twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ: ނިއުމަތް

Oct 22, 2015

ލިއުނީ: މުހައްމަދު އީމާން އާދަމް

މީހުން ބުނެ އުޅެނީ ތެދެކެވެ. ވިހެއުމަކީ ވާ ވޭންހުރި ކަމެކެވެ. ހަމައެކަނި ވިހެއުމެއް ނޫނެވެ. ނުވަމަސްދުވަސް ވަންދެން ހަށިގަނޑުގެ ބައެއްގެ ގޮތުގައި ކުޑަދަރިފުޅު އުފުލުމަކީވެސް ތަދާ ވޭންހުރި ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި އެހެން ބަދަލުތަކާ ކުރިމަތިލުމަކީވެސް ހާދަހާވާ ބޮޑު ގުރުބާނީ އެކެވެ.

މިއަދު އަހަރެން މި އޮތީ 9 މަސް ދުވަހުގެ ދިގު އެދަތުރަށްފަހު އަހަރެން އަލަތު ދަރިފުޅު ދުނިޔެއަށް މަރުހަބާ ކިއުމަށްޓަކައި ހޮސްޕިޓަލްގެ ވިއްސާކޮޓަރީގަ އެވެ. އިރުއިރު ކޮޅުން އަހަރެންގެ އުގަނޑަށް އެބަ ތަދެއް އަރައެވެ. އަދި ކޮންމެ ފަހަރަކު ވެސް އެތަދުން ލިބޭ ވޭން އެބައިތުރު ވެއެވެ. އަންހެނުންނަށް މިހާބޮޑު ވޭނެއް ތަހައްމަލް ކުރުމުގެ ކުޅާދާނަކަން ލިބިފައިވާކަމީ އަހަރެން އަޖައިބުވެ އަންތަރީސްވާ ކަމެކެވެ. މިއީ ކިހާބޮޑު އެހާ މާތް ނިއުމަތެއް ހެއްޔެވެ؟

އަހަރެން މިއޮތް ކޮޓަރީގެ ހަތަރު ފާރުތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އެއްވެސް އަޑެއް މިތަނުން ނީވޭއިރު އަހަރެން ނޫން އެހެން މީހެއްގެ ހިލަމެއްވެސް މިތާކު ނުވެއެވެ. މި ކޮޓަރީގެ ފަޒާތެރޭގައި ގުގުމަމުން ދަނީ އަހަރެންގެ ވިސްނުންތަކެވެ. އަހެރެންގެ ހިޔާލުތަކާއި ފިކުރުތަކެވެ. މި ކޮޓަރީގެ ބޭރުގައި އަހަރެންގެ ފިރިމީހާ ހާސްވެފައި ހުންނާނެކަން އެނގެއެވެ. ނަމަވެސް މިކޮޓަރި ތެރޭގައި މިވަނީ އެކަނިވެރިކަމެވެ. އެކަނިވެރިކަމުގެ އިހްސާސުން އަހަރެންގެ ހިތް އަނބަދުވެސް ނުތަނަވަސް ކުރުވައެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންގެ އެންމެ ދުރު ހަނދާނަކީވެސް އަހަރެން ތަނެއްގައި ތާށިވެ، ހާސްވެފައިވެފައި ހުރި ހަނދާންވިއްޔާ އެވެ. އެއިރުންސުރެ މޮޅިވެރިކަމަކީ އަހަރެންގެ ބައިވެރިޔާއެވެ. މިތުރެވެ.

އެއިރު އަހަރެންނަކީ މައުސޫމް ކުޑަ ކުއްޖަކަށްވީ ނަމަވެސް އެހަނދާން ދުވަހަކުވެސް އަހަރެންގެ ސިކުނޑިއަކުން ނުފިލާނެއެވެ. އެދުވަސް.. އެދުވަސް..

