ސިޒޭރިއަން ހެދުމަށްފަހު ލޭމަނާ ނުވެ ހާލު ސީރިއަސް ވެ މިދިޔަ އާދިއްތަ ދުވަހު ނިޔާވި އައިޝަތު ފަރިޔާލްގެ މަރުގެ މައްސަލައާ ބެހޭގޮތުން ރަށުތެރޭގައި ދެކެވޭ ވާހަކަ ބައިވަރެވެ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށްފަހު ލޭމަނާ ނުވެ ހާލު ސީރިއަސް ވި އައިޝަތު ފަރިޔާލް ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށްފަހު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު އެވެ.
މަރުވި ސަބަބު
އައިޝަތު ފަރިޔާލްގެ ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި މައްސަލަ މިހާތަނަށް އަދިވެސް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ލޭ މަނާ ނުވެގެން ގިނަ އަދަދެއްގެ ލޭ އެޅުމަށްފަހު ލޭ މަނާ ވާނެ ކަމަށްބުނެ ފަރިޔާލްގެ ރަހިމުވެސް ވަނީ ނަގާފަ އެވެ. އަދި މި މައްސަލައާ ބެހޭ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރަށުތެރޭ ދެކެވޭ ވާހަކަ
ކުޅުދުއްފުށީ ހޮސްޕިޓަލްގެ ފެންވަރު ދަށް ވާހަކަ މިއީ އަލަށް ދެކެވޭ ވާހަކައެއް ނޫނެވެ. އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ބޭނުންކުރާ “ރީޖަނަލް” ހޮސްޕިޓަލަށް ވާއިރު އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ކަމަށް ގާބިލް ޑޮކްޓަރުން ނެތް ވާހަކަ މިއީ ދައްކާ ބާ ވެފައި އެހެންނަަމަވެސް އަދި ހައްލެއް ލިބިފައި ނެތް މައްސަލަ ތަކެކެވެ.
ޑރ ލުއިސް އަކީ ކޮންކަހަލަ ޑޮކްޓަރެއް ތޯ؟
ޑރ ލުއިސް އަކީ ގާބިލު ޑޮކްޓަރެއް ނޫންކަމަށް ދެކެވޭ ވާހަކަތައް، އެދުވަހު ކުޅުދުއްފުށީގެ މީހަކު ފޭސްބުކްގައި ޖެހި ޕޯސްޓެއްގެ ސަބަބުން އިތުރަށް ގަދަވެގެންދިޔައެވެ. ކުޅުދުއްފުށީ ކެމްޕަސްގެ ލެކްޗަރާ މުހައްމަދު އުމަރު އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޑރ ލުއިސް އަކީ ވިހެއުމާ ބެހޭ ޑޮކްޓަރެއް ނޫން ކަމަށާއި ލުއިސް އަކީ ދަރިމައި ވުުމުގެ މައްސަލަތަކަށް ފަރުވާ ދޭ ޑޮކްޓަރެއް ކަމަށް ލުއިސް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ވިހެމާ ބެހޭ ޑޮކްޓަރެއް ނެތުމުން އެކަން ކުރަން މަޖުބޫރު ވަނީ ކަމަށާއި އެކަމާއި ބެހޭގޮތުން ހޮސްޕިޓަލް މެނޭޖްމެންޓާއި އެތައްފަހަރަކު ޝަކުވާ ހުށައަޅާފައިވާ ކަަމަށް ލުއިސް ބުނެފައިވާ ކަމަށް އެ ޕޯސްޓްގައި ވެއެވެ.
ކުޅުދުއްފުށީ ކެމްޕަހުގެ ސީނިއަރ ލެކްޗަރ މުހައްމަދު އުމަރުގެ ފޯސްޓް–
މިކަމުގައި ޒިންމާވާން ޖެހޭނީ ކޮންބައެއް؟
ޑރ ލުއިސް އަކީ ހަގީގަތުގައިވެސް ވިހެއުމާބެހޭ ޑޮކްޓަރެއް ނޫންނަމަ އަދި މުހައްމަދު އުމަރު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓްގައި ވަނީ ތެދުނަމަ، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްގެ އިސްވެރިންނެވެ. އެކަމަށް ގާބިލް ނޫން ޑޮކްޓަރެއްގެ މައްޗަށް މިފަދަ ބޮޑު ޒިންމާއެއް ދޫކޮށްލާއިރު ރައްޔިތުން މިފަދަ ބޮޑު ނުރައްކަލެއްގެ މައްޗަށް ހުށައަޅަން ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްގެ މެނޭޖްމެންޓުން ވެސް ފަހެއް ނުޖެހުނެވެ.
