ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ މަސްޖިދުލް ފިރުދައުސް އަކީ މީގެ 5 އަހަރުކުރިން މަސައްކަތް ފެށި މިސްކިތެކެވެ. ކުޅުދުއްފުށީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މިތުރު ކުންފުނީގެ ވެރިޔާ މުހައްމަދު ޒުހައިރު އަޅައިދޭ މި މިސްކިތުގައި ނަމާދުކުރަން ފެށޭނެ ދުވަހެއް އަދި ނޭގެއެވެ.
މިސްކިތުގެ މަސައްކަތް ކުރިއަށްނުދާ މައްސަލަައިގައި މިތުރު ކުންފުނީގެ ވެރިޔާ މުހައްމަދު ޒުހައިރު “ކުޅުދުއްފުށި އޮންލައިނަ”ށް ވިދާޅުވީ މިސްކިތުގެ މަސައްކަތް ނުނިމި ލަސްވަނީ އިންސާނީ ވަސީލަތުގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ. މިސްކިތުގެ މަސައްކަތް ކޮށްދިނުމަށް އެދި އެކިފަހަރު މަތިން އެކި ފަރާތްތަކުގައި އެދިފައިވާނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ކޮށްދޭނެ އެކަށޭނަ ފަރާތެއް ނުލިބުމުގެ ސަބަބުން މިސްކިތުގެ މަސައްކަތް ލަސްވާކަމަށް ޒުހައިރު ވިދާޅުވިއެވެ.
“އަށެއްކަ މީހުން ގާތަށް ގޮއްސަ ކިއިއްޖެ ހަމަ ވަކި އަގެއް ކިޔައިގެން މިސްކިތުގެ ކޮންމެސް މަސައްކަތެއް ކޮށްލަދޭށޭ. އެހެން ބުނެގެންވެސް އާދޭސް ކޮށްފިން އަދި އެކަމް ވާގޮތެއް ނުވޭ. އޭގެ ތެރޭގައި އެކިވަރު ރައްޓެހިންވެސް ތިބޭނެ ދެން މިހާރު އަނގައިން ނުބުނެ ރައްޓެހިކަން ނުބާއްވާ ހިސާބަށްވެސް ގޮއްސި. އެހެންކަމުން މަސައްކަތް ކުރުމުގެ ދަތިކަން އެބައޮތް” ޒުހައިރު ބުންޏެވެ.
މި މިސްކިތުގެ މަސައްކަތް ނިންމުމަށް ބިން ހަވާލުކޮށްފައވަނީ 2010 ގަ އެވެ. މަސައްކަތް އެއްކޮށް ނިންމުމަށް ކައުންސިލުން ދީފައިވާ މުއްދަތަކީ 2 އަހަރެވެ. އެހެންނަމަވެސް 2012 ގައި މުއްދަތު ހަމަވުމުގެ ކުރިން 2011 ގެ ނޮވެމްބަރުގެ ތެރޭގައި އިތުރު ދެ އަހަރު އިތުރުކޮށްދީފައި ވެއެވެ. އެ މުއްދަތު 2013 ގެ ނޮވެމްބަރަށް ހަމަވިއިރު މިސްކިތުގެ ބޮޑުބައި އަދިވެސް ނިމިފައެއް ނުވެއެވެ. އަދި އޭގެފަހުން މުއްދަތު އިތުރުކޮށްފައެއް ވެސް ނުވެއެވެ.
މި މިސްކިތާ ބޭހޭގޮތުން ރަށުތެރޭގައި ފެތުރިފައިވާ އަޑުތަށް ބައިވަރެެވެ. އެކި މީހުންގެ ވާހަކަތަށްވެސް ތަފާތެެވެ. އަބަދުވެސް މިސްކިތުގެ މަސައްކަތުގައި ބަޔަކު އުޅޭތަން ފެނެއެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށްދާ ސްޕީޑްގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް މުހައްމަދު ޒުހައިރަށް ވަނީ އަމާޒުވެފައެވެ. “މަސްޖިދުލް ލަސް ލަސް” ގެ ނަން މި މިސްކިތަށް ލިބިފައިވާކަން މިއީ މިކަމުގެ ހެއްކެކެެވެ.
މިސްކިތުގެ މަސައްކަތްނިމި އެތަނުގައި ނަމާދުކުރަން ފެށޭނެ ދުވަހަކާބެހޭ ގޮތުން ސުވާލުކުރުމުން ޒުހައިރު ވިދާޅުވީ އެ މިސްކިތުގެ މަސައްކަތް މި ބަލަނީ އަވަހަށް ނިންމޭތޯ ކަމަށެވެ. އަދި މީގެ ކުރިންވެސް މަސައްކަތް ހުއްޓިފައެއް ނުވާނެ ކަމަށާއި އަންނަން އޮތްތާވެސް ހުއްޓައި ނުލާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“ހުއްޓައި ނުލާ މަސައްކަތް ކުރާނަން، މިދިޔަ ރޯދަމަހަށް ނުނިމިފަ އޮތް ބައި ދެން އަންނަ ރޯދަމަހަށް ނިންމާނަން” ޒުހައިރު ބުންޏެވެ.
ހުއްޓައި ނުލާ މަސައްކަތް ކުރަމުންދާތާ 5 އަހަރު ވެފައިވާ މި މިސްކިތުގެ މަސައްކަތް ނިމިފައި ހުރި ވަރަށް ބަލާލާއިރު އިމާރާތުގައި ކޮންކްރިޓު ޝީޓު އަޅައި އިމާރާތުގައި ސިމެންތީގެ މަސައްކަތު ބޮޑުބައެއް ނިމިފައި ވީ ނަމަވެސް ކަރަންޓު ވައިރު ކުރުމާއި ތަށިމުށި ޖަހައި ގިނަ ތަންތަން ހިޔާ ކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ފެށިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.