އެއްލައްކަ ރުފިޔާ އެއްކުރާށެވެ. އެތަށް ގޮތަކަށް މަސައްކަތް ކުރަމުން ދަނިކޮށް ރިވާއުގެ ބައްޕައަށް މިކުރާ ކަމެއް އެގިއްޖެ އެވެ. އަދި ދަރިފުޅަށް އެހީވުމަށް ނިންމި އެވެ. ރިވާއުގެ ބައްޕަ ފަޔާޒަކީ ބޯޓު ދަތުރުކޮށްގެން ފުދޭވަރަކަށް ފައިސާ އެއްކޮށްފައި ހުރި މީހެކެވެ. އޭނާ މި ފައިސާ ރައްކާކުރީ ދެދަރިންނަށްޓަކަ އެވެ. މިއަދު އޭނާގެ ދަރިއެއް މިވަނީ އެފައިސާގެ ބޭނުންޖެހިފަ އެވެ. ޝަބާގެ ހާލާމެދު ހުދު ފަޔާޒުވެސް ހަމްދަރުދީވެއެވެ. ރިވާއު އެއްކުރި ފައިސާއާއި ބައްޕަދިން އެހީތެރިކަމުން އެއްލައްކަ ރުފިޔާ ހަމަކޮށްގެން ރިވާއު ނިޒާރުމެން ގެޔަށް ދިޔައިރު ޝަބާ އިނީ މުށިގަނޑު މަތީ ފެންފޮތި ލާށެވެ. ސޯފާގައި ނިޒާރު އިނދެގެން ޝަބާއަށް އުދަނގޫ ކުރަމުން ދިޔައެވެ. އެފަދަ މުއްސަނދި ގޭގައި މޮއްޕެއްވެސް ނެތީ ބާއޭ ހިތަށް އެރިއެވެ.

ރިވާއު ވަނުމުން އަވަސް އަވަހަށް ޝަބާ ތެދުވިއެވެ. ރިވާއު ވަރަށް ހަރުކަށިކޮށް ނިޒާރުއާއި ދިމާއަށް ޝަބާ ވަރިކުރާށޭ ބުންޏެވެ. ނިޒާރު ފައިސާ ދޭށޭ ބުނީ ޖެހިލުމެއް ނެތި އެވެ. ރިވާއު ހަމަ އެހާ ޖެހިލުން ކުޑަކޮށް ފައިސާ ލިބޭނީ ވަރިކުރީމަ ކަމަށްބުނެ އަތުގައި އޮތް ދަބަސް ދައްކާލި އެވެ. ނިޒާރު ވަގުތުން ޝަބާ ވަރިކުރިއެވެ. އަދި ޝަބާ ރިވާއު އާއި ދިމާއަށް ކޮށްޕާލި އެވެ. ރިވާއުއަށް ނުހިފެހެއްޓުންނަމަ ޝަބާ ވެއްޓުނީ ހެވެ. ރިވާއު އައި ރުޅިން ރުފިޔާ ދަބަސް ނިޒާރުއާއި ދިމާއަށް އެއްލާލުމަށްފަހު ޝަބާ ގޮވައިގެން އެގެއިން ނުކުތެވެ. ރިވާއުގެ މި ޖެހިލުން ކުޑަކަމުން ޝަބާ ހުރީ ހައިރާން ވެފައެވެ. ނިޒާރަކީ ރަށުގެ ރައްޔިތުން ބިރު ގަންނަ މީހެކެވެ. އޭނާއާއި ދެކޮޅަށް އެއްޗެކޭ ބުނާކަށް އެކަކަށްވެސް ނުކެރޭނެ އެވެ. ރިވާއު ޝަބާ ގޮވައިގެން ޝަބާގެ ގެޔަށް ދިޔައެވެ. އަދި ޝިޔާމާ ކައިރީގައި ޝަބާ ވިހޭހާ އަވަހަކަށް ޝަބާ އާއި ކައިވެނި ކުރާނެ ކަމަށް ބުނުމަށްފަހު އޭނާ ގެޔަށް ދިޔަ އެވެ. އެކައިވެންޏަށް ރިވާއު އަދި ޝަބާ ގެ މައިންބަފައިންވެސް ގަބޫލެވެ.

