ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށް ދޭ ބެލެންޑޯ އެވޯޑް ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފި އެވެ. މިއީ މެސީ މި މަޤާމު ހޯދި ފަސްވަނަ ފަހަރެވެ.
މެސީ ވަނީ މީގެ ކުރިން މި މަޤާމު ޖެހިޖެހިގެން 4 ފަހަރު ހޯދާފަ އެވެ. އެއީ 2009 އިން 2012 އަށެވެ. ދުނިޔޭގެ ޤައުމު ތަކުގެ ކޯޗުން އަދި ކެޕްޓަނުން ވޯޓް ލައިގެން ހޮވާ މި މަޤާމު މި އަހަރު މެސީ ކާމިޔާބުކުރީ 41 ޕަސެންޓް ވޯޓާ އެކީ އެވެ.
މެސީ އާ އެންމެ ކައިރިން ވާދަ ކުރި ޕޯޓްގަލް އަދި ރިއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނީ 28 ޕަސެންޓް ވޯޓެވެ. ރޮނާލްޑޯ ފާއިތުވެ ދިޔަ ދެ އަހަރު ބެލޮންޑޯ ގެ މަޤާމު ހޯދާފައިވާއިރު އެންމެ ފުރަތަމަ އޭނާ މި މަޤާމު ހޯދީ 2008 ވަނަ އަހަރު އެވެ. އަދި ތިން ވަނަ އަށް ދިޔަ ނޭމާ އަށް ލިބުނީ 8 ޕަސެންޓް ވޯޓެވެ.
އަހަރުގެ އެންމެ ރީތި ގޯލު ޖަހާ ކުޅުންތެރިޔާއަށް ދޭ ޕުސްކަސް އެވޯޑް، ބުރެޒިލްގެ ވެންޑެލް ލިޒާ ހޯދިއިރު އެންމެ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗަކަށް ހޮވިފައިވަނީ ވޭތުވެދިޔަ އަހަރު ބާސެލޯނާ އަށް 5 ޓްރޮފީ ހޯދައިދިން ލުއިސް އެންރިކޭ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ ކުރީގެ ބާސެލޯނާގެ ކޯޗު އަދި މިހާރުގެ ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ.
ފީފާއިން ހޮވާ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކަށް އެމެރިކާގެ ކާލީ ލޮއިޑް ހޮވިފައިވާއިރު އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައިވަނީ އެމެރިކާގެ ކޯޗު ޖިލް އެލިސް އެވެ.
މީގެ އިތުރުން ފީފާ ފިފްޕްރޯ އެންމެ މޮޅު 11 ކުޅުންތެރިންނަށް ހޮވިފައިވަނީ މެނުއަލް ނޯޔާ، ސާޖިއޯ ރާމޯސް، ތިއާގޯ ސިލްވާ، ޑެނީ އަލްވޭސް، މާސެލޯ، ޕޮގްބާ، އިނިއެސްޓާ، މޮޑްރިޗް، މެސީ، ނޭމާ އަދި ރޮނާލްޑޯ އެވެ.