twitterviber whatsapp telegramfacebookyoutube instagram
9th May 2024

ގުރޭޓަރ މާލޭ ސަރަހައްދާއި ބޮޑު ތިލަދުންމަތީގެ ތަފާތުކުރުން

Jan 14, 2016

ބޮޑު ތިލަދުންމައްޗަކީ ޒަމާނުއްސުރެ ހިތްވަރުގަދަ ރައްޔިތުން ތަކެއް ނިސްބަތްވާ ހިސާބެކެވެ. އަދި މިކަން ވަނީ ތިލަދުންމަތީގެ ރައްޔިތުން އެތައް ފަހަރަކު އެކި ގޮތްގޮތުން ސާބިތު ކޮށްދީފަ އެވެ. އެގޮތުން ބޮޑު ތިލަދުންމަތީގެ ދަތުރާއި، ބޮޑުތަކުރުފާނުގެ ހިތްވަރުގަދަ ޖިހާދާއި، ނޮވެންވަރު 3 ގެ ހާދިސާތައްފަދަ ކަންތައްތަކުން އަޅުގަނޑުމެންނަށް ވަނީ މިކަން ފެނިގެން ގޮސްފަ އެވެ. އެހެންކަމުން މާލޭގެ ސަރުކާރުން އަބަދުވެސް ބޮޑު ތިލަދުންމަތީގެ ރައްޔިތުންދެކެ ޖެހިލުންވާކަމީ ފާޅުކަން ބޮޑު ހަޤީޤަތެކެވެ. އަދި ބޮޑު ތިލަދުންމަތީގެ ރައްޔިތުން ނިކަމެތި ކޮށްލުމަށްޓަކައި މާލޭގެ ސަރުކާރުން ތަފާތު ގޮތްގޮތަށް ރޭވުންތައް ރާވައި އަބަދުވެސް ހަމަލާތައް ނުދެއެކޭ ނުބުނެވޭނެ އެވެ.

މިގޮތުން އަޅުގަނޑުމެންނަށް އޮޅިފައި ނުވާނޭހެން މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައިވެސް ޓޫރިޒަމް ތަރައްޤީކޮށް ކުރިއަރުވަމުންދާއިރު ހދ އަތޮޅުގެ ޓޫރިޒަމްގެ މަތީން ސަރުކާރުން އޮތީ ހަނދާން ނައްތާލާފަ އެވެ. ސަބަބަކީ މި އަތޮޅުގައި ޓޫރިޒަމް ޤާއިމުކުރެވިއްޖެނަމަ މި އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ސަރުކާރުގެ ސްމާޓް ކަމުން ސަރުކާރަށް ވިސްނެ އެވެ. އަދި މި އަތޮޅުގެ ރައްޔިތުން އަތޮޅުގައި ޤާއިމުވެ މި ސަރަހައްދު ކުރިއަރައި ގޮސްދާނެ ކަމުގެ ބިރު ސަރުކާރަށް ހީވެއެވެ. އަދި ގުރޭޓަރ މާލޭ ސަރަހައްދަށް ކުލީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީއަށް ހީނަރުކަމެއް އައިސްދާނެކަން ޔަޤީން ކުރެވެ އެވެ.

މާލެ ތަރައްޤީވުމަކީ އަޅުގަނޑުމެންވެސް ބޭނުންވާ ގޮތެވެ. ނަމަވެސް އެއާއެކު ރާއްޖެތެރޭގެ ތަރައްޤީ ހުއްޓުމަކަށް އައުމަކީ ހަޖަމްކޮށްލައިގެން ތިބެވޭނެ ކަމެއް ނޫނެވެ. މާލޭގައި ސިއްހީ ހިދުމަތް ކުރިއެރުވުމަށްޓަކައި އައިޖީއެމްއެޗް ތަރައްޤީ ކޮށް ތަފާތު އިކުއިޕްމެންޓްތައް ހޯދަން ބަޖެޓްގައި ބޯކޮށް ފައިސާ އެބަ އޮތެވެ. މީގެ އިތުރަށް އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލާއި، ޕޮލިސް ސާވިސްގެ ނޫސަންދަ ކުލިނިކާއި، އޭޑީކޭ ހޮސްޕިޓަލްވެސް ގުރޭޓަރ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް އެބަހުއްޓެވެ. ނުވިތާކަށް ކުއްލި ހާލަތުގައި ބޭރަށް ފުރައިގެންދާން އެއާޕޯޓް ވެސް ދާދި ގާތުގައި އެބަ އޮތެވެ.

އެހެނަސް އަޅުގަނޑުމެންގެ ބޮޑު ތިލަދުންމަތީގެ ރައްޔިތުން ތިބެން ޖެހެނީ “ކުއްލި ނުރައްކާ” ޓާޝިއަރީ ހޮސްޕިޓަލުން އަޅުގަނޑުމެނާމެދު ހަދާނެ ގޮތަކާމެދު ބިރުން ފިތްކަނޑައިގެންދާވަރުވެފަ އެވެ. މި ބުނާ “ހެލްތު ޕޯސްޓަށް” އަޅުގަނޑުމެން ވަންނަން ޖެހެނީ ފުރާނަ އަތް މައްޗަށް ލައިގެންނެވެ. ގާތް ތިމާގެ މީހުން ރައްކާވެ ތިބިއްޔާ ދަތުރޭ ގޮވަ ގޮވާ އޮއްވަ އެވެ. މިއީ ހަމަ އެއްވެސް ޝައްކެތްނެތް ގޮތުގައި އަޅުގަނޑުމެން ނިކަމެތިކޮށްލުމަށްޓަކައި ޖަހާފައިވާ ދަންތުރައެއްކަމުގައި ރައްޔިތުން އަންނަނީ ދެކެމުންނެވެ.

މާލޭގެ މަލަމަތި ރީތިކޮށް ޒީނަތްތެރިކުރުމަށްޓަކައި ޕާކްތަކާއި، އާޓިފިޝަލް ބީޗާއި، ފެންއަރުވާ ވަޑާންތައް ހެދުމުގައި ސަރުކާރު ހުރީ މެކުހަށް ޖަހާފަ އެވެ. މީގެ އިތުރުށް ބުރިޖު ޔަޤީންކޮށް، އެއާޕޯޓް ބޮޑުކޮށް ރައްޔިތުންގެ ދަރަނި ބޮޑު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފަސްވަނަ ގިޔަރުގަ އެވެ. ނަމަވެސް އިހަންވައްދިއްޕޮޅުގެ މަޝްރޫޢުއާއި އެއާޕޯޓްތައް އަޅުގަނޑުމެންނަށް ފެންނަނީ ވައުދުތަކާއި މެނިފެސްޓޯތަކުގެ ސިފާގައި އެކަންޏެވެ. އަދި މަގުތަކުގައި އަޅަން ނިންމާފައިވާ ތާރުތައް ފެންނަނީ ޗަކަގަނޑުގަނޑުގެ ސިފާގައި އެކަންޏެވެ. މީގެ އިތުރަށް ސަރަހައްދުގައި ތަރައްޤީކުރަން ނިންމާފައިވާ ޕްރޮޖެކްޓްތައް މިދަނީ މާލޭ ސަރަހައްދަށް ބަދަލުކުރަމުންނެވެ. އެގޮތުން އުލިގަމު ޔޮޓު އެރީނާ މި ވަނީ ހުޅުމާލެއަށް ބަދަލުކޮށްލާފަ އެވެ. އަދި ފުލެޓްތައް މިދަނީ ހުޅުމާލެއަށް ބަދަލުކުރަމުންނެވެ.

އަޅުގަނޑުމެންގެ ބޮޑު ތިލަދުންމައްޗަކީ ހަމައެކަނި ވޯޓް ހޯދަންވީމާ ފެންނަ ތަނެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލު ކުރަންވީ ވަގުތު އަތުވެއްޖެއެވެ. އަޅުގަނޑުމެން ޗުއްޕު ކިޔައިން މި ތިބޭ ތިބުން ނިމުމަކަށް ގެންނަންވެއްޖެ އެވެ. އަޅުގަނޑުމެން މިގޮތަށް އަބަދު ހަނުތިބުން އިސްކުރާނަމަ އަޅުގަނޑުމެންނާމެދު ވަމުންދާ އިހުމާލު ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަޅުގަނޑުމެންގެ ހިތްވަރުގަދަ ބަތަލުން ކުރި ޖިހާދުތައް ހަނދާނަށް ގެނެސް އެ ހިތްވަރުން ހިތްވަރު ނެރެންވީ ވަގުތަކީ މީ އެވެ. މާލޭގެ ބޭފުޅުން ވިދާޅުވީމާ އާދެ ލައްބަ ކިޔާލާފައި ރަށުގެ މަގުތަކުގައި އަޅަން ގެނެސްފައި ހުންނަ ގާކޮޅާއި، މާލޭގެ ޕާކްތައް ހަދަން ރަށުގައި ހުންނަ ޖޯލިފަތިތަކާއި، ފެން އަޅަން ހުންނަ ހަންތަކަށް ދާންދެން ފޮނުވާ ހިސާބަށް ދާނެ ކަމެއް ނެތެވެ. އަޅުގަނޑުމެންނަށް ދައްކާފައިވާ ވަޒީފާގެ ބިރުގެ މައްޗަށް ގަދަވެގަނެ، އަޅުގަނޑުމެން އަމަލުކުރަންވީ އިބްރާހިމް ނާސިރު އެއާޕޯޓް އަޅަން އަކިރި ފޮނުވަން ބުނީމާ އަށްޑަބިޔާ އަކިރި ފޮނުވި އުސޫލުންނެވެ. އެހެންނޫނީ އަޅުގަނޑުމެން އަދި ސްމާޓް ބަޔަކަށް ނުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355