ކުޅުދުއްފުށީ ސްކޫލަކަށް ފުރަތަމަ ފަަހަރަށް އަންހެން ޕްރިންސިޕަލެއް ހަމަޖައްސަވައިފި އެވެ. މި ތާރީހީ ޝަރަފް ލިބިފައިވަނީ މ އަތޮޅު ދިއްގަރު، ނާސިހާ އިދުރީސް އަށެވެ.
ކުޅުދުއްފުށީ ސްކޫލެއްގެ ފުރަތަމަ އަންހެން ޕްރިންސިޕަލްކަމުގެ މަގާމު ލިބިލެއްވުމުން ނާސިހާ ވިދާޅުވީ މިކަމުން އެނގިގެން ދިޔައީ އެޑިއުކޭޝަން މިނިސްޓްރީން އޭނާއާ ކުރައްވާ އިތުބާރު ކަމަށެވެ. އަދި އެމަގާމަށް އާދެވުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިލެއްވި ކަމަށާއި އެބޭފުޅުން ފެއިލް ވިޔަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ނާސިހާ މިއަދު ވިދާޅުވީ އަފީފުއްދީން ސްކޫލަކީ ވަރަށް ފެހި ސްކޫލެއް ކަމަށާއި މި ސްކޫލާމެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަދި އެންމެ ބޮޑު މަސައްކަތެއް ކުރާނީ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކަމަށާއި މިކަމަށް ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ނާސިހާ ވިދާޅުވި އެވެ.
“ވަރަށް ފެހިކޮށް ފަހިކޮށް މިދެކެނީ ސްކޫލާ ދޭތެރޭގަ. އަޅުގަނޑު ހުރިހާ މަސައްކަތެއް މިކުރަނީ ހަވާލު ވީއްްސުރެ ސްކޫލްގެ ނަތީޖާ ރަނގަޅު ކުރަން. އަޅުގަނޑުގެ އެންމެ ބޮޑު ފޯކަސްއެއް އޮންނާނީ ހަމަ އެކަޑަމިކަށް” އަފީފުއްދީން ސްކޫލުގެ އައު ޕްރިންސިޕަލް ނާސިހާ ވިދާޅުވި އެވެ.
ނާސިހާ ކުޅުދުއްފުށި އޮންލައިނަށް އިންޓަވިއު ދެއްވަނީ–
މީގެ ކުރިން ހދ އަތޮޅު މަދަރުސާގައި މަސައްކަތް ކޮށްފައިވާ ނާސިހާ ވިދާޅުވީ ރާއްޖެތެރޭ ސްކޫލުތަކަށްވުރެ މާލެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ވާހަކަ އެއީ ތެދެއްނޫން ކަމަށާއި ޓޮޕްޓެންގައި ރާއްޖެތޭރޭގެ ދަރިވަރުން ހިމެނުން އެއީ އެކަމުގެ ހެއްކެއް ކަމަށެވެ. އަދި އެސްކޫލެއްގެ ސްޓޭންޑާޑަކީ އެބައެއްގެ މަސައްކަތުން ހިފަހައްޓާ އެއްޗެއް ކަމަށްވެސް ނާސިހާ ވިދާޅުވި އެވެ.
“ސެޓޭންޑާޑަކީ އެބަޔަކު ހިފެހެއްޓީމަ ވާކަމެއް. މިހާރުވެސް އަތޮޅު ތެރެއިން ކިތަން ކުދިންތޯ ޓޮޕްޓެންގަ އެ އޮންނަނީ” ނާސިހާ ވިދާޅުވި އެވެ.
ނާސިހާ ވިދާޅުވީ ކޮންމެ ސްކޫލަކީވެސް މައްސަލަތަކާއި ގޮންޖެހުންތަކެއް ދިމާވާނެ ސްކޫލެއް ކަމަށާއި އެފަދަ ގޮންޖެހުންތަކެއް ނެތި ސްކޫލް ކުރިނާރާނެ ކަމަށެވެ. އަދި މިވީހާތަނަށް ސްކޫލްގެ ޕީޓީއޭ އާއި ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ވަރަށް ބޮޑު ކަމަށް ނާސިހާ ވިދާޅުވި އެވެ.
މި އަހަރުގެ ކިޔެވުން ފެށެންވާއިރަށް މިހާރު ސްކޫލްގެ ހުރިހާ ކަމެއް ތައްޔާރުކަމަށާއި ސްކޫލުން ލިބޭ އެއްބާރުލުމާއި ސްކޫލްގައި އޮތް ޓީމާއެކު ދެކެލައްވަނީ ވަރަށް އުންމީދީކޮށް ކަމަށް ނާސިހާ ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލްގެ އިތުރުން ހދ އޭއީސީއަށް ވެސް ވަނީ މި އަހަރު އަލަށް ޕްރިންސިޕަލެއް ހަމަޖައްސާފަ އެވެ. އޭއީސީއަށް ޕްރިންސިޕަލެއް ހަމަޖައްސަފައި މިވަނީ ދެ އަހަރުވަންދެންް އެ މަގާމު ހުސްކޮށް އޮތުމަށްފަހު އެވެ.
މި އަހަރު ޕްރީ ސްކޫލް ގްރޭޑްތަކާއެކު ގްރޭޑް އެކަކުން ދިހައަކަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލުގައި ކިޔަވައިދޭނެ އެވެ.