އައްދު ކާމިޔާބުކުރި ތިން ލަނޑާއެކު ނޮޅިވަރަމް މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިއަދު ފިއްލަދޫއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނޮޅިވަރަމް ކުޅުނު މެޗު ނޮޅިވަރަމްއިން ކާމިޔާބުކުރީ 3-1 އިންނެވެ. މި މެޗަށް ނުކުތްއިރު ނޮޅިވަރަމް ފިއްލަދޫގައި ކުޅުނު މެޗުން އޮތީ 2-1 އިން ބަލިވެފަ އެވެ. އެހެންކަމުން ނޮޅިވަރަމް ތިންވަނަ ބުރަށް ދަތުރުކުރީ 4-3 ގެ އެގްރިގޭޓް ސްކޯރ އަކުން މޮޅުވެގެންނެވެ.
މި މެޗުގެ ކުރީކޮޅު ނޮޅިވަރަމް އަށް ލީޑު ނަގައިދިނީ އެ ޓީމުގެ ހުނަރުވެރި ފޯވާޑް އަދި ކެޕްޓަން އަބްދުލް ރަހީމް އަބޫބަކުރު (އައްދު) އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އައްދު ވަނީ އިތުރު ލަނޑެއް ޖަހާ 2-0 ގެ ލީޑެއް ޓިމަށް ހޯދައިދީފަ އެވެ.
ފަހު ހާފު އައްދު އިތުރު ލަނޑެއް ޖަހައި 3-0 ގެ ލީޑެއް ނަގާފައި ވަނިކޮށް ފިއްލަދޫއިން ވަނީ ލަނޑެއް ފަރަޤު ކުޑަކޮށްފަ އެވެ. އިތުރު ލަނޑެއް ޖަހައި އަވޭ ގޯލުގެ އުސޫލުން ފިއްލަދޫއަށް ތިންވަނަ ބުރަށް ދަތުރުކުރެވެން އޮތް ނަމަވެސް ފިއްލަދޫ ޓީމުން ލަނޑެއް ޖަހަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
އައްދު މިނިވަން 50 މުބާރާތުގައި މިހާތަނަށް 5 ލަނޑު ޖަހާފަ އެވެ. މިއަދުގެ މެޗު ބައްލަވާލައްވަން މާޒިޔާ ސްޕޯރޓްސް ކުލަބްގެ ހެޑް ކޯޗު އަލީ ސުޒައިން ނޮޅިވަރަމަށް ވަޑައިގަތްކަން ފާހަގަކޮށްލެވެ. މާޒިޔާ ޓީމަށް ނޮޅިވަރަމަށް ނިސްބަތްވާ ތިން ކުޅުންތެރިން ކުޅެމުންދާއިރު އަމްދާން އަލީ (އެންޑީ) އަކީ ޤައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.