twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީލީފް: ތިމާވެށީގެ ނަމޫނާ ޒުވާނުންތަކެއް

Dec 8, 2015

ރާއްޖޭގައި ނާޒުކު ތިމާވެއްޓެއް އޮތް އިރު, ތިމާވެށި ރައްކާތެރިގޮތުގައި ބޭއްވުމަށްޓަކައި ތިމާވެއްޓާ މެދު ރަހްމަތްތެރި އާދަތައް ދިރިއުޅުމުގައި އަށަގަންނަވަން ޖެހެއެވެ. ނަމަވެސް ގުދުރަތީ ރީތިކަން ލިބިފައިވާ ރާއްޖޭގެ މި ތިމާވެއްޓާމެދު ވިސްނަނީ މަދުބައެކެވެ. ހާއްސަކޮށް ޒުވާނުންގެ ތެރޭގައި ތިމާވެއްޓާމެދު ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވެއެވެ. ރަށްރަށުގެ ގޮނޑުދޮށްތަކާއި، މޫދަށް އެރިއުޅޭ ސަރަހައްދުތަކަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. ގޮނޑުދޮށަށް ކުނި އެޅުމަކީ މާބޮޑަށް އެކަމާމެދު ނުވިސްނާ ތިމާވެއްޓަށް އަދި ރަށުގެ މޫނުމަތީގެ ރީތިކަން ގެއްލުވައިލާ ކަމެކެވެ.

މި ފަހަރުގެ ރިޕޯރޓްގައި މި ހިމަނާލަނީ ތިމާވެއްޓަށް ލޯބި އޮތް، ދިރިއުޅޭ ވެއްޓަކީ ސާފުތާހިރު ވެއްޓަކަށް ހެދުމުގެ އަޒުމުގައި އަގުހުރި މަސައްކަތެއް ކުރަމުން އަންނަ ޒުވާން ކުދިންކޮޅެއްގެ ވާހަކައެވެ.

ބީލީފްގެ ބާނީ އަފާ ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތުދެނީ–ފޮޓޯ: ހަދީޖާ

“ބީލީފް” ގެ ނަމުގައި ގްރޫޕެއް އުފައްދައި ކުޅުދުއްފުށީގެ ރަށުތެރެ ސާފުތާހިރު ތަނެއްގެ ގޮތުގައި ހެދުމުގެ އަޒުމުގައި މި ޒުވާނުންގެ މަސައްކަތް ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި ހަމަ އެންމެ މަހެއްގެ ތެރޭގައި ގިނަ ބައެއްގެ ސަޕޯރޓް މި ގްރޫޕަށް ލިބި މިހާރުވެސް ދަނީ އިތުރުވަމުންނެވެ.

މިފަދަ ނަމޫނާހުރި މަސައްކަތެއް ފެށުމަށް އިސްރޯލެއް އަދާކުރި އުމުރުން 19 އަހަރުގެ އަފާ ހުސެންއަކީ ސްކޫލް ދައުރުއްސުރެ ތިމާވެށި ހިމާޔަތް ކުރުމުގެ ވިސްނުން ގެންގުޅެމުން އައި ކުޅުދުއްފުއްޓަށް އުފަން ޒުވާނެކެވެ.

ސްކޫލު ނިންމުމަށްފަހު ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އަމިއްލައަށް ކަމެއް ފެށުމީ އަފާ ހުވަފެނެއްގެ ގޮތުގައި ދެކެމުން އައި ކަމެކެވެ.