ޝަބާގެ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނެވެ. ޝަބާ ކައިރިން އެންމެ ހިނދުކޮޅަކަށްވެސް ރިވާއު ދުރަށް ނުދެއެވެ. ޝަބާގެ އަތުގައި ހިފަހައްޓާކައިގެން ހުރި ރިވާއުގެ މޫނަށް ޝަބާ ބަލާލުމަށްފަހު އަހަރެން ރިވާއުގެ މިލްކަކަށް ހަދާނަން ދޯ އޭ ބުނެލިއެވެ. ރިވާއު ބޯ ޖަހާލިއެވެ. ޝަބާ ބަނޑުގައި ރިއްސަން ފެށުމުން ވިއްސާ ކޮޓަރިއަށް ވެއްދިއެވެ. ރިވާއުގެ ހިތުގެ ތެޅުން އަވަސް ވިއެވެ. ކުޑަ ކުޑަ ހިނދުކޮޅަކަށް ފަހު އެއްވެސް ހުރަހެއްނެތި ޝަބާ އޭނާގެ މިލްކަކަށް ހެދޭނެ އެވެ. ނަރުސް ކުއްޖާ ޝަބާ ވިހޭ ދަރިފުޅު އުރާލައިގެން ބޭރަށް ނުކުތެވެ. ރިވައު އެންމެ ފުރަތަމަ އޭނާގެ މޫނަށް ބަލަލީ އެންމެ ފުރަތަމަ އުރާލާނީ އެނަ އޭ ބުނާ ފަދަ ގޮތަކަށެވެ. އެހެން ނަމަވެސް ނަރުސް ކުއްޖާ ފަހަތުން ޑޮކްޓަރ ނުކުތުމުން ޝަބާގެ ހާލު ކިހިނެތްތޯ ސުވާލު ކުރިއެވެ. ޑޮކްޓަރ އިސްޖަހާލި އެވެ. އަދި “ޝި އިޒް ނޯ މޯ” އޭ ބުނެލި އެވެ.

ރިވާއު ނޫނެކޭ ކިޔާ ހަޅޭލަވައި ގަތެވެ. ޝަބާގެ ކަށުކަމީގެ ކަންތައް ނިންމާލުމަށްފަހު ރިވާއު ގެއަށް ދިޔައީ ޝަބާގެ ހަނދާނެއްގެ ގޮތުން ޝަބާގެ ދަރިފުޅުވެސް ގޮވައިގެންނެވެ. ރިވާއު އެކަމަށް އެދުމުން ޝިޔާމާއަށް ދެކޮޅު ހަދަން ނުކެރުނީ އެވެ. މިއަދި ރިވާއު އަކީ އެ ކުޑަ ކުޑަ ދަރިފުޅުގެ ޝަބާންގެ ލޯބިވާ މަންމަ އަދި ބައްޕަ އެވެ.

މާޒީގެ ހިޔާލުން ރިވާއުއާށް ނުކުމެވުނީ ޝަބާންގެ ލޯބި ލޯބި އަޑުންނެވެ. ބައްޕަ ރޮނީތޯ ޝަބާން ސުވަލު ކުރިއެވެ. ނޫނެކޭ ބުނަމުން ރިވާއު ޝަބާންގެ ގައިގައި ބައްދާލި އެވެ. އެއީ ޝަބާ ވަކިވަމުން ދޫކުރި އެންމެ ފަހުގެ ހަނދާނެވެ. ރިވާއުގެ ހިތުން އެ ހަނދާނެއް އަދި އެ ލޯތްބެއްވެސް ނުފިލާނެ އެވެ. މިއަދި ވެސް ރިވާއު އެހުރީ ވަފާތެރިކަން މަތީގަ އެވެ. ޝަބާ އޭނާއާއި ވަކިކަމުގައި ވިޔަސް އެވެ

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ސީ ގެ މަރިޔަމް ހަނާ އިބްރާހިމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355