“އަޅުގަނޑުގެ ހިސާބުތަކުން ދައްކާގޮތުގައި ކުޅުދުއްފުށީގެ އުތުރުކޮޅުގައި އެބަ އެއާޕޯޓެއް އަޅަން ޖެހޭ. އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގެ ރައްޔިތުންނަށް އަދި މި ރަށަށް ޒިޔާރަތްކުރާ ރައްޔިތުންނަށް، ކުޅުދުއްފުއްޓަށް އައިސް ވިޔަފާރީގެ ފައިދާ އާއި ނަފާ ހޯދަން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި ދަތުރުކުރެވެންވާނެ.”
މަތީގައިވާ އިބާރާތްކޮޅަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް މުލަކު ދާއިރާގެ މެމްބަރު ނުވަތަ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަބުދު ﷲ ޔާމީން އަބުދުލް ޤައްޔޫމް އޯގަސްޓް 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާއެއްގައި ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކައިގެ ތަންކޮޅެއް އެމަނިކުފާނު ވިދާޅުވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.
ރައީސް ޔާމީންގެ ވެރިކަމަށް ސީދާ ދެ އަހަރު ވެއްޖެ އެވެ. އެކަމަކު އެމަނިކުފާނު ކުޅުދުއްފުށީ ރައްޔިތުންނަށް ވަޢުދުވެވަޑައިގަތް ގޮތަށް ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެއާޕޯޓެއް ނޭޅުނެވެ. ނޭޅުން ތާގައި އެކަމުގެ ވާހަކަވެސް މިހާރު ވިދާޅުވެވަޑައިނުގަންނަވަ އެވެ. ކުޅުދުއްފުށީ އެއާޕޯޓް ބެހޭ އެއްވެސް މަސައްކަތެއް ހިންގާ ކަމެއް ރަސްމީ އެއްވެސް އިދާރާއެއްގައި އެގޭކަށް ނެތެވެ. ހިނގާނަމަވެސް އެއްވެސް މައުލޫމާތެއް ހާމަކުރަންވެސް ބޭނުމެއް ނުވެއެވެ.
މީގެ ދެ އަހަރު ކުރިން އޭރުގެ ރިޔާސީ ކެނޑިޑޭޓް އަބުދުއްﷲ ރާމީން ވިދާޅުވި ބަސްތައް ހަނދާނަށް ގެންނަމާ ހިންގާށެވެ. ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައި ހއ. ހދ. އަދި ށ. އަތޮޅު ހިމެނޭ ބޮޑުތިލަދުންމަތި ސަރަހައްދަކީ އިގްތިސާދީ ތަރައްގީގެ ނާރެހަކަށް ހައްދަވައިދެއްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ވައުދުވެވަޑައިގެންނެވި އެވެ.
ހަމަ އެރޭ ޔާމީން ވިދާޅުވީ ޕީޕީއެމްގެ ތަރައްގީގެ ޗާޓުގައި ކުޅުދުއްފުއްޓަކީ އެންމެ މުހިއްމު ތިން ރަށުގެ ތެރެއިން އެއް ރަށެވެ. އާބާދީގެ ނިސްބަތުން ބަލާއިރު މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުއްޓަކީ ވެސް ދޫކޮށްލެވޭނެ ރަށެއް ނޫން ކަމަށް ޔާމިން ވިދާޅުވި އެވެ.
އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގެ ތަރައްޤީ ދިޔައީ ފަހަތަށެވެ. ރައްޔިތުންނާ ގުޅުން ހުރި ތަރައްޤީ މަޝްރޫއުތަކެއް ހިނގާތަނެއް ނުފެނެ އެވެ. ރާއްޖޭއިން އެންމެ މުހިއްމުކަމަށް ވިދާޅުވި 3 ރަށުގެ ތެރެއިން ކުޅުދުއްފުށީގެ ނަން އެރޭ ފާހަގަކުރެއްވީ ވޯޓް ހޯދަން އެކަނިކަން މިއަދު ޔަގީންވެ ކަށަވަރު ވަނީ އެވެ.
ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހއ ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ނުރަސްމީކޮށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބާރު އެޅުވުމެއްގެ މަތިން ރައީސް ޔާމިން ކުޅުދުއްފުއްޓަށް ވަޑައިގެން އެއާޕޯޓާ ބެހޭ ގޮތުން ދެއްކީ ތަފާތު ވާހަކަ އެކެވެ. އެހެން ނަމަވެސް 300 އެއްހާ މީހުން ތިބި ޖަލްސާ އެރޭ ވެސް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅިގެންދާނެ ކަމަށެވެ.
އެރޭ އާދެ 2014 ވަނަ އަހަރުގެ ނޮވެމްބަރުމަހު 4 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކޮށް ރައީސް ޔާމީން ވިދާޅުވި ކަންތައްތައް ހަނދާން އާ ކޮށްލަމާ ހިންގާށެވެ.
އެރޭ ރައީސް ޔާމިން ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް ހަދަންޖެހޭނެ ކަމަށް އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަން ކުރާއިރު ރަށުގެ ތިމާވެއްޓާ މެދު ވިސްނަންޖެހޭ ކަމަށެވެ. ހާއްސަކޮށް ކުޅުދުއްފުށީގައި އޮންނަ ކުޅި އާއި ބަދަލު ދޭންޖެހޭ ގެތަކާ މެދު ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިން އެއާޕޯޓްގެ އަޅުއްވާނެ ކަމަށް ވިދާޅުވިއިރު ކުޅުދުއްފުށީ އުތުރުކޮޅުގައި ކުޅި އޮންނަކަން އެމަނިކުފާނަށް އެގިވަޑައިނުގަނެ ވައުދުވި ކަމެއްކަން އެރޭ އެމަނިކުފާނު ދެއްކެވި ވާހަކައިން ޔަގީންވެގެން ދިޔަ އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއު ނުހިމެނުމުން ވެސް ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ. އަދި ށ. ފުނަދޫގައި އެއާޕޯޓް ތަރައްޤީކުރުމަށް ބިން ހިއްކުމަށް ބަޖެޓްގައި ހިމެނި ހިމެނުމަކީ ކުޅުދުއްފުށި ރައްޔިތުންގެ މޫނު މަތީ ސީދާ ރައީސް ޔާމީން ޖެއްސެވި ތަފާލެއްކަމަށް ރައްޔިތުން އަންނަނީ ސިފަކުރަމުންނެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި ފާހަގަ ކުރެވޭ އެހެން ކަމެއް ވެސް އެބައޮތެވެ. ފަހުގެ ތާރީހްގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރޭގައި ކުޅުދުއްފުއްޓާ އެންމެ ބީރައްޓެހި ބޭފުޅަކީ ވެސް ރައީސް ޔާމީނެވެ. ހާއްސަ ކަމަށް ވިދާޅުވާ ކުޅުދުއްފުއްޓަށް އެމަނިކުފާނުގެ ވެރިކަމުގެ 2 އަހަރު ނިމުނުއިރު ވަޑައިގެންނެވިފައިވަނީވެސް އެންމެ ފަހަރަކު އެވެ. އެކަމުން ވެސް އެމަނިކުފާނަށް ކުޅުދުއްފުށި މުހިއްމު ނޫން ކަން ކަށަވަރު ވެއްޖެއެވެ.
ކުރިން ވެރިކަން ކުރެއްވި އެހެން ބޭފުޅުންކަމަށްވާ ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ވަހީދު ކޮންމެހެން ޖަލްސާތަކަކު ކުޅުދުއްފުށި މުހިއްމެކޭ ވިދާޅުވަމުންނެއް ނުހިންގަވަ އެވެ. އެގޭ ބަދަލުގައި އެބޭފުޅުން ވަނީ ކުޅުދުއްފުއްޓަކީ މުހިއްމު ރަށެއްކަން އަމަލުން ދައްކަވާފަ އެވެ.