ކޮންމެ ހޮނިހިރު ދުވަހަކީ އުތުރުގެ ދަނޑުވެރިންގެ ބޮޑު ބާޒާރެއް ކުޅުދުއްފުށީގައި އޮންނަ ދުވަހެކެވެ. ކިތަންމެ އަވިދިނަސް އަދި ވިއްސާރަވިއަސް ހޮނިހިރު ދުވަހަކީ ގިނަ ދަނޑުވެރިން ކުޅުދުއްފުއްޓަށް އަންނަ ދުވަހެކެވެ.
ކުޅުދުއްފުށީ ހޮނިހިރު ދުވަހުގެ މާރުކޭޓަކީ އުތުރުގެ ދަނޑުވެރިންނަށް އޮންނަ ހަމައެކަނި މާރުކޭޓެވެ. މިއީ ޒަމާނުއްސުރެ ކުޅުދުއްފުށީގައިވެސް ހިނގާ އެންމެ ބޮޑު ބާޒާރެވެ. ހާއްސަކޮށް ރަށުގެ ފިހާރަތަކަށް ވުރެ އަގު ހެޔޮކޮށް ތަރުކާރީ ފަދަ ތަކެތި ލިބެން ހުންނަނީ މި ބާޒާރަކީ ރަށުގެ ރައްޔިތުންގެ މެދުގައިވެސް މަގުބޫލް މާރުކޭޓަކަށް ވަނީ ވެފައެވެ.
އެހެންނަމަވެސް ފާހަގަކޮށްލެވެނީ މިފަދަ ބާޒާރެއް ހިންގުމަށް އެކަށީގެންވާ ތަނެއް މިހާތަނަށްވެސް ގާއިމް ކުރެވިފައި ނުވާކަމެވެ. ދަނޑުވެރިން ބާޒާރުގައި ފަސޭހަކަމާއެކު ތިބުމަށް ތަނެއް ނެތުމެވެ. ވިއްސާރަ މޫސުމެއްނަމަ ތިބެންޖެހެނީ ވާރެ ހިޔާވާނެ ގޮތެއްނެތި އެވެ. މިކަމުން ހަމައެކަނި އުނދަގޫދިމާވަނީ ދަނޑުވެރިންނަކަށް ނޫނެވެ. ތަކެތި ގަންނަން ބާޒާރަށްދާ ރައްޔިއްތުންނަށްވެސް ބޮޑެތި އުދަނގޫތައް ދިމާވެއެވެ. އެހެންނަމަވެސް ހިތާމައަކީ މިހާތަަނަށްވެސް މިކަމަށް އެކަށީގެންވާ ހައްލެއް އަދިވެސް ލިބިފައި ނުވުމެވެ.
މިކަމަށް ހައްލެއް ހޯދުމަށް 2013 ވަނަ އަހަރު ކުޅުދުއްފުށީ ކައުންސިލުން ވަނީ އިސްނަގައިގެން ލޯކަލް މާރުކޭޓެއް އެޅުމަށް ނިންމާފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް މި މަސައްކަތަށް އެކި ގޮންޖެހުންތަކާ ކުރިމަތިވެ މިކަމަށްވަނީ އަމަލީ ސިފައެއް ނުގެނެވި އެވެ.
މި އަހަރު ކުޅުދުއްފުށީގައި މަސްމަރުކޭޓަކާއި ލޯކަލް މާރުކޭޓެއް އެޅުމަށް ކައުންސިލް ބަޖެޓުގައި ހިމަނާފައި ވީ ނަމަވެސް ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެހިތެރިކަމެއް ލިބިފައި ނެތުމާއެކު މި އަހަރު ކުޅުދުއްފުށީގައި އަޅާފައިވާ މަސްމާރުކޭޓުވެސް އަޅާފައިވަނީ ރަށު ކައުންސިލުން އިސްނަގައިގެން ރަަށު ރައްޔިއްތުންގެ މާލިއްޔާއިންނެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކައުންސިލުން އިސްނަގައިގެން މާރުކޭޓްގެ މަސައްކަތް ފަށާފައިނުވަނީ އެލްޖީއޭގެ ފަރާތުން 3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން ލޯކަލް މާރުކޭޓް އެޅުމަށް ހިމެނިފައި ވާތީ ކަމަށާއި މިހާރު ވަނީ ކައުންސިލްގެ ފަރާތުން ހުށައަޅަންޖެހޭ ކުރެހުންތަކާ ލިޔެކިއުންތައްވެސް އެލްޖީއޭއަށް ފޮނުވާފައި ކަމަށެވެ.
އެހެންނަަމަވެސް މިހާތަނަށް އެމަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ކައުންސިލަށް އެނގިފައި ނެތްކަމަށާއި ނުފެށި ލަސްވާ ސަބަބެއްވެސް އެލްޖީއޭއިން ކައުންސިލަށް އަންގާފައި ނެތްކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.
އޭގެ އިތުރުން ލޯކަލް މާރުކޭޓްގެ މަސައްކަތް ނުފެށި އިތުރަށް ލަސްވާނަމަ މިހާރު ކުޅުދުއްފުށީގައި އޮތް މަސްމާރުކޭޓް ފެންވަރަށް ލޯކަލް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކައުންސިލުން ފަށާނެ ކަމަށްވެސް އަލީ މުހައްމަދު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އަޅާފައިވާ ވަގުތުތީ މަސްމާރުކޭޓަކީ ވެސް މަސްވެރިން މަހުން ލަފައިގެން އައިސް މަސް ވިއްކާނެ ވަކިހާއްސަތަނެއް ނެތި ގޮނޑުދޮށުގައި މަސް ވިއްކާތާ އެތައްޒަމާނެއް ފަހުން ހެދިފައިވާ ތަނެކެވެ. އެކަންވެސް ކުރެވިފައިވަނީ މަސްވެރިންނާއި މަސްގަންނަންދާ ރައްޔިތުންގެ ގިނަގުނަ ޝަކުވާތަކަށް ފަހުއެވެ.
ކުޅުދުއްފުއްޓަކީ ހއ، ށ އަދި ހދ ގެ ދަނޑުވެރިންގެ މައި ބާޒާރު ކަމަށްވާއިރު މިއީ މި 3 އަތޮޅުގެ ދަނޑުވެރިންގެވެސް ބޮޑު ޝަކުވާއެކެވެ. އެއީ އެމީހުންގެ ބުރަ މަސައްކަތުން ހައްދާ ތަކެތި ގެނެސް ކުޅުއްދުފުށީގައި ވިއްކުމަށް ތިބޭނެ އެކަށީގެންވާ ތަނެއް ގާއިމްކުރެވިފައި ނެތީމައެވެ. ހާއްސަކޮށް ވިއްސާރަ ދުވަސްވަރެއްނަމަ މި ޝަކުވާ އިތުރުވެއެވެ.