****

“ހަނާ މިތަނުން ނުކުމެގެން ނުވާނެ! ހަބަރުދާރު ކިރިޔާ އަޑެއް ލެއްވިޔަސް ކަލޭ މޫނުމަތީގައި ހޫނު ބޮނޑިއެއް އަޅާނަން.” ކޮޓަރީގައި ހުރި އަލަމާރި ތެރެއަށް އަހަރެން ލައިފައި މަންމަ ހަޅޭލަވައިގަތީ ޝަހާދު އިނގިލި ދިމާކުރަމުންނެވެ. އެއަށްފަހު ބާރުބާރަށް ދޮރުފަތްޖަހާ ތަޅުލިއެވެ.

މާޔޫސްކަންމަތީ ބިރުގަނެ އެކުޑަކުޑަ އަލަމާރިތެރޭ އަހަރެންއިނީ ގަބުވެފައެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނު ކަމުގައި ވިޔަސް އަހަރެން އިނީ ރޯލަންވެސް ނުކެރިފައެވެ.

އަހަރެން އަލަމާރިއަށް ލައިފައި މަންމަ ކޮޓަރިއަށް ހިލޭ ފިރިހެނަކު ވެއްދި މަންޒަރު އަހަރެންނަށް ފެނުނީ އަލަމާރި ދޮރުފަތުގައި ހުރި ލޯވަޅަކުންނެވެ. އެމީހާ ކުރާނެ ކަމެއްކޮށްފައި ދިއުމުގެ ކުރިން މަންމައަށް ބޮޑު ރުފިޔާ ބޮނޑިއެއް ދިން މަންޒަރު އަހަރެން ހަމަލޮލުން ދުށީމެވެ. އެވަގުތު މަންމަގެ މޫނުމަތިން އުތުރިއެރި ހިނިތުންވުންވެސް އަހަރެން ދުށީމެވެ. އެހިނިތުންވުމަކީ އަހަރެން ދުވަހަކުވެސް ހަނދާނުން ނުފިލާނެ ހިނިތުންވުމެކެވެ. އެއިރު އަހަރެންނަށް ވީ އެންމެ 6 އަހަރެވެ. ހެވެއް ނުބައެއް ރެޔެއްދުވާލެއް ވަކިކުރުމަކީ އޭރު އަހަރެންނަށް ކުޅަދާނަ ކަންކަމެއް ނޫނެވެ.

އަހަރެންގެ މަންމައާއި ބައްޕަ އެކުގައި އުޅުނު ހަނދާނެއް އަހަރެން ނުވެއެވެ. ކޮންމެއަކަސް އަހަރެންނަށް 2 އަހަރުގައި އެމީހުން ވަރިވީ އެވެ. އޭގެ ފަހުން ބައްޕަ އުޅެނީ ކޮންމެވެސް ރިސޯޓެއްގަ އެވެ. އަހަރެންނަށް ބައްޕަ ފެންނަނީ ގަރުނަކު އެއްފަހަރުއޭ ބުންޏަސް ދޮގަކަށްނުވާނެ އެވެ. އަހަރެން އުޅުނީ މަންމައާއެކުއެވެ. ދަރިއަކަށްވުރެ ބޮޑަށް އަޅެއްގެ ގޮތުގައެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަހަރެންނަށް އަނިޔާ ކުރުމަކީ މަންމަގެ ހުސްވަގުތުގެ ކުޅިވަރެވެ. އަނިޔާކޮށްގެން މަންމަގެ ހިތަށް އަނިޔާ ލިބެމުންދިޔަ ކަހަލައެވެ.

އަހަރެން އުމުރުން 12 އަހަރުގެ މާލޭގައި ފުލުހުން ހިންގި އޮޕްރޭޝާނެއްގައި މަންމަ ހައްޔަރުކުރި އެވެ. އަދި މަންމަގެ މައްޗަށް ކުށްސާބިތުވެ އަހަރުދުވަހުގެ މުއްދަތަށް ރާއްޖޭގެ ކޮންމެވެސް ރަށަކަށް އަރުވާލެވުނެވެ. ކޮންމެ އަކަސް މަންމަ ބޭނުންވީ އެރަށު މީހަކާއެކު އެރަށުގައި ދިރިއުޅުމެއް ފަށާށެވެ. އަދި މަންމަ އެގޮތަށް ކަންތައްކުރިއެވެ. އަހަރެން އެކަމާ ދެރައެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންނަށް ލިބެމުންދިޔަ އަނިޔާތަކަށް ހުއްޓުމެއް އަތުވެއްޖެތާ އެވެ.