ވޮލަންޓަރީ މަސައްކަތެއްގެ ގޮތުގައި ފެށި މި ކަމުގައި އަފާގެ ގިނަ ރައްޓެހިން ބައިވެރިވެ އެކަމުގައި އެހީތެރިވެ ސަޕޯރޓް ދިންކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ރަށުގެ ހަތަރު ސަރަހައްދެއް މި ގްރޫޕުން ސާފުކޮށްފައި ވާއިރު ބޮޑަށް ބަލަނީ ރަށުގައި އާންމުކޮށް މީހުން ގޮސްއުޅެ ހަޑިކޮށްފައި ހުންނަ ތަންތަން ސާފު ކުރުން ކަމަށް “ކުޅުދުއްފުށި އޮންލައިނަށް” ދިން އިންޓަވިއުއެއްގައި އަފާ ބުންޏެވެ. އެގޮތުން ރަށުގެ ގިނަ ބަޔަކު ޕިކްނިކް ހެދުމަށާއި މޫދަށްއެރުމަށް ދާ ބީޗް ސަރަހައްދުތައް މި ގްރޫޕުން ސާފުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކުނި ހޮވުމުގެ އިތުރުން ހޮވޭ ކުނީގެ ބާވަތާއި އަދަދުތަކުގެ ޑޭޓާވެސް ނަގައި އެ މައުލޫމާތު އެންމެނަށް ލިބޭނެހެން ބިލީފް ފޭސްބުކް ޕޭޖުގައި ދަނީ ޝާއިއު ކުރަމުންނެވެ.

ބީލީފްގެ ނަގައިފައިވާ ބައެއް ކުނި–

ފެށިއިރު މަދު ރައްޓެހިންތަކަކާއެކު ކުރިޔަށް ދިޔަނަމަވެސް ގްރޫޕަށް ކުދިން އިތުރުވަމުން އަންނަކަމަށް އަފާ ބުންޏެވެ. އަދި އިތުރު ކުދިން ބައިވެރިވާން ބޭނުންނަމަ އެ ފުރުސަތުވެސް އޮތްވާހަކަ އަފާ ބުންޏެވެ.

“ބައިވެރިވާން ބޭނުން ނަމަ ފެސްބުކް ޕޭޖަށް މެސެޖެއް ކޮށްލައި އިންޓްރެސްޓް ހުރި ވާހަކަ ބުނެލުމުންވެސް ޖޮއިން ކުރެވޭނެ” އަފާ ބުންޏެވެ.

ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ތަރުހީބު އިތުރުވަމުން އަންނަ މި ގްރޫޕަށް މަސައްކަތް ކުރުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބަޖެޓްގެ ދަތިކަން ކަމަށް އަފާ ފާހަގަ ކުރިއެވެ.

“ސާފުކުރުމަށް ބޭނުންވާ ތަކެއްޗާއި ކުނި އެޅުމަށްބޭނުންވާ ކޮތަޅު އަދި ކުނި އުކާލުމަށް ޕިކަޕް ސާވިސް ބޭނުންވާއިރު އެ ކަންކަމަށް ހަރަދުތައްވެސް ކުރަންޖެހޭއިރު ފައިސާގެ ދަތިކަން ދިމާވޭ” އަފާ ބުންޏެވެ.

އަފާ ބުނީ މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްވެސް ކޮށްފައިވާނީ އަމިއްލައަށާއި އާއިލާ އަދި ރައްޓެހިންގެ އެހީ ހޯދައިގެން ކަމަށެވެ.

މިހާތަނަށް މުޅިންވެސް ކުނި ނަގާ ސާފުކުރުމުގެ މަސައްކަތް ކޮށްފައިވާ މި ގްރޫޕުން ކުރިއަށް އޮތް ތަނުގައި މީހުންގެ ފަރާތުން މިކަން ހުއްޓުވުމަށްޓަކައި ކަންތައްތަކެއް ކުރުމަށްވެސް ވިސްނުން ގެންގުޅެންތޯ ސުވާލުކޮށްލުމުން އަފާ ބުނީ ކުނި އެޅުމަށްޓަކައި ޓްރޭޝްކޭން ނުވަތަ ޑަސްބިން ބެހެއްޓުމާއި މީހުން ހޭލުންތެރި ވާނެ ފަދަ މެސެޖް ލިބޭނެހެން ބޯޑު ބަހައްޓަން ވިސްނާ ކަމަށާއި ނަމަވެސް އެކަންކަން ކުރުމުގައިވެސް ފައިސާގެ ދަތިކަން އުޅޭތީ އަދި އެކަން ވަނީ މަޑުޖެހިފައި ކަމަށެވެ.

