twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގެ ޕްރީ ސްކޫލުތަކުން 63 ވަޒީފާ އުވެނީ

Oct 15, 2015

ސަރުކާރުގެ ތައުލީމީ ސިޔާސަތުތަކަށް ގިނައި ބައެއް ބަދަލުތަކާއެކު 2016 ވަނަ އަހަރު އެލްކޭޖީ އާއި ޔޫކޭޖީ ކްލާސްތަކުގެ ކިޔަވައިދިނުން ސަރުކާރުގެ ސްކޫލުތަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ. މިބަދަލާއެކު ކުޅުދުއްފުށީގައި ހިންގައި 2 ޕްރީ ސްކޫލުގައި ވަޒީފާ އަދާކުރާ 63 ފަރާތެއްގެ ވަޒީފާ ގެއްލިގެންދާނެ އެވެ.

ކުޅުދުއްފުށީގައި ޕްރީސްކޫލު ތައުލީމު ދޭ ދެ ސްކޫލު ހުރިއިރު، ޕްރީ ސްކޫލުތަކުގެ މުވައްޒަފުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. މިއަދު ޕްރީ ސްކޫލުތަކަށް ވަދެ ޓީޗަރުންނާ ވާހަކަ ދައްކާލުމުން އެމީހުންގެ ކަންބޮޑުވުން ބަންޑުޖަހާލި އެވެ. މުޅި އުމުރުގައި އަދާކުރި ވަޒީފާ ގެއްލިގެންދާތީ އެވެ. ގިނަ ޓީޗަރުންގެ މޫނު މަތިން ފެންނަނީ މާޔޫސް ކަމާއި ނުތަނަވަސް ކަމެވެ.

ދެ ސްކޫލުގައި ވެސް މަސައްކަތް ކުރާ ގިނަ ޓީޗަރުންނަކީ ޕްރީ ސްކޫލު ކުދިންނަށް ކިޔަވައިދިނުމުގެ ޑިޕްލޮމާ ނުވަތަ ޑިޕްލޮމާއިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ހަދާފައި ތިބި ޓިޗަރުންނެވެ. މިހާރު ބައެއް ޓީޗަރުން ދަނީ އެދާއިރާއިން ޑިގްރީއަށް ކިޔަވަމުންނެވެ.

“އަޅުގަނޑުމެން މިއަދު ވަރަށް ދެރަވެފަ މިތިބީ މިއޮތް ހުރިހާ ދުވަހު ކުރި މަސައްކަތް ބޭކާރުވީތީ.” އަމީރު އަމީން ސްކޫލުގެ ޓީޗަރަކު ބުންޏެވެ.

އަންނަ އަހަރު އެލްކޭޖީ އާއި ޔޫކޭޖީއަށް ޖުމްލަ 477 ދަރިވަރުން ކުޅުދުއްފުށީގައި ތައުލީމް ހާސިލްކުރާނެ އެވެ. އެހެން ކަމަށްވާ ނަމަ ހދ އަތޮޅު ތައުލީމީ މަރުކަޒަށާއި އަފީފުއްދީން ސްކޫލަށް އެއް ވަރަށް ބަހާލުމުން އެއް ސްކޫލަށް 239 ދަރިވަރުން ދާއިރު އަނެއް ސްކޫލަށް 238 ދަރިވަރަކު ދާނެ އެވެ.

ޕްރީ ސްކޫލުގެ ގާނޫނޫ ބުނާގޮތުން ކުލާހެއްގައި ގިނަ ވެގެން ތިބެންޖެހޭނީ 25 ކުދިންނެވެ. އަދި ކިޔަވައިދޭ ގަޑިތަކުގައި 2 ޓީޗަރުން ތިބެންޖެހެ އެވެ.

ދަރިވަރުންގެ އަދަދަށް ބަލާއިރު ސަރުކާރު ސްކޫލުތަކުން އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންނަށް މަދުވެގެން ދިހަ ކުލާސް ރޫމް ބޭނުންވެ އެވެ.

ނަމަވެސް އެޑިކޭޝަން މިނިސްޓްރީއިން ހަމަޖައްސާފައިވަނީ ކޮންމެ 25 ކުދިންނަށް 1 ޓީޗަރެވެ. އެހެން ކަމަށްވާ ނަމަ އަންނަ އަހަރު ސަރުކާރު ސްކޫލުތަކުން ވެސް ވަޒީފާ ލިބޭނީ 18 ވަރަށް ޓީޗަރުންނަށެވެ.

ޕްރީ ސްކޫލުތަކުގެ ވެރިންގެ ކަންބޮޑުވުން

ރައީސްގެ ވައުދެއް ފުއްދައި ދެއްވާއިރު ގިނަ ބައެއްގެ ވަޒީފާތައް ގެއްލުން.

ސަރުކާރު ސްކޫލުތަކުގައި ތުއްތު ކުދިންނާ ގުޅޭ އެކަށީގެންވާ މާހައުލެއް ނެތުން.

ޕްރީ ސްކޫލުގެ ކުދިން ޝެއަރ ކުރަން ޖެހެނީ ގުރޭޑް 1،2 ގެ ދަރިވަރުންގެ ކުލާސްތަކަށްވުން.

އެވަރުގެ ކުދިންނާ ގުޅޭ އެކަށޭނެ ފަރުނީޗަރު ނެތުން.

މެންދުރު ފަހު ދަންފަޅީގައި ޕްރީ ސްކޫލުގެ ދަރިވަރުން ގެންނަ ނަމަ އިރުއޮއްސިދާ ފަހުން ގަޑި ނިމުން.

އެލްކޭޖީ ޔޫކޭޖީ ކުދިންނަށް ކިޔަވައިދޭން ނަގާ ޓީޗަރުން ކޮންޓްރެކްޓް އުސޫލުން ނެގުން.

ޕްރީ ސްކޫލުގެ ޤާނޫނުގައި ނާސަރި އާއި ބޭބީ ނާސަރީ ނުހިމެނުން.

ސްކޫލުތަކުގެ މަސައްކަތު މީހުންގެ ވަޒީފާތަކާއި އޮފީހުގެ އިދާރީ މުވައްޒަފުންގެ ވަޒީފާތައް ވެސް މިބަދަލާއެކު ގެއްލިގެންދާނެ އެވެ.

ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ 2 ސްކޫލަކީ މިހާރުވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ 2 ސްކޫލަށްވާއިރު ޕްރީ ސްކޫލު ނުވަތަ ފައުންޑޭޝަން ގުރޭޑްގެ ކުދިން މެންދުރު ފަހު ސެޝަންގައި ގެންދާނަމަ އެކުދިން ނިމޭނީވެސް އިރުއޮއްސިދާ ފަހުންނެވެ.

ތައުލީމީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން ބަދަލުތައް ގެންނަ އިރު، އެބަދަލަކީ ދަރިވަރުންގެ ތައުލީމަށް ފާގަތިކަމެއް ލިބޭ ކަމެއް ނަމަ، އެއީ މަރުހަބާ ކިޔަންޖެހޭނެ އެވެ. ނަމަވެސް މިފަދަ ބަދަލުތަކާއެކު އެތައް ބަޔެއްގެ ވަޒީފާ ގެއްލިގެން ދިއުމަކީ މުޖުތަމައަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމަށް ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355