twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސްކޫލުތަކުގެ “ހައްޤު” ގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް މިނިސްޓްރީން ބިރު ދައްކަނީތަ؟

Dec 3, 2015

އަތޮޅުތެރޭގެ ބޮޑެތި ސްކޫލުތަކުގައި ރަނގަޅު ޕްރިންސިޕަލުން ހަރުނުލައި ވާހަކަ އަކީ މުޅި ރާއްޖޭގައި ދައްކާ ފޫހިވެފައިވާ ވާހަކަ އެކެވެ. ބެލެނިވެރިންނާ ގުޅޭ އަދި ސްކޫލުތަކުގެ މުސްތަޤުބަލް އުޖާލާކުރުމަށް މަސައްކަތް ކުރާ ޕްރިންސިޕަލް ނުވަތަ ޑެޕިއުޓީ ޕްރިންސިޕަލުންނަށް އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން “ގޯނާކޮށް” ބިރުދައްކާ ވާހަކައަކީވެސް ދޭތެރެ ދޭތެރެއިން އިވޭ ވާހަކަ އެވެ. މިފަހަރު މިއޮތީ މީގެ ވާހަކަ އެކެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ސްކޫލުގެ ތާރީހްގައި ވެސް ގިނަ އަދަދެއް ކުދިން ތައުލީމް ހާސިލްކޮށްފައިވާ ސްކޫލެކެވެ. ކޮންމެ އަހަރަކު ވެސް އަތޮޅުންވެސް ގިނަ އަދަދެއްގެ ކުދިން އެސްކޫލަށް ވަންނަ ސްކޫލެކެވެ. މާލޭގެ ސްކޫލުތައް ފިޔަވައި ރާއްޖޭގެ ނިސްބަތުން އެންމެ ދަރިވަރުން ގިނަ ޕްރައިމަރީ ސްކޫލެވެ. އެކަމަކު އަބަދުވެސް އިވޭ އަޑަކީ ސްކޫލަށް ރަނގަޅު ޕްރިންސިޕަލެއް ނުލިބޭ ވާހަކަ އެވެ. ބެލެނިވެރިންނާއި މުވައްޒަފުންނާ ގުޅިގެން ސްކޫލު ކުރިއަރުވަން މަސައްކަތް ނުކުރާ ޕްރިންސިޕަލުން ސްކޫލުގައި ގިނަ އަހަރުތަކަކަށް ހަރުލާފައި ހުންނަ ވާހަކަ އެވެ. އެންމެ ފަހުން އާހިރުގައި މިފަދަ ޕްރިންސިޕަލުން ޖެހެނީ ބެލެނިވެރިން ނިކުމެ ބޭރުކުރާށެވެ.

ފަހަކަށް އައިސް ހދ އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނު ރަނގަޅު އެއް ޕްރިންސިޕަލަކީ ޒިޔާދު ރަޝާދެވެ. ޒިޔާދު ރަޝާދު ފާހަގަކުރެވުނީ ބެލެނިވެރިންނާއި މުވައްޒަފުންނާ ގުޅިގެން ސްކޫލު ކުރިއަރުވަން މަސައްކަތްކުރި ބޭފުޅެއްގެ ގޮތުގަ އެެވެ. ކުޅުދުއްފުށީގެ ސްކޫލުތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަން ފިލުވާލައި ސްކޫލުތައް ގުޅިގެން މަސައްކަތް ކުރުމަށް ޒިޔާދު ބާރު އަޅުއްވައި އެކަމާ ބެހޭ ގޮތުން ޕޯޑިއަމްތަކުގައި ވާހަކަދެއްކި މަދު ޕްރިންސިޕަލުން ތެރޭގައި ވެސް ޒިޔާދު ފާހަގަކުރެވުނެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އާ ހޯލް ބިންގާ އެޅިތާ އެތައް ދުވަހެއް އިމާރާތްކުރަން ނުފެށި ލަސްވެފައިވާ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅުނު ދޯދިޔާ ސިޔާސަތަށް ފާޅުގައި ފާޑުވިދާޅުވެ ޒިޔާދު ވަނީ ވާހަކަ ދައްކަވާފަ އެެވެ. އަދި އޭރުގެ އެޑިއުކޭޝަން މިނިސްޓަރު އަހުމަދު އާސިފް ކުޅުދުއްފުއްޓަށް ވަޑައިގެން އެސްކޫލުގެ މުވައްޒަފުންނާ ބައްދަލުކުރެއްވި ފަހަރެއްގައި ޓީޗަރުންގެ މުސާރައިގައި މިނިސްޓްރީ ގެންގުޅޭ ތަފާތުކުރުން ބޮޑު ސިޔާސަތަށް މިނިސްޓަރު ކުރިމަތީގައި ފާޑުވިދާޅުވެ ޓީޗަރުންގެ ހައްޤުގައި ވާހަކަ ދައްކަވާފަ އެވެ.އަދި އެވާހަކަވަނީ މީޑިއާގެ ސަމާލުކަމަށްވެސް އައިސްފަ އެވެ.