ސްކޫލް ދައުރުގައިވެސް ސައިންސްގެ ގޮތުން އެކި ހަރަކާތްތަކުގައި އުޅިފައިވާ އަފާ ދެކޭ ގޮތުގައި އެންމެން އެއް އަޒުމެއްގައި ކަންތައް ކުރެވިއްޖެނަމަ ތިމާވެށީގެ ދާއިރާއިން ބައިވަރު ކަންތައްތައް ހާސިލް ކުރެވޭނެ އެވެ.

އަފާ އިތުރަށް ބުނެފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމުގައި ދިވެހިން ހޭލުންތެރިވާން ޖެހޭ މިންވަރަށް ހޭލުންތެރި ވެފައި ނުވާ ކަމަށާއި ރާއްޖޭގައި ގުދުރަތީ ރީތި މަހައުލެއް އޮތް ނަމަވެސް ހަމައެކަނި އެ ރީތި އަދި ސާފުތާހިރު މާހައުލު މި ފެންނަނީ މީހުން ދިރިއުޅޭ ރަށްތަކަށް ވުރެ ރިސޯރޓްތަކުން އެކަނި ކަމަށެވެ.

މި ގްރޫޕުގެ މަސައްކަތް ފަށައިގަތް ފަހުން އަދި ކުރު މުއްދަތެއް ވީ ނަމަވެސް އަދި މުސްތަގުބަލުގައި ބޮޑެތި ކަންތައްތަކެއް ހިންގިދާނެ ކަމަށާއި އޭގެ ރަނގަޅު ނަތީޖާ ނިކުންނާނެ ކަމަށް އަފާ އުންމީދު ކުރެއެވެ.

އެގޮތުން ކުޅުދުފުށީގައި ގިނަ މީހުން ހަވީރު ފިންޏަށް ނުވަތަ މަޖާކޮށްލުމަށް ދާ ވެލިގަނޑު ސަރަހައްދު ސާފުކުރުމަށް ދާދި ފަހުން މި ގްރޫޕުންވަނީ ނިންމާފައެވެ.

އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިޔަށް ދަނީ “ކޮމިއުނިޓީ ކްލީންއަޕެއްގެ” ގޮތުގައި ކަމަށާއި މި ހަރަކާތް ރަށުގެ އެންމެނަށް ހުޅުވާލާފައިވާ ކަމަށް އަފާ ބުންޏެވެ.

ރަށުގެ ވީހާވެސް ގިނަ ރައްޔިތުންނެއް އެތަން ސާފުކުރުމުގެ މި ހަރަކާތުގައި ބައިވެރިވުމަކީ މި ގްރޫޕުގެ ވަރަށް ބޮޑު އެދުމެއްކެވެ. އަދި މި ހަރަކާތައް އެހީތެރިވާން ބޭނުން ފުޅުވާ ފަރާތްތައް ފޭސްބުކް މެސެޖްގެ ޒަރީޔާއިން ހާމަކޮށްލެވޭނެ ކަމަށް ގްރޫޕުން ބުނެއެވެ.

އަފާގެ މި ހުވަފެން ހަގީގަތަކަށް ވުމުގެ މަސައްކަތް ފެށިފައިވާއިރު އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށާއި ރައްޓެހިންނަށް އަފާ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރެއެވެ.

ތިމާވެއްޓަށް ލޯބިކޮށް ތިމާވެށި ހިމާޔަތްކުރުމަށް ޒުވާނުން ނުކުންނަކަމީ، މި ދާއިރާއިން ކުރިމަގު އުޖާލާކުރުވާނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355