ވިހެއުމަށް ހާއްސަ ޑޮކްޓަރެއް މިފަދަ ބޮޑު ހޮސްޕިޓަލެއްގައި ނެތްއިރު އެމައްސަލަ ސަރުކާރަށް ހުށައެޅިފައިވޭ ބާ އެވެ. ނުވަތަ ސަރުކާރުން ކިތައް ފަހަރު ހޮސްޕިޓަލްގެ ހާލަތު ބެލިފައިވޭ ބާއެވެ. ހޮސްޕިޓަލަށް އަލަށް ގެނެވޭ މެޝިނަރީސް އިންސްޓޯލް ނުކުރެވި ރައްޔިތުންނަށް ކިހާ ހިދުމަތެއް ނުދެވި އެބަ ހުރިހެއްޔެވެ؟ ހޮސްޕިޓަލަށް އަލަށް ގެނެވޭ ތަކެތި އިންސްޓޯލްކޮށް އެތަކެތިން ރައްޔިތުންނަށް ބޭނުން ހިފެންދެން ސަރުކާރުން ހޮސްޕިޓަލްތަކަށް އެހީތެރިކަން ފޯރުކޮށްދޭން އެބަޖެހެއެވެ.
މުޒާހަރާކޮށް އިހްތިޖާޖް ވެސް ކުރަންޖެހޭ
މި ފަދަ މައްސަަލައެއްގައި މުޒާހަރާކޮށް އިހްތިޖާޖްވެސް ކުރަން ޖެހެއެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދިފައިވާއިރު ރައްޔިތުންގެ ޝުއޫރުތައް ފާޅު ކުރަންވެސް ޖެހެއެވެ. ސަރުކާރުގެ ޒިންމާ އެކަށީގެންވާ ގޮތުގައި ނުނަގާނަމަ ސަރުކާރުންގެ ސަމާލުކަމަށް އެކަން ގެންނަން ޖެހެއެވެ.
އެހެންނަމަވެސް ފަރިޔާލްގެ މަރާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހޮސްޕިޓަލް އޯޕީޑީ ތެރޭކޮށްފައިވާ މުޒާހަރާއަކީ ޒިންމާދާރުކޮށް ކޮށްފައިވާ ކަމެކޭ ނުދެންނެވޭނެ އެވެ.
ފަރިޔާލުގެ މަރާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކުރި މުޒާހަރާ–
ހޮސްޕިޓަލް އޯޕީޑީ ސަަރަހައްދުގައި ބަޔަކު އަޑު ގަދަކޮށް ކުރި މި މުޒާހަރާގެ ސަބަބުން އެވަގުތު ހޮސްޕިޓަލަށް ފަރުވާ ހޯދުމަށާއި ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށް ފަރުވާދިނުމަށް ވަނީ ދަތިތަކެއް ކުރިމަތި ވެފައެވެ. ސަރުކާރު ގެ ސަމާލުކަމަށް މިކަން ގެންނަން ބޭނުން ވާނަމަ މިއަށްވުރެ ޒިންމާދާރުކަން ބޮޑު ގޮތެއްގައި މުޒާހަރާ ކުރަން އެބަ ޖެހެއެވެ.
ހައްލަކީ އޮޕަރޭޝަން ކުރި ޑޮކްޓަރު ފުރުވާލައި ރައްޔިތުން ހިތްހަމަޖައްސައިލުމެއް ނޫނެވެ. މިފަދަ ގޮތަކަށް މި މައްސަލަ އޮއްބާލިޔަ ދީގެން ނުވާނެ އެވެ. ރައްޔިތުން ގުޅިގެން މުޒާހަރާ ކުރަންޖެހެއެވެ. ސަރުކާރަށް އަޑުއިއްވަން ޖެހެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލާއި ހިތަދޫ ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލްތަކަށް ހަދައި ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ސިއްހީ ހިދުމަތެއް ދޭނެވާހަކަ ވާހަކަ ދައްކަމުން ޓީވީތަކާއި ޖަލްސާތަކުގައި ފޮނި އަނގަތަޅާއިރު މަރުވެގެންދާ ކޮންމެ މީހެއްގެ މަރުގެ ޒިންމާ ސަރުކާރުގެ ބޮލުގައި އެޅޭނެއެވެ.