ނަތީޖާއެއް ގޮތުން އޭގެ އަނެއް ދުވަހު ޒިޔާދު ރަޝާދު ކަނޑުމަގުން މާލެ ގެންގޮސް ޑިސިޕްލިނަރީ ކޯޑާ ހިލާފްވެރިވާކަމަށް ބުނެ ފިޔަވަޅު އެޅި އެވެ. ޕްރިންސިޕަލް ޒިޔާދު ރަޝާދަށް ހދ އަތޮޅު ތައުލީމީ މަރުކަޒަށް ހިދުމަތްކުރައްވަން ލިބިލެއްވީ އެންމެ އަހަރެކެވެ.

700 ވުރެ ބޮޑު އާބާދީއެއް މިއަހަރު އޮތް ހދ އަތޮޅު ތައުލީމީ މަރުކަޒު ހިންގަމުން ގެންދިޔައީ ޕްރިންސިޕަލެއް ނެތި ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުﷲ (ރޯޒޭ) އެވެ. އަހުމަދު އަބުދުﷲ އަކީ މަޑުމައިތި ހިތްހެޔޮ ރަށުގެ ގިނަ ބަޔަކު ގަދަކުރާ ތައުލީމީ ބޭފުޅެކެވެ. ރަށުގެ ދަރިއަކަށް ވީތީ އެނާގެ މަސައްކަތައް ވެސް ހުންނެވީ ސްކޫލު ކުރިއެރުވުމުގެ ވިސްނުމެވެ.

ބެލެނިވެރިންގެ އަޑުއައްސަވައިގެން ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރެއްވީމަ އަހުމަދަށް ވެސް ޖެހުނީ ޒިޔާދަށް ޖެހުނު ހާލެވެ. ގިނަ ބެލެނިވެރިނާ މުވައްޒަފުންގެ ހިޔާލާ އެގޮތަށް ސްކޫލުގެ ބައު ވެފައިވާ ޔުނިފޯމް ޒަމާނީ ގޮތަށް ފަރުމާކޮށް، އެޑިއުކޭޝަންގެ ހުއްދަ ހޯދުމަށް ސްކޫލުން އެދުނީ ފޮނި އުއްމީދުތަކާ އެކު އެެވެ. އެކަމަކު އެޑިއުކޭޝަނުން އެކަމަށް ދެކޮޅު ހަދައި ހުއްދަށް ނުދޭން ފައިވިއްދި އެވެ. ހަމައެކަނި ތައުލީމީ މަރުކަޒުގެ ޔުނީފޯމް އާ ނުކުރެވެންވީ ކީއްވެތޯ ސްކޫލުން މިނިސްޓްރީގައި ސުވާލުކުރެއްވުމުންވެސް ޖަވާބެއް ނުލިބުނެވެ. ކޮންމެ ގޮތެއް ވިޔަސް ސްކޫލުގެ ގިނަ ބަޔަކު ބޭނުންވި ގޮތަށް އާ ޔުނިފޯމް އިފްތިތާހްކޮށް، ޔުނިފޯމް ފެހުމަށް ބެލެނިވެރިންނަށް އެންގި އެގުން މިނިސްޓްރީއަކަށް ހަޖަމެއް ނުވި އެވެ.