ކަންދިމާކުރިގޮތުން ބައްޕަގެ ފަރާތު ބޮޑުދައިތަ ޒާހިއްތަގެ ގެއަށް އަހަރެންގެ ދިރިއުޅުން ބަދަލުކުރަން ޖެހުނެވެ. އެއީ 2 ކޮޓަރީގެ އެޕާޓްމެންޓެކެވެ. އެގޭގައި ދިރިއުޅެމުން ގެންދިޔައީ ޒާހިއްތައާ އަހަރެން އެކަންޏެވެ. އެގޭގައިވެސް ގިނަވަގުތު އުޅެން ޖެހެނީ އަހަރެން އެކަންޏެވެ. އެއީ ޒާހިއްތައަކީ ނަރުހަކަށްވެފައި ޝިފްޓް ޑިއުޓީ އަދާކުރަންޖެހޭތީ އެވެ. ގެއިން ދިމާވާ ކުޑަ ވަގުތުކޮޅުގައިވެސް ޒާހިއްތަ އަހަރެންނަށް އަޅާލައެވެ. ހޭހަންކުރިއެވެ. މައެއްގެ ފަރާތުން ނުލިބުނު ހުރިހާ އުފަލެއް އަހަރެންނަށް ދިނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެން ފުރާވަރަށް މަރުހަބާ ކީމެވެ. މުޅިން އައު ކަންތައްތަކާ ކުރިމަތި ލާން ޖެހުނެވެ. އެގޮތުން އަހަރެންނަށް ލޯބި ދޭނެ ލޯބިވެރިޔަކު ލިބުނެވެ. އޭނާގެ ދެތިން ރައްޓެހިންނާ އަހަރެން ގުޅުން ބަދަހި ކުރީމެވެ. އެކުދިން ހެދުން އަޅާގޮތަށް ހެދުން އަޅަން ފެށީމެވެ. އެކުދިން އިސްތަށިގަނޑު ހުންނަ ޒަމާނީގޮތްތަށް އަހަރެންވެސް އިސްތަށިގަނޑު ބަހައްޓަން ފެށީމެވެ. މުޅިންވެސް ހުޅަނގުގެ ގޮތްތަކަށެވެ. އަހަރެންގެ ލޯބިވެރިޔާ ނާޒިމަށްވެސް ކަމުދަނީ އެގޮތްގަނޑު ވިއްޔާއެވެ.

ހޭދަކޮށްލަން ލިބޭ ކުޑަ ވަގިތިކޮޅުގައި ޒާހިއްތަ އަހަރެން ގާތުގައި ބުނެއެވެ. އަދި އިސްލާހުވުމަށް ނަސޭހަތްތެރިވެ ކިޔެވުމަށްވެސް ނަސޭހަތްތެރި ވިއެވެ. އެފަދަ ނަސޭހަތުގެ ބަސްތަކަށް ބީރުކަންފަތެއް ނޫން އެހެން އެއްޗެއް ދޭކަށް އަހަރެން ބޭނުމެއް ނުވެއެވެ. ގޭގައި އެކަނި އިނދެ ހާސްވުމަށްވުރެ ރައްޓެހިން އެކީގައި ބޭރަށްގޮސް އެމީހުންނަށް ކަމުދާ، އެމީހުންނަށް ބޭނުންވާ ގޮތަށް އުޅުމަށް އަހަރެން ބޭނުންވެއެވެ. އަދި އެ ބަހަނާގައި ނާޒިމާ ދިމާވެ އަތާއަތް ޖޯޑުކޮށް އެކި ތަންތަނަށް ދިއުމަކީ އަހަރެން ކުރާހިތްވާ ކަންކަމެވެ.

