twitterviber whatsapp telegramfacebookyoutube instagram
19th March 2024

ޓޫރިޒަމް ނެތް ހދ އަށް ގައްބެ އައުމުން އެތައް ބައެއްގެ އިހްސާސްތައް ބަންޑުންކޮށްލައިފި

Feb 29, 2016

ރާއްޖޭގެ ފަތުރުވެރިކަމަށް 44 އަހަރުވެގެން ދާއިރު ފަތުރުވެރިކަމުގެ “މުތެއް” ހަމައެކަނި ނެތީ ހދ އަތޮޅުގައި އެވެެ. ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބޮޑު އަތޮޅުގައި ފަތުރުވެރިކަން ތަރައްްޤީ ނުކުރެވި މިހާތަނަށް އޮތުމަކީ ބޮޑު މައްސަލައެކެވެ. ސަރުކާރުތަކުގެ ދޯހަޅިކަމުގެ ހެއްކެކެވެ. 2008 ވަނަ އަހަރުން ފެށިގެން ރިސޯޓް ތަރައްގީކުރުމަށް ހދ ގެ ރަށްތަކަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އަދިވެސް ރިސޯޓެއް ނުހުޅުވެ އެވެ. ކީއްވެ ހެއްޔެވެ ؟ މިހާ ގިނަ އަހަރުތަކެއް ވީއިރު އެކަން ހާސިލް ނުވެ އޮތީ ކީއްވެ ހެއްޔެވެ؟ ސަބަބަ ވަރަށް ސާފެވެ. އެކަން ކުރަން ސަރުކާރުތަކުން ބޭނުން ނުވަނީ އެވެ. މަސައްކަތް ކުރިއަށް ދޭތޯ ނުދޭތޯ ވެސް ސަރުކާރުން ބަލައެއް ނުލަ އެވެ.

އެންމެންނަށް އެނގޭނެ ފަދައިން މި ދުވަސްވަރަކީ، ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ރާއްޖެ ވަށައި ކަޓަމަރާނެއްގައި މީހަކު ދަތުރުކުރުމަށް ކަނޑަށް ނިކުމެފައި ހުރި ދުވަސް ވަރެކެވެ. ށ ފޭދޫއަށް އުފަން އަބުދުލް ޢަފޫރް އަލީ (ގައްބެ) ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރާ މިދަތުރުގައި މަޑުކުރާ ކޮންމެ ރަށަކުން އޭނާގެ ޓީމަށް ދަނީ ހޫނު މަރުހަބާ ކިޔަމުންނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާޔަތު އިޝްތިހާރުކުރުމަށް ކުރާ ދަތުރަކަށް ވާތީ އެވެ. އެއަތޮޅުތަކުގެ ރައްޔިތުންނަށް ވަނީ ޓޫރިޒަމްގެ ފޮނި ރަހަ ލިބި އޭގެ މަންފާކޮށްފަ އެވެ. އެހެން ވުމުން ގައްބޭ ނޫން އެހެން މީހަކަު އެފަދަ ކަމެއް ކުރިނަމަވެސް ތަރުހީބު ލިބޭނެ ކަން ކަށަވަރެވެ.

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރާ މިދަތުރުގައި ރިސޯޓެއް ނެތް އަތޮޅަކަށް ގައްބެގެ ޓީމް ޒިޔާރަތްކުރުމުގެ މަގްސަދަކީ ކޮބާހޭ ބުނެ ހދ އަތޮޅުގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެ މީހުންގެ އިހްސާސްތައް އޮއްސާލަމުންނެވެ.

“ކީކުރަން މަރުހަބާ ކިޔަނީ. ތީ ޓޫރިޒަމެއް ނެތް ތާކުން. މިއީ ކޮންމެހެން ގައްބެ ވީމަ ބުނާ އެއްޗެއް ނޫން. އަދި އަހަރެން ގައްބެއަށް ހިތްބުރަކަމެއް ނެތް” މީހަކު ކޮމެންޓް ކުރަމުން ބުންޏެވެ.

ގައްބެ ހދ އިން ޒިޔާރާތްކުރީ 3 ރަށަކަށެވެ. އެއީ މަކުނުދޫ އާއި ކުޅުދުއްފުއްޓާއި ކުރިނބީއަށެވެ.  ކޮންމެ ގޮތަކަށް ސޯޝަލް މީޑިއާގައި ވާހަކަދެއްކި ނަމަވެސް ހދ އިން ގައްބެ  ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބް ރައީސް އޭނާ ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. ” ޓޫރިޒަމް ނެތިވެސް ގައްބެއަށް ހދ އިން ކިޔާ މަރުހަބާ ހޫނު ވާނެ. މިތާ ޓޫރިޒަމް އޮތް ނަމަ ގައްބެއަށް ކިޔާނެ މަރުހަބާގެ ހޫނުކަން އިހްސާސް ވެސް ކޮށްނުލެވޭނެ” އެވެ.

ގައްބެ ހދ އަށް އައިއިރު ރިސޯޓެއް އަތޮޅުގައި ނެތް ކަމެއް ނޭނގެ އެވެ. ރިސޯޓެއް ހދ އަތޮޅުގައި ނެތް ކަމަށް ގައްބެ ގާތު ކައުންސިލަރަކު އެހުމުން އޭނާ އާޝޯހުވި އެވެ. ރާއްޖޭގެ ހުރިހަ އަތޮޅުގައި ރިސޯޓް ހުރެފައި ހދ ގައި ރިސޯޓެއް ނެތުމުން ހަމަ ކޮންމެ މީހަކުވެސް އާޝޯހުވެދާނެ އެވެ.

ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް ގައްބެ ހދ އަށް އައުމުން އެއަތޮޅުގެ ރައްޔިތުންގެ ޝަކުވާތައް ފުރިފައިވަނީ ހދ ގައި ރިސޯޓެއް ނެތުމުން އެކަމުގެ ކަންބޮޑުވުންމެވެ. އެއަތޮޅުގެ ރައްޔިތުން ފަތުރުވެރިކަމަށް ފެން ބޮވައިގަނެފައިވާ މިންވަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355