twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކުޅުދުއްފުށި ސިޓީ: ރައީސް ޔާމީން ވޯޓު ހޯދުމަށް ދެއްކި ދަޅައެއް

Mar 2, 2016

ކުޅުދުއްފުށީ ގިނަ ބައެއްގެ ތާއީދުން ހޮވުނު މިހާރު ވެރިކަން ކުރަމުން އަންނަ ރައީސް ޔާމީންގެ ސަރުކާރަކީ ކުޅުދުއްފުއްޓަށް ގިނަ ވައުދުތަކެއް ވެފައިވާ ސަރުކާރެކެވެ.

ކުޅުދުއްފުށީގެ ގިނަ ބަޔަކު ރައީސް ޔާމީންގެ ކެމްޕޭން ދުވަސްވަރު ކުރެއްވި ހަގީގަތެއްނެތް ބޮޑެތި ވައުދުތަކަށް ލެނބި ލޯމައްޗަށް ދައްކާލި ކުރެހުންތަކަށް ހެއްލި ވޯޓު ދެއްވީ ޔަގީނުންވެސް ރަށަށް ލިބޭނެ ކުރިއެރުމަށް ވިސްނާފަ އެވެ. އެހެންނަމަވެސް ފުރުނީ ފޫނެއްފަޔަކަށް ފެނެވެ.

އެތަށް ގަޑިއިރަކު އަވީގައި ކިޔުގައި ތިބެ ރައީސް ޔާމީނަށް ދެއްވި ވޯޓުން އެބޭފުޅާ ހޮވި މި ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރުވެސް ކުޅުދުއްފުށީ ރައްޔިތުންނަށް ކުރެއްވި އެއްވެސް ވައުދެއްގެ ހަނދާން ހުރިހެން “ހީވެސްނުވެ” އެވެ.

ގިނަ ބަޔަކު ހަގީގަތަކަށް ހަދަން ބޭނުންވީ ކުޅުދުއްފުށީ އެއާޕޯޓް އަދި ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުޅުދުއްފުށީ ހުޅަނގު ފަރާތުން ހިއްކި ބިމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި ޕްރޮޖެކްޓް ތަކުގެ މަސައްކަތްތަކެވެ.

އެގޮތުން އެ ބިމުގައި ކޮންވެންޝަން ސެންޓަރުތަކާއި ފޮރިން އިންވެސްޓްމެންޓްތައް ގާއިމުކުރެވޭނެ ކަމަށާއި އެ ބިން ހާއްސަ އިގްތިސާދީ ޒޯންގެ ދަށުން ތަރައްގީ ކުރެވިގެންދާނެ ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުވެސް ވަނީ ވިދާޅުވެ ފައެވެ.

ނިމިގެން މިދިޔަ 2015 ވަނަ އަހަރު ކުޅުދުއްފުށީ ހިއްކި ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕޯރޓް އެންޑް އާރބަން އެކްސެސިބިލިޓީ ޕްރޮޖެކްޓްގެ މަސައްކަތް އެއްވެސް ވަރަކަށް ފެށިފައެއް ނުވެއެވެ. ދެން ފެނިގެން ދިޔައީ 2016 ވަނަ އަހަރަށް ވެލިގަނޑު ހިމާޔަތް ކުރުމުގެ މަސައްކަތް ބަޖެޓް ކުރެވިގެން ދިޔަތަނެވެ.

ޕީޕީއެމްގެ ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ކުޅުދުއްފުށީ ހިއްކި ސަރައްހަދު އޮންނާނެ ގޮތް ކަމަށް ބުނެ ރައްޔިތުންނަށް ދެއްކި މަންޒަރު

ކުޅުދުއްފުށީ “ސިޓީ” އަކަށް ބަދަލުވުން އަދިދުރުގައި އޮއްވާ ރަށުގެ ހުރިހާ ރައްޔިތުންގެ ހުވަފެންތަކާއި ގުޅިފައި އޮތް ހިއްކި ސަރަހައްދު ހިމާޔަތް ކުރުންވެސް އޮތީ ވަރަށް ދުރުގައެވެ. އެ ސަރަހައްދު ހިއްކާފައި އޮންނަތާ 5 އަހަރުވާން ކައިރިވެފައި ވާއިރު ވެލިގަނޑު ގިރުން ހިމާޔަތް ކުރުމަށް ރިވެޓްމެންޓެއް ހާ ހިސާބުވެސް ޖަހާލެވިފައެއް ނެތެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ހައުސިން މިނިސްޓްރީންވެސް ވަނީ 2016 ވަނަ އަހަރު ކުޅުދުއްފުށީ ހިއްކި ބިން ތަރައްގީ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެސަރަހައްދު ގިރަމުން ދާތީ އެކަން ހުއްޓުވުމަށް އެސަރަހައްދުގައި ބަދަރެއް ގާއިމް ކުރެވިގެން ދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ބޭރު ފަރާތެއްގެ އެހީގައި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް އެހެން ވިދާޅުވިތާ 5 މަސް ވެފައިވާއިރު އެ ބަނދަރެއް ލޮލު ކޮޅަށްވެސް ފެންނާކަށް ނެތެވެ. އަދި މިކަން ސަރުކާރާއި ކަމާ ބެހޭ މުވައްސަސާތަކަކުގެ ސަމާލުކަމަށް ގެނައުމަށްޓަކާ ހދ އަތޮޅު ކައުންސިލުންނާއި ކުޅުދުއްފުށީ ކައުންސިލުން އެތައް ފަހަރެއް މަތިން ކުރަމުން އައި މަސައްކަތުގެ އަލި މަގެއް ފެންނަވަރެއް މިއަދާ ހަމައަށްވެސް ވެފައެއް ނެތެވެ.

ޕީޕީއެމް މެނިފެސްޓޯގައި. ކުޅުދުއްފުށީގައި އެއާޕޯޓެއްގެ ވައުދު ޕޯސްޓް

ކުޅުުދުއްފުށީ އެއާޕޯޓާއި، މަގު ހެދުމުގެ ވާހަކަވެސް މިވަނީ އިބިލީހުގެ ކައިވެންޏަށް ވެފައެވެ. ހަމަ އެގޮތަށް ރައީސް ޔާމިން ވެފައިވާ ހުރިހާ ވައުދެއްވެސް މިފެންނަނީ ވަޔަށް އަރައިގެން ދާތެނެވެ.

އެއާޕޯޓް އެޅުމަށްވެސް އަބަދުވެސް ކޮންމެވެސް ސާރވޭއެއް ކުރާ އަޑު އިވެއެވެ. ނޫންނަމަ އެމަސައްކަތް ކުރުމަށް މަސައްކަތް ކުރެވެމުން އަންނަ ވާހަކައެއްވެސް އިވެއެވެ. އެހެންނަމަވެސް ސާރވޭގެ ނަތީޖާއެއް ނުވަތަ ކުރެވެމުން އަންނަ މަސައްކަތުގެ ތަފްސީލެއް ރައްޔިތުންނާއި ހަމައަށް އައިސްފައެއް ނުވެއެވެ. އަބަދުވެސް ހީވަނީ އެކަން ކުރެވެން ނެތް ގޮތެއް ދެއްކޭތޯ މަސައްކަތް ކުރަނީ ހެންނެވެ.

އެންމެހައި ރައްޔިތުންގެ ހިތުގައިވެސް އުފެދިފައިވާ ސުވާލަކީ ކުޅުދުއްފުއްޓަށް އަދި މި އަތޮޅަށް ރައީސް ޔާމިންގެ ސަރުކާރުން މިހާ ބޮޑު އިހުމާލެއް ވާންޖެހޭ ސަބަބަކީ ކޮބާތޯ އެވެ. ވެރިކަމަށް 2 އަހަރު ވެފައިވާ އިރުވެސް ރަސްމީ ދަތުރެއްގައިވެސް ކުޅުދުއްފުއްޓަށް އައިސްފައެއްވެސް ނުވެއެވެ. އެއިންވެސް އެގެނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ކުރެއްވި އެއްވެސް ވައުދެއް ފުއްދުމުގެ ޝައުގެއް އެމަނިކުފާނުގެ ނެތްކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355