“ހަނާ ޑާލިންގް! މާދަމާ އަންނަވީނު މިގެއަށް. ގްރޫޕް ސްޓަޑީއެއް ހަދައިލަން. އައި ވިލް ބީ ހޯމް އެލޯން” ނާޒިމް އަހަރެންނަށް ދައުވަތުދިނީ އޭނާގެ ގެއަށް ދިޔުމަށެވެ.

ގްރޫޕް ސްޓަޑީގެ ބަހަނާގައި ދެމީހުން “އެކަހެރި” ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އަހަރެމެން ދެމީހުންގެ ލޯބީގެ ބަގީޗާގައި މާތަށް ފޮޅުވުމަށެވެ.

އޭނާދިން ދައުވަތު އަހަރެން ގަބޫލްކުރީ އުފަލުންނެވެ. އެފަދަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައި އަހަރެން ހުންނަނީ އަބަދުވެސް ކަރުހިއްކާ ގަނެފައެވެ. އެއިރު އަހަރެންގެ ހިތުގެ ވިންދަކީވެސް އޭނާއެވެ. އަހަރެންގެ ރީތި ވާހަކަ ދައްކާ ހަމައެކަނި ފަރާތަކީވެސް އެއީ އެވެ. އޭނާގެ ހައްގެއް ގޮތުގައި އުޅެ މަރުވުމަށްވެސް އަހަރެން އެއްބަސްވީ އޭނާ އަހަރެންނަށް ދިން ލައްޒަތުގެ ސަބަބުންނެވެ.

ނާޒިމްގެ ގެޔަށް ދިއުމުގެ ކުރިން އަހަރެން ތައްޔާރީތައް ވާންފެށީމެވެ. އޭނާއަށް ކަމުދާ ވައްތަރުގެ ކުރު ހެދުމަކާއި މީރުވަސްދުވާ ސެންޓް ފުޅިއެއް އަހަރެން ގަތީމެވެ. އަދި އޭނާއަށްޓަކައި ޒީނަތްތެރި ވުމުގެ ގޮތުން މޭކަޕްކޮށް ބޮލުގައި ފުނާއެޅުމުގައި ގަޑިއިރުތަކެއް ހޭދަކުރީ އަލަތު އަނތްބަކު ފިރިމީހާއަށްޓަކައި ޒީނަތްތެރި ވާފަދައިންނެވެ. އެއަށްވުރެވެސް ފުރިހަމައަށެވެ.

އެދުވަހު މެންދުރު އަނބުރާ 3 ޖެހިއިރު އަހަރެން ހުރީ ނާޒިމްގެ ގެއަށް ދިއުމަށްޓަކައި ޓެކްސީއަކަށް ގުޅައިގެން އިންތިޒާރުގަ އެވެ. ޓެކްސީ އައިމާއެކު އަހަރެން ޓެކްސީއަށް އެރީމެވެ. އަދި ހަމަޖެހިލައިގެން އިށީނީމެވެ. ޓެކްސީ ދުއްވަލުމާއެކު އޭގައި ޖަހަމުންދިޔަ މަދަހަ އަހަރެންގެ ސަމާލުކަމަށް އައެވެ.

“ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ އިއްޒަތަކީ ކޮބާ ހީލަމުން އެންމެން ބަލާ އަޖުވަދުގެ ހުރުމަތަކީ ކޮބާ”

“ސުބުހާނަﷲ! އަހަރެންނަށް މި އުޅެވެނީ ކިހިނެއް. އަހަރެންނަށް މި ޒީނަތްތެރި މިވެވެނީ ފަހެ ކޮންލައްޒަތެއް ލިބިގަތުމަށް.. އަހަރެން.. އަހަރެންނަކީ ފާފަވެރިއެއްތަ؟ އަހަރެން.. އަހަ”

