twitterviber whatsapp telegramfacebookyoutube instagram
12th July 2025

މެމްބަރު ނަޝީދު: ސަރުކާރަށް ނިސްބަތްވާ މެމްބަރަކަށްވުމުން ވާ ފައިދާއެއް ނެތް!

Feb 21, 2016

ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރުގެ ގޮނޑީގައި އިންނަވައިގެން ކުޅުދުއްފުށީ ތަމްސީލު ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދަކީ އިންތިހާބު ވެޑައިގަތުމުގެ ކުރިން، ކުޅުދުއްފުއްޓަށް އަގުހުރި އެތައް ހިދުމަތްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ އެތަކެއް ވައުދުތަކެއް ރައްޔިތުންނަށް ވި ބޭފުޅެކެވެ. މަޖިލީހުގެ މަސައްކަތްތައް ފެށި އަދި މިއަދާހަމައަށް ވެސް ނަޝީދު އެ ވިދާޅުވި ކަންކަމުގެ ތެރެއިން ހަމަ އެންމެ ކަމެއް ވެސް ފެނިފައެއް ނުވެއެވެ.

އެގޮތުން 2014 ވަނަ އަހަރު ނަޝީދު ކެމްޕެއިން ދުވަސްވަރު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ބަލާލަމާ ހިނގާށެވެ. ކުޅުދުއްފުށީގައި އިމާރާތް ކުރަން ނުފެށި ހުރި 500 ގެވަޅު ސަރުކާރުގެ ހަރަދުގައި ހަދައިދީ ނިންމައި، އަދި އެކަން ރައީސް ޔާމީންގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ ކަމަށާއި އަދި މިހާރު އެ ކަމަށް ސަރުކާރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ބުނެ މެމްބަރު ނަޝީދު ކުޅުދުއްފުށީ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ވަރަށް ޖޯޝުގައި ވިދާޅުވެފައިއެވެ. އަދި ރައީސް އޮފީހުގެ 2013 އަހަރުގެ 56 ނަމްބަރު ސިޓީން މިކަމުގެ ހުއްދަދެއްވާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ. ނަމަވެސް އެ ވާހަކައަށް 3 އަހަރުވާން ގާތްވެފައިވާއިރުވެސް އެ 500 ގެވަޅުގެ މަސައްކަތް ނިމިފައިވާ މަންޒަރު ކޮބައިތޯއެވެ؟

ނަޝީދުގެ ކެމްޕޭން ދުވަސްވަރުގައި ވިދާޅުވެފައިވެއެވެ. މާއްދީ ގޮތުންނާއި އުމްރާނީ ގޮތުން ކުޅުދުއްފުށީ ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ނަޝީދުގެ ވެރިކަމުގައި އެބޭފުޅާއަށް މަޖިލީހުގެ ޒިންމާ އަދާ ނުކުރެވުނު ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އަދި އެކަމުގެ ސަބަބަކަށް ވެފައިވަނީ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބު ވެވަޑައިގަތުމުން ބައެއް ބޭފުޅުން (މެމްބަރުން) އެބޭފުޅާ “ގިރާ” ކުރައްވާފައި ވަޑައިގަންނަވަން ފެއްޓުމުން ކަމަށް ނަޝީދު ވިދާޅުވެއެވެ.

ނަމަވެސް ފުރަތަމަ ދައުރުގައި އޮތް އެމްޑީޕީ ވެރިކަން ވެއްޓި ނަޝީދު ތާއިދު ކުރައްވާ ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުން ގިނަ ބަޔަކަށް ގަބޫލުކުރެވުނީ ނަޝީދު ކުރީގެ ދައުރަށްވުރެ މިދައުރުގައި މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ކުޅުދުއްފުއްޓަށް ތަރައްޤީތަކެއް ފެނިގެންދާނެ ކަމަށެވެ. އެކަމަކު މަންޒަރު ފެންނަނީ މުޅިން އެހެން ދިމާލަކަށް އެބުރިގެންދާތަނެވެ. ހަދަން ފެށި މަގުތައް ހުއްޓި އެތައް އަހަރެއްވެ އެކަމުގެ ވޭނުގައި ކުޅުދުއްފުށީ ރައްޔިތުން ގަނަތެޅޭއިރު އެބޭފުޅާއަށް ހަމަ ކަހާތަން ހިރުވާލާހެން ވެސް ހީނުވެ އެވެ.

ނަޝީދަކީ ޤާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖޭގެ ސިޔާސީ ދާއިރާގައި ނުފޫޒު ގަދަ ބޭފުޅަކަށް ވީ ހިނދު ވެސް އެބޭފުޅާގެ ޕާޓީގެ ވެރިކަމުގައި ކުޅުދުއްފުށި ވަނީ ބާކީ ކޮށްލާފަ އެވެ. އެކަން ހަމަ އެބޭފުޅާއަށްވެސް އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. ހުއްޓިފައިވަނީ ހަމަ އެކަނި މަގު ހެދުމެއް އެކަންޏެއް ވެސް ނޫނެވެ. އެއާޕޯޓްވެސް ވީތަނެއް ނޭނގެ އެވެ. ކުޅުދުއްފުށީގެ ބިމަށް އިތުރުކުރެވުނު ބިން ހަލާކުވެ ގިރައިގެންދަނީ އެވެ. އެެއްވެސް މަޝްރޫއުއެއް އެތަނުގައި ނުހިންގަ އެވެ.  ސިއްހީ ހިދުމަތް ވަނީ ބޮއްސުން ލާފަ އެވެ. ހދ އަތޮޅުގައި ރިސޯޓެއް ނެތެވެ.

ނަޝީދުގެ ނޫފޫޒުގަދަ ވުމުން ނުވަތަ ގާނޫނީގޮތުން ފުންނާބު އުސްވެގެން ރައްޔިތުންގެ މަޖިލީހުގައި އެބޭފުޅާ ތަމްސީކޮށްދެއްވާ ކުޅުުދުއްފުއްޓަށްވާ ފައިދާއެއް ނެތެވެ. އަދި، މިދިޔަ ދައުރަށް ވުރެ މަޖިލީހުގެ މަސައްކަތްތަކުގައި ވެސް ނަޝީދުގެ ދައުރު ރައްޔިތުންނަށް ފެންނަ މިންވަރު ކުޑައެވެ. ސަރުކާރަށް ނިސްބަތްވާ އެހެން މެމްބަރުން މަޖިލީހުގެ ތެރެއިންނާއި އެ ނޫން ގޮތްގޮތުންވެސް އެ ބޭފުޅަކު ނިސްބަތްވާ ދާއިރާއަށް ކަންކަން ފަހިކޮށްދޭ މަންޒަރު ފެންނައިރު، ކުޅުދުއްފުއްޓަށް ނިސްބަތްވާ ސަރުކާރުގައި ހުރި ހަމައެކަނި މެމްބަރަކީ ނަޝީދެވެ. ރައްޔިތުންގެ އުއްމީދުތަކާ ގާތަށްވެސް ނަޝީދުގެ މަސައްކަތެއް ނުފެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355