ޓީ-ރެކްސް ބާސްކެޓް ބޯލް އެކަޑަމީގެ ފަރާތުން ބާސްކެޓް ބޯލް އައުޓިން ޕްރޮގުރާމެއް ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ފަށައިފިއެވެ.
މި ޕްރޮގުރާމަކީ ބާސްކެޓް ބޯލް އެކަޑަމީއެއް ގާއިމު ކުރުމަށް ކުޅުދުއްފުށީގައި އެކަމަށް ސަޕޯޓް އޮތް މިންވަރާއި މިފަދަ އެކަޑަމީއެއް ގާއިމު ކުރެވިދާނެ ތޯ ދެނެގަތުމަށް ބާއްވާ 5 ދުވަހުގެ އައުޓިން ޕްރޮގުރާމެކެވެ. އަދި މިކަމަށް އެކަށޭނަ ސަޕޯޓެއް ލިބިއްޖެކަމަށްވާނަމަ މި ކަން ދާއިމީކޮށް ކުރިޔަށް ގެންދާނެ ކަމަށް އެ އެކަޑަމީ އިން ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދިނެވެ.
މި ޕްރޮގުރާމަކީ މާލޭގެ އެކި ސްކޫލްތަކުގައިވެސް މީގެ ކުރިން އަދި ބައެއް ސްކޫލްތަކުގައި މިހާރުވެސް ކުރިޔަށް ގެންދަމުން އަންނަ ޕްރޮގުރާމެކެވެ. އެގޮތުން މި ޕްރޮގުރާމް މާލޭގެ ގިޔާސުއްދީން ސްކޫލް، ކަލާފާން ސްކޫލް ހިރިޔާ ސްކޫލް އަދި ބިލަބޮންގ ސްކޫލްގައިވެސް ކުރިޔަށް ގެންގޮސްފައި ވާނޭ ކަމަށް އެފަރާތުން ބުނެއެވެ.
މި ޕްރޮގުރާމްގެ މަގުސަދަކީ އެކަޑަމީ ޓީރެކްސް ބާސްކެޓް ބޯލް އެކަޑަމީ އިތުރަށް ފުޅާކޮށް، އަންނަ އަހަރު މާލޭގައި ބާއްވާ އިންޓަރ ސްކޫލް ބާސްކެޓް ބޯޅަ މުބާރާތުގައި ވާދަކުރާނެ ރަނގަޅު ޓީމެއް ތައްޔާރުކުރުން ކަމަަށް އެފަރާތުން ބުންޏެވެ. އަދި ހދ އޭއިސީގެ އިތުރުން ކުޅުދުއްފުށީގައި ހުރި އިތުރު ސްކޫލްތަކާއި އާންމުންނަށްވެސް ހުޅުވާލައިގެން މި ޕްރޮގުރާމް ހިންގުމަށް ވިސްނާކަމަށް އެފަރާތުން ބުންޏެވެ.
އަދި މިހާތަނަށް ބަލާއިރު ފުދޭވަރަކަށް ގިނަ ކުދިން މި ޕްރޮގުރާމަށް ނަންނޯޓުކޮށްފައއިވާކަން އެފަރާތުން ފާހަގަކޮށްލިއެވެ. އެގޮތުން މިއަދު ހަވީރު ބޭއްވުނު ސެޝަންގައި 50 ފިރިހެން ކުދިންނާއި 40 އަންހެން ކުދިން ބައިވެރިވެފައިވާކަމަށް އެ ފަރާތުން މައުލޫމާތު ދިނެވެ.
މި ޕްރޮގުރާމުގައި މައުލޫމާތުދެއްވަނީ ޓީރެކްސް ބާސްކެޓް ބޯލް އެކަޑަމީގެ ހެޑް ކޯޗު ސުޕުން ވިމާލްއެވެ. އޭނާއަކީ ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމަށް 12 އަހަރު ދުވަހު ކޯޗްކޮށްދެއްވާފައިވާ ސްރީލަންކާގެ ކޯޗެކެވެ.