އެމަދަހައިން އަހަރެންގެ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން ފެންކަޅިވެ އިސާހިތަކު ރޮވުނެވެ. ޒާހިއްތަ ދިން ނަސޭހަތަށް ބީރު ކަންފަތެއް ދިންނަމަވެސް އެމަދަހައިން އަހަރެންނަށް ދިން ނަސޭހަތް ކަނުލައި އަޑު އެހިއްޖެވެ. އަހަރެން އިނީ ވާނުވާގަ އެވެ. ހެވާއި ނުބަޔާ ދެމެދުގަ އެވެ. އޮހެމުންދިޔަ ކަރުނަތަށް ފުހެމުން އަހަރެން ޓެކްސީއިން ފޭބީ ނާޒިމްމެން ގެޔާއި ހަމައިންނެވެ. ނަމަވެސް އެގެ ހުންނަ ހަނި ގޯޅި ގަނޑާ ހިސާބުން ގަބުވެފަ ހުރުން ނޫން އިތުރު ކަމެއް އަހަރެންނަށް ނުކުރެވުނެވެ.

އިރުކޮޅަކު އެތާގައި ހުރުމަށްފަހު ބާރަށް ހިނގާފައި އަހަރެން އަނބުރާ ގެއާދިމާއަށް މިސްރާބު ޖެހީމެވެ. ރޮމުން މާލޭގެ ބޮޑެތި މަގުތައް ހުރަސްކުރި އިރު އަހަރެންގެ ދެފައިވާންކިބަ އޮތީ އަތުގައެވެ. ބުޅާ މަސްގަނޑަށް ބަލާހެން މަގުމަތީ ތިބި މީހުން ބަލަމުން ދިޔައެވެ.

އަހަރެންނަށް ގެއަށް ދެވުނު އިރު ޒާހިއްތަ ގޭގަގައި އުޅުނު ކަމީ އަހަރެންގެ ނަސީބެވެ. ދުވެފައިގޮސް ޒާހިއްތަ ގައިގައި އަހަރެން ބައްދާފައި ބާރުބާރަށް ރޯން ފެށީމެވެ. ޒާހިއްތަ އަހަރެންގާތުގައި ވީ ކިހިނެތްތޯ ސުވާލު ކުރުމުން ޖަވާބުގައި ކަރުނަ ނޫން އެއްޗެއް އަހަރެންނަކަށް ނުދެވުނެވެ. ނަމަވެސް ރޮއެ އަވަދިވެ ވީ ހުރިހާ ކަމެއް އަހަރެން ޒާހިއްތައަށް ކިޔާދިނީމެވެ. އަހަރެންގެ ބަސްތަކާއި އިހްސާސްތައް ރަގަނޅަށް އަޑުއަހަން އިނދެފައި ޒާހިއްތަ އަހަރެންނަށް ދިނީ ފޮތެކެވެ. އެފޮތުގައިވަނީ ނަމާދުކުރާގޮތެވެ.

“މި ފޮތުގައި ވާގޮތަށް ނަމާދުކޮށްލާ! އެއިރުން ހިތަށް ހަމަޖެހުން ލިބޭނެ!” އަހަރެން ޒާހިއްތަ ބުނިގޮތަށް ކަންތައްކުރީމެވެ. ޒާހިއްތަ ބުނީ ތެދެކެވެ. އަހަރެންގެ ހިތާ ނަފްސަށް ހިތްހަމަޖެހުން ލިބިގެން ދިޔައީ އިންތިހާއަށެވެ. އެއީ އަހަރެން ކުރާހިތުން ނަމާދުކުރަން ފެށަން އެޅުނު ބިންގާއެވެ. އަހަރެން ދީނީ ކަންކަމަށް ސަމާލުކަން ދިނުމުގެ ފެށުމެވެ.

ހަފްތާއެއްގެ ތެރޭގައި އަހަރެން ބުރުގާ އެޅީމެވެ. ގަޔަށްދޫ އައުރަ ނިވާވަރުގެ ހެދުން ލާންފެށީމެވެ. ގެއްލިފައިވާ ރޯދަތައް ހިފާ ގުރުއާނުން ހިތްހަމަޖައްސަން ފެށީމެވެ. އަދި އަހަރެންގެ ލޯބިވެރިޔާ ނާޒިމް ރުޅިވެ ލޯތްބަކީ އެކަހެރިވެގެން ލިބޭނެ އެއްޗެއް ނޫންކަމަށް ގަބޫލްކުރީމެވެ. އަދި ސްކޫލް ދައުރު ނުނިމިއޮތް ދުވަސްކޮޅު ގަދަޔަށް ކިޔަވާ ނަތީޖާ ރަނގަޅު ކުރީމެވެ.

ލިބުނު ރަން ނަތީޖާއެކު ޓީޗިން ކޯހުގައި އަހަރެން ބައިވެރިވީމެވެ. ހަރުދަނާ ދިރިއުޅުމެއް އުޅެން ހަރުދަނާ ވަޒީފާއެއް ބޭނުންވަނެކަން އަހަރެންނަށް ވިސްނުމުންނެވެ. އަހަރެންނާ ހާލިދު ބައްދަލުވީ ޔުނިވާރސިޓީ ތެރެއިންނެވެ. އޭނާއަކީ އެތަނުގައި މައްސައްކަތްކުރާ ލެކްޗަރާއެކެވެ. ދެދުވަހެއްގެ މަތިން ޔުނިވަރސިޓީގެ ގޯތިތެރެއިން އަހަރެންނާއި ހާލިދު ފެނިދެނިވުމަށްފަހު އޭނާ އަހަރެންގާތު އޭނާއާއި ކައިވެނިކުރަން ހުށައެޅިއެވެ. އަދި އޭނާއާ ބެހޭ ހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދިނެވެ. އަހަރެންވެސް އަހަރެންގެ މާޒީ އޭނާއަށް ކިޔައި ދިނީމެވެ. އަދި ވިސްނުމަށްފަހު ކައިވެންޏަށް އެއްބަސް ވީ މެވެ.

އަހަރެންގެ ކޯހުގެ ފުރަތަމަ ސެމިސްޓާރ ނިންމުމަށްފަހު އަހަރެންނާއި ހާލިދުގެ ކައިވެނި ކުރެވުނީ ކުޑަ ހަފްލާއަކާވެސް އެކުއެވެ. އަހަރެމެން ދެމީހުންގެ ކައިވެނީގެ ބިންގާ އެޅުނީ ދެމީހުން އެކަކު އަނެއްކަކަށް ކުރާ އިތުބާރެއްގެ މައްޗަށެވެ. އެއިތުބާރުގެ ސަބަބުން ދެމީހުންގެ މެދުގައި ލޯބި އާލާވަނެކަން އެގި ހުރެއެވެ.

“އިޓްސް އަ ގާރލް”

ނަރުސްކުއްޖާ އަހަރެންނަށް މަރުހަބާ ކިޔައިފި އެވެ. އާނ އެކެވެ. 12 ގަޑި އިރުގެ ވޭން ނިމުމަކަށް އަތުވެއްޖެ އެވެ. ކުޑަ ކުޑަ މައުސޫމް އަހަރެންގެ އަންހެން ދަރިފުޅުގެ ރޯ އަޑުން މުޅިތަން ގުގުމާލައިފި އެވެ. ފެންކަޅިވެފައި އުފަލާއެކު އަހަރެން މި އޮތީ އަހަރެންގެ އަތުގައި ހިފައިގެން ހުރި އަހަރެންގެ ފިރިމީހާ ހާލިދުގެ ހިނިތުންވުމަށް ބަލާށެވެ. މިއަދު އަހަރެން އަޒުމް ކަނޑަ އަޅަމެވެ. އަހަރެންގެ މަންމަ އަށް ވުރެ ރަގަނޅު މަންމައަކަށް އަހަރެން ވާނަމެވެ. އަހަރެންނަށް މިލިބުނު ނިއުމަތް އަހަރެން ރައްކާކުރާނަމެވެ.

ނޯޓް: މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުޅުދުއްފުށި އޮންލައިން އިން ބޭއްވި 5 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ބީ ގެ މުހައްމަދު އީމާން އާދަމް އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355