ސްކޫލެއްގެ ޔުނިފޯމް ބަދަލު ކުރުމަކީ ހަގީގަތުގައި ކުޑަކަމެއް ނޫނެވެ. ސްކޫލުގެ ޔުނިފޯމަކީ އެއިން އެތައްބައިވަރު ކަމެއް ރަމްޒުކޮށްދޭ އެއްޗެކެވެ. އަދި ދަރިވަރުންގެ އަހުލާގާ ވެސް ގުޅިފައިވާ އެއްޗެކެވެ. ނަމަވެސް ޔުނިފޯމް ހުންނަންޖެހޭ ގައިޑްލައިންތަކަށް ބެލުމަށްފަހު ޒަމާނަށް ފެތޭ، ޔުނިފޯމްއެއް ޑިޒައިން ކުރުމުގެ ޒިންމާ އަމިއްލައަށްނަގައި ޔުނިފޯމް ބަދަލުކުރުމަށް ހުއްދައަށް އެދުމަކީ ތައުރީފު ހައްގު ކަމެކެވެ. މިނިސްޓްރީ އިން އަމިއްލަ އަށް އެފަދަ ކަމެއް ކުރުމަށް ނުކުޅެދިފައި އަދި ކައިރި މުސްތަގުބަލެއްގައި އެފަދަ ކަމެއް ކުރާނެ ހިތްވަރެއް ނެތްއިރު، ސްކޫލަކުން އަމިއްލައަށް އެފަދަ ކަމަށް އިސްނެގުމަކީ މިނިސްޓްރީއަށްވެސް ލިބޭ ލުޔެކެވެ. ނަމަވެސް އެޑިޒައިނާމެދު ހިތްހަމަޖެހޭކަންވެސް ނުވަތަ ނުޖެހޭކަންވެސް ނުބުނުމަކީ ސުވާލު އުފެދޭ ކަމެކެވެ. އަދި އެ ޑިޒައިނާމެދު ހިތްހަމަ ނުޖެހޭނަމަ އިސްލާހު ކުރަންވީ ކަމެއް އެންގުމަކީވެސް މިނިސްޓްރީން ކުރަން ޖެހޭ ކަމެކެވެ.

އަހުމަދު އަބްދު ﷲ ގެ އަނެއް މައްސަލައަކީ އެސްކޫލުގެ ބައު ހޯލް މާރާމާތްކޮށް އެތަނަށް ދަރިވަރުން ވެއްދުމަށް ދެކޮޅު ހެދުމެވެ. އެތަކެއް އަހަރެއްވެ ބައުވެފައި ހުރި އެ ހޯލެއް މަރާމާތުކޮށްގެން އެތަނަށް ތުއްތު ކުދިންތަކެއް ވެދުމަށް ދެކޮޅު ހެދުމުން މިއަދު އަހުމަދު އެވަނީ މިނިސްޓްރީއަށް ހާޒިރުކޮށްފަ އެެވެ.

މިއީ ވަރަށް ގިނަ ޕްރިންސިޕަލުންނަށް ދިމާވަމުންދާ މައްސަލަ އެކެވެ. މިއަހަރު ސްކޫލެއްގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތާ ބެހޭ ގޮތުން ނޫހަކުން ކުރި ސުވާލަކަށް ޕްރިންސިޕަލްގެ ހިޔާލު ފާޅުކުރެއްވުމުންވެސް ކުޅުދުއްފުށީ ސްކޫލެއްގެ ޕްރިންސިޕަލަކަށް މިނިސްޓްރީ ގުޅާފަ ވަނީ ބަވާލާފަ އެވެ.

ޕްރިންސިޕަލުންނަކީ އެމީހުންގެ މުޅި ދުވަސް ބެލެނިވެރިންނާއި ޓީޗަރުންނާއި އެތައް ބައިވަރު ދަރިވަރުންނެއްގެ ހައްޤު މަސައްކަތް ކުރައްވާ ބޭފުޅެވެ. މުސާރައަކަށް ނުބަލައި މަސައްކަތް ކުރާ މި ފަދަ ޕްރިންސިޕަލުން ނުވަތަ ޑެޕިއުޓީ ޕްރިންސިލުންނާ މެދު ބިރު ދައްކާ ފިޔަވަޅު އެޅުމަކީ ވަރަށް ފިނޑި ނާތަހްޒީބް އަމަލެވެ. ކަމުނުގޮސްގެން ސްކޫލުތަކުން ބޭރުކޮށްފައިވާ ގިނަ “ކުނި” ޕްރިންސިޕަލުންތަކެއް އެތެރެއިން މިނިސްޓްރީއަށް ދަމައިގަނެ ބާރުގަދަ މަގާމުތައް ދިނުމުންގެ ސަބަބުން އެބޭފުޅުންގެ ހަސަދަ ފިލުވާލުމަށް “ރަނގަޅު” ޕްރިންސިޕަލުންގެ ދުވަސް ދުއްވާލަނީކަމަށް ދާއިރާގެ ތަޖުރިބާ ލިބިފައި ތިބި ބޭފުޅުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355