twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަތޮޅުތެރޭގައި ދެވަނައަށް އެންމެ ގިނަ ދިވެހިން ދިރިއުޅެނީ ކުޅުދުއްފުށީގައި

Dec 1, 2015

މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގައި ދެވަނައަށް އެންމެ ގިނަ ދިވެހިން އާބާދުވެގެން ދިރިއުޅެނީ ކުޅުދުއްފުށީގައި ކަމަށް ބޯހިމެނުމުން ދައްކައިފިއެވެ.

2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އަތޮޅުތެރޭގައި ދެވަނަ އަށް އެންމެ ގިނަ ދިވެހިން އުޅޭ ރަށަކީ ކުޅުދުއްފުށި އެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުގައި ކުޅުދުއްފުށި އޮތީ ފުވައްމުލަކުގެ ފަހަތުން ތިން ވަނައިގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ބޯހިމެނުމުގައި ދިވެހިންގެ އާބާދީ އެންމެ ގިނައީ ސ. ހިތަދޫގައެވެ. އަދި ދެވަނަ ކުޅުދުއްފުއްޓަށް ލިބޭއިރު ތިންވަނަ ލިބެނޭ ފުވައްމުލަކަށެވެ.

ނަމަވެސް ބިދޭސީ އާބާދީއެކު ބަލާނަމަ ނުވަތަ ކުޅުދުއްފުށީގައި ދިރިއުޅޭ އާބާދީއަށް ބަލާއިރު، ކުޅުދުއްފުށި ދަނީ ތިންވަނަ އަށެވެ. އަދި އެއްވަނަ ހިތަދޫއަށް ލިބޭއިރު ދެވަނަ ލިބެނީ ފުވައްމުލަކަށެވެ.

ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުން އަތޮޅު ތެރޭގައި އެންމެ ގިނަ މީހުން ދިރިއުޅެނީ އައްޑޫ ސިޓީގެ ހިތަދޫގައެވެ. އެއީ 11،129 މީހުންނެވެ. މީގެ ތެރެއިން 10،114 މީހުންނަކީ ދިވެހިންނެވެ. އަދި ހިތަދޫގައި އުޅޭ ބިދޭސީންގެ އަދަދަކީ 1015 އެވެ.

އަތޮޅުތެރޭގެ ޖުމްލަ އާބާދީގެ ދެވަނާގައި ވަނީ ފުވައްމުލަކެވެ. އެއީ 8510 މީހުންނެވެ. އޭގެތެރެއިން ދިވެހިންނަކީ 7،984 އެވެ. އަދި ބިދޭސީންގެ އަދަދަކީ 526 އެވެ.

ކުޅުދުއްފުށީގައި ދިރިއުޅޭ ޖުމްލަ އާބާދީއަކީ 8440 އެވެ. އޭގެތެރެއިން 8186 މީހުންނަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ އަދަދަކީ 254 އެވެ. 2006 ވަނަ އަހަރު ބޯހިމެނުމުން ދައްކާގޮތުން އޭރު ކުޅުދުއްފުށީގެ އާބާދީއަކީ 6998 އެވެ.

ނަމަވެސް ކުޅުދުއްފުށީގައި ރަޖިސްޓަރ ކުރެވިފައިވާ އާބާދީ މިއަށްވުރެބޮޑެވެ. ކުޅުދުއްފުށީގައި ރަޖިސްޓަރ ކުރެވިފައި މިވަގުތު ދުނިޔޭގައި ތިބި މީހުންގެ ޖުމްލައަކީ 9586 އެވެ. އެއީ 4910 ފިރިހެނުންނާއި 4676 އަންހެނުންނެވެ.

ކުޅުދުއްފުށީގެ އާބާދީގެ ތަފްސީލަށް ބަލާއިރު ކުޅުދުއްފުށީގައި 3965 ފިރިހެނުން ދިރިއުޅޭއިރު ޖުމްލަ 4475 އަންހެނުން ދިރިއުޅެއެވެ. އެހެންކަމުން ކުޅުދުއްފުށީގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނައެވެ. އެއީ ނިސްބަތުން ކޮންމެ 100 ފިރިހެނަކަށް 113 އަންހެނުންނެވެ.

2014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުން ހދ އަތޮޅުގެ އާބާދީއަކީ 18،515 މީހުންނެވެ. 2006 ވަނަ އަހަރު ހދ ގެ އާބާދީ އަކީ 